އަބަދު ވެސް ފެންނާނީ ޒުވާނުނާ އެކުގަ އެވެ. ޒުވާނުންގެ ހިދުމަތުގަ އެވެ. މިއީ ޒުވާނުންގެ ވިންދު އެނގޭ، ޒުވާނުންގެ އިހުސާތައް ދަންނަ "ޒުވާން" އެކެވެ. މަސައްކަތްތެރިކަމުގެ ރޮނގުން ވެސް މިސާލު ދެއްކި އެވެ. ސްކޫލްގައި އުޅުނުއި ވެސް ހުސް ވަގުތު ބޭކާރު ކުރުމުގެ ބަދަލުގައި އަމިއްލަ އަށް މަސައްކަތް ކުރި އެވެ. އެންމެ ކިޔަވަމުން މަސައްކަތް ކުރީ މާލެ އަށް މަޝްހޫރު "ވިސާކް" ސްޓޫޑިއޯގަ އެވެ. ފިލްމް ގޭގެ އަށް ގެންގޮސް ގެނެސް ދިނުމުގަ އެވެ. މިއީ ޒުވާނުންނާއި ކުޅިވަރު މިނިސްޓަރުގައި ޑެޕިއުޓީ މިނިސްޓަރުގެ މަގާމު މިހާރު ފުރުއްވަމުން ގެންދަވާ 36،އ. ގެ ނާއިފު ޝައުގަތުގެ ވާހަކަ އެވެ.
"އަބަދު ވެސް ވަަރަށް ޕްރައުޑް ވަން އަމިއްލަ އަށް މަސައްކަތް ކުރެވުނީތީ. ކުރިން ޒުވާނުން ކުދިންނަށް ނުކެރޭ ޑެލިވަރީ ކުރުން ފަދަ ކަންކަން ކުރާކަށް. ފަހަރުގައި ވިސްނުން ހުރެ ދާނެ އެއީ ހަޑިކަމެވޭ. ނަމަވެސް އަޅުގަނޑު ވަރަށް ފަހުރުވެރިވަން އަމިއްލަ އަށް މަސައްކަތް ކޮށްގެން އުޅެވުނީމަ. މަސައްކަތް ކޮށްގެން ލާރި ހޯދުމަކީ ހަޑިކަމެއް ނޫން،" ނާއިފު ވިދާޅުވި އެވެ.
ސްކޫލް ދައުރު ނިންމާލުމަށްފަހު އުމުރުން 19 އަހަރުގައި އިމިގްރޭޝަންގެ ވަޒީފާއަށް ނުކުތީ އެހެންވެ އެވެ. އިމިގްރޭޝަންގައި އަށް އަހަރު ހިދުމަތް ކުރި އެވެ. އަދި މި ދާއިރާ ދޫކޮށްލީ، ސިޔާސީ ދާއިރާ އަށް ނުކުތުމަށެވެ. ބޭނުންވީ މި ދާއިރާ އިން ވެސް ޒުވާނުންނަށް ހިދުމަތް ކުރާށެވެ. އެހެންވެ ހުޅުހެންވޭރު ދާއިރާގެ، ރައްޔިތުން މަޖިލީހުގެ ގޮނޑި އަށް ވާދަކުރި އެވެ.
އަމިއްލަ ކެނޑިޑޭޓެއްގެ ގޮތުގައި ނާއިފު ވާދަކުރީ ރާއްޖޭގެ ނަން ހިނގާ ސިޔާސީ ލީޑަރުންނާ އެވެ. އެ ފަހަރު ހުޅު ހެންވޭރު ދާއިރާ އަށް އެމްޑީީޕީން ވާދަކުރީ ރީކޯ މޫސަ އާއި ޑޮކްޓަރު އިކްލީލް ފަދަ ބޭފުޅުންނާ ވާދަދަ ކުރެއްވި އެވެ. އެ ގޮނޑިއަށް ޖުމްލަ 10 މީހުން ވާދަކުރިއިރު، ނާއިފު ހަތަރު ވަނަ ހޯދި އެވެ. ދެވަނަ އަށް އެންމެ މަތިން ވޯޓު ހޯދީ އޭނާ އެވެ. އޭގެ ފަހުން ނާއިފު ވަނީ ތުލުސްދޫގެ ގޮނޑި އަށް ޕީޕީއެމްގެ ޕްރައިމެރީގައި ވެސް ވާދަކޮށްފަ އެވެ. އަދި ވެސް ހުރީ ހަމަ އެ ވިސްނުމުގަ އެވެ.
މި ތަރުހީބުގެ އަސްލަކީ، ޒުވާނުން ނާއިފުގެ ފަހަތުގައި ތިބުމެވެ. މުޅި ހެންވޭރުގެ ބޮޑު ބައެއް އޭނާ އަށް ވޯޓު ދިނުމެވެ. ނަމަވެސް އެ ފަހަރު ގޮނޑި ކާމިޔާބު ނުވީ އެވެ. އޭގެ ފަހުން ނާއިފު މަސައްކަތް ކުރައްވަމުން ގެންދެވީ، މިހާރުގެ ރައީސް އަބްދުﷲ ޔާމީންގެ، ޕީޕަލްސް އެލަޔަންސް (ޕީއޭ) އެވެ.
"ޒުވާނުން އަބަދު ވެސް ވާހަކ ދައްކަން. ކޮންމެ ބަޔަކާއެކު ވާހަކަ ދެކެވޭ ކޮފީ މޭޒުގައި. އެހެންވެ މި ވަރަށް ތަރުހީބު ލިބުނީ،" ނާއިފު ވިދާޅުވި އެވެ.
އޭގެ ފަހުން، ނާއިފު އަދާކުރައްވަން ފެއްޓެވީ، ޔޫތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމެވެ. މިހާރު މި މަގާމު ފުރުއްވަމުން ގެންދަވާތާ ފަސް އަހަރު ވެއްޖެ އެވެ. މިހާރު ނާއިފުގެ މަސައްކަތަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުރި 45 ޔޫތު ސެންޓަރުގެ މަސައްކަތް ބެލެހެއްޓުމެވެ. މި ވަރުން އެކަނި ނިމުނީ އެއް ނޫނެވެ. ނާއިފު ނޭޝަނަލް ޑްރަގް އެޖެންސީ އާއި އެއިޑްސް ކައުންސިލްގައި މަސައްކަތް ކުރައްވާތާ ފަސް އަހަރު ވެއްޖެ އެވެ.
މި ހުރިހާ ހިދުމަތް ވެގެން ދަނީ، ނާއިފު ޒުވާނުންނާ އިތުރަށް ގާތްވި ސަބަބަކަށެވެ. އޭނާ ދަނީ ޒުވާނުންގެ މުހުތާދުތައް ހައްލުކޮށް ދިނުމަށް ސަރުކާރާއެކު ތާއަބަދު ގުޅިގެން މަސައްކަތް ކުރަމުންނެވެ. މިނިސްޓަރުންގެ އަރިހަށް ޒުވާނުންގެ ވާހަކަ ގެން ގޮސް ދެމުންނެވެ. އޭނާ ގަބޫލު ކުރައްވާ ގޮތުގައި ރައީސް ޔާމީންގެ ސަރުކާރު އައުމާއެކު ޒުވާނުންގެ އުންމީދު ވަނީ އާވެފަ އެވެ. އަދި ހުރިހާ ޒުވާނުންގެ އެހީތެރިކަން ދަނީ ލިބެމުންނެވެ.
"މިހާރު ޓެލެންޑެޓް ޔޫތުންނަށް ފުރުސަތު އެބައޮތް. ކޮންމެ ދާއިރާއެއްގެ ޒުވާނަކަސް. ވަރަށް ބޮޑު ފުރުސަތެއް އެބައޮތް."
ނާއިފު ވިދާޅުވާ ގޮތުގައި ހުރިހާ ޔޫތު ސެންޓަރުތަކެއްގައި ތިބި ހުރިހާ މުވައްޒަފުންނާއެކު، މަސައްކަތް ކުރުމަކީ ވަަރަށް ކުރާ ހިތުން ކުރާކަމެކެވެ. އަދި އެހާމެ ގޮސް ޖެހުން ވެސް ބޮޑުކަމެއްގެ ގޮތުގައި އޭނާ ސިފަކުރެއްވި އެވެ.
"މިހާރު ވަރަށް ބޮޑަށް މޯޓިވޭޝަން ވަނީ ރަނގަޅުވެފައި. އެހެންވެ ސްޓާފުން ވެސް ދަނީ ވަރަށް ރަނގަޅަށް މަސައްކަތް ކުރަމުން."
ވޭތުވެދިޔަ ދެ އަހަރު ތެރޭގައި މާލޭގައި ބޭއްވި "އީދު ފާހަގަ ކުރުމުގެ" ހިޔާލުގެ މަޝްޓަ މައިންޑަކީ ނާއިފު އެވެ. މީގެ އިތުރުން ޔޫތު ޑޭ ވެސް ހިމެނެ އެވެ. އަދި ނާއިފު ވަނީ ޒުވާނުންނާއެކު ރާއްޖޭން ބޭރުގައި ވެސް ރާއްޖެ ތަމްސީލްކޮށްފަ އެވެ.
މި މަސައްކަތުގައި ނާއިފު އަށް އެންމެ ބޮޑަށް އެހީތެރިކަން ދެއްވަނީ ރައީސް އަބަދުﷲ ޔާމީންގެ ދެ ކަނބަލުންނެވެ. ހާއްސަކޮށް ރައީސްގެ ލަފާ އަށް އޭނާ ޝުކުރު އަދާކުރެ އެވެ.
ޔޫތުން ނަށް ނާއިފު ދޭން އޮތީ މެސެޖެކެވެ. އެއީ ޒުވާނުން ވަޒީފާ އަށް ނުކުތުމަށެވެ. ވަގުތު ބޭކާރު ނުކުރުމަށެވެ. މަސައްކަތް ކުރުމަށެވެ.