ހަބަރު

ވިއްސާރާގައި ދ. މީދުއަށް ގެއްލުންތައް ވެއްޖެ

މޫސުން ގޯސްވެ ރާއްޖޭގެ އެކި ހިސާބުތަކަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ދ. މީދޫއަށް ބޮޑެތި ގެއްލުންތަކެއް ވެއްޖެ އެވެ.

މީދޫ ސިއްހީ މަރުކަޒު ހިންގުމާ ހަވާލުވެ ހުންނެވި އަރޫޝާ އަބްދުލް ވާހިދު ވިދާޅުވީ ވާރޭވެހި އެ ރަށު މަގުތަކުގައި ފެން ހެދިފައިވާ ކަމަށާއި އެކަމުގެ ސަބަބުން މީހުން ދިރިއުޅޭ ގިނަ އަދަދެއްގެ ގެއަށް ގެއްލުން ލިބިފައިވާ ކަމަށެވެ.

"ރޭ 12 ޖެހި ފަހުން ވާރޭ ވެހެން ފެށީ، ވަރަށް ބޯކޮށް ވެހުނު، މެދު ނުކެނޑި ވާރޭ ވެހެމުން އައި ފަތިސް ވީއިރުވެސް ވަރަށް ބޯކޮށް ވެހުނު، ބައެއް މަގުތަކުގައި ކަކުލާ ހިސާބަށް ފެން ހެދިފަ، ހެނދުނު އަޅުގަނޑު ސިއްހީ މަރުކަޒަށް ދިޔައިރު އެތާ ގޯތި ތެރޭގައި ވެސް ކަކުލާ ހިސާބަށް ފެން ހެދިފަ ހުރީ،" އަރޫޝާ ވިދާޅުވި އެވެ.

އަރޫޝާ ވިދާޅުވީ މިވަގުތަށް ވާރޭވެހުން ހުއްޓާލާފަ އޮތް ނަމަވެސް މޫސުން ރަނގަޅު ނޫން ކަމަށެވެ. މީދޫގައި ފެން ބޮޑުވެ ގެއްލުންތަކެއް ލިބިފައިވާތީ އެމްއެންޑީއެފުން މިހާރު ދަނީ ހަރަކާތްތެރިވަމުންނެވެ. އަދި މަގުތަކުން ފެން ހިންދުމުގެ މަސައްކަތުގައި ރަށުގެ އާންމު ރައްޔިތުންވެސް ދަނީ ބައިވެރިވަމުންނެވެ.

ސްރީލަންކާގެ ކައިރީގައި އުފެދިފައިވާ ކޮޅިގަނޑުގެ އަސަރު ރާއްޖެއަށް ކުރާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ ލަފާކޮށްފަ އެވެ. އަދި މިހާރު ރާއްޖޭގެ ބޮޑު ބަޔަކަށް ވަނީ ޔެލޯ އެލާޓް ނެރެ ކަނޑު ދަތުރު ނުކުރަން އިލްތިމާސްކޮށްފަ އެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާ ނެޝަނަލް މީޓޮރޮލޮޖިކަލް ސެންޓަރުން ވަނީ މިއަދު މެންދުރު ފަހު 3:00 އަށް ހއ. އިން ފެށިގެން މ، އަތޮޅަށް ޔެލޯ އެލާޓް ނެރެފަ އެވެ. އަދި މޫސުން އިތުރަށް ގޯސްވެ ބޯކޮށް ވާރޭވެހި ގަޑިއަކު 55 މޭލަށް ވައިގަދަވާނެ ކަމަށް މެޓުން ވަނީ ލަފާކޮށްފަ އެވެ.