ހަބަރު

މިނިވަން ވިޔަފާރި އެއްބަސްވުމުން ފައިދާ ބޮޑީ ޗައިނާއަށް: ނަޝީދު

ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ އެންމެ ފަހު ޖަލްސާގައި ރޭ ފާސްކޮށްފައިވާ ޗައިނާ އާ ރާއްޖެ އާ ދެމެދު މިނިވަން ވިޔަފާރީގެ އެއްބަސްވުމުން ފައިދާ ބޮޑީ ޗައިނާއަށް ކަމަށް ވިދާޅުވެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

ރައީސް ނަޝީދު ރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ އެފަދަ އެއްބަސްވުމެއްގައި ބޮޑަށް ސަމާލުކަން ދޭން ޖެހޭނީ ރާއްޖެއަށާ ދިވެހިންނަށް ލިބޭނެ ގޮތަކަށް ކަމަށެވެ.

ނަމަވެސް، ޗައިނާ އަށް ފައިދާ ބޮޑުވާ ސަބަބެއް ނަޝީދު ވިދާޅެއް ނުވެ އެވެ.

"ރާއްޖެ އާ ޗައިނާ އާ ދެމެދުވެފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގައިވަ ގޮތުން ފައިދާ ބޮޑުވަނީ ޗައިނާއަށް، އެކަމަކު އެފަދަ އެއްބަސްވުމެއްގައި ދިވެހިންނަށް ފައިދާ ބޮޑު ގޮތަކަށް އިސްކަން ދޭން ޖެހޭ،" ނަޝީދުގެ ޓުވީޓުގައި ވިދާޅުވެފައިވެ އެވެ.

އެ އެއްބަސްވުން ރޭ މަޖިލީހުން ފާސްކޮސްފައިވަނީ ޖަލްސާގައި ބައިވެރިވި 30 މެންބަރުންގެ އިއްތިފާގުންނެވެ. މިނިވަން ވިޔަފާރީގެ އެއްބަސްވުމުގައިވާ ކަންކަން ތަންފީޒު ކުރެވޭނީ އެކަމަށް ބޭނުންވާ ގާނޫނީ އޮނިގަނޑު ހަމަޖެހިގެން ކަމަށާއި އަދި އެ ކަންކަން މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް މަޖިލީހަށް ފޮނުވާފައިވާ ސިޓީގައި ވިދާޅުވެފައިވެ އެވެ.

އެގޮތުން ފްރީޓްރޭޑް އެގްރީމަންޓް އެއްބަސްވުން ދިރާސާ ކުރި ގައުމީ ސަލާމަތުގެ ކޮމިޓީގެ މުގައްރިރު އިބްރާހިމް ރިޒާ ވިދާޅުވީ އެ ރިޕޯޓު ދިރާސާ ކުރީ ކަމާ ގުޅޭ ފަރާތްތަކާއި އިކޮނޮމިކް މިނިސްޓަރު ހާޒިރުކޮށް މުހިންމު މައުލޫމާތުތަކެއް ކުރުމަށް ފަހުގައި ކަމަށެވެ. އަދި ރަނގަޅަށް ދިރާސާ ކޮށްގެން ފާސްކޮށްފައިވާ ކަމަށާއި ނަމަވެސް އެންމެ މެންބަރަކު ވޯޓު ނުދޭން ނިންމި ކަމަށް ރިޒާ ވިދާޅުވި އެވެ.

އެ ރިޕޯޓަށް ބަހުސް ކުރައްވަމުން ގެމަނަފުށީ ދާއިރާގެ މެންބަރު ޖަމީލު އުސްމާން ވިދާޅުވީ 300 އެތަށް ބާވަތެއްގެ މަހުން އުފައްދާ ބާވަތްތައް ޗައިނާގައި ވިއްކޭނެ ގޮތް މަގުފަހިވެގެން ދާނެ ކަމަށެވެ. އަދި ޗައިނާގައި އޮފީސްތައް ހަދާ ފަތުރުވެރިކަން ޕްރޮމޯޓު ކުރުމަށް އިތުރު ފުރުސަތު ލިބޭ ކަމަށެވެ. އަދި ޑިޕޮސިޓަކާ ނުލާ ވިޔަފާރިތަކަށް ވަދެވޭނެ ގޮތް ވެސް ހަމަޖެހިގެން ދާނެ ކަމަށް ވެސް ޖަމީލު ވިދާޅުވި އެވެ.

"މިސާލަކަށް ކަލްޗަރަލް މެރީން ޓޫރިޒަމް ނުގެނެވޭނެ ސަބަބެއް ނެތް، މި އެއްބަސްވުމާ ގުޅިގެން އެ ފަދަ ފުރުސަތުތައް ލިބޭ މިއީ ސީދާ ރައްޔިިތުންގެ ޖީބަށްދާ އާންމްދަނީ، މި އެއްބަސްވުމުގެ ސަބަބުން ފަތުރުވެރިކަން ވެސް އިތުރު ވެސް ވާނެ،" ބަހުސް މަރުހަލާގައި ވާހަކަދެއްކެވި ހަމައެކަނި މެންބަރު ޖަމީލު ވިދާޅުވި އެވެ.

ޗައިނާއާއެކު މިނިވަން ވިޔަފާރީގެ މަޝްވަރާތައް ފަށާފައިވަނީ 2015 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 18 ވަނަ ދުވަހު އެވެ. މިނިވަން ވިޔަފާރީގެ މަޝްވަރާތައް ނިންމާލީ ސެޕްޓެމްބަރު މަހު 15 އަދި 16 ގައި ޗައިނާގެ ބެއިޖިންގައި ކުރިއަށް ގެންދިޔަ ބައްދަލުވުންތަކަކަށް ފަހުގަ އެވެ. އެ އެއްބަސްވުމުގެ ސަބަބުން ޗައިނާއަށް ވުރެ ރާއްޖެއަށް ލިބޭ ފައިދާތައް ގިނަވާނެ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.