ހަބަރު

މިނިވަން ވިޔަފާރީގެ އެއްބަސްވުމާ ގުޅިގެން އެމްޑީޕީ ކަންބޮޑުވެއްޖެ

ޗައިނާ އާއި ރާއްޖެ ދެމެދު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ގާއިމްކުރަން ރައްޔިތުން މަޖިލީހުން ރޭ ރުހުން ދިނުމުން އިދިކޮޅު އެމްޑީޕީ އިން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

އެމްޑީޕީން ރޭ ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ އެ އެއްބަސްވުން ފާސްކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް އަދި އާންމު ރައްޔިތުންނަށްވެސް އެ އެއްބަސްވުމާ ބެހޭ ތަފްސީލީ މައުލޫމާތު ހިއްސާނުކޮށް ކަމަށެވެ.

ކުއްލި ގޮތަކަށް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް އިއްޔެ އެޖެންޑާކޮށް އެ ޖަލްސާގައި އެ އެއްބަސްވުން ފާސްކުރަން ހުށަހަޅާ މަޖިލިސް ތަޅުމުގައި ބަހުސްކޮށްފައިވަނީ ތިން މިނެޓު ވަންދެން ކަމަށެވެ. އަދި ގައުމީ ސަލާމަތާ ބެހޭ ކޮމިޓީއަށް އެ އެއްބަސްވުން ފޮނުވުމަށްފަހު އެ ކޮމެޓީންވެސް އެ އެއްބަސްވުން ފާސްކޮށްފަވަނީ 10 މިނެޓަށްވުރެ ކުޑަ ވަގުތުކޮޅެއްގެ ތެރޭގަ ކަމަށެވެ.

އެ އެއްބަސްވުމުގައި ހުރި ޓެކްނިކަލް ޑީޓެއިލްސް ތަކަކީ ރަނގަޅަށް ބަލާ ރިވިއުކޮށް އަދި ވިޔަފާރިވެރިންގެ ތެރޭގައި މަޝްވަރާކޮށް ހިޔާލު ހޯދަންޖެހޭ ކަމަށެވެ. އެ އެއްބސްވުން ފާސްކޮށްފައިވަނީ ރޭގެ ޖަލްސާގައި ބައިވެރިވި 30 މެންބަރުންގެ އިއްތިފާގުންނެވެ. އެހެން ނަމަވެސް އެ އެއްބަސްވުން ފާސްވި ކަމަށް ނިންމޭނީ އެންމެ މަދުވެެގެން 45 މެންބަރުންގެ ވޯޓު ލިބިގެން ކަމަށެެވެ. އެހެން ކަމުން އެ އެއްބަސްވުން ފާސް ކުރި ކަމަށް ނުނިންމޭނެ ކަމަށެވެ.

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ނިންމާ އެފަދަ ނިންމުންތަކުގެ ސަބަބުން އިގްތިސޯދަށް ގެއްލުންވަމުން އަންނަ ކަމަށެވެ. އެ އެއްބަސްވުމާ ގުޅިގެން އާންމު ރައްޔިތުންނަށް އެއްވެސް މައުލޫމާތެއް ހިއްސާ ނުކުރުމުގެ އިތުރުން ވަޒީރުންގެ މަޖިލީހުގައިވެސް އެކަމާ ބެހޭގޮތުން މަަޝްވަރާކޮށްފައި ނުވާ ކަމަށެވެ.

އެ އެއްބަސްވުމުގެ ސަބަބުން ބޮޑަށް ފައިދާކުރާނީ ޗައިނާއަށް ކަމަށާއި އަދި އޭގެ ސަބަބުން ރާއްޖޭގެ ޑެފިސިޓް އިތުރުވެގެންދާނެ ކަމަށެވެ. އަދި އެ އެއްބަސްވުމަކީ ކުރު މުއްދަތެއްގެ ސިޔާސީ ބޭނުމަކަށް ނިންމާފައިވާ އެއްބަސްވުމެއް ކަމަށެވެ.

ޗައިނާއާއެކު މިނިވަން ވިޔަފާރީގެ މަޝްވަރާތައް ފަށާފައިވަނީ 2015 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 18 ވަނަ ދުވަހު އެވެ. މިނިވަން ވިޔަފާރީގެ މަޝްވަރާތައް ނިންމާލީ ސެޕްޓެމްބަރު މަހު 15 އަދި 16 ގައި ޗައިނާގެ ބެއިޖިންގައި ކުރިއަށް ގެންދިޔަ ބައްދަލުވުންތަކަކަށް ފަހުގަ އެވެ. އެ އެއްބަސްވުމުގެ ސަބަބުން ޗައިނާއަށް ވުރެ ރާއްޖެއަށް ލިބޭ ފައިދާތައް ގިނަވާނެ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.