ސްރީލަންކާގެ މޫސުމާބެހެ އިދާރާއިން ކުރިއަށް އޮތް 12 ގަޑިއިރަށް ރެޑް އެލާޓް ނެރެފި އެވެ. އެހެންވެ، ސަލާމަތާއި ރައްކާތެރިކަން އިތުރުކުރުމުގެ ގޮތުން ލަންކާގައި މިވަގުތު ތިބި ދިވެހިން ގެއިން ނުނުކުމެ ތިބުމަށް ރާއްޖެއިން ލަންކާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު މުހައްމަދު ހުސެން ޝަރީފް (މުންދު) ވަނީ އިލްތިމާސްކުރައްވާފަ އެވެ.
މުންދު ފޭސްބުކްގައި މިރޭ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ގެއިން ނުކުންނަން ޖެހިއްޖެ ހާލަތެއްގައި ނޫނީ ގެއިން ނުނުކުތުމަށާއި، ވައިގަދަވުމުން އަދި މޫސުން ގޯސްވުމުން ލިބިދާނެ ގެއްލުންތަކުން ރައްކާތެރިވުމަށް އެޅެން ހުރި ފިޔަވަޅުތައް އެޅުމަށެވެ. އަދި ލޯ ޕްރެޝަރުގައި އުފެދިފަ ހުރި އެ ކޮޅިގަނޑު މިހާރު ޕްރެޝަރަށް ބަދަލުވެފައިވާ ކަމަށާއި އެމަޖެންސީ ހާލަތެއް މެދުވެރިވެއްޖެނަމަ ލަންކާގަ ހުންނަ ރާއްޖޭގެ އެމްބަސީއަށް ގުޅުމަށް ވަނީ އިލްތިމާސްކުރައްވާފަ އެވެ.
އެ ކޮޅިގަނޑުގެ އަސަރު ވެރިރަށް ކޮލަމްބޯއަށާއި ކޮލަމްބޯގެ ކައިރީގައިވާ އަވަށްތަަކަށް ކުރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
ލަންކާގެ ކައިރީގައި މިހާރު އުފެދިފައިވާ ކޮޅިގަނޑުގެ ސަބަބުން ކުރިއަށް އޮތް 24 ގަޑިއިރަށް އެގައުމަށްވަނީ ރެޑް އެލާޓް ނެރެފަ އެވެ. ލަންކާގެ މޫސުމާބެހޭ އިދާރާއިން ބުނެފައިވަނީ ކޮޅިގަނޑުގެ ބާރު އަދިވެސް އިތުރަށް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި ބޯކޮށް ވާރޭވެހި ގާތްގަނޑަކަށް 60-70 މޭލުގެ ބާރު މިނުގައި ވައިޖެހި ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި ކޮޅިގަނޑުގެ ބާރު ގަދަވާ ވަގުތުތަކުގެ ގަޑިއަކު 70 މޭލާ 80 މޭލާ ދެމެދުގެ ބާރުމިނެއްގައި ވައިޖެހޭނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.
މީގެ އިތުރުން ލަންކާގެ ދެކުނު ޕްރޮވިންސަށާއި މެދުތެރޭގެ ޕްރޮވިންސަށާއި އުވަ ޕްރޮވިންސް އަދި ހުޅަނގު ޕްރޮވިންސަށް 150 މިލިމީޓަރުގެ ވާރޭ ވެހޭނެ ކަމަށާއި އެހެން ސަރަހައްދުތަކަށް 100 މިލިމީޓަރުގެ ވާރޭ ވެހޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
ލަންކާ ކައިރީގައި އުފެދިފައިވާ އެ ކޮޅިގަނޑުގެ އަސަރު ރާއްޖެއަށް ކުރާނެ ކަމަށްވެސް ވަނީ ލަފާކޮށްފަ އެވެ.