ހަބަރު

ތޫފާން ވަނީ ބާރުގަދަވެފައި، ރާއްޖެއަށް އަސަރު ބޮޑުވާނެ

Dec 1, 2017
  • 60 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ
  • ތޫފާން ދަނީ ރާއްޖެއާ ދުރަށް އަރަބި ކަނޑަށް
  • ބޯކޮށް ވާރޭ ވެހި ރަށްތަކަށް ގެއްލުމާ ކުރިމަތިވެފައި

ރާއްޖެ އާއި ސްރީލަންކާއާ ކައިރިން އިންޑިއާ ކަނޑުގައި އުފެދުނު ކޮޅިގަނޑު "އޯޗީ"ބާރުގަދަ ތޫފާނަކަށް ބަދަލުވެފައިވާ ކަމަށާއި އެ ތޫފާނުގެ އަސަރު މިއަދުވެސް ވަރަށް ގަދަޔަށް ރާއްޖެއަށް ކުރާނެ ކަމަށް މީޓްރޮލޮޖިކަލް ސާވިސް، މެޓް އޮފީހުން މިއަދު ބުނެފި އެވެ.

މެޓް އޮފީހުގެ އެސިސްޓެންޓް މީޓްރޮލޮޖިސްޓް އަޒީމާ އަހުމަދު ވިދާޅުވީ، ތޫފާން "އޯޗީ" ބާރުގަދަ ތޫފާނަކަށް ބަދަލުވެފައިވާ ކަމަށާއި އެ ތޫފާން މިހާރު ދަތުރު ކުރަމުން ދަނީ ރާއްޖޭގެ ހުޅަނގު އުތުރުން ރާއްޖެއާ ދުރަށް އަރަބި ކަނޑާ ދިމާލަށް ކަމަށެވެ. އަދި އެ ތޫފާން ރާއްޖެއާ ދުރަށް ދަތުރު ކުރަމުން އައި ނަމަވެސް އެ ތޫފާންގެ އަސަރު މިއަދުވެސް ވަރަށް ބޮޑަށް ރާއްޖެއަށް ކުރާނެ ކަމަށް އަޒީމާ ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި އެ ތޫފާނުގެ ބާރުގަދަވުމުގެ ސަބަބުން ރާއްޖޭގެ އެކި ސަރަހައްދުތަކަށް ވަރަށް ބާރަށް ވައިޖެހޭނެ ކަމަށެވެ. އެގޮތުން 40 މޭލާއި 60 މޭލާ ދެމެދަށް ވައިޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ތޫފާން ދަނީ ރާއްޖެއާ ދުރަށް އަރަބިކަނޑާ ދިމާލަށް ދަތުރު ކުރަމުން. އެހެން ނަމަވެސް އެ ތޫފާނުގެ އަސަރު ރާއްޖެއަށް އަދިވެސް ވަރަށް ގަދަޔަށް ކުރާނެ. ކަނޑުތައް ވަރަށް ގަދަވާނެ. އެހެން ވީމާ ކޮންމެހެން ކުރަން ޖެހޭ ކަނޑު ދަތުރު ނުކުރަން އަޅުގަނޑުމެން އިލްތިމާސް ކުރަން،" އަޒީމާ ވިދާޅުވި އެވެ.

ހއ-ކ އަތޮޅާ ދެމެދަށް މިހާރުވެސް ވަނީ ޔެލޯ އެލާޓް ނެރެފަ އެވެ. އަޒީމާ ވިދާޅުވީ ޔެލޯ އެލާޓް ނެރުނީ ވައިގަދަވެ ކަނޑުތައް ގަދަވުމުގެ އިތުރަށް ގުގުރުމާ އެކު ބޯކޮށް ވާރޭ ވެހޭނެތީ ކަމަށެވެ. އެގޮތުން ކޮޅިގަނޑުގައި 60 މޭލަށް ވައިޖެހޭނެ ކަމަށް ވެސް އަޒީމާ ވިދާޅުވި އެވެ. އަދި އެހެން ވަގުތުތަކުގައި ދެކުނު ހުޅަނގުން 25-15 މޭލަށް ވައިގަދަވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މާދަމާއަކީ ވެސް މޫސުން ގޯސް ދުވަހަކަށް ވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. މިހާރު މި ކުރާ ވިއްސާރައިގައި އެކި ރަށްތަކަށް އަންނަނީ ބޮޑެތި ގެއްލުންތައް ވެސް ލިބެމުން އެވެ. އަދި އިއްޔެވެސް ދެ ދޯންޏެއް އަޑިއަށް ގޮސް ލޯންޗެއް ބަންޑު ޖަހާލުމުގެ ހާދިސާ ވެސް ވަނީ ކުރިމަތިވެފަ އެވެ. އަދި ޖުމްލަ 17 ކަނޑުމަތީގެ ހާދިސާއެއް އިއްޔެ ދިމާވި އެވެ.

ތޫފާނުގެ ސަބަބުން ލަންކާ އަދި އިންޑިއާއަށް ވެސް އަންނަނީ ގަދަވަޔާ ބޯވާރޭއާ އެކު ވިއްސާރަކުރަމުން އެވެ.