ޒުވާން ޓީމަކާއެކު މެޗަށް ނިކުތް ކުލަބު އީގަލްސްގެ މައްޗަށް 5-1 ގެ ނަތީޖާއަކުން ކާމިޔާބު ހޯދައި ނިއުރޭޑިއަންޓް އެފްއޭ ކަޕްގެ ސެމީފައިނަލަށް ދަތުރު ކޮށްފި އެވެ.
އެފްއޭ ކަޕަށް އީގަލްސް ނިކުތީ 21 އަހަރުން ދަށުގެ ޓީމަކާ އެކު އެވެ. މެޗުގައި ޓީމަށް އިރުޝާދު ދިން އީގަލްސްގެ އެސިސްޓެންޓް ކޯޗް އަހްމަދު ޝާކިރު (ޝާކިއްޓޭ) ބުނީ ނިއުރޭޑިއަންޓްގެ ޓީމާއި އީގަލްސްގެ އެ ޓީމާ އަޅާ ނުކިޔޭނެ ކަމަށެވެ.
ނަމަވެސް ކުޅުންތެރިން ދެއްކި ކުޅުމުން ޕޮސެޓިވް ޖަވާބުތަކެއް ލިބިގެން ދިޔަ ކަމަށް އޭނާ ބުންޏެވެ. އީގަލްސްގެ އެ ޓީމުން ތައްޔާރު ވަމުން ދަނީ، އަންނަ މަހު ބޭއްވުމަށް ހަމަޖެހިފައިވާ އެފްއޭއެމް ޔޫތު ޗެމްޕިއަންޝިޕަށެވެ.
ނިއުގެ ކޯޗް އޮސްކާ ބުރުޒޮން ވެސް މެޗުގައި މުހިންމު ކުޅުންތެރިންނަށް ރެސްޓް ދިނެވެ. އަދި އޭނާ ވަނީ ލީގްގައި މަދު މެޗުތައް ލިބުނު ބައެއް ކުޅުންތެރިންނަށް މެޗުގައި ކުޅެން ފުރުސަތު ދީފަ އެވެ.
މެޗުގައި، ނިއު އިން ޖެހި ފަސް ލަނޑުގެ ތެރެއިން ދެ ލަނޑު ކާމިޔާބު ކުރީ ބިދޭސީ ޑިފެންޑަރު ހުސައިން އެލް ޑޯރު އެވެ. ނިއުގެ ފުރަތަމަ ލަނޑު ކާމިޔާބު ކުރީ ހަމްޒާ މުހައްމަދެވެ. އޭގެ 10 ވަރަކަށް މިނެޓް ފަހުން އެލް ޑޯރު ވަނީ ނިއުގެ ދެ ވަނަ ލަނޑު ކާމިޔާބު ކޮށްފަ އެވެ.
އީގަލްސްއިން ވެސް ވަނީ މެޗުގެ ފުރަތަމަ ހާފުގައި، ލަނޑު ޖަހާފަ އެވެ. ނިއުގެ ކީޕަރު އިމްރާން މުހައްމަދު ކައިރިން ނައްޓާލުމަށް ފަހު، ލަނޑު ކާމިޔާބު ކުރީ މުސައްނިފް އެވެ.
ދެ ވަނަ ހާފުގައި ނިއުގެ ލަނޑުތައް ކާމިޔާބު ކުރީ، ހަސަން އަދުހަމް (ސަޑޭ) އާއި އަލްޑޯރުގެ އިތުރުން އިބްރާހިމް ފަޒީލް (އޮއްޕޮ) އެވެ.
ދެ ވަނަ ސެމީ ފައިނަލުގައި، ނިއު އާ ދެކޮޅަށް ކުޅެން ޖެހޭނީ، ހަވީރު ގްރީން ސްޓްރީޓް އާއި ކޮންފެއާ ސްޕޯޓްސް ކުޅޭ މެޗުން މޮޅުވާ ޓީމެކެވެ. ސެމީގެ ދެ ވަނަ މެޗު އޮންނާނީ އަންނަ އާދިއްތަ ދުވަހުގެ ރޭ ގައެވެ. އޭގެ ކުރިން ހޮނިހިރު ދުވަހުގެ ރޭ ސެމީގެ ފުރަތަމަ މެޗު އޮންނާނެ އެވެ. ސެމީގެ ފުރަތަމަ މެޗުގައި ނިކުންނާނީ ޓީސީ އާއި މާޒިޔާ އެވެ.