ހަބަރު

ދެކުނުގެ އަތޮޅުތަކަށް ވައިގަދަ، ސަމާލުވޭ!

އައްޑޫ އަދި ހުވަދޫ އަތޮޅަށް މޫސުން ގޯސްވެ ގަޑިއަކުން 50 މޭލަށް ވައިގަދަ ވާނެ ކަމަށް ލަފާކުރެވޭ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ، މީޓޮރޮލޮޖިކަލް ސާވިސްއިން ބުނެފި އެވެ. މެޓުން ބުނީ މިރޭ 12:30 އިން ފެށިގެން ހެނދުނު 6:30އާ ދެމެދު އެ ދެ އަތޮޅަށް މޫސުން ގޯސްވެ 50 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

އެވްރެޖް ގޮތެއްގައައި ވައި ޖެހޭނެ ކަމަށް ލަފާކޮށްފައިވަނީ ގަޑިއަކު 23 މޭލާ 29 މޭލާ ދެމެދުގެ ބާރުމިނެއްގަ އެވެ. މެޓުން ވަނީ އެ ދެ އަަތޮޅަށް ވައިޓް އެލާޓްވެސް ނެރެފަ އެވެ.

ސްރީލަންކާގެ ކައިރީގައި މިއަދު އުފެދިފައިވާ ކޮޅިގަނޑުގެ އަސަރު ރާއްޖެއަށް ކުރާނެ ކަމަށް ލަފާކުރެވޭ ކަމަށް މެޓުން ވަނީ ބުނެފަ އެވެ. އެ ކޮޅިގަނޑު ހއ. އަދި ހދ. އަތޮޅުގެ އުތުރުން ރާއްޖޭގެ ހުޅަނގު އުތުރަށް ދަތުރުކުރަމުންދާ އިރު ދޭތެރެ ދޭތެރެއިން ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި ކަނޑުގަދަވެސް ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައިގަދަ ވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

މެޓް އޮފީހުން ބުނީ މިއަދާ މާދަމާވެސް ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކޮށް ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކުރެވޭ ކަަމަށެވެ. މެދުތެރެއާއި ދެކުނުގެ އަތޮޅުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 13 މޭލާ 23 މޭލާ ދެމެދުގެ ބާރުމިނުގައި އަދި އެހެން ހިސާބުތަކަށް ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު ފަސް މޭލާ 15 މޭލާ ދެމެދު ބާރުމިނުގައި ވައިޖެހޭނެ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައިގަދަ ވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

އަދި މެދުތެރެއާއި ދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށާއި އެހެން ހިސާބުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވެފައި ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަވާނެ ކަމަށެވެ.