ވިޔަފާރި

ޗައިނާ 100 ކައިވެނި ބާއްވައި ސްރީލަންކާގައި ބޮޑު ހަފުލާއެއް!

  • ބޭނުމަކީ ޗައިނާ ޓޫރިސްޓުން އިތުރު ކުރުން
  • ސަތޭކަ މީހުންނަށް ހަނީމޫންވެސް ދޭނެ
  • ރައީސް ސިރިސޭނާ މި ހަރަކާތުގައި ބައިވެރިވޭ

ސްރީލަންކާގައި ޗައިނާ ޓޫރިސްޓުންގެ 100 ކައިވެނި އެއް ފަހަރާ ބާއްވައި، ޓޫރިސްޓުން އިތުރު ކުރަން ބޮޑު ހަރަކާތެއް ހިންގަން ނިންމައިިފި އެވެ.

ޗައިނާ ޓޫރިސްޓުން އިތުރު ކުރުމަށް ސްރީލަންކާ އިން ފަށާފައިވާ މަސައްކަތުގެ ބައެއްގެ ގޮތުން އަންނަ މަހުގެ 17 ވަނަ ދުވަހު އޮންނަ "ކައިވެނީގެ ބޮޑު ހަފުލާތައް" އެ ގައުމު ދަނީ ތައްޔާރުވަމުންނެވެ.

ސްރީލަންކާގެ ނޫސްތަކުގައިވާ ގޮތުން، ސްރީލަންކާގެ މުއްސަނދި ސަގާފަތުގެ ކުލަތާއެކު ޗައިނާގެ ޒުވާން 100 ޖޯޑުގެ ކައިވެނީގެ ރަސްމިއްޔާތު އޮންނާނީ އެ ގައުމުގެ ވިހަރަމަހަ ދޭވީ ޕާކުގަ އެވެ. މި ހަފުލާ ވެގެން ދާނީ ތަފާތު ބޮޑު ހަރަކާތަކަށް ކަމަށް އެ ގައުމުގެ ނޫސްތަކުގައިވެ އެވެ. އަދި މި ހަފުލާގައި އެ ގައުމުގެ ރައީސް މައިތުރިޕާލާ ސިރިސޭނާ ވެސް ބައިވެރިވެ ވަޑައިގަންނާނެ އެވެ.

އެ ގައުމުގެ ނޫސްތަކުގައިވާ ގޮތުން ކައިވެނީގެ ހަފުލާއަށްފަހު، ކައިވެނިކުރި ޖޯޑުތައް މާމުއިހަނދުގެ ދުވަސްތައް ވެސް އެ ގައުމުގައި ހޭދަކުރާނެ އެވެ.

ސްރީލަންކާ ޓޫރިޒަމް ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މި އަހަރު އެ ގައުމަށް ޗައިނާއިން ޒިޔާރަތް ކޮށްފައިވަނީ 230,481 މީހުންނެވެ. މި އަދަދަކީ މިދިޔަ އަހަރު ޒިޔާރަތް ކުރި 233,669 މީހުންނާ އަޅާބަލާއިރު 1.4 ޕަސެންޓް ދަށް އަދަދެކެވެ.