ކުޅިވަރު

ކޮނޑޭގެ "ޖީޑަބްލިޔު" ފުޓްސަލް ލީގް އަންނަމަހު އަށެއްގައި

Dec 1, 2017

ގއ. ކޮނޑޭގައި ބާއްވާ އެންމެ ބޮޑު ފުޓްސަލް ލީގް "ޖީޑަބްލިޔު ކޮނޑޭ ސްޕަ ލީގް" އަންނަ މަހު އަށެއްގައި ފަށާ ގޮތަށް ހަމަޖައްސައިފި އެވެ.

މުބާރާތުގައި ބައިވެރި ވުމަށް ހަ ޓީމަކުން ވަނީ ރަޖިސްޓްރީ ކޮށްފަ އެވެ. މުބާރާތުގެ ގުރުއަތުލުން މާދާމާ ރޭ އެފްއޭއެމް ހައުސްގެ ހޯލްގައި އޮންނާނެ އެވެ.

މި މުބާރާތް އިންތިޒާމް ކުރަނީ ކުލަބު ޕިންކް ސްޓްރީޓުންނެވެ. އަދި މުބާރާތުގެ ހޯސްޓް ކުރަމީ މަކައްލާ ޔުނައިޓެޑުންނެވެ. މުބާރާތުގެ މެއިން ސްޕޮންސަރަކީ 'ޖީޑަބްލިޔު" އެވެ. އެހެންވެ، މުބާރާތުގެ ޓައިޓަލްވެސް ވަނީ "ޖީޑަބްލިޔު" އަށް ހާއްސަ ކޮށްފަ އެވެ.

ރަށްރަށުގެ އެތެރޭގެ މައްސަލަތަކަށް ބަލައިފިނަމަ އެންމެ ބޮޑު އެއް މައްސަލައަކީ ސިޔާސީ ގޮތުން އެކި އެކި ފިކުރުތަކަށް ކަފިކަފި ވެފައި ވުމެވެ. ދޭދޭ ފަރުދުންގެ މެދުގައި އޮންނަ މައްސަލަ ތަކެވެ. އެކަމުގެ ސަބަބުން ރަށްރަށުގެ އިޖުތިމާއީ ހަރަކާތްތަކަށް ލިބެނީ ފިނި ތަރުހީބެކެވެ.

ނަމަވެސް ކޮނޑޭއަކީ ކުޑަ އާބަދީއެއް ހިމެނޭ ވަރަށް އެކުވެރި ބައެއް ދިރިއުޅޭ ރަށެކެވެ. މުބާރާތުގެ އިންތިޒާމު ކޮމިޓީންވެސް އަޒުމު ކަނޑައަޅައިގެން ތިބީ ސިޔާސީ ގޮތުން އުފެދިފައިވާ ހިޔާލު ތަފާތުވުން ފަހަތައް އެއްލާލައި ހުރިހާ ފިކުރެއްގެ މީހުން އެއްތަނަކަށް ޖަމާ ކުރެވޭނެ މުބާރާތަކަށް މުބާރާތް ހެދުމެވެ. މި މުބާރާތުގެ އެންމެ އިސް މަގުސަދުތަކުގެ ތެރޭގައި އޮތީ ސީޔާސީ ހިޔާލު ތަފާތުވުންތައް އެކަހެރި ކޮށް، ރަށުގެ ރައްޔިތުންގެ މެދުގައި އެކުވެރިކަން އުފެއްދުމެވެ.

"އަޅުގަނޑުމެން ޔަގީން ކަން ދެން މި ކަމުގައި ސިޔާސީ އެއްވެސް ކުލައެއް ޖެހިގެން ނުދާނެ އެހުރިހާ ކަންކަމެއް އެއްކިބާ ކޮށް މި މުބާރާތުގެ ތެރެއިން ރަށުގެ ރައްޔިތުންގެ މެދުގައި އެކުވެރިކަން އުފެދޭނެ ގޮތަށް އަޅުގަނޑުމެން ކުރިއަށް ދާނީ." މުބާރާތާ ބެހޭގޮތުން ވާހަކަ ދެއްކި އޮފިޝަލަކު ބުންޏެވެ.

މުބާރާތުގެ ޗެމްޕިއަން ޓީމަށް 50000 ރުފިޔާ ދިނުމަށް އޮތީ ނިންމާފާއެވެ. ރަނަރަފު ޓީމަށް 15000 ރުފިޔާގެ ފައިސާގެ އިނާމެވެ.