"ވެއްޖެއްނު ތި ގޮތް ދޫކުރަން. ތިހެން އުޅެގެންވީ ފައިދާއެއް އެބައޮތްތަ؟" ނިމާލުގެ ބަދަލު ނުވާ އެ ޖުމުލަ ކަންފަތުގައި ހަރުލާފައި ހުރި ކަހަލައެވެ.
އަހަންނަށް ވިސްނަން އޮވެވުނީ އެވެ. ކުރެވުނު ކަންތަކާ މެދުގަ އެވެ. ނިމާލަށް ކިޔުން އެއްޗެއްސާ މެދުގަ އެވެ. ނިމާލަކީ އަހަރެންގެ އަލަތު ފިރިމީހާ އެވެ. އެއީ، ދެ ކުދިންގެ ބައްޕައެވެ. ކައިވެންޏަށް މިވީ ބާރަ އަހަރެވެ. ނިމާލު އުޅެނީ މާލޭގައެވެ. އަމިއްލަ ކުންފުންޏެއްގެ ވަޒީފާގައެވެ. އިސް މަގާމެއްގަ އެވެ. އަހަރެން މި އުޅެނީ ރަށުގައެވެ. ޒިންމާއަކަށް ވެފައި އޮތީ ދަރިން ބެލުމެވެ. ގޭތެރެ ބެލެހެއްޓުމެވެ.
ނިމާލަކީ ވަރަށް ހިތްހެޔޮ މީހެކެވެ. އޯގާތެރި މީހެކެވެ. ދިރިއުޅުމުގެ ކަންކަމުގައި އޭނާ ގޮތެއް ނުކިޔައެވެ. ފާޑެއް ނުކިޔައެވެ. ހުރިހާ ކަމެއް އޮންނަނީ އަހަރެން ސިކުނޑިން ނިންމަން ދޫކޮށްލާފަ އެވެ. އަހަރެންގެ ޚިޔާލަކަށް އޭނާ ދެ ކޮޅެއް ނަހަދާނެއެވެ. ބަހެއް ނުބުނާނެއެވެ. ވިސްނުން ތަފާތު ވިޔަސް އޭނާ އެކަން ބުނާނީ ރީތިކޮށެވެ. އޯގާތެރިކަމާ އެކުގަ އެވެ.
"އެޔޭ މައްސަލައަކީ! އަހަންނަށް ވިސްނޭ ގޮތަކީ އެންމެ މޮޅު ގޮތަށް ނުވެދާނެ،" ޝަކުވާގެ ރާގުގައި އަހަންނަށް ބުނެވުނެވެ. "ނިމާލުގެ ހިޔާލު ވެސް ލިބެންވާނެ ދޯ."
"ރާމިޒާ ނިންމާ ގޮތަކަށް ކަންކަން ބަދަލުވާނީ." ކުރު ޖަވާބަކުން ނިމާލު ނިންމާލި އެވެ.
"ބަލަ އަހަންނެއް ނޫނޭ ތިކަން ކުރަން މިއުޅެނީ. ތި ނިމާލު ކުރަން އުޅޭ ކަމެއް. މަ އެއްޗެއް ކިޔާކަށް ނުޖެހޭނެ." ކުރުނުކޮށް އަހަރެން ވާހަކަދައްކަން ފެށީމެވެ.
"ރާމިޒާ ނިންމާ ގޮތަކީ އަހަންނަށް އެންމެ ރަނގަޅު ނިންމުމަކީ." އެކަމުގައި ނިމާލު ހިޔާލު ހުރި ގޮތް ހޯދަން ކުރި މަސައްކަތް ދިޔައީ ފެނަށެވެ.
"ލަންކާއަށް ދިރިއުޅުން ބަދަލުކުރާ އިރަށް މަށަށް ރީތި ފިރިހެނެއް ފެނިއްޖެ ނަމަ އޯ." އަހަރެން ފެށީ ނިމާލަށް ޖަވާބު ނުދީ ނިންމާލެވޭ ކަހަލަ މައުޟޫއަކު ނޫނެވެ.
"އެ ދެން ނިމުނީނު." ނިމާލުގެ ރާގަށް ބަދަލެއް ނައެވެ.
"ދެން ނިމާލޯ. ދަރިން ނޯ." އަނެއް ކަންފަތަށް ފޯނު ބަދަލު ކޮށްލަމުން އަހަރެން ބުނެލީމެވެ.
"އުޅޭނީ. ރާމިޒާ ވެސް އުޅޭނީ." ނިމާލުގެ ޝައުޤުވެރިކަން ނެތް ކަހަލަ ގޮތަކަށް ބުނެލި އެވެ.
"ޕިސް ޕިސް. ނިމާލު ތި ނޫން ގޮތަކަށް ވާހަކަ ދައްކާނީ ކޮން ދުވަހަކުންތަ؟" އަހަރެން ގާތަށް ރުޅި އަންނަ ގޮތްވާން ފެށިއެވެ.
"ރާމިޒާ ވެސް؟"
މިފަހަރު ވެސް ކުށްވެރިވީ އަހަރެންނެވެ. އަހަރެން ދެއްކި ވާހަކައެވެ. އެއީ ތެދެއް ހެއްޔެވެ؟ ހަގީގަތެއް ހެއްޔެވެ؟ ނިމާލު އާ ވާހަކައެއް ދެއްކި ހެއްޔެވެ؟ އޭނާ ކުރިހާ ވެސް ކަމަކީ އަހަރެން ކުރި ސުވާލުތަކަށް ޖަވާބު ދިނުމެވެ. މައްސަލައަކަށް ވެގެން މިއުޅެނީ އަހަރެން ބޭނުންވާ ކަހަލަ ޖަވާބުތަކެއް ނުދީގެން ހެއްޔެވެ؟ ނޫނީ އަހަރެން ބޭނުންވާ ޖަވާބު ނުލިބިގެން ހެއްޔެވެ؟
އަހަރެން ގަބޫލުކުރާ ގޮތުގައި ޝައްކު ކުރުމަކީ ދިރިއުޅުމުގެ ބަރަކާތް ގެއްލޭ ކަމެކެވެ. ދިރިއުޅުން ހަލާކުވާ ކަމެކެވެ. އެހެންވެ އަހަރެން ނިމާލަށް ޝައްކެއް ނުކުރަމެވެ. ޔަގީން ކުރަނީ އެވެ. ހިތުގެ އަޑިންނެވެ. ޝައްކެއް ވާހަކަލަ ކަމެއް ދިމާވިޔަސް، މީހަކު އެއްޗެއް ބުންޏަސް އެ ވާހަކަ ދައްކަނީ އެވެ. ވާހަކައިގެ ތެރެއިން ވާހަކަ ފަޅުވައިގެންނެވެ. ނިމާލު އަބަދު ވެސް ދޭނީ ކުރު ޖަވާބެވެ. އޭނާއާ ވާހަކަ ދައްކަން ޖެހޭނީ ވަރަށް ވިސްނައިގެންނެވެ.
ޖަވާބުން ސުވާލު އުފެއްދުމަކީ ވަކި ފަސޭހަ ކަމެއް ނޫނެވެ. މިހާރު އަހަރެން ހޭނިއްޖެ އެވެ. ޖަވާބުން ސުވާލު އުފައްދާށެވެ. ސުވާލުން ސުވާލު އުފައްދާށެވެ. ޖަވާބެއް ނޯންނަ ސުވާލު ކުރާށެވެ. ސުވާލަކަށް ނުވާ ސުވާލު ކުރާށެވެ.
"ދެން ކިހިނެއް ނިންމަންވީ؟" ނިމާލު ގުޅި އިރަށް ސުވާލު ފަތީގެ ގޮށް މޮހައިލީމެވެ.
"ކެންސަލް ކޮށްލާނީ. ރާމި ތިގޮތަށް ކުރިއަށް ދޭ." ނިމާލަށް ވިސްނުނީ ކަން ނޭނގެ އެވެ.
"ކިހިނެއް ކުރިއަށް ދާންވީ؟" މާނައެއް ނެތް ގޮތުގައި ސުވާލެއް ކޮށްލެވުނީ ކަމަށް ވިސްނައިލެވުނެވެ.
"ކުރިން ވެސް ނިންމި ގޮތަށް." ނިމާލު މަޑުމަޑުން ބުނެލިއެވެ.
"ދެން ޖޮބޯ. ނިމާލު ދާނަންތަ؟" އަހަރެން އެނދުގައި ހަމަޖެހިލީމެވެ. "ނިމާލު ނުދަންޏާ އަހަރެން ކިހިނެއް ބޭރު ގައުމެއްގަ އެކަނިމާ އެކަނި އުޅޭނީ؟، ކިހިނެއް ކުދީން ސުކޫލަށް ގެންދާނީ؟ ކޮންތާކު އަހަރުމެން އުޅޭނީ؟"
"ހަމަޖައްސާނީ." ހުރިހާ ސުވާލެއް ކުރުމުން ވެސް ނިމާލު ދިނީ އެންމެ ޖަވާބެކެވެ.
"ކިހިނެއް ހަމަޖައްސާނީ؟ ކާކު އެކަން ހަމަޖައްސާނީ؟" އަހަރެން ރުންކުރުވާ ގޮތް ވިއެވެ.
"އަހަރެން."
"ނިމާލޫ. ދެން ތަންކޮޅެއް ސާފުކޮށް ހުރިހާ ކަމެއް ކިޔައިދޭން ވެއްޖެއްނޫންތަ؟" އަހަންނަށް ތަންކޮޅެއް ބާރަށް ވާހަކަދެއްކުނެވެ.
"ކޮންކަމެއް ނޭނގެނީ. ނުބުނަނީ." ނިމާލު ފުން ނޭވާއެއް ދޫކޮށްލި އެވެ.
"ނޫނޭ. ހުރިހާ ކަމެއް އެނގިއްޖެ. ހުރިހާ ކަމެއް ސާފު ވެއްޖެ." ޖެއްސުމުގެ ރާގުގައި އަހަރެން ބުނެލީމެވެ.
"ވެއްޖެއްނު ތި ގޮތް ދޫކުރަން. ތިހެން އުޅެގެންވީ ފައިދާއެއް އެބައޮތްތަ؟" ނިމާލުގެ ރަސްމީ ޖުމުލަ އިވުނެވެ.
އަހަރެން ފޫހިވިއެވެ. ވާހަކަދައްކާ ހިތް ކެނޑުނެވެ. އެންމެ ފަހުން ފޯނު ކަނޑައިލީމެވެ. ނިމާލު ދެތިން ފަހަރަކު ގުޅިއެވެ. އަހަރެން ފޯނެއް ނުނަގަމެވެ. ފޯނު ނިއްވާލީމެވެ. އެނދުން ތެދުވެ ސިޓިން ރޫމަށް ނުކުތީމެވެ. އޭރު އަތްފައި ތުރުތުރު އަޅަމުން ދިޔަ އެވެ. މީހާ ފިނިވަމުން ދިޔަ އެވެ. ހީވަނީ ބޮލުގެ މެދުގައި އެއްޗަކުން ތަޅާ ހެންނެވެ. އިރުއިރުކޮޅާ ބޮލުގެ އެއް ފަރާތުގައި ވިއްދައި ގަންނަހެން ހީވަމުންދެ އެވެ. ބޮލު ތެރޭގައި އެއްޗެއް ފުފި ބޮޑުވަމުންދާ ހެން ހީވަމުން ދިޔަ އެވެ. ދެ ފަރާތުން ބޮލުގެ ނާށި ގަނޑު ފިތިބާރުވަމުން ދިޔަހެން ހީވިއެވެ.
އެންމެފަހުން އަހަރެން ބޭރަށް ނުކުތީމެވެ. ގޯތި ތެރެއަށް ނުކުތީމެވެ. ހުސްފައިގައި ހިނގައިލުމުން ފަޔަށް ކަށިވެލިތައް ވަންނަމުން ދިޔައެވެ. ގޯތި ތެރޭގައި އަކިރި އަޅައިފައިވާ ހަނި ގޯޅިގައި ދެކޮޅަށް ހިނގަން ފެށީމެވެ. ދަށްފަޔަށް ލިބެމުން ދިޔައީ އާދަޔާ ޚިލާފު ބާރެކެވެ. އިހުސާސް ކުރެވެމުން ދިޔައީ އާދަޔާ ޚިލާފު ލުއި ކަމެކެވެ. މަޑުމަޑުން އަހަރެން ހިނގުން ބާރުކޮށްލީމެވެ.
ބޮލަށް އަރާފައި ހުރި ބާރުގަނޑު ހިނދިގެން ދިޔަ އެވެ. ހީވީ މޫނުމަތިން ފަރުދާއެއް ނެގިހެންނެވެ. ފުން ނޭވާއެއް ދޫކޮށްލެވުނެވެ. އަތުގައި އޮތް ގަޑިއަށް ބަލައިލެވުނެވެ. އޭރު ގަޑިން މެންދަމުން އަލިވެ ދޭއް ޖަހަނީއެވެ. ކުއްލިއަކަށް ހަނދާންނަށް އައީ ބޭސް މަތިންނެވެ. ބޭސް ނުކައި ހުރި ކަމެވެ.
ކޮޓަރިއަށް ވަދެ ފެންފުޅި ނަގައި ބޭސް ކާޑު ބަލައިލީމެވެ. އޮތީ އެންމެ ބޭހެކެވެ. ބޭސް ނައްޓައިލުމަށްފަހު އަތަށް ވައްޓައިލީމެވެ. ލުއި ހިނިތުންވުމެއް ތުންފަތުގައި ދުވެލީ އެ ވަގުތުއެވެ. ހަނދާނަށް އައީ ނިމާލުގެ ސޫރައެވެ. އޭނާ ބުނެދިން ވާހަކަތަކެވެ.
"އުނދަގޫތަކުން ދުރުވެވޭނީ މީހާ އަމިއްލައަށް ހިތްހަމަ ޖައްސުވައިގެން. ބޭހަކީ ހުރިހާ ކަމެއްގެ ހައްލެއް ނޫން." ކަންފަތް ތެރޭގައި ނިމާލުގެ އަޑު ގުގުމަމުން ދިޔަ ކަހަލައެވެ.
އަހަންނަށް އެނދު މައްޗަށް ވެއްޓިގަނެވުނެވެ. ނިމާލުގެ ވާހަކަތައް އިވެމުން ދިޔަހެން ހީވި އެވެ. ކަންފަތުގައި އަތްއެޅުނެވެ. އަތުގައި އޮތް ބޭސްގުޅަ ފާރާ ދިމާއަށް ހޫރައިލެވުނެވެ. އަނެއްކާ ވެސް ތެދުވާހިތް ވިއެވެ. ހިނގާހިތްވާން ފެށިއެވެ. ބޭރަށް ނުކުތީމެވެ. ކަށިވެލިގަނޑުގެ މަތީގައި ދެ ކޮޅަށް ހިނގަން ފެށީމެވެ.
ހިތްހަމަ ޖެހޭވަރަށް ހިނގައިލެވުމުން ކޮޓަރިއަށް ވަނީމެވެ. ކޮޓަރިއަށް ވަދެ ފެންފޮދެއް ބޮއެލުމަށްފަހު އެނދާ ދިމާއަށް ބަލައިލެވުނެވެ. ހަނދާނަށް އައީ ޒާރާއާއި ޒީނާގެ މަތިންނެވެ. ދެކުދިން އޮތް ހާލެއް ބަލައިލަން ބޭނުންވިއެވެ. މަޑުމަޑުން އަހަރެންގެ ކޮޓަރިން ނުކުތީމެވެ. ކުދީން ތިބި ކޮޓަރިއަށް ވަދެ ފުން ނޭވާއެއް ދޫކޮށްލީމެވެ. ކޮޓަރީގައި ހުރީ ފަނޑު އަލި ކަމެވެ. ޒާރާ އޮތީ ބާލީގައި ބައްދާލައިގެންނެވެ. ޒާރާ ނިދައިފައި އޮތް ގޮތް ފެނުމުން ހިތްހަމަ ޖެހިލެވުނެވެ. ޒީނާ އޮތީ ހީކަރުވައިގެންފައެވެ. ދެ ކަކޫ ދޭތެރެއަށް ދެ އަތް މަހައިލައިގެންނެވެ. ގައިމަތީ އޮތް ރަޖާގަނޑު އޮތީ ފައިކޮޅަށް ގުޅަވެފައެވެ. ޒީނާގެ ގައިމަތީގައި ރަޖާގަނޑު އަޅައިލަމުން އޭނާގެ ނިތްމަތީގައި ފިރުމައިލީމެވެ.
ޒާރާއަށް މިއޮތީ ނުވަ އަހަރަށް އަޅައިފަ އެވެ. ޒީނާއަށް އަދިވީ ފަސް އަހަރެވެ. ނިމާލާ ވައްތަރީ ޒާރާ އެވެ. ޒީނާއަކީ ސީދާ އަހަރެންގެ ނަކަލެކެވެ. ކޮޓަރިން ނުކުމެ ސޯފާގައި އޮށޯވެލަން ބޭނުންވި އެވެ. ސޯފާގައި އޮށޯވެލުމަށްފަހު ފުން ނޭވާއެއް ދޫކޮށްލީމެވެ. ޒީނާއަށް ބަލިވެ އިންދުވަސްވަރު އުޅެން ޖެހުނު ހާލު ސިފަވަމުން ދިޔައެވެ. މަޑުމަޑުން އެ ހަނދާންތަކުގެ ތެރެއަށް ފީނައިލެވުނެވެ.
އޭރު ބަނޑަށް ހަތްމަހެވެ. އަހަންނަށް ހަމަ ނިދި ލިބެނީއެއް ނޫނެވެ. ލޮލު ފިޔަ ޖަހައިލެވޭ ވަރެއް ނުވެއެވެ. ހުންނަނީ އަބަދާ އަބަދު ވަރުބަލި ވެފައެވެ. މީހާ ހުންނަނީ ލޮޑު ވެފައެވެ. ގުނބުހިލިފައެވެ. ހިނގައިލިޔަސް މާނޭވާލެވެއެވެ. ކޮންމެ ރެޔަކު އުޅެން ޖެހެނީ އެ ފަދަ ހާލެއްގައެވެ. ލޮލު ފިޔަ ޖަހައިލެވޭ އިރަށް ހޭލެވެއެވެ. ހޭލެވޭ އިރު ހުންނަނީ ވަރުބަލިވެފަ އެވެ. މާނޭވާ ލެވޭ ގޮތްވެފަ އެވެ. ގައިގައި ހަކަތައެއް ނުހުރެއެވެ. ކާހިތް ވަނީ އެވެ. ކާން ބޭނުން ވަނީ އެވެ. ތިރީސް ފަސް ކިލޯގައި ހުރި ބަރުދަނަށް ތޭވީސް ކިލޯ އިތުރުވި އެވެ.
އަހަރެން ލޯގަނޑު ކުރިމައްޗަށް ހުއްޓިލީމެވެ. ކަރަށް ބަލައިލީމެވެ. ހުރީ ކަޅުވެފައެވެ. ކަނދުރާއިން ފެށިގެން ދަތް ދޮޅިއާ ހަމައަށް އެ ކަޅުކަން ފެތުރިފައި ހުއްޓެވެ. ދަތްދޮޅީގައި އިތުރު ފަށަލައެއް ހުރިހެން ހީވިއެވެ. މަޑުމަޑުން ދަތްދޮޅީގައި އަތް ޖައްސައިލެވުނެވެ. ހީވީ ރަނގަޅަށެވެ. ދެވަނަ ފަށަލައެއް އުފެދެނީ އެވެ. އަހަންނަށް ކޯތާ ފަތުގައި އަތް ޖައްސާލެވުނެވެ. ދެ ފަރާތަށް ފުފެމުން ދިޔަ މަސްތައް ގުޑިލި އެވެ. ހީވީ ފެން ބޮތްކަކަށް ފިތައިލުމުން ހަރަކާތް ކޮށްލިހެންނެވެ.
ދެ ލޯ ކައިރި ވަނީ ކަޅުވެފައެވެ. ހަންގަނޑު ހުރީ އަނދާފަ އެވެ. ބޮލުގެ އިސްތަށިތައް ވެސް ހުރީ ސިކުޅި ވެފައެވެ. އޮފު ކެނޑިފަ އެވެ. ދެ ފަރާތުން ބޮލު ތެރެ ފެންނަމުން ދިޔައެވެ. އަހަންނަށް އިސްތަށިގައިގަނޑު އަތްޖައްސާލެވުނެވެ. އަތްތިލަ ބަލައިލީމެވެ. އަތުގައި އިސްތަށިތައް ހުރިތަން ފެނުނެވެ. ލޮލުތެރެއަށް ކަރުނަތައް ޖަމާވަމުން ދިޔަ އެވެ.
"މަންމީ." ހަތަރު އަހަރަށްދާ ޒާރާ ގޮވާލިއެވެ.
ސިހިފައި އަހަންނަށް ބަލައިލެވުނެވެ. ޒާރާ އެނދުން ފައިބެ އަހަންނާ ދިމާއަށް ދުއްވާ ގަންނަނީއެވެ.
"މަންމި އާދޭ ޒާރާއާއެކު ނިދަން." ތުއްތުތުއްތު އަޑަކުން ޒާރާ ބުނެލިއެވެ.
އަހަންނަށް މަޖުބޫރުވީ ޒާރާއާ އެކު އެނދުގައި އޮށޯންނާށެވެ. އޭރު މާނޭވައިލެވެނީ އެވެ. އަހަރެން ބޭނުންވީ ނިދައިލާށެވެ. ލޯ މަރައިލީމެވެ. ނިދޭ ގޮތެއް ނުވި އެވެ. ޒާރާ އޮތީ އަހަރެންގެ ގައިގައި ބައްދައިލައިގެންނެވެ. ޒާރާ ނިދީގެ ރާގު އަޅުވާލިއެވެ.
އަހަރެން މަޑުމަޑުން ތެދުވީމެވެ. އޭރު ވެސް މާނޭވައިލެވެނީ އެވެ. އެނދުން ތެދުވެ ބޭރަށް ނިކުމެލީމެވެ. މައިގެ ތެރޭގައި ހުރި ގަޑިއަށް ބަލައިލީމެވެ. އޭރު ދިހައެއް ޖަހަނީ އެވެ.
"ޒާރާ ނިދީތަ؟" އަހަރެން ފެނުމުން މަންމަ އަހައިލިއެވެ. "ކާން ހިނގާ. ދަރިފުޅު ކެއީމަ މަންމަ ވެސް ގެއަށް ދާން ކަމަށް. މިހާރު ބައްޕަ ވެސް އޮފީސް ނިންމައިފަ އެބައާދޭ. ބައްޕަ އަންނަންދެން މަންމަ ވެސް މި މަޑު ކުރަނީ."
"ކާ ހިތެއް ނެތް. ހަމަ ވަރުބަލި ވަނީ މަންމާ،" ސޯފާގައި އިށީންނަމުން އަހަރެން ބުނެލީމެވެ. "ކިހިނެއް ކާނީ؟ މި ހިރީ އަހަރެން ހުރި ސިފަ. މިހާރު ހީވަނީ އެހެން މީހެއްހެން. ދެކޮޅު ހަމަހަމަ ވަނީ. މޫނެކޭ ބޮލެކޭ އެއްވަރު. އެހައި ވެސް ކަޅު."
"މާބަނޑުވީމަ ބަދަލު އަންނާނެ." މަންމަ ބަލައިލީ އަހަރެންގެ މޫނަށެވެ.
"ކުރިއަކުން މި ވަރެއް ނުވޭ. މި އުނދަގޫތަކެއް ވެސް ނުވޭ. މިފަހަރަކު މާ އުނދަގޫވޭ،" އަހަރެން މަންމަގެ ގާތުގައި އިށީނީމެވެ. "މަންމަ ނެތް ނަމަ ކިހިނެއް އަހަރެން އުޅޭނީ؟"
އަހަރެން ސޯފާގައި ދިގު ދެމިލަމުން އޮށޯވެލީމެވެ. މަންމަގެ އުނގުގައި ބޯ އަޅައިގެންނެވެ. އޭރު ވެސް މާނޭވާލެވޭ ގޮތްވަމުން ދިޔަ އެވެ. ބޮލަށް އުނދަގޫވާ ގޮތް ވެފައި ހުއްޓެވެ.
"އަބަދު ނިމާލަކަށް ވެސް ރަށަކު ނުހުރެވޭނެއްނު. އޭނާ ވެސް ދެ މަސް ވަންދެން ހުރެފަ އެ ދިޔައީ،" މަންމަ އަހަރެން ބޮލުގައި ފިރުމައިލި އެވެ. "މަންމަ ބުނީމަ އޭނާ އެ ދިޔައީ. މަންމަ ރާމިޒާ ބަލާނަމޭ ބުނީމަ."
"ނިމާލު ރަނގަޅު ނަމަ މިހެން ނުވީހެއްނު." ޝަކުވާގެ ރާގުގައި އަހަރެން ބުނެލީމެވެ.
"ދަރިފުޅާ ނިމާލަކީ ގޯސް މީހެއް ނޫން. އެއީ ވަރަށް ރަނގަޅު މީހެއް. ދަރިފުޅަށް އެހައި ރަނގަޅު ފިރިއެއް ނުލިބޭނެ. އޭނާ ނޫންތަ ގޭތެރޭގެ ހުރިހާ ކަމެއް ދެ މަސް ވަންދެން އެ ކުރީ. ދަރިފުޅު ބެޑް ރެސްޓުގަ އޮތް ދުވަސްވަރު މަންމަ އަންނަންވާ އިރަށް ގޭތެރޭގެ ހުރިހާ ކަމެއް އޮންނަނީ ނިންމައިފަ. ޒާރާ ފެންވަރުވާ ރީތިކޮށްފަ." މަންމަ ތައުރީފު ކުރީ ނިމާލަށެވެ.
"އެ އޭނާ ކުރަން ޖެހޭ ކަމެއް ނޫންތަ؟" އަހަރެން ބުނެލީމެވެ.
"މަންމަ ނުބުނަން ތި ނޫނެކޭ،" މަންމަ ފުން ނޭވާއެއް ދޫކޮށްލިއެވެ. "މި ޒަމާނުގެ ފިރިހެނަކު އެގޮތަކަށް ނޫޅޭނެ. އޭނާ ދަރިފުޅު ދެކެ ވަރަށް ލޯބިވާތީ، އަދި ދިރިޅުމާ މެދު ވަރަށް ފުންކޮށް ވިސްނާތީ އެ ގޮތަށް އެ އުޅެނީ."
"މަންމަ ހުންނާނީ އަބަދުވެސް ނިމާލުގެ ކޮޅަށް." އަހަރެން ނުރުހިފަ ބުނެލީމެވެ.
ބައްޕަ ގެއަށް ވަނީ އެ ވަގުތުއެވެ.
"މަންމަ ނިމާލަށް ކީއް ކުރީތަ؟" ސޯފާގައި އިށީނދެލަމުން ބައްޕަ އަހައިލިއެވެ.
"މި ދައްކަނީ ނިމާލުގެ ރަނގަޅު ވާހަކަ،" މަންމަ އޮޅުން ފިލުވާދިނެވެ. "އަޅެ ބުނެބަލަ އަހަރެން ތިން ކުދިން ބަލައި ބޮޑު ކުރި އިރު ދުވަހަކު ވެސް ނިމާލު އެ އުޅުނު ގޮތަށް ކުދީންގެ ކަމެއް ގާސިމު ކޮށްދީ އުޅުނިންތަ؟"
"މަންމަ ތިބުނަނީ ބައްޕައަކީ ގޯސް މީހެކޭތަ؟" އަހަރެން ބަލައިލީ ބައްޕަގެ މޫނަށެވެ.
"އަހަރެން އެހެންނެއް ނުބުނަން. އަދި ބައްޕައަކީ ގޯސް މީހެކޭ ހިތަށް ވެސް ނާރަ. އަހަރެން މި ބުނަނީ ނިމާލަކީ ގޯސް މީހެއް ނޫނޭ. މި ޒަމަނާކު ނިމާލު ކަހަލަ ހެޔޮ ލަފާ ފިރިއަކު ނުލިބޭނޭ." އަހަރެން ވާހަކަ ނުނިމެނީސް މަންމަ ފެށިއެވެ.
"ދަރިފުޅާ މަންމަ އެ ދައްކަނީ ހެޔޮ ވާހަކައެއް." ބައްޕަގެ ޖަވާބު ކުރުވެފައި ސީދަލެވެ.
އަހަރެން އޮތީ އެނދުގަ އެވެ. ނިދި ނައިސްގެން ދެ ފަރާތަށް ހޭކިހޭކި އެވެ. އޭރު ވެސް ނޭވާ ވަނީ ކުރުވެފަ އެވެ. މީހާ ވަނީ ދާ ހިތްލާ ފޯވާން ކައިރިވެފައެވެ. އޭސީގެ ރިމޯޓު ނަގައި ފިނިހެޔޮ ކޮށްލީމެވެ. އެވަރުން ވެސް އަހަންނަށް ފިނިކަމުގެ އިހުސާސް ކުރެވޭ ވަރެއް ނުވި އެވެ. މަޑުމަޑުން އެނދުން ތެދުވެ ބޭރަށް ނުކުތީމެވެ. އުނަގަނޑުގައި ދެއަތް ވިއްދައިލައިގެން ލަސްލަހުން ފިޔަވަޅު އަޅަމުންނެވެ.
ބަރުފިޔަވަޅު ތަކެއް އަޅަމުން ބޭރަށް ނުކުމެލީމެވެ. އޭރު މާނޭވާ ލެވޭވަރުވިއެވެ. ކޮޓަރި ތެރެއިން ފޯނު ރަނގަބީލުވާ އަޑު އިވެން ފެށިއެވެ. ހުއްޓެމުން ހުއްޓެމުން ކަހަލަ ގޮތަކަށް ފޯނާ ހަމައަށް ދެވުނު އިރު، ފޯނު ކެނޑިއްޖެއެވެ. ގުޅީ ނިމާލެވެ. ތިންފަހަރު ގުޅައިފައި އޮތްތަން ފެނުނެވެ. އަހަރެން ފޯނު ނަގައި ނިމާލަށް ގުޅައިލީމެވެ.
"ނިދަނީތަ؟" ފޯނު ނެގި އިރަށް ނިމާލު އަހައިލިއެވެ.
"ނިމާލަށް ރަނގަޅަށް އެނގޭނެ އަހަންނަށް ނުނިދޭނެ ކަން." މާނޭވާ ލަމުން އަހަރެން ބުނެލީމެވެ.
"ވަރުބަލިވެފަ؟" ނިމާލުގެ ސުވާލު އަހަންނަށް ސާފުވި އެވެ.
"ނުނިދިގެން ހަމަ ހިނގައިލަނީ،" އަހަރެން އެނދުގައި އިށީނދެލީމެވެ. "ހަމަ ނިދި ނައިސްގެން. ނިމާލަކަށް ނޭނގޭނެ މިވާ އުނދަގޫތަކެއް. އިހުސާސް ކުރަމޭ ބުނާނީ. އެކަމު ކިހިނެއް އިހުސާސްކުރާނީ. ފިރިހެނުން ނިކަން ފަސޭހައިން ބުނެލާނެ ތިމަންނާ އަށް އިހުސާސްވެޔޭ. އިހްސާސް ކުރެވެޔޭ. ފިރިހެނުންނަށް މި ވޭން އުފުލަން ޖެހޭ ނަމަ އެނގޭނީ މީގައި ހުރި ބުރަދަން."
"ޒާރާ ނިދީތަ؟ މަންމަމެން ނާދޭތަ؟" ނިމާލު މައުޟޫއު ބަދަލުކޮށްލިއެވެ.
"ނިމާލަކީ ކުޑަ ކުއްޖެއްތަ؟ ޒާރާ ނިދާނެ އިރާ ޒާރާ ހޭލާނެ އިރު އެންމެ ރަނގަޅަށް އެނގޭނީ ވެސް ނިމާލަށް،"
ފޫހިވެފައިވާ ރާގެއައިގައި އަހަންނަށް ބުނެލެވުނެވެ. "ތި މަންމަގެ ރަންދަރިއެއްނު. މަންމަގެ ވާހަކަ ދައްކަނީ. އާނ އެހެންޏަ މަ މީ އުފަންދަރި. މަ ދިފާއު ނުކުރާ ވަރަށް ނިމާލުގެ ދިފާއުގައި މަންމައާ ބައްޕަ ނުކުންނާނެ. ހީވާނި މި އެ މީހުންގެ ލެޔޭ. އެމީހުންގެ ދަރިއަކީ ނިމާލޭ. އަބަދު ތިބޭނީ ނިމާލުވެފަ."
"ރާމީ!" ނިމާލު ހުއްޓައިލިއެވެ.
"މީ ހަމަ ހަގީގަތޭ."
"ރާމީ ތަންކޮޅެއް ހަމަޖެހިލައިގެން ވާހަކަދައްކަބަލަ. މިހާ ބުރަކޮށް އުޅެފަ ލިބޭ ހުސްވަގުތުކޮޅު ހަމަ ގުޅައިލާ އިރަށް ޝަކުވާ ނުކޮށްބަލަ." ނިމާލު އެއް ނޭވާއިން ބުނެލިއެވެ.
"ނިމާލަށް އަބަދުވެސް ގޯސްވާނީ އަހަރެން. އަހަންނަށް މި ކުރެވޭ އިހުސާސްތަކާ މި އަޅާ ވޭންތައް ދެން ކާކަށްތަ ކިޔައިދޭންވީ؟ ކާކުތަ އަހަރެންގެ ވަކީން ހުރީ؟" މާނޭވާ ލަމުން، ހުއްޓަމުން ހުއްޓަމުން ކަހަލަ ގޮތަކަށް އަހަރެން ބުނެލީމެވެ. "އަހަރެން ހުރެފާނަށް ދުވަހަކު ވެސް ވާހަކަ ނުދައްކާ. ފޯނުކޮށްލާއިރަށް އާނހޫން އަޅުވައިލަ އަޅުވާލާ. އާދެ އާދެ ކިޔައިލަ ކިޔައިލާ."
އެރޭ ވެސް ހުރިހާ ކަމެއް ނިމިގެން ދިޔައީ އެކަހަލަ ގޮތަކަށެވެ. މިއީ އަހަރުމެންގެ އާއްމު ހާލަތެވެ. ނިމާލުގެ ކުރު ޖަވާބުތަކާއި އޭނާގެ ވާހަކަ ހުންނަ ގޮތުން އަހަންނަށް ވާހަކަދައްކަން ފަސޭހައެއް ނުވެއެވެ. އަބަދުވެސް ކުރެވެނީ ޝަކުވާއެވެ.
ވިހަންދެން އަހަންނަށް އުޅެން ޖެހުނީ އެކަހަލަ ހާލެއްގައެވެ. ވިހެއުމުގެ ހުރިހާ ކަމެއް ހަމައަކަށް އެޅުނެވެ. ނަމަވެސް، ނިދީގެ ކަންކަން ހަމައަކަށް އެޅޭ ގޮތެއް ނުވިއެވެ. ވަރުބަލިކަން ކެނޑޭ ގޮތެއް ނުވިއެވެ. އަބަދުވެސް ހުންނަނީ މަތި ނޭވަޔަށް އަރާފައެވެ. އަހަރެން ހީކުރީ ޒީނާ ކުޑަވުމުން ދިމާވާ އުނދަގުލާ ހެދި ނިދޭ ގޮތް ނުވަނީ ކަމަށެވެ. ޒީނާ އިރުއިރުކޮޅާ ހޭލާތީ ވާގޮތެއް ކަމަށެވެ.. އަބަދު އުޅެން ޖެހެނީ އޭނާ މަސަލަސް ކުރެވޭތޯއެވެ. ހަމަ ނިދި ނުލިބި އެގޮތް މިގޮތަށް އުޅެން ޖެހުމުގެ ސަބަބުން އަހަރެންގެ ހަށިގަނޑަށް އެކަން އިހުސާސް ކުރެވެމުން ދިޔައެވެ. މީހާ އަނަރޫފަވެ ހިކެމުން ދިޔައެވެ. ޒީނާއަށް އަހަރެއްވީއިރު އަހަރެންގެ ބަރުދަށް ތިރީހަށް ވެއްޓުނެވެ.
އަހަންނަށް އަންނަމުން ދިޔަ ކުއްލި ބަދަލުތަކާއި ނިދަން އުނދަގޫވާ ގޮތް ވުމުން ޑޮކުޓަރަށް ދައްކަން މަންމަމެން ކިޔަންފެށިއެވެ. ކާހިތްނުވެ މީހާ ގަބުވެފައި ހުރެވޭތީ ނަފުސާނީ މައްސަލައެއް އުޅޭކަމަށް އެމީހުން ގަބޫލުކުރަން ފެށިއެވެ. ނަމަވެސް، ކޮންމެ ފަހަރަކު ވެސް ދެ ކޮޅު ހަދަނީ އަހަންނެވެ. އަހަންނަށް ވެސް ވިސްނުނީ އެއީ ޒީނާ ކުޑަވުމުން ދިމާވާ ކަމެއް ކަމުގައެވެ. ނިމާލާއި މަންމަ އެތައް ފަހަރަކު ޑޮކުޓަރަށް ދައްކަން އެދުނެވެ. އަހަންނަށް އޮޅުވާލައިގެން މަންމަމެން އަހަރެން މާލެ ވެސް ގެންދިޔައެވެ. ނަމަވެސް، އަހަރެން އިންކާރު ކުރީއެވެ.
އެންމެ ފަހުން އަހަރެންގެ ވިސްނުން ބަދަލު ކުރާން ނިންމީމެވެ. އޭރު ޒީނާގެ އުމުރުން ތިން އަހަރު ވެދާނެއެވެ. އިތުރަށް އުނދަގޫވާން ފެށުމުންނެވެ. ބައެއް ފަހަރު އެއްގޮތަކަށް ވެސް ނިދައި ނުލެވޭތީއެވެ. ނިދުނަސް އިރުއިރުކޮޅާ ހޭލެވޭތީއެވެ. އެކަން ބޮޑު ބައްޔަކަށް ވާން ފެށުމުންނެވެ.
ޑޮކުޓަރަށް ދެއްކުމުން ވެސް އަހަންނަކަށް މާ ބޮޑުއެއްޗެއް ނޭގުނެވެ. ޑޮކުޓަރު ވެސް މާގިނަ ވާހަކައެއް އަހަންނަކާ ނުދައްކައެވެ. ސާފުކޮށް އަހަރެން ގާތު ހުރިހާ ވާހަކައެއް ކިޔައެއް ނުދިނެވެ. ބުނިހާ ވެސް ވާހަކައަކީ "އިންސޮމްނިއާ"އެވެ. އަހަރެން ބޭރަށް ނެރުމަށްފަހު ވަކިން ބައިންދައިގެން ނިމާލަށް ވަރަށް ގިނައިރު ވަންދެން ޑޮކުޓަރު ވާހަކަދެއްކިއެވެ.
ޑޮކުޓަރު ދެއްކި ވާހަކަތަކާ ގުޅޭ ގޮތުން ނިމާލާ ސުވާލު ކުރުމުން ވެސް އޭނާ މާގިނަ ވާހަކައެއް ނުދައްކައެވެ. ދެނީ ކުރުކުރު ޖަވާބުތަކެކެވެ. އަހަންނަށް ފާހަގަވި އެހެން ކަމެއް އޮތެވެ. ނިމާލުގެ އުޅުމަށް ބަދަލުތަކެއް އައި ކަމެވެ. ކުރިން ކަންކަން ހިއްސާ ނުކުރާ ވަރަށް އޭނާ ކަންކަން ހިއްސާކުރާކަމެވެ. އަހަރެން ދައްކާ ވާހަކައާ ދެކޮޅަށް އޭނާ ވާހަކަ ނުދައްކާ ކަމެވެ. ހިޔާލު ތަފާތުވާ ކަންކަމުގައި އަވަހަށް މައުޟޫއު ބަދަލުކޮށްލާކަމެވެ.
"ބޭހަކީ ހުރިހާ ކަމެއްގެ ހައްލެއް ނޫން. ކަންކަމުން ނުކުންނަން ހިތްވަރު ކުރަންވާނެ." އެ ވާހަކަ ފަށާއިރަށް ނިމާލު މައުޟޫއު ބަންދުކޮށްލަނީ މި ޖުމުލައިންނެވެ.
އެންމެ ފަހުން އަހަރެން އަމިއްލައަށް ވިސްނީމެވެ. ތަކުރާރުކޮށް ވިސްނީމެވެ. ނިމާލުގެ ހަރަކާތްތަކަށެވެ. އޭނާގެ މިޒާޖަށެވެ. އެއްވެސް ނުކިއްސަރު ޖަވާބެއް ނުލިބެއެވެ. ހިނދުރީގައި ގުގުމައިލީ ޑޮކުޓަރު ބުނެދިން ލަފުޒެވެ. "އިންސޮމްނިއާ" އެވެ.
ފޯނު ނަގައި ގޫގުލްގައި ލިޔެލީމެވެ. ޖަވާބު ލިބުނެވެ. ދިމާވެގެން މިއުޅޭ ކަންތަކާއި ފެނުނު ލިޔުންތަކުގައި ހުރި ކަންކަމާ ގުޅޭތީއެވެ. އާއެކެވެ. އަހަންނަށް މިއުޅެނީ ހަމަ ނިދި ނުލިބިގެންނެވެ. ނިދައިލުމުން ލިބެން ޖެހޭ ހިތްހަމަ ޖެހުމާއި އަރާމު ނުލިބޭތީއެވެ. ހޭލައި އިރަށް ވަރުބަލިކަމާއި ލޮޑުކަން އިހުސާސް ކުރެވޭތީއެވެ. ގަދަކަމުން ނޫނީ ނުނިދޭތީއެވެ. ރެޔަކު ދެގަޑި އިރު ވެސް ފުރިހަމައަށް ނިދައި ނުލެވޭތާ ހަތަރު ވަރަކަށް އަހަރުވީއެވެ.
މިހެން މިވީ ކީއްވެ ހެއްޔެވެ؟ ހިތައިހިތައި ސުވާލުކޮށްލެވުނެވެ. އަހަރެންގެ އިނގިލިތަކުން ތަރުޖަމާ ކުރެވެމުން ދިޔައީ ހިތުގެ ވާހަކަތަކެވެ. ޖަވާބު ފެންނަމުން ދިޔައީ ފޯނުގެ ސުކުރީނުންނެވެ.
ދަތުރުކުރުމާއި ނިދަން ކައިރިވެފައި ހުއްޓާ ކެއުމާއި އެކަމަށް އާދަވުމާއި ސިކުނޑިއަށް ލިބޭ ގެއްލުންތަކާއި މަސްތުވާތަކެތި ބޭނުން ކުރުން ފަދަ ކަންކަމަކީ އިންސޮމްނިއާއަށް މަގުފަހިވެދާނެ ކަންކަންކަމުގައި އެނގުނެވެ. ދެން އަހަންނަށް މިކަން މި ދިމާވަނީ ކީއްވެ ހެއްޔެވެ؟ އަހަންނަކީ އެކަހަލަ ކަމެއް ކުރާ މީހެއް ނޫނެވެ. ޖަވާބު ލިބުނެވެ.
"މާބޮޑަށް ހާސްވެ ކަންބޮޑުވުމާއި، ހޯމޯންތައް އިންބެލެންސް ވުމާއި، މާބަނޑުވުމުން ކުރިމަތިވާ ކަންކަމުން އުފެދޭ ނުތަނަވަސް ކަމުގެ ސަބަބުން ވެސް މިހެން ދިމާވެދާނެ." އަހަންނަށް ކިޔައިލެވުނެވެ.
އަހަރެން ބޭނުންވީ ސީދާ ނިމާލާ އެ މައުޟޫއުގައި ވާހަކަދައްކާށެވެ.
"އަހަރެން ރަނގަޅުވާނެތަ؟" ނިމާލު ފޯނު ނެގި އިރަށް އަހަރެން ބުނެލީމެވެ.
"އަމިއްލައަށް ފިކުރުތަކާ ދުރުވާންވީ، ހާސްވާން ޖެހޭ ކަންކަމާ ދުރުހެލިވާންވީ." ނިމާލު ޖަވާބު ދިނެވެ.
ގޭތެރެއަށް ވަދެގެން އައި ވައިރޯޅީގެ ފިނިފިނި ވައިތައް މޫނަށް އެޅުނެވެ. ސިހިފައި ލޯ ހުޅުވާލެވުނެވެ. އަހަންނަށް ފުން ނޭވާއެއް ދޫކޮށްލެވުނެވެ. ހިޔާލުތަކުން ބުރަވެފައިވާ ސިކުނޑިއަށް ލުއިކަމެއް ލިބުނެވެ. ފޯނު ނިއްވާލެވުނު ހަނދާންވީދެނެވެ. އަވަސް އަވަހަށް ކޮޓަރިއާ ދިމާއަށް ދުއްވާގެނެވުނެވެ.
"ސޮރީ!" ފޯނު ކަންފަތުގައި ޖައްސާލަމުން އަހަންނަށް ބުނެލެވުނެވެ.
ނިމާލު އެއްޗެކޭ ނުބުނެއެވެ.
"ދެން ވާހަކަދައްކަބަލަ." އަހަރެން އަނެއްކާ ވެސް ފެށީމެވެ.
"ރާމިޒާ! އަހަރެން ހުރިހާ ކަމެއް މި ކުރަނީ ރާމިޒާއަށް ޓަކައި، އަހަރުމެންގެ ދެ ކުދިންނަށް ޓަކައި. އާއިލާއަށް ޓަކައި." ނިމާލު މަޑުމައިތިރި ކަމާއެކު ބުނެލިއެވެ.
"އަހަންނަށް އެކަން އެނގޭ. އެކަމު ބައެއް ފަހަރު އުނދަގޫ ވަނީ. ގޯސްކޮށް ވިސްނެނީ. އެހެންވެ ފިކުރު ބޮޑުވަނީ. ނިމާލާ މެދު ވިސްނެނީ. ނިމާލު ގެއްލި ދާނެތީ ކަންބޮޑު ވަނީ." އެއްފަހަރާ އަހަރެން އަމުނައިލީމެވެ.
"އަހަންނަށް ތިކަން އެނގޭ. ތިކަން ވިސްނޭ. ރާމިޒާ އަހަރެން ދެކެ ވަރަށް ލޯބިވާކަން އިހުސާސްވޭ." ނިމާލު ފުން ނޭވާއެއް ދޫކޮށްލިއެވެ.
"އެކަމަކު އަހަރެން ކުރަނީ ޝަކުވާއެއް ނޫންތަ؟" އަހަންނަށް ބުނެވުނެވެ.
"ޝަކުވާއަކީ ލޯބި. އެއީ ލޯބީގެ ޝަކުވާ. ލޯބިވާތީ ކުރާ ޝަކުވާ." ނިމާލު ހޭންފެށިއެވެ.
"އަހަރެން ގަބޫލު. ހުރިހާ ކަމެއް ހަމަޖައްސާ." އަހަރެން މައުޟޫއު ބަދަލުކޮށްލީމެވެ.
ނިމާލު އަހަންނަށް ގޮތެއް ނިންމަން ދިން މުއްދަތު ފަހަނައަޅާ ދިޔައިރު ވެސް އަހަންނަށް ގޮތެއް ނުނިމިގެން ކުރެވުނީ ހުސް ޝަކުވާއެކެވެ. ދިރިއުޅުން ލަންކާއަށް ބަދަލުކުރަން ނިމާލު ބޭނުންވުމުން އެކަމާ ވިސްނަން ބުނިތާ މިއަދަށް ދިހަ ދުވަސްވީއެވެ. އަހަރެން ހަމަ ގޮތް ދޫކުރަން ބޭނުން ނުވީއެވެ. ހިތަށް ވަހުމު ވަންނަ ވަރުންނެވެ.
"އަހަރެން ވެސް އާއިލާއާއެކު އެކޮޅުގައި ހުރެވޭ ގޮތް ވެއްޖެ،" ނިމާލު ދިނީ އުފާވެރި ޖަވާބެކެވެ. "ކުންފުނީގެ ލަންކާ އޮފީހުގައި މަސައްކަތް ކުރެވޭ ގޮތަށް ހަމަޖެހިއްޖެ. އޭރުން އަހަންނަށް ރާމިޒާއާ އެކު އަބަދު އުޅެވޭނެއްނު. ރާމިޒާގެ ޝާކުވާއަކީ އެއީނު."
"ދެން އަހަރެންގެ ބަލި ގަނޑޯ." އަހަންނަށް ވިސްނައި ނުލައި ބުނެލެވުނެވެ.
"ހައްލުވާނެ. ހުރިހާ ވެސް މައްސަލައަކީ އަހަންނާ ދުރުގައި ހުންނަން ޖެހުމެއްނު. އެއީނު ވިސްނޭ ވިސްނުމަކީ. ކުރެވޭ ކުށްހީއަކީ. ހަމަނިދި ނުލިބެނީ އެހެންވީމައެއްނު. ބޭސް ނުކެޔަސް އިރާދަ ކުރެއްވިއްޔާ ދެން ހަމަ ނިދި ލިބޭނެ. ރަނގަޅަށް ނިދައިލެވޭނެ." ނިމާލުގެ ރާގު ބަދަލުވިހެން ހީވިއެވެ.
އަހަންނަށް ހިތްހަމަ ޖެހުމުގެ ނޭވާއެއް ދޫކޮށްލެވުނެވެ. ފުންކޮށް ވިސްނައިލެވުނެވެ. ދިރިއުޅުމުގެ ކަންކަމާ މެދުގައެވެ. މާނައެއް ނެތް ގޮތެއްގައި ކުރެވުނު ޝަކުވާތަކާ މެދުގައެވެ. ނިމާލު އެބުނީ ތެދެކެވެ. އެއީ ޝަކުވާއެވެ. އަހަންނަށް އެއީ މާނައެއް ނެތް އެއްޗެއް ކަމަށް ވިސްނުނީއެވެ. ނަމަވެސް އެއީ، މާނައެއް ހުރި ޝަކުވާތަކެކެވެ. ލޯބިވާތީ ކުރެވުނު ޝަކުވާތަކެކެވެ. ގާތުގައިވާން އެދެވޭތީ ކުރެވުނު ޝަކުވާތަކެކެވެ. އެކަމަކު މިހެން ކުރެވޭ ޝަކުވާތައް އެކި މީހުންނަށް މާނަ ކުރެވެނީ އެކި ގޮތަށެވެ. އެކި މީހުންނަށް ވިސްނެނީ އެކި ގޮތަށެވެ. ނިމާލުގެ ތަފާތަކީ އެއީއެވެ. (ނިމުނީ)