މޫސުން

ބޮޑު ބަޔަކަށް މޫސުން ގޯސްވެ، ކަނޑު ދަތުރު ނުކުރަން އިލްތިމާސްކޮށްފި

މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރާގައި ރާއްޖޭގެ ބޮޑު ބަޔަކަށް އިތުރަށް މޫސުން ގޯސްވާނެ ކަމަށް ލަފާ ކޮށް ރާއްޖޭގެ މޫސުމާބެހޭ އިދާރާއިން ޔެލޯ އެލާޓް ނެރެފި އެވެ. ޔެލޯ އެލާޓް ނެރެނީ ކަނޑު ދަތުރުފަތުރު ނުކުރުމަށް އިލްތިމާސްކުރުމުގެ ގޮތުންނެވެ. އަދި ދިމާވެދާނެ ނުރައްކަލަކަށް ރައްކާތެރިކަމުގެ ފިޔަވަޅު އަޅައިގެން ތިބެން އެންގުމަށެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާ ނެޝަނަލް މީޓޮރޮލޮޖިކަލް ސެންޓަރުން ވަނީ މިއަދު މެންދުރު ފަހު 3:00 އަށް ހއ. އިން ފެށިގެން މ، އަތޮޅަށް ޔެލޯ އެލާޓް ނެރެފަ އެވެ. އަދި މޫސުން އިތުރަށް ގޯސްވެ ބޯކޮށް ވާރޭވެހި ގަޑިއަކު 55 މޭލަށް ވައިގަދަވާނެ ކަމަށް މެޓުން ވަނީ ލަފާކޮށްފަ އެވެ.

ސްރީލަންކާގެ ކައިރީގައި އިއްޔެ އުފެދިފައިވާ ކޮޅިގަނޑުގެ އަސަރު ރާއްޖެއަށް ކުރާނެ ކަމަށް ލަފާކުރެވޭ ކަމަށް ވެސް މެޓުން ވަނީ ބުނެފަ އެވެ.

މެޓް އޮފީހުން ބުނީ، މިއަދު ވެސް ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކޮށް ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކުރެވޭ ކަަމަށެވެ. މެދު ރާއްޖެ ތެރެއާ ދެކުނުގެ އަތޮޅު ތަކަށް ގަޑިއަކު 15 މޭލާ 25 މޭލާ ދެމެދުގެ ބާރުމިނުގައި އަދި އުތުރުގެ އަތޮޅުތަކަށް ގަޑިއަކު ހަތް މޭލާ 17 މޭލާ ދެމެދު ބާރުމިނުގައި ވައިޖެހޭނެ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މެލާ 50 މޭލަށް ވައިގަދަ ވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.