ވާހަކަ

މިންނުގެ ޑައިރީ

(28 ނޮވެމްބަރ 2017 އާ ގުޅޭ)
އަހަރެން ހަމައަކަށްއެޅިއްޖެކަން ހައިކަލްއަށް ޔަގީންވުމާއެކު އަހަރެންގެ ބޮލުގައި ފިރުމާލާފައި އިސްތަށިގަނޑުގައި ބޮސްދިނެވެ. އަދި މަޑުމަޑުން އޭނާއާ އަހަރެން ދުރުކޮށްލިއެވެ. އަހަންނަށް ބަލާލާފައި ކޯތާފަތުގައި އެ ބޮޑު އަތްތިލައިގެ ނުފުށުން ފިރުމާލިއެވެ. ދެން ފެނުނީ އެނދުން ތެދުވެ އަހަންނަށް ފުރަގަސް ދީ ހިނގައިގަތް ތަނެވެ. އަހަރެން ބަލަން އިންދާ ކޮޓަރިން ނުކުމެ ދޮރުލައްޕާލީއެވެ. މީގެ ކުރީން ހިތަށް ނުކުރެވޭ ފަދަ އިހުސާސެއް ކުރެވިގެން ދިޔައެވެ. ހީވީ އެކަނިވާން ބޭނުންނުވިޔަސް މުޅި ދުނިޔޭން އަހަރެން އެކަނިވެރިވީ ހެނެވެ. ތަފާތު ޚިޔާލުތަކުގެ ތެރޭގައި އަހަރެން ބަނދެވިފައި އޮތީމެވެ. ކުޑަ ކޮޓަރިގަނޑުގެ ތެރޭއެވެ. މެންދުރުވެގެން ދިޔަކަން ވެސް އެނގުނީ ކޮޓަރީގައި ޓަކި ޖަހާލާފައި އެތެރެއަށް ވަން ހުސްނާގެ ވާހަކަ އިވިފައެވެ. އަހަރެން މޫނު ފެނުމާއެކު އޭނާ އައިސް އެނދުގެ މަގަތުގައި އިށީނެވެ. ފުރަތަމަ ފަހަރަށް އަހަންނާ ސުވާލު ކުރާން ފެށިއެވެ.

ހުސްނާ: "މިލްނާ ބަލީތަ؟ ކިހިނެއްވެފައި ތި އޮންނަނީ؟ ހުރިހާ ކަމެއް ރަނގަޅުތަ؟ ހެނދުނު ސައިބޯން އަންނާނެ ކަމަށް ވަރަށް މަޑު ކުރީން... މެންދުރު ވެސް ކާން ނުނިކުތީމަ މި އައީ"

ހުސްނާގެ ސުވާލުތަކަށް އަހަރެން ވަކި ޖަވާބެއް ނުދެމެވެ. ތެދުވެ އެނދުގައި އިށީނދެލައިގެން އިނީއެވެ. އިރުކޮޅަކު އިނދެފައި އަނެއްކާ ވެސް ހުސްނާ ވާހަކަދެއްކިއެވެ.

ހުސްނާ: "ހައިކަލް ވެސް ގެއަކު ނޫޅޭ... ވަރަށް ހެނދުނާ ގެއިން ނުކުމެގެން ހިނގައްޖެ. ހީވަނީ ކޮންމެވެސް ކަމަކާ ހާސްވެފައި ހުރީހެން... އަހަންނަށް ކޮށްދެވޭނެ ކަމެއް އެބައޮތްތަ؟ ކާއެއްޗެހި ކޮޓަރިއަށް ގެނެސްދެންތަ؟"

ހުސްނާއާ ދިމާއަށް ބަލާލެވުނީ ހައިކަލްގެ ވާހަކަ އޭނާ ބުނީމައެވެ. ކުއްލިއަކަށް ހިތުގައި ސުވާލު އުފެދުނެވެ. ހައިކަލްއަށް ވީ ކިހިނެއްބާއެވެ. ހުސްނާގެ މޫނުމަތިން ފެންނަން ހުރި ކަންބޮޑުވުން ފާހަގަކުރެވި އޭނާއަށް ހިނިތުންވެލީމެވެ. އަދި އެއްޗެއް ކާލަން ފަހުން ދާނަން ކަމުގައި ބުނީމެވެ.

ކޮޓަރީގައި އޮތުމުން އިތުރަށް ހިތާއި ނަފްސަށް ނުތަނަވަސްކަން ލިބުންނޫން ކަމެއް ނުވާނޭކަން އެނގި ފެންވަރާލައިގެން އަހަރެން ގޭތެރެއަށް ނުކުތީމެވެ. އެހެންޏާ ވެސް އުޅޭ ގޮތަށް އުޅޭން މަސައްކަތް ކުރީމެވެ. ގޭތެރޭގައި ކުދިކުދި ކަންތައްތައް ކުރުމުގައި އުޅުނީމެވެ. އިރުއޮއްސުނީ ގޭގެ ސިޓިންރޫމުގައި އިންދައެވެ. އެހެންނަމަވެސް އަހަންނަށް ހައިކަލްއެއް ނުފެނުނެވެ. ރޭގަނޑުގެ ކެއުމުގެ ވަގުތު ޖެހުނު އިރު ވެސް އޭނާއެއް ނުފެނެއެވެ. އަހަންނަށް ނޭނގި ކޮޓަރިއަށް ދިޔައީކަމެއް ނޫނީ ގޭގައި ނޫޅެނީކަމެއް ޔަގީން ކުރާކަށް ނޭނގެއެވެ. ހުސްނާއާއި ލަކްޝްމީއާއެކު ރޭގަނޑުގެ ކެއުން އަހަރެން ނިންމާލީއެވެ. ތަށިތައް ނެގުމުގައި އެ މީހުން ހަރަކާތްތެރިވަމުން ދިޔައިރު ވެސް އަހަރެން އިނީ ކާމޭޒު ދޮށުގައި މަޑުކޮށްލައިގެންނެވެ. އެހެން އިން އިރު ކިތަންމެ ފަހަރަކު ހުސްނާގެ ގާތުގައި ހައިކަލް ކައިފިތޯ އަހާލަން ހިތަށް އެރިއެވެ. ނޫނީ އޭނާ ގޭގައި އުޅޭތޯ އަހާލަން ބޭނުންވިއެވެ. ނަމަވެސް އަހަރެންގެ ޠަބީޢަތާ ނުގުޅޭ ކަހަލަ ކަމެއް ކުރެވޭން އުޅެނީއޭ ހިތާ އެ ޚިޔާލުތައް ސިކުނޑިން ނެރެލީމެވެ. އަދި ކޮޓަރިއަށް އެނބުރި އައީއެވެ.

* * * * *

މިހާރަކަށް އައިސް އެއްވެސް ކަމެއް ކުރާހިތް ނުވެފައި ހަމަ އެނދުގައި އޮވެވެނީއެވެ. ތި އެކުވެރިޔާގެ ސަފުހާތަކުގައި އަހަރެންގެ ހާލު ޚިއްސާކުރަން ވެސް މިހާރު އަހަންނަށް ބުރައަކަށް ވާންފަށައިފިއެވެ. އަހަންނަށް މިވަނީ ކިހިނެއްހެއްޔެވެ. ބޮޑާ ކަމާއި ހިތްހަރުކަމާއި ނަފުރަތު ކުރުމާއި އަލިފާންކަހަލަ ރުޅިއައުމަކީ އަހަރެންގެ ސިފައެއްނޫނެއެވެ. އެހެންވެއްޖެޔާ އެއީ މިންނުއަކަށް ނުވާނެއެވެ. އަހަރެންގެ ސިކުނޑިއާއި ހިތަށް އެތަކެއް ހާސް ސުވާލުތައް ފުނިޖެހެމުންދިޔައެވެ. ބައެއް ސުވާލުތަކަކީ ޖަވާބުދޭނެގޮތެއް ނޭގޭ ސުވާލުތަކެވެ. އަހަރެން މިގޮތުގައި ނިމިދާކަށް ބޭނުމެއްނޫނެއެވެ. އެކަމަކު އެހެންވެދާނޭ އަހަރެންގެ ޟަމީރު ބުނާ ކަހަލައެވެ. ހިތް ބިރުގަންނަނީއެވެ.

ހަފްތާއެއް ހޭދަވެގެން ދިޔައިރު އަހަންނަށް ހައިކަލް ފެނުނީ މަދު ފަހަރަކުއެވެ. އޭނާ ވެސް މިހާރު އަހަންނާއި ދުރުގަ އުޅެން މަސައްކަތްކުރާ ކަހަލައެވެ. އެވީ އަހަރެން މި ހުރިހާ ދުވަހު ބޭނުންވި ގޮތް ކަމުގައި ވިޔަސް، އަހަރެން އެކަމާ މިހާރު އުފާނުވަނީ ކީއްވެހެއްޔެވެ. ހައިކަލް ގެއަށް އައިސްފިތޯ އާއި ކައިގެންތޯ ހުރީ ބަލަން އަހަރެންގެ ހިތް ބޭނުންވަނީ ކީއްވެހެއްޔެވެ. އަހަރެންގެ ކޮޓަރީގެ ފަޅުކަން އަހަންނަށް އުނދަގޫކުރަނީ ކީއްވެހެއްޔެވެ.

އަހަރެންގެ ކުޑަކުޑަ ބަގީޗާގައި ހައްދަމުންދިޔަ ހުދު އޯކިޑު ގަސްތަކުގައި މާތަށް ފޮޅިލާފައި އޮންނައިރު ނުލާހިކު ހިތްގައިމެވެ. އަހަރެން ބުނަން މިއުޅެނީ އަޒާންގެ ވާހަކައެވެ. އަހަރެންގެ ހިތުގައި އަޒާން އަށްޓަކައި ލޯތްބެއްނުވާކަމަށް ބުނެފިނަމަ ޔަގީނުން ވެސް އެވާނީ ދޮގަކަށެވެ. އެ ލޯތްބަށް އަދިވެސް ބަދަލެއްނާދެއެވެ. އެ ހަނދާންތައް ފުސްވުމެއްނެތި އިއްޔެވީކަމެއްހެން ހަނދާން އެބަހުއްޓެވެ. ހުދު އޯކިޑު މަލުގެ ފިޔަތަކުގެ ބީހުން ހިތްހަމަޖެހުމާ އުފާވެރިކަން މި މިންނުގެ ހަޔާތައް ގެނުވިގޮތަށް ރަތް ފިނިފެންމަލުގެ ކަށިތަކުން މި މިންނުގެ ހަޔާތް ބަރުބާދުކޮއްލި ހަނދާންތަކަކީ ފިލުވާލަން އެހާ ފަސޭހަވާނެ ކަމެއްނޫނެވެ. އެހެންނަމަވެސް އެ ރަތްފިނިފެންމަލުން ލިބުނު ޒަހަމްތަކަށް މިހާރު ކުރިން ތަދުވި ވަރަށް ތަދުނުވާކަން ވެސް އަހަރެންގެ ހިތް ބުނަމުންދިޔައެވެ. އެކަމަކު އެއީ ކީއްވެކަމެއް އަހަންނަކަށް ނުވިސްނުނެއެވެ. އެ ޒަހަމްތަކަކީ ރަނގަޅުވާނޭ ޒަހަމްތަކެއް ނޫންކަމަށް މީގެ ކުރިން އަހަރެންގެ ހިތް އެއްބަސްވެފައި ވާތީއެވެ. އެކަމަށް އެއްވެސް ޝިފާއެއްނުވާކަމެވެ. އަހަރެންގެ ނިމުންކަމުގައި އެ ހިތްދަތިކަމާއި ވޭން ވެގެންދާނޭކަމެވެ.

އަހަންނަށް މިފަހަކަށް އައިސް ކޮންމެ ރެއަކު އެއް ހުވަފެނެއް ފެންނަން ފަށައިފިއެވެ. ހޭލެވެނީ ފަތިހުގެ ބަންގީގެ އަޑަށެވެ. އަހަރެންނަށް ފެންނަނީ އުފަލުގައި އުޅޭތަނެވެ. ކުޑަކުޑަ އާއިލާއެކެވެ. އަހަރެންދެކެ އިންތިހާއަށް ލޯބިވާ ފިރިއަކާއި ބަނޑުގައިވި ތުއްތު ދަރިފުޅެކެވެ. އެކަމަކު އަހަރެންނަށް ދުރުގައި ބަލަހައްޓައިގެން ހުންނަ ޅަފިރިހެން ކުއްޖާއަކީ ކާކުކަމެއް ނޭގެއެވެ. އަހަރެން ނޫން އެކަކުގެ ވެސް މޫނެއް އަހަންނަށް ވަކިކުރާކަށް ނޭގެއެވެ. ހުންނަނީ މޫނުމަތި ފުސްވެފައެވެ. ނަމަވެސް އަހަރެންގެ ގާތުގައި އަހަރެންގެ އަތުގައި ހިފައިގެން ހުރި އަހަރެންގެ ފިރިމީހާ އެ ނުދަންނަ ފިރިހެން ކުއްޖާގާތު އަހަރުމެންގެ ގާތަށް އައުމަށް ބުނެއެވެ. އަހަރެންނަށް އެއީ ކާކުކަމެއް ނޭގުނު ކަމުގައިވިޔަސް އެ ފިރިހެން ކުއްޖާ އަހަރުމެން ކައިރިއަށް ގެންނަށް އަހަރެން ވެސް ނުހަނު ބޭނުންވެއެވެ. ކޮންމެ ރެއަކު ހޭލެވެނީ އެކުއްޖާއަށް ގޮވަން އުޅެނިކޮށެއެވެ.

ވިސްނާ ވިސްނާވެސް އަހަންނަށް އެ ހުވަފެން ތައުބީރެއް ނުކުރެވުނެވެ. އެކަމަކު އެއީ އަހަރެންނަށް ހިތްހަމަޖެހުން ގެނެސްދޭ ހުވަފެނެކެވެ. އަހަރެން އެ ހުވަފެން ހަމައެކަނި ޚިއްޞާ ކުރި ފަރާތަކީ ތީއެވެ. ކޮންމެ ދުވަހެއްގެ ފަތިސްނަމާދުގައި އަހަންނަށް އެ ހުވަފެން ތެދުކޮށްދެއްވުންއެދި ކުޅަދުންވަންތަ ﷲއަށް ދުޢާކުރެވެން ފެށުނެވެ. އަހަރެންގެ ވަގުތު ޖެހުމުގެ ކުރިން ހަޔާތުގައި އެފަދަ އުފާވެރި ދުވަސްތަކެއް ވޭތިކުރަން ބޭނުމެވެ. ފަހުނޭވާ ދޫކޮށްލުމުގެ ކުރީން އެއްދުވަހު ވިޔަސް ހަމަޖެހޭ ދިރިއުޅުމެއް އުޅޭން ބޭނުންވެއެވެ. ޢާއިލާއެއް ބޭނުމެވެ. ލޯބިވާނޭ ފިރިއަކާއި ދަރީން ބޭނުމެވެ. އަހަންނަށް އެފަދަ އުފާވެރިކަމެއް ލިބިދާނެބާއެވެ.

* * * * *

ހަޔާތުގައި މިއަދަކީ ވެސް ބެލެކް އެންޑް ވައިޓު ދުވަހެކެވެ. ކުލަޖެހޭނެ ދުވަހެއް ނޭގެއެވެ. ކެއުންބުއިމާ ނިދުމާ އަހަރެންގެ ބަގީޗާ ބެލެހެއްޓުން ފިޔަވައި އަހަރެން އާދަކޮށް ކުރާކަމެއް މިހާރަކު ނެތެވެ. ދުވަސްތައް އަހަންނަށް ވަނީ ދިގުވެފަ.....

* * * * *

މަޑުމަޑުން ދުރަށް ދަމުން ގޮސް މިހާރު އަހަރެން ތި އެކުވެރިޔާއާ ޚިއްޞާ ކުރާނޭ ވާހަކަތަކެއް ނުހުރެއެވެ. ދިރިއުޅުމުގައި މާގިނަ ކަންތައްތަކެއް ނުހިނގާތީ އާއިއެކުއެވެ. ލިޔަން ފަށާފަ ފުރިހަމަ ނުކޮށް ބޭއްވެނީވެސް އެހެންވެއެވެ. އަހަރެންގެ އުޅުމަށް އަނެއްކާ ވެސް ބަދަލުތަކެއް ގެންނަން މަސައްކަތްފަށައިފީމެވެ. ތި އެކުވެރިޔާއާ ނުލާ އަހަރު ދުވަސް ވޭތިވެގެން ދިޔައިރު އަހަރެން ވަރަށް ގިނަ ކަންތައްތަކަށް ފިކުރުހިންގީމެވެ. ހިތުގައިވާ އުދާސްތަކަށް ތަސައްލީއެއް ދިނުމަށް ބޭނުންވާތީއެވެ. އަމިއްލަ ނަފްސާ ކުރަމުންދިޔަ ހަނގުރާމަ ހުއްޓާލާފައި އަމާން ދިނީއެވެ. ތަޤުދީރާއި ދެކޮޅަށް ތެދުވުމުގެ ބަދަލުގައި އެ ތަޤުދީރުގެ ނިޔާއަށް ބޯލެނބީއެވެ. އެހެންނޫނީ ދުވަހަކު ވެސް އަހަންނަށް ހަމަޖެހުމެއް ނުލިބޭނޭކަން އެނގޭތީއެވެ.

މިއަދު އަހަރެން ހެދުނު ހެދުނާ ރީތިވެލީމެވެ. ހެދުމާ ގުޅޭ ރަތްކުލައިގެ ދޯފައްޓާއެއް އަޅާލީ އަހަރެން ރަތް ފިނިފެންމަލެއްހާ ރީތިވާނެކަން އަހަރެންގެ ހިތާއި ޟަމީރު ބުނީމައެވެ. އިސްތަށިގަނޑު އޮމާންކޮއްލުމާއެކު އެންމެ ކުރީގައި ހެން ވައިގެ ތެރެއަށް ދޫކޮއްލީމެވެ. މިއަދު އަހަރެން ކޮޓަރިން ބޭރަށް ފިޔަވަޅު އެޅީ ތަފާތު ޚިޔާލުތަކަކާއެކުއެވެ. ގަޑިން ވީއިރު އެނގުމުން އަހަންނަށް ކުރިއަށްވުރެ ބާރަށް ހިނގައިގަނެވުނެވެ. ސިޑިން ފުއްމަމުން ކަހަލަގޮތަކަށް ފައިބައިގެން އައިސް ކާކޮޓަރިއަށް ވަނީމެވެ. އަހަރެން ފެނުމާއެކު ހުސްނާ ބަލާލީ އަޖައިބުވެ އަންތަރީސްވެފައި ހުރި މީހަކު ފަދައިންނެވެ. ހަމައެހިނދުކޮޅު ތެރޭ އޭނާ ހިނިތުންވެލިއިރު އަނގައިގާވާ ހުރިހާ ދަތެއް ފާޅުވެގެން ދިޔައެވެ. ނިކަން އަވަހަށް އަހަރެންގެ ގާތަށް ޖެހިލާ ސައިހަދައިދެންތޯ އެހުމުން އަހަރެން ބޯޖަހާލީމެވެ. އޭރު މޭޒުގެ ކޮޅުގައި ސައިބޯން ހައިކަލް އިނެވެ. އޭނާ ވެސް އަހަންނަށް ބަލާލިއެވެ. އިރުކޮޅަކު ނަޒަރު ވަކިކޮށްނުލާ އިނީ ހައިރާންވެގެން އިންހެނެވެ. އެކަން އަހަންނަށް ފާހަގަވުމާއެކު އަވަސް އަވަހަށް ކުރިމަތީ ހުރި ތަށްޓަށް ހައިކަލްގެ ނަޒަރު އަމާޒުކޮށްލިއެވެ. އެހެން ދުވަސް ދުވަހު އަހަރެން އިންނަނީ ދުރުގައި ނަމަވެސް މިއަދު އިށީނީ ހައިކަލްގެ ކަނާތްފަރާތުން އޭނާއާ އެންމެ ކައިރީގައި އިން ގޮނޑީގައެވެ. އޭނާ އިސްޖަހައިގެން އިނެއްކަމަކު އަހަރެން ކުރާ ކަންތައްތައް ބަލާކަން އަހަންނަށް އެނގެއެވެ. އަހަރެންގެ ސައިތަށި ކައިރިކޮށްލުމަށްފަހު ހުސްނާ ކާކޮޓަރިން ނުކުތެވެ. އޭނާ ދަމުން ލަކްޝްމީ ވެސް ގެންދިޔައެވެ. އެއާއެކު ކާކޮޓަރިއަށް ހިމޭންކަން ވެރިވެގެން ދިޔައެވެ. ދޭތެރެއަކުން ހައިކަލްގެ ތަށީގައި އުލާއި ސަމްސާ ހޭކިލާ އަޑުއިވެއެވެ. އެ ހިމޭންކަމަށް އަހަންނާއި ހައިކަލްއާ ދެމެދަށް ވެރިވެފައިވާ ހިމޭންކަން ވަރުގަދައެވެ. އެހެންވެ ނިކަން ހިތްވަރުކޮށްފައި އަހަރުމެން ދެމެދުގައިވި ހަމަހިމޭންކަން އަހަރެން ފޫދިއްވާލީމެވެ. ލަސްލަހުން ވިޔަސް ޒޭންގެ ވާހަކަ އޮޅުން ފިލުވުމަށް ހައިކަލްއާ ސުވާލުކޮށްލީމެވެ. އެއާއެކު ހައިކަލްގެ ހަރަކާތް ހުއްޓުނެވެ. އޭނާ ސީދާ އަހަރެންގެ ލޮލަށް ބަލަން އިން ކަހަލައެވެ. ސުވާލު އުފެދިފައި ނޫނީ ޤަބޫލުނުކުރެވިފައި ކަންނޭނގެއެވެ. ޒޭންގެ ހާލު ރަނގަޅުތޯއާއި ކިޔަވާތޯ އަހަރެން އަހާލީމެވެ. ފުރަތަމަ ފަހަރަށް ނުރުހުންތެރިކަމާއި ރުޅިވެރިކަމެއްނެތި އަހަރެން ވާހަކަދެއްކީމެވެ. އަހަންނަށް ބަލަން އިނުމަށްފަހު ހައިކަލް "ހޫނ"އެއް ލައްވާލިއެވެ. އަދި ކައިރީގައި ހުރި ފެންތަށި ނަގާ ބޯލުމަށްފަހު މޭޒު ދޮށުން ތެދުވިއެވެ. އޭނާ ކާން އިން ރޮށިތަށްޓަށް ބަލާލުމުން އަދި ކާންފެށިތާ ގިނައިރެއް ނުވާނޭކަން އެނގެއެވެ. އަހަރެންގެ ސަބަބުން ހައިކަލްއަށް ރަނގަޅަށް ނުވެސް ކެވުނީއޭ ހިތަށް އެރިއެވެ. ހިތަށް އުނދަގޫވިއެވެ. އެހެންވިޔަސް އެކަމާ ދެރަވާންވީ ކީއްވެކަމެއް ނުވިސްނުނެވެ. އެއާއެކު އަހަރެންގެ ޟަމީރުގެ އަޑު އިވުނެވެ. އަހަންނާއި ހައިކަލް ވަރަށް ދުރުވެއްޖެއެވެ. އޭނާއަށް ފާހަގަ ކުރެވެން އަހަރެން ބޭނުންވަނީއެވެ. އެކަމަކު މިހާރު އެފަދަ ކަމަކަށް ބޭނުންވާންވީ ކީއްވެ ހެއްޔެވެ. އަހަންނަށް ހައިކަލްދެކެ ލޯބިވެނީ ބާއެވެ. އެފަދަ އިންސާނެއްދެކެ އަހަންނަށް ލޯބިވެވިދާނެބާއެވެ.

ހައިކަލް ނުކުމެގެން ދިއުމާއިއެކު ހުސްނާ އަވަސް އަވަހަށް އައިސް ކާކޮޓަރިއަށް ވަނެވެ. އަދި އަހަރެންގެ އިސްތަށިގަނޑާއި ދޯޕައްޓާއާ ކުޅެލަމުން އަހަރެންގެ ރީތިކަމަށް ތައުރީފުކުރިއެވެ. އަދިވެސް އަހަންނެކޭ ވިހި ފަންސަވީހުގެ އަންހެން ކުއްޖަކާ ތަފާތެއް ނެތްކަމުގައި ބުނަމުންނެވެ. ހުސްނާގެ ހިތްހެޔޮކަމާއިމެދު އުފާކުރީމެވެ. އަހަރެންގެ ދޯޕައްޓާ އެއްފަރާތަށް ގޮއްޖަހާލުމާއިއެކު ހައިކަލް ކާން އިން ތަށިތައް ނެގީމެވެ. އެއާއެކު އަހަރެންގެ އަތުން އެތަށިތައް އަތުލުމަށް ހުސްނާ މަސައްކަތްކުރީ ހައިކަލްއަށް އެކަން އެނގި ހިތްހަމަ ނުޖެހިދާނެތީއެވެ. އަހަރެން މިއަދު ބޭނުންކަމެއް ކުރުމަށް ދޫކޮށްލުމަށް ހުސްނާގެ ގާތުން އަހަރެން އެދުނީމެވެ. އެތަކެއް އަހަރުތަކަކަށްފަހު އަހަރެންގެ ތުންފަތަށް ހިތްހަމަޖެހުމުގެ ހިނިތުންވުމެއް ވެރިވެގެން ހިނގައްޖެއެވެ.

އަހަންނަކީ ކަންނެތް އަންހެނެއް ނޫނެވެ. ޚާއްޞަކޮށް ކެއްކުމަކީ އަހަރެން ކުރާހިތުން ކުރާ ކަމެކެވެ. އިހުގެ ދިރިއުޅުން އަހަރެން ބޭނުމެވެ. މެންދުރުގެ ކެއުން ތައްޔާރުކުރީ އަހަރެންގެ ދެއަތުންނެވެ. އޮފީހުގެ ކަންތައް ނިންމާލާފައި ހައިކަލް އަންނާނެ އިރަކަށް އަހަންނަށް އިންތިޒާރު ކުރެވުނީ ކީއްވެކަމެއް ނޭގެއެވެ. ހެނދުނު ވެސް އެ ދިޔައީ ރަނގަޅަށް ނުކައިކަން އަހަރެންގެ ސިކުނޑީގައި ހަނދާން ހުއްޓެވެ. އެހެންވެ ހައިކަލް ރަނގަޅަށް ކާން އަހަރެން ބޭނުންވީއެވެ. ހަމައެއާއެކު އޭނާގެ ސަމާލުކަން ހޯދަން އަހަންނަށް މަސައްކަތްކުރެވުނީ ހިތް އެކަމަށް އެދޭވަރުންނެވެ. ހިތަކީވެސް ހާދަ ފާޑެއްގެ އެއްޗެކެވެ. ބޭނުންވާ ކަމެއް ސާފުކޮށް އަހަންނަށް ބުނެދޭނެނަމަ ކިހާ ރަނގަޅު ހެއްޔެވެ. ހައިކަލްއާއި އަހަންނާއި އެއްވެސް ކަމަކާ ދެބަސްނުވާތާ ހަމަހަށްވުރެ ގިނަ ދުވަސްވެއްޖެއެވެ. އެއްގޮތަކަށް ވާހަކަ ވެސް ނުދައްކަނީއެވެ. ހައިކަލް އަހަންނާއި ހަތަރުކަޅި ހަމަކުރަން ވެސް ބޭނުންނުވަނީ ކަންނޭގެއެވެ. ހައިކަލް އަހަރެންދެކެ ފޫހިވަނީބާއޭ ހިތަށް އެރިކަމުގައިވިޔަސް އޭނާ ފެންނަ ހިސާބުގައި އުޅޭހިތް އަހަރެން ވެއެވެ. އަހަރެން ހިތުގައި އުފެދިގެން މިއުޅޭ އޮއެވަރަށް ދޭނެ ނަމެއް އަދި އަހަންނަކަށް ނޭގެއެވެ.

ހަވީރު ރީތިވެލައިގެން ސިޓިންރޫމުގައި އަހަރެން އިނީމެވެ. ހައިކަލް ގެއަށް އައިސް ވަންތަން ދުށީމެވެ. އެއާއެކު ސޯފާގައި އަހަރެންގެ ގާތުގައި އިން ހުސްނާގެ އަތުގައި ކޮއްޓާލީމެވެ. އޭނައަށް އަހަރެން ބޭނުންވަނީ ކޮންކަމެއްކަން ވަގުތުން އެނގުނެވެ. ހުސްނާ އަވަހަށް ތެދުވެ ހައިކަލްއަށް ގޮވާލާފައި ކާން ހަދަންތޯ އަހާލިއެވެ. އެއާއެކު އޭނާ ބަލާލީ އަހަންނަށެވެ. ދެން ނިކަން އަވަހަށް ހައިކަލް ނޫނެކޭ ބުންޏެވެ. އަދި އޭނާގެ މިސްރާބު ހުރީ ކޮޓަރިއާ ދިމާއަށެވެ. ފެންނަފެނުމަށް ހީވަނީ އޭނައަށް ކޮންމެވެސް ކަމެއްވެފައި ހުރިހެނެވެ. އަހަރެން އަނެއްކާ ވެސް ހުސްނާ ލައްވާ ކާއެއްޗެހި ކޮޓަރިއަށް ގެންގޮސްދެންތޯ ވެސް އެހުވީމެވެ. ނަމަވެސް މިފަހަރު ވެސް ލިބުނީ ހަމަ އެއްޖަވާބެކެވެ. އެންމެ ފަހުން އަހަންނަށް ނުހުރެވިގެން އެހީމެވެ. އެއާއެކު ސިޑިއާ ދިމާއަށް ދިޔަ ހައިކަލް ހުއްޓި އަހަންނަށް ބަލާލަމުން ތަންކޮޅެއްފަހުން ކައިފާނަން ކަމުގައި ބުންޏެވެ. އަހަރުމެން ދެމީހުންގެ ހަތަރުކަޅި ބައްދަލުވި ހިނދު އަހަންނަށް އެ ތުންފަތުން ފަނޑުނަމަވެސް ހިނިތުންވުމެއް ފެނުނެވެ. އަހަރެން އެހާވަރުން ކެއްކި އެއްޗެހީގެ ރަހަވެސް ހައިކަލް ބަލާލަން ބޭނުންވާހެނެއް ހިޔެއްނުވެއެވެ. އެމޫނުގައިވަނީ ވަރުބަލިކަމެކެވެ. އެކަމާ މާޔޫސްވާގޮތްވިއެވެ.

އަހަރެން އިޝާ ނަމާދު ކޮއްލައިގެން ނުކުންނަން ވާއިރަށް ހައިކަލް ކައިނިންމާފަ ކޮޓަރިއަށް ވަންކަން ހުސްނާ ބުންޏެވެ. އަހަރެންގެ ހިތް ކުޑަކޮށް ނުތަނަވަސް ވިއެވެ. އަހަންނާ ހެދިގެން އެހާވަރުން އުޅުނު ހައިކަލް ބަދަލުވީހެއްޔެވެ. އެހެންވީރު އަހަރެން މިނިވަން ނުކޮށް އޭނަ އެހުންނަނީ ކީއްވެބާއެވެ. އަހަރެން ފެނުނަސް ފެންނަކަމަށް ނަހަދަނީ ކީއްވެހެއްޔެވެ. ކުރިން އޭނާގެ ބެލުމުގައި ހުންނަ ގަޔާވާގޮތެއް މިހާރަކު ނުފެނެއެވެ. އަހަންނަށް ތުންފިއްތާލެވުނެވެ. ހަމައެއާއެކު އަމިއްލަ މޮޔަކަން ހިތަށް ވަނެވެ. ކުޑަކުއްޖެކޭ އަހަންނޭ އެއްވަރެއް ނޫންހެއްޔެވެ. އަހަރެން ހައިކަލްއާ ގާތްވާން މަސައްކަތް ކުރަންވީ ކީއްކުރަން ހެއްޔެވެ. އަހަރެން އޭނައަށް ކުރި ނަފުރަތު ކޮބާހެއްޔެވެ.

ރޭގަނޑު ނިދަން އެރީ ސިކުނޑީގައި އެތަށް ސުވާލުތަކެއް ފުނިޖައްސައިގެން ހުރެއެވެ. މިވާގޮތެއް ނޭގޭތީ އަހަރެން ބިރު ވެސް ގަނެއެވެ. އެހެންނަމަވެސް މާދަމާ ފަހަރެއްގަ ހައިކަލް އަހަންނާ ވާހަކަދައްކަ ފާނެއެވެ. އަރާމުކޮށް ހިތްހަމަޖައްސާލައިގެން ނިދާލަންވީކަންނޭގެއެވެ.

* * * * *

ހައިކަލް ސައިބޯން ދާންވާއިރަށް އަހަރެން ރީތިވެލައިގެން ކާކޮޓަރިއަށް ދިޔައިރު ހައިކަލްއެއްނެތެވެ. ހުސްނާ ވެސް ފެންނަން ނެތުމާއެކު އަވަހަށް ދިޔައީ ހުސްނާގެ ކޮޓަރިއާ ދިމާލަށެވެ. ކޮޓަރީގައި ޓަކިޖަހާލުމާއިއެކު ހުސްނާ ދޮރު ހުޅުވާލިއެވެ. އަހަރެން ސައިބޯން އައުމަށް ބުނުމުން ހުސްނާ އެއްޗެއް ނުބުނެ އަހަރެންނާއިއެކު އައިސް ކާކޮޓަރިއަށްވަދެ ތަށިތައް އަތުރަންފެށިއެވެ. އަހަރެން ހުސްނާ ގާތު ހައިކަލްއަށް ނުގޮވަންތޯ އަހާލީމެވެ.

ހުސްނާ: "އަހަރެން ދުވަހަކު ވެސް ސައި ހަދާފައި ނޫނީ ކާން ހަދާފައެއް ހައިކަލްއަކަށް ނުގޮވަން. އޭނާ ބޭނުންވީމަ އައިސް ބުނާނެ. އޭރުން ވަގުތުން ތައްޔާރުކޮށްދެނީ"

ހުސްނާގެ ވާހަކަތައް އިވިފައި މާޔޫސްވިއެވެ. އަހަންނަށްވުރެ ބޮޑަށް ހައިކަލްގެ ކަންތައްތައް ގޭގައި ގެންގުޅޭ މީހުންނަށް ވެސް އެނގެއެވެ. އެކަމާ ރުޅިއާދެވުނީ އަމިއްލަ ނަފްސުދެކެކަމެއް ނޫނީ ކުރިމަތީ ހުރި ހުސްނާދެކެ ކަމެއް އަހަންނަކަށް ނޭގުނެވެ. ފޫހިކަމާއެކު ތުންއަނބުރާލެވުނީ ބޭއިޚްތިޔާރުގައެވެ. (ނުނިމޭ)