މާޒިޔާ 0-2 ބަލިކޮށް އެފްއޭ ކަޕް ފައިނަލްގެ ފުރަތަމަ ޖާގަ ޓީސީ ހޯދައިފިއެވެ. މެޗުގެ ދެވަނަ ހާފްގައި ޓީސީގެ ލަނޑުތަށް ކާމިޔާބުކޮށްދިނީ ފޭދޫ އިއްބެ އަދަ ދާދު އެވެ. މިމެޗުން ބަލިވުމާއެކު މާޒިޔާއަށް މިވަނީ އޭއެފްސީ ކަޕްގެ ޖާގަވެސް ގެއްލިފައެވެ.
ޓީސީ އާއި ދެކޮޅަށް ފައިނަލްގައި ވާދަކުރާނެ ޓީމެއް ކަށަވަރުވާނީ މާދަމާ ނިއު ރޭޑިއަންޓާއި ކްލަބް ގްރީން ސްޓްރީޓްސް ބައްދަލުކުރާ މެޗަށް ފަހު އެވެ.
މިދިޔަ އަހަރުވެސް އެފްއޭ ކަޕް ފައިނަލްގައި ވާދަކުރި ޓީސީ އެފަހަރު ބަލިވެފައިވަނީ ވެލެންސިޔާ އަތުންނެވެ. އޭއެފްސީ ކަޕުން ފުރުސަތު ލިބެނީ ދިވެހި ދެޓީމަށެވެ. އެއީ ލީގު ޗެމްޕިއަން އަދި އެފްއޭ ކަޕް ޗެމްޕިއަން ޓީމެވެ. މާދަމާ ނިއު ގްރީންގެ މައްޗަށް ކުރި ހޯދައިފިނަމަ ޓީސީއަށް އޭއެފްސީ ކަޕް ޖާގައެއް ލިބިގެންދާނެ އެވެ.
އަނިޔާގެ ސަބަބުން މުހިންމު ގިނަ މެޗުތަކެއް ގެއްލިފައިވާ މާޒިޔާގެ މުހައްމަދު އުމެރު މެޗު ބެންޗުން ސްޓާޓުކުރިއިރު ޓީސީގެ ނާއިޒް ވަނީ ފުރަތަމަ އެގާރައިން ޖާގަ ހޯދާފައެވެ. ޓީސީގެ ހުނަރުވެރި ބިދޭސީ ފޯވާޑް ސްޓްވާޓް މެޗު ފެށީ ބެންޗުންނެވެ.
މެޗު ފަށައިގެން ރަނގަޅަށް ކުޅުނީ ޓީސީ ޓީމުންނެވެ. މާޒިޔާގެ ގޯލަށް ނުރައްކާ ކުރަން މަސައްކަތްކުރި ނަމަވެސް އެޓީމުގެ ޑިފެންޑަރުން ވަނީ ޓީސީ ކުޅުންތެރިންނަށް ހުރަސް އަޅާފަ އެވެ.
މެޗުގެ ދެވަނަ ހާފް ރަނގަޅަށް ފެށީ މާޒިޔާއިންނެވެ. ނަތީޖާއެއްގެ ގޮތުން އިސްމާއިލް އީސަ ފޮނުވާލި ހަމަލާ ޓީސީގެ ކީޕަރު ކިރަން ވަނީ ހުއްޓުވާފަ އެވެ.
މެޗުގެ ފުރަތަމަ ލަނޑު ފެނިގެންދިޔައީ 68 ވަނަ މިނިޓުގައެވެ. ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް ސްޓްވާޓް ނަގައިދިން ހުރަހަކުން ޓީސީގެ ލަނޑު ކާމިޔާބުކުރީ އޭރިޔާ ތެރޭގައި ހުސްކޮށް ހުރި ފޭދޫ އިއްބެ އެވެ.
މެޗުގެ 72 ވަނަ މިނިޓުގައި ޓީސީގެ ލީޑު ފުޅާކޮށްދީ ފައިނަލްގެ ޖާގައެއް ކަށަވަރުކޮށްދިނީ ދާދު އެވެ. މެޗު ނިމެން ގާތް ވެފައިވަނިކޮށް ޓީސީއަށް ތިން ވަނަ ލަނޑެއް ކާމިޔާބުކުރުމަށް ފުރުސަތު ލިބުނެވެ. ނަމަވެސް ސްޓްވާޓް ފޮނުވާލި ހަމަލާ މާޒިޔާގެ ކީޕަރު މަހްމޫދް ވަނީ ދިފާއުކޮށްފަ އެވެ.