ވާހަކަ

މިންނުގެ ޑައިރީ

(30 ނޮވްމެބަރ 2017 އާ ގުޅޭ)
ހުސްނާގެ ވާހަކަތައް އިވިފައި މާޔޫސްވިއެވެ. އަހަންނަށްވުރެ ބޮޑަށް ހައިކަލްގެ ކަންތައްތައް ގޭގައި ގެންގުޅޭ މީހުންނަށް ވެސް އެނގެއެވެ. އެކަމާ ރުޅިއާދެވުނީ އަމިއްލަ ނަފްސުދެކެކަމެއް ނޫނީ ކުރިމަތީ ހުރި ހުސްނާދެކެ ކަމެއް އަހަންނަކަށް ނޭގުނެވެ. ފޫހިކަމާއެކު ތުންއަނބުރާލެވުނީ ބޭއިޚްތިޔާރުގައެވެ.

އަހަންނާއި ހުސްނާ ސައިބޮއެގެން ނުކުމެ އެކުގައި ސިޓިންރޫމުގައި މަޑުކޮށްލައިގެން ތިބީމެވެ. އަހަރެންގެ ނަޒަރު ގިނަ ވަގުތު ހުއްޓާލެވިފައިވަނީ ސިޑިއާ ދިމާއަށެވެ. ހައިކަލް ހެނދުނުގެ ނާސްތާ ކުރާން ފައިބަފާނެ އިރެއްގެ އިންތިޒާރުގައެވެ. ނަމަވެސް ދެންވީ އަޖައިބު ކުރުވަނިކި ކަމެކެވެ. ސިޓިންރޫމު ފެންނަ ގޮތަށް ހުރި ބެލްކަންޏަށް ހައިކަލް ނުކުތެވެ. އަހަރެން ބަލާލުމާއެކު ހައިކަލް އަވަސް އަވަހަށް މޫނު އަނބުރާލީއެވެ. އަދި ނިކަން އަވަހަށް ހުސްނާއަށް ގޮވާލާފައި އެނބުރި ކޮޓަރިއަށް ހިނގައްޖެއެވެ. ހައިކަލްގެ އަޑު ތަފާތުކަން ނަގައިގަނެވުނެވެ. އެ ތަފާތަކީ ހައިކަލް ނިދާ ހޭލިވަގުތައް ވާތީ އައިސްފައި ހުރި ބަދަލެއް ކަމުގައި ޤަބޫލުކޮށްލީމެވެ. އެހެންވިޔަސް އެކަމަށްވުރެ ބޮޑުކަމަކަށް އަހަންނަށްވީ އަހަރެން ފެނުމުން ހައިކަލް މޫނުއަނބުރާލި ގޮތެވެ. އަހަރެންގެ ކުރިމަތީގައި ހުސްނާއަށް ގޮވާލާފައި އަންނާން ބުނި ބުނުމުން އަހަންނަށް ތުންފިއްތާލެވުނެވެ. ހުސްނާގެ އަތުގައި ހިފާ ހުއްޓުވަން ބޭނުންވިއެވެ. ހައިކަލްގެ ގާތަށް ދާނީ އަހަންނޭ ބުނަން ވެސް ހިތައް އެރިއެވެ. ނަމަވެސް ހަލުވިކޮށް ސިޑިއާ ދިމާއަށް ދިޔަ ހުސްނާއަށް ބަލަން އިނދެވުނީއެވެ.

ހައިކަލްއާ ބައްދަލުކޮށްފައި ހުސްނާ އައިސް ވަގުތުން ދިޔައީ ބަދިގެއަށެވެ. ގިނައިރެއްނުވެ ތަބަކުގައި ކާއެއްޗެހި ހިފައިގެން އޭނާ ދާތަން ފެނުނެވެ. އަހަރެން މަޑުކޮށްލައިގެން އިނީ ހުސްނާ ހަމަޖެހިލާނޭ ވަގުތަކަށެވެ. އެހެން އިން އިރު ހައިކަލް ސައިބޯން ނައިތީ އެކަމާ ވެސް ހިތާހިތާ ޝަކުވާ ކުރެވުނެވެ. އަހަރެންގެ އިސްނެގުން ހައިކަލްއަށް ކަމުނުދިޔައީއޭ ވަގުތުން ހިތައް އެރިއެވެ. އެކަމަކު އެހެންވާންވީ ކީއްވެކަމެއް ނުވިސްނުނެވެ. އެއާއެކު އަނެއްކާ ވެސް ރޭގައި ހިތައް އަރަމުން ދިޔަ ސުވާލު ސިކުނޑީގައި ވަކިހިއްޕާލިއެވެ. އަހަރެންދެކެ ހައިކަލް ލޯބިނުވަނީބާއެވެ. އޭނާ ފޫހިވީބާއެވެ. ނޫނީ އޭނާގެ ބޭނުންތައް ފުއްދައިދޭނޭ އިތުރު އަންހެނަކު ހުރީ ބާއެވެ. ލިބުނު ނުތަނަވަސްކަމާއި ސިކުނޑިއަށް ވަން ޚިޔާލުތަކުން އަހަރެންގެ މޭގައިވާ ހިތަށް ތަދުވިއެވެ. ވަގުތުން މޭގައި އަތް އަޅާލެވުނެވެ.

ހުސްނާ: "މިންނު! ކިހިނެއްވީ؟"

އަހަރެން މޭގައި އަތް އަޅާ އޮބާލުމާއެކު ދެ ލޯ މަރާލީމެވެ. ހުސްނާގެ އަޑު އިވުނީ އެވަގުތުއެވެ. އޭނާ އަވަހަށް އައިސް އަހަރެންގެ ގާތުގައި ސޯފާގައި އިށީނެވެ. އަހަރެންގެ ބުރަކަށީގައި ފިރުމާލާފައި އަނެއްކާ ވެސް ކިހިނެއްތޯވީ ސުވާލު ކުރިއެވެ. އެއާއެކު އަހަރެން އެކަން ސިއްރު ކުރީ މުޅިން އެހެންވާހަކައަކުންނެވެ. އަހަންނަށް ބަލަން އިނދެފައި ހުސްނާ ވާހަކަދެއްކި ގޮތުން ހީވީ އޭނާއަށް އަހަރެންގެ ހިތާއި ސިކުނޑީގައި ހިނގަމުންދިޔަ ޝުޢޫރުތައް އެނގުނީ ހެނެވެ.

ހުސްނާ: "ހައިކަލް ފެންނަނީ ނިކަން ވަރުބަލިކޮށް. ހީވަނީ ކަމެއްވެފައި ހުރިހެން. މިއަދު އޮފީހަށްދާކަށް ވެސް ނޫޅޭ. އަހަރެން ދިޔައީމަ ބުނީ ކާލެވޭނެ ލުއި ކާނާއެއް ގެނެސްދީ ބަލާށޯ... ދެން އެހީ މިންނު ސައިބޮއެފިތޯ... އަހަރެން ބުނިން ހައިކަލް ނުކުންނާން ވާއިރަށް މިންނު ސައިބޯން އައި ވާހަކަ"

ހައިކަލްއަށް ކަމެއްވީބާއޭ ވަގުތުން ހިތައް އެރިއެވެ. ހަމައެއާއެކު ހުސްނާ ކަންތައް އެ ކުރީ ރަނގަޅަށްކަން އެނގި ހިތައް ހަމަޖެހުން ލިބުނެވެ.

މެންދުރުވެގެން ދިޔައިރު ވެސް ހައިކަލް ނުކުމެ އުޅޭތަނެއް ނުފެނެއެވެ. ހަވީރުގެ ފިނި ޖެހެމުންދިޔައިރު އަހަރެން ހުރީ މާގަސްތައް ފެންނަ ހިސާބުގައި މަޑުކޮށްލައިގެންނެވެ. ހުރެވުނީ ހައިކަލްގެ ޚިޔާލުގައެވެ. އޭނާއާ މެދު ނުވިސްނާނަމޭ ހިތަށް އަރައިގެން ހުއްޓަސް އެކަން އެގޮތަށް ވާގޮތެއް ނުވެއެވެ. ހުސްނާ އައިސް އަހަރެންގެ ގާތުގައި މަޑުކޮށްލިއެވެ. އޭނާގެ މޫނުމަތިން ހިސާބެއްގެ ކަންބޮޑުވުން ފާޅުވަމުންދިޔައެވެ. އަހަރެން އަހާލުމުން ދެއްކީ ހައިކަލްގެ ވާހަކައެވެ.

ހުސްނާ: "މެންދުރު ކާކަށް ނާދޭ. ހިޔެއްނުވޭ މިއަދު ކޮޓަރިން ނުކުން ހެނެއް. ދެންމެ މިއައީ އަނެއްކާ ވެސް ޖޫސްތަށްޓެއް ގެނެސްދޭން ބުނެގެން އެ ގެންގޮސްދީފައި. ހައިކަލް ބަލިވެހެން ހީވޭ"

ހުސްނާގެ ވާހަކައާ މެދު އަހަރެން ވިސްނާލީމެވެ. އެކަމަކު ހައިކަލް ބަލިވެދާނޭ ހީނުވީއެވެ. އޭނާ މާ ބުރަކޮށް އުޅޭތީ ޗުއްޓީ ހަދާލަން ބޭނުންވީއޭ ބުނެ ހުސްނާ ހަމަޖައްސާލީމެވެ. އެހެންނަމަވެސް އަހަރެންގެ ސިކުނޑިއަށް އިތުރު ހާސްކަމެއް ލިބުނު ކަހަލައެވެ.

ނިދަން ކޮޓަރިއަށް ވަނީ ރޭގަނޑު ކާން އުޅެ ވެސް ކާހިތް ނުވެފައި ހުރެގެންނެވެ. އަހަރެންނަށް ނުފެންނަ ތާކިހާ ލިބުނުނަމައޭ ހިތަށް އަރަމުންދިޔައެވެ. އެފަދަ ނަސީބެއް ލިބުނުނަމަ ކިހާ ރަނގަޅުވީސް ހެއްޔެވެ. ގައިމު އޭރުން ހައިކަލްގެ ކޮޓަރިއަށްވަދެ އޭނާ ކޮބާތޯ ބަލާލެވުނީސްކަން ގައިމެވެ. އަހަރެން އަނެއްކާ ސިކުނޑި ހަމަނުޖެހެނީބާއެވެ. ނޫނީ އަހަރެން ހައިކަލްއާ ދެބަސްވެ އަރާރުންނުވާތީ ފޫހިވަނީކަންނޭގެއެވެ. އަހަންނަށް އައިސްގެން މިއުޅޭ ބަދަލަކީ އެހެންވެ އައިސްގެން އުޅޭ ބަދަލަކަށް ވެދާނެއެވެ. ނޫނީ ހަމަ އަސްލު ވެސް އަހަރެން މޮޔަވަނީ ކަންނޭގެއެވެ. ދަރިފުޅު ޒޭން ވެސް އެވީ އޭނަގެ ބައްޕަ ކަހަލަ މީހަކަށެވެ. އެއީ ހަމަ އެސިފަ ލިބުނީމަބާއެވެ.

އެ މީހުން ކޮންމެ ގޮތަކަށް އުޅުނަސް މަށަށް ވަރިހަމައެވެ. ނޫނެކެވެ. ވަރިހަމައެއްނޫނެވެ. މި ހިތަށް މިވަނީ ކޮންހާ އުނދަގުލެއްހެއްޔެވެ. ބޭނުންވާ ކަމެއް ވެސް އެނގެނީކީ ނޫނެވެ. ނިދަން އުޅެއުޅެ އެއްގޮތަކަށް ވެސް ނިދޭވަރެއް ނުވިއެވެ. އެގޮތުގައި ވަގުތު ފާއިތުވަމުން ދިޔައެވެ. އެންމެފަހުން ނޯވެވިގެން ތެދުވީމެވެ. ގަޑި ބަލާލިއިރު މެންދަމުން އަލިވެ ދޭއްޖަހަނީއެވެ. ކޮޅަށް ތެދުވެ އެނދު ކައިރީ އިރުކޮޅަކު މަޑުކޮށްލެވުނެވެ. ނިދަން ލައިގެން ހުރި އަތްދިގު ގަމީހާއި ހަރުވާޅަށް ބަލާލެވުނީ އެ ހެދުމުގައި ކޮޓަރިން ބޭރަށް ނުކުންނަންވީތޯ ހިތަށް އަރާފައެވެ. މާބޮޑު ވިސްނުންތަކަކަށް ނުދިޔައީ ލައިގެން ހުރީ ނިދާ ހެދުމެއްވިޔަސް އެއީ ނިވާކަން ބޮޑު ހެދުމަކަށްވީމައެވެ. ނޭވާ ހިފަހައްޓާލައިގެން ހުރެ ކޮޓަރިން ނުކުމެގެން އައިސް ހައިކަލްގެ ކޮޓަރީގައި ޓަކި ޖެހީމެވެ. ދެތިން ފަހަރަށް ޓަކި ދިނުމުން ވެސް ޚަބަރެއް ނުވުމުން ހައިކަލްގެ ނަމުން ގޮވާ ވެސް ލީމެވެ. ދެން ވެސް އެއްވެސް ޖަވާބެއް ކޮޓަރި ތެރެއަކުން ނައެވެ. އަމިއްލަ ނަފްސުގެ މައްޗަށް ރުޅި އާދެވުނެވެ. އަމިއްލަ މީހާއަށް އަޑުލަމުން އެނބުރި ކޮޓަރިއަށް އައިސް ވަނީމެވެ. ހައިކަލް ނޫޅޭ ވަރުން އަހަރެން ކަންބޮޑުވެގެން މިއުޅެނީ ކީއްވެކަމާމެދު ކުދިކިޔަމުންދިޔައީމެވެ. އެނދުގައި އިށީނދެގެން އަމިއްލައަށް ވާހަކަދައްކަން އިންދާ އަހަރެންގެ ޟަމީރު ވާހަކަދެއްކިއެވެ. އެ ގަޑިއަކީ އެންމެން ވެސް ނިދާފައި ތިބޭނޭ ވަގުތެވެ. އެހެންވީމަ ހައިކަލްގެ ޚަބަރެއް އެ ނުވީ އޭނާ ވެސް ނިދާފައި އޮތީމާ ކަމަށް ވެދާނެއެވެ. ދެވަނަ ފަހަރަށް އެ ކޮޓަރިއަށް ވަނުމަށް އެ ޚިޔާލު ހިތްވަރަކަށްވިއެވެ. އެހެންވެ ސިއްރު ސިއްރުން އަނެއްކާ ވެސް ކޮޓަރިން ނުކުމެގެން އައިސް ހައިކަލްގެ ކޮޓަރީގެ ދޮރު ހުޅުވާލަން ތަޅުގައި ހިފާ އަނބުރާލީމެވެ. ތަޅުނުލާ ހުރުމުން ނިކަން ފަސޭހައިން ދޮރު ހުޅުވިއްޖެއެވެ. ވަގަކު ވެސް ނޫޅޭނެހާ ސިއްރުން އަހަރެން އެ ކޮޓަރި ތެރެއަށް ދެމި ގަތީމެވެ. އެ ކޮޓަރިއަށް ވެރިވެފައި އޮތް އަނދިރިކަމުގެ ތެރެއިން އެނދުގައި ހައިކަލް އޮތްތަން ފެނުނެވެ. އޭނާ އޮތީ މީހާ އެއްކޮށް ރަޖާ އަޅާ ފޮރުވިގަނެގެންނެވެ. މަޑުމަޑުން އެނދު ކައިރިއަށް އަހަރެން އައީމެވެ. ހައިކަލްއާ ގާތްވާވަރަކަށް އަހަރެންގެ އަތްފައި ފިނިވަމުންދިޔައެވެ. ނަމަވެސް އަހަރެންގެ ސަމާލުކަން އަތުލީ މީހަކު ކުކުރާ ފަދަ އަޑެއް އިވޭތީއެވެ. އަނދިރީގައި ހައިކަލް އޮތްދިމާލުގައި ހުއްޓި އޭނަގެ މޫނަށް ބަލާލީމެވެ. އެ ދެލޯ މެރިފައިވީނަމަވެސް ހައިކަލް އަޑެއް ލައްވާކަން އަހަންނަށް ޔަގީންވިއެވެ. ބޮޑަށް ހީވަނީ ކުކުރަނީ އޭނާ ހެންނެވެ. ޔަގީންކުރަން އިރުކޮޅެއްނެގިއެވެ. ހައިކަލް އޮތް ބާލީސް ވެސް ހީވަނީ ތެމިފައި އޮތް ހެނެވެ. އޭނަގެ ފަން އިސްތަށިގަނޑުގައި އަދިވެސް ފެނުގެ އަސަރުހުރިހެން އަހަންނަށް ހީވިއެވެ.

އަތްލާން ނުކެރިފައި ހުރެ ވެސް ހައިކަލްގެ ނިތުގައި މަޑުމަޑުން އަހަރެން އަތްތިލަ ޖައްސާލީމެވެ. އެހިނދު އަހަރެންގެ އަތްތިލަ ހީވީ ފިހިދާނެހެންނެވެ. ސިހިފައި އަތް ދުރުކޮށްލެވުނެއް ކަމަކު އަހަރެން ހައިކަލްގެ މޫނުގައި ދެ އަތުން ހިފާ އޭނާއަށް ގޮވާލީމެވެ. އޭނަ އޮތީ ވަރަށް ގަދައަށް ހުންއައިސްފައެވެ. ހުންގަދަކަމުން އޭނާއަށް އެއްވެސް ކަމެއް އެނގޭހެނެއް އަހަންނަށް ހިޔެއްނުވިއެވެ. އޭނާގެ ގައިމަތީގައިވި ބޯރަޖާނެގުމުން ހައިކަލް ތުރުތުރު އަޅާކަން އަހަންނަށް އެނގުނެވެ. އަނެއްކާ ވެސް ހައިކަލްއަށް ގޮވާ ހެދީމެވެ. އަހަންނަށް ކޮޓަރީގެ ހޮޅިބިރު ދިއްލަން ހަނދާންވީ ވެސް ދެނެވެ. އަވަހަށް ގޮސް ހުސްނާއަށް ގޮވާ ހޭލެއްވީމެވެ. ހައިކަލް ހޮސްޕިޓަލަށް ގެންދާނެ ގޮތަކާއިމެދު އަހަރެން ކަންބޮޑުވިއެވެ.

ހައިކަލްއަކީ އިސްކޮޅުން ދިގު ހަށިގަނޑު ވަރުގަދަ މީހެކެވެ. އަހަރެން އުޅެއުޅެ ވެސް ހައިކަލް ފަރާތަކަށް ޖައްސާނުލެވުނެވެ. ވީހާ ވެސް އަވަހަކަށް ހައިކަލްއަށް އެހީތެރިކަން ބޭނުންވާކަން އަހަންނަށް އެނގެއެވެ. ނަމަވެސް އަހަންނާއި ހުސްނާއާއި ދެމީހުންނަށް ވެސް ހައިކަލް ނެގޭ ގޮތެއް ނުވިއެވެ. ހާސްވެ ކަންބޮޑުވި ހިނދު ހުސްނާގެ އެހީތެރިކަން ވަރަށް ބޮޑެވެ. ގޭގައި ފިރިހެނަކު ނެތްކަން އިހްސާސްކުރެވުނެވެ. ނަމަވެސް ހުސްނާގެ ރަހުމަތްތެރިއެއް ކަމަށްވާ ޖަމީލު އައުމުން ހައިކަލް ހޮސްޕިޓަލަށް ގެންދިއުން އުނދަގޫ ކަމަކަށް ނުވިއެވެ. އެމްބިއުލާންސްގައި އަހަރެންނާއިއެކު ހުސްނާ އިނެވެ. އަހަރެންގެ ހިތް ބާރަށް ތެޅެމުންދިޔައީ އަހަރެން ބިރުގަންނަވަރަށެވެ. ހައިކަލްއަށް އެއްވެސް ކަމެއްނުވުމަށް އެދި ހިތާހިތާ ދުޢާ ކުރެވެމުންދިޔައެވެ.

ހޮސްޕިޓަލުގެ އަވަސްފަރުވާދޭ ބަޔަށް ހައިކަލް ގެންދެވުނުއިރު ވެސް އޭނަ ލޯހުޅުވާނުލައެވެ. ނަރުސްކުދިން ހައިކަލްއާ ދުރަށް އަހަރެން ގެންދިއުމުން އަދިވަކިން ކަންބޮޑުވިއެވެ. ހައިކަލްގެ ގާތަށް އަހަންނަށް ދިއުމުގެ ފުރުޞަތު ލިބުނީ ދެ ގަޑިއިރެއްހާ ފަހުންނެވެ. އެ ނަރުސްކުދިން އަހަންނާއި ހުސްނާއަށް ބަލާލަމުން އަހަރުމެންނަކީ ހައިކަލްގެ ކޮންބައެއްތޯ އެހިއެވެ. އަހަރެން ކުރިއަށް ނުކުމެލާފައި ހައިކަލްގެ އަންހެނުންކަމުގައި ބުނީމެވެ. ބުނެވުނު އެއްޗަކާމެދު ވިސްނާލެވުނީ ތަންކޮޅެއް ފަހުންނެވެ. އެހެންވިޔަސް އަހަރެން އެހެން ބުނެލުމަށް މި ފަހަރު ފަހެއްނުޖެހުނެވެ. ހިތަށް އުނދަގޫތަކެއް ވެސް ނުވިއެވެ. އެއަށްވުރެ ބޭނުންވެފައިވީ ހައިކަލްގެ ގާތަށް ދިއުމެވެ. އޭނާގެ ހާލު އެނގޭށެވެ.

އިރުއަރަންދެން އަހަރެން ހައިކަލްގެ ގާތުގައި އިށީނދެލައިގެން އޭނާގެ ބޮލުގައި ފިރުމާލަ ފިރުމާލަ އިނދެވުނީ ހާސްވެ ކަންބޮޑުވެފައެވެ. ނިދިވެސް އަހަރެންގެ ދެ ލޮލުން ފިލާފައިވާކަހަލައެވެ. ހައިކަލްގެ ބާލީސް ކައިރީ އެނދުގައި ބޯއަޅާލައިގެން އަހަރެން އޮތީ ހައިކަލް ލޯހުޅުވާލާނެ އިރަކަށެވެ. ނަސީބަކުން ޑޮކްޓަރު ޖެހި އިންޖެކްޝަނަކާއި ގުޅާފައިވި އައިވީ އާއެކު ހެދުނު ނުވައެއް ޖަހަނިކޮށް ހައިކަލް ލޯހުޅުވާލިއެވެ. އަހަރެން އަވަސް އަވަހަށް ވާހަކަ ދައްކަންފެށީމެވެ. ހައިކަލްއަށް ވީގޮތް ކިޔާދޭން ފެށީމެވެ. ހައިކަލް އެއްވެސް އެއްޗެއް ނުބުނިއެވެ. އަހަރެން ކައުންޓަރުގައި ހުރި ނަރުސްކުއްޖެއް ގާތު ހައިކަލް ލޯހުޅުވާލާ ހަމައަކަށް އެޅިފައިވާ ވާހަކަ ބުނީމެވެ.

ޑަކްޓަރު ބުނީ ވައިރަލް ހުމެއް ކަމަށެވެ. އެތަނުގައި ބޭއްވުމުގެ ބޭނުމެއް ނެތްކަމެވެ. ދެން ދިނީ ބޭސްތަކެކެވެ. އަހަރެން ހުރީ ޑަކްޓަރުގެ ފަރުވާކުޑަކަމާއި ދޭތެރޭ ހިތްހަމަ ނުޖެހިފައެވެ. ހީވަނީ ހައިކަލްގެ ކިބައިގެން ސަލާމަތްވާނެ ގޮތެއް ނެތިގެން އުޅޭހެންނެވެ. އައި.ވީ ހުސްވުމާއެކު ހައިކަލް ގެއަށް ފޮނުވާލަން ނިންމާފައި އޮތުމުން އޭނާ ގޮވައިގެން އަހަރުމެން އައީ ގެއަށެވެ. އެވަރުކޮށްދިނީމަ ވެސް ހައިކަލް އަހަންނަށް ޝުކުރުގެ ބަހެއް ވެސް ބުނެނުލިއެވެ. އޭނާ ބެލީ އަވަހަށް އޭނާގެ ކޮޓަރިއަށް ވަދެވޭތޯއެވެ. އެހެންނަމަވެސް އަހަރެން ހައިކަލްއަށް ކާއެއްޗެއް ދިނުމަށް އުޅުނީމެވެ. ހުސްނާ ބުނެބުނެ ވެސް އޭނާ ކާން ނޫޅުމުން އަހަރެން ތަށިހިފައިގެން ގޮސް ހައިކަލްގެ ކޮޓަރިއަށްވަދެ އޭނައަށް ކާންދޭން ފެށީމެވެ. އަހަންނަށް އެހާ ހިތްވަރެއް ލިބުނީ ކިހިނެއްކަމެއް ބުނެދޭން ނޭގުނުކަމުގައި ވިޔަސް އަހަންނަށް އެވަގުތު ހައިކަލް ދުޅަހެޔޮ ޞިއްޙަތެއްގައި ހުރުން މުހިންމުވިއެވެ. ހައިކަލް އަހަންނާ ވާހަކަ ނުދެއްކި ކަމުގައި ވިޔަސް އޭނާ އަހަރެންގެ އެއްވެސް ކަމަކަށް ދެކޮޅެއް ނަހަދައެވެ. ނިކަން ފަރުވާތެރިކަމާއެކު ދޭތެރެއަކުން އަހަންނަށް ބަލާލާނެއެވެ.

އަހަރެން ބަތްޕެން ތަށިން ސަމްސަލަކަށްފަހު ސަމްސަލެއް ހައިކަލްއަށް ލަވަމުންދިޔައީމެވެ. އޭނަ ބަސްއަހާ ކުޑަކުއްޖެއްފަދައިން ކަމުންދިޔައިރު އޭނަގެ ނަޒަރު އަހަންނަށް ހުއްޓިފައި ހުރިތަން ފެނުނެވެ. އެތަކެއް އަހަރުތަކެއް ވޭތުވެގެން ދިޔައިރު އަހަންނަށް އެ ލޮލުގެ ތޫނުފިލިކަމާއި އެވާ ޖާދޫ ފާހަގަ ކުރެވުނީމިއަދުއެވެ. މި ނޫނީ އަހަރެންނާ ދިމާއަށް ހައިކަލް ބަލާލާނެ ފުރުޞަތެއް ނުދޭކަން ހަނދާންކޮށްދިނީ އަހަރެންގެ ޟަމީރެވެ. ވީއިރު އެ ލޮލުގައިވާ އަސަރުތައް އަހަންނަށް އެނގޭނީ ކިހިނެއްހެއްޔެވެ. ހައިކަލް ފަދަ ރީތި މުއްސަނދި ފިރިހެނަކު މިހާ ދުވަސް ވަންދެން އަހަރެން ފަދަ އަންހެނަކާއިއެކު އުޅޭތީ ވެސް އަޖައިބުވެ އަންތަރީސްވެއެވެ. އަހަރެންގެ ބާރުގެ ދަށުގައި ނުވި ޚިޔާލުތަކުން ތުންފަތަށް ވެރިވި ފަނޑު ހިނިތުންވުމެއް ވެރިވިއެވެ. އެހިނދު ހައިކަލް އިސްދަށަށް ޖަހާލިތަން ދުށީމެވެ. އަދި އަހަރެން ނަގަނަގާ ހުރި ސަމްސަލާއި އަނގައާ ދޭތެރެއަށް އަތްހުރަސްކޮށްލީ ދެން ނުކެވޭނެއޭ ބުނާފަދަގޮތަކަށެވެ. އަހަރެން ހައިކަލްއަށް ނުފެންނަ ހިސާބުގައި އުޅުމަށް އޭނަ ބުނާކަހަލައެވެ. އަހަންނާއި ވާހަކަ ނުދައްކަނީ ކީއްވެހެއްޔެވެ. އޭނާގެ އަޑު އަހާލަން ބޭނުންވަނީއެވެ. އޭނާގެ ދުލުން އޭނާގެ ހާލުގެ ވާހަކަ ބުނާނޭ ނަމައޭ ހިތަށް އަރަނީއެވެ. އެހެންވިޔަސް ހައިކަލް އެނދުގައި އޮށޯވެލައި ދެ ލޯ މަރާލީއެވެ. އެހެންވެ ތަށިތައް ހިފައިގެން އެ ކޮޓަރިން އަހަރެން ނުކުތީ ހައިކަލްއަށް އުނދަގޫ ވެދާނޭތީއެވެ.

ގަޑިން ގަޑިއަށް ބޭސްދޭއިރު ވެސް ހުންގަނޑު އެއްކޮށް ފިލައިގެނެއްނުދެއެވެ. އިރުއޮއްސުނުއިރު ހައިކަލްއަށް ހޮޑު ވެސް ލެވިއްޖެއެވެ. އަހަރެންގެ ހާސްކަމާ ކަންބޮޑުވުން އިންތިހާއަށް ދިޔައެވެ. އަނެއްކާ ވެސް ޑަކްޓަރަށް ގޮސްގެން ނޫނީ ރަނގަޅު ނުވާނޭ ހިތަށް އެރުމުން ހައިކަލް ގާތުގައި އެ ވާހަކަ ބުނީމެވެ. އޭނާ ބަހެއް ނުބުނެ އަހަންނަށް ބަލާނުލާ އޮންނާތީ އަހަރެން ރުޅިގަދަވާންފެށިއެވެ. އެންމެފަހުން އެމްބިއުލާންސްއަށް ގުޅަން ފެށުމުން އެނދުން މަޑުމަޑުންތެދުވިއެވެ. އެތަން ފެނި ކުރަންހުރި ފޯނުކޯލު ކަނޑާލާފައި ހަލުވިކޮށް އައިސް ހައިކަލްގެ ގައިގާ ހިފަހައްޓާލެވުނެވެ. ހައިކަލްގެ ގައިގާ އަހަރެންގެ އަތްޖެހުމާއެކު އޭނާ މަޑުމަޑުން އަހަރެން ދުރުކޮށްލިއެވެ. އަދި ދެއަތުން މަޑުކުރުމަށް އިޝާރާތްކޮށްލި ގޮތުން އަހަރެންގެ ހިތަށް ތަދުވިއެވެ. އަހަރެން ބަލަން ހުއްޓާ ކޮޓަރީގެ އެއްފަރާތުގައި ހުރި ރީތިވާ މޭޒުގެ ވަތްގަނޑު ހުޅުވާލާފައި ކަޅުފޮތެއް ހައިކަލް ނެގިއެވެ. އޭގެތެރެއިން ހައިކަލް ދިއްކޮއްލީ ކާޑެކެވެ. އެ ކާޑުވީ ކޮންމެވެސް ޑަކްޓަރެއްގެ އެޑްރެސް ކާޑަކަށެވެ. އަހަންނަށް ހައިކަލް ބޭނުންވީ އެ ކާޑުގައިވާ ޑަކްޓަރުގެ އެހީކަން އެނގުމުން އޭގައިވި ނަންބަރަށް ގުޅާލީމެވެ. ނެގީ ފިރިހެނެއް ކަމަކު އޭނާ ވާހަކަދައްކަން ފެށީ އިނގިރޭސި ބަހުންނެވެ. އަހަރެން އަވަސް އަވަހަށް ވެގެން އުޅޭގޮތް ކިޔާދިނުމުން އެ ޑަކްޓަރު ވަގުތުން އެބަ އަންނަން ކަމުގައި ބުންޏެވެ.

އެނދުގައި އޮތްހައިކަލްއަށް ފިނިވާތީ ކޮޓަރީގައި ހުރި ފަންކާ ނިއްވާލުމަށްފަހު އެނދުގައިވާ ބޯރަޖާނަގާ ހައިކަލްގެ ގައިގާ އަޅާލީމެވެ. ޑޮކްޓަރު އަންނާނެ އިރެއްގެ އިންތިޒާރުގައި އަހަރެން ހައިކަލްގެ ގާތުގައި އިނީމެވެ. އޭނަގެ ދެލޯ އޭރު މަރާލިގޮތަށް އެއްގޮތަކަށް ވެސް ނުހުޅުވައެވެ. ދޭތެރެއަކުން އަހަރެން އޭނާގެ ހޭހުރިތޯ ބަލަމެވެ. ނަމަވެސް ހުންގަދަވެގެންދިޔައީ އަހަރެން ބިރުގަންނަވަރަށެވެ. ހުސްނާއަށް ބާރަށް ގޮވާލުމަށްފަހު ތަށްޓަކަށް ފެންއަޅައިގެން އަވަހަށް އައުމަށް ބުނީމެވެ. އަހަރެން ޑަކްޓަރު އަންނަންދެން ހައިކަލްގެ ނިތްކުރީގައި ތެތްރުމާއަޅަމުން އޭނާގެ މޫނުގައި ފެންހާކަމުން ދިޔައީމެވެ. ހާސްވެކަންބޮޑުވިވަރުން ހައިކަލްގެ މޫނުގައި މަޑުމަޑުން ޖަހާލާ އޭނައަށް ގޮވާލެވެއެވެ.

އެހާސްކަމުގެ ތެރޭ އުޅެނިކޮށް ހައިކަލްފަދަ އިސްކޮޅުން ބޮޑު ދޮން ފިރިހެނެއް އެކޮޓަރިއަށްވަނެވެ. އޭނައަށް ކިޔަނީ ހެންރީ ކަމަށް ބުނެ އަހަރެންނާއި އޭނައާ ދެމެދު ކުޑައިރުކޮޅެއް ކުރިން ދެކެވުނު ފޯނުކޯލުގެ ވާހަކަ ބުނުމުން އެއީ ޑަކްޓަރުކަން އަހަންނަށް އެނގުނެވެ. އޭނާ ގޮވައިގެން ކޮޓަރިއާ ހަމައަށް އައީ ހުސްނާއެވެ. އަހަރެންގެ ގާތުގައި ކޮންއިރަކު ތޯ ހައިކަލް ހުންއައީ ހެންރީ އެހުމުން ހުރިހާ ވާހަކައެއް ފައްޗަށްކަށް އަމުނާލީމެވެ. ހައިކަލްގެ ވިންދާ ޕްރެޝަރާ އަދި ދެ ލޯ ހެންރީ ބެލިއެވެ. އަހަންނަށް ހައިކަލް ރަނގަޅުވާނެތޯ އަހާލެވުނީ އިހްތިޔާރަކާ ނުލައެވެ.

ރޭގަނޑުގެ ބާރަޖެހުމާހަމައަށް ކޮންމެ ސާޅީސްފަސްމިނެޓުން ހެންރީ ދިޔައީ ހައިކަލްގެ ހާލުބަލަމުންނެވެ. ހެންރީ އަހަރެން ގާތުގައި ކަންބޮޑު ނުވުމަށް ބުނަމުންދިޔައެވެ. ނަމަވެސް އަހަރެންގެ ހިތަށް އޭރުވަމުންދިޔަގޮތްތަކެއް ބުނެދޭކަށް ނޭގެއެވެ. އަހަރެން ގާތުގައި ހެންރީ އެދުނީ ތާފަނާކަން ހުންނަވަރުގެ ފެން ހައިކަލްގެ މުޅިހަށިގަނޑުގައި އުނގުޅުމަށެވެ. އޭރުން ހުންމަޑުވުމަށް ފަސޭހަވާނެތީއެވެ. ހުސްނާ އަހަރެންގެ ކޮންމެ ގޮވާލުމަކަށް ހުންނަނީ ހުޝިޔާރުވެއެވެ. އަވަސް އަވަހަށް ތާފަނާކަން ހުރިވަރުގެ ފެންގެނެސް ދިނެވެ. އަހަރެން ހައިކަލްގެ ގައިގާ އަޅާފައިވާ ރަޖާގަނޑު ނެގުމަށްފަހު އޭނަ ލައިގެން އޮތް ޓީޝާޓު ބޭލުމަށް އުޅުނީމެވެ. ނަމަވެސް އެކަމުގައި އަހަންނަށް ހެންރީގެ އެހީތެރިކަން ހޯދަން ޖެހުނެވެ.

މަޑުމަޑުން ހައިކަލްގެ ގައިގާ ފެންއުނގުޅަމުން ދިޔައިރު އަހަރެންގެ ސިކުނޑި ހައިކަލްގެ ޚިޔާލުތަކުން ފުރި ބަރާވަމުންދިޔައެވެ. އެތަނަވަސް މޭމަތީ އަހަންނަށް ފިރުމާލެވުނެވެ. އަހަންނަށް ނޭނގި އަހަރެންގެ ދެލޯ ކަރުނުންފުރިގެން ދިޔައެވެ. އަހަރެންގެ ދެލޯ ރޮއްވާލާވަރަށް ހިތުގައި ވޭން އަޅަނީ އެވެ. އަހަންނާއި ހައިކަލްގެ ދެބަސްވުންތަކުގެ މަތިން ހަނދާންވިއެވެ. އަހަރެންގެ ދުލުން ހައިކަލްއަށް ބުނެފައިވާ ހަރުކަށި ބަސްތަށްމަތިން ހަނދާންވަމުންދިޔައެވެ. އަހަރެންނަށް ރޮވޭތީވެ ހިތްވަރު ކުރަން އަހަރެންގެ ގާތުގައި ހެންރީ ބުންޏެވެ. ހެދުނުވާންވާއިރަށް ހައިކަލްގެ ހުންމަޑުވެދާނެކަމުގައި އޭނާ ބުންޏެވެ.

ހެންރީވީ ހައިކަލްގެ ގާތް ރަހުމަތްތެރިއަކަށެވެ. އޭނަ އެރޭ ހައިކަލްގެ ގާތުގައި ތިނެއްޖަހަންދެން މަޑުކުރިއެވެ. އަހަންނާއި ހެންރީއާ ދެމެދު ދެކެވުނު ވާހަކައިން ހައިކަލް އާއި އޭނައާ ދެމީހުންނަކީ އެއްއެޕާޓުމަންޓެއްގައި އުޅުނު ރޫމްމޭޓްސް ކަމުގައި ބުންޏެވެ. ހައިކަލް މެޑިކަލް ސްކޫލު ވަކި ހިސާބަކުން ހުއްޓާލީ އިކޮނޮމިކްސް ދާއިރާއިން ކުރިއަށްދާހިތްވާލެއް ބޮޑުކަމުންކަމުގައި ބުންޏެވެ. ހައިކަލް އާއި ބެހޭ ގޮތުން ފުރަތަމަ ފަހަރަށް އަހަންނަށް ކޮންމެވެސް އެއްޗެއް އެނގިގެން ދިޔައެވެ. ހެންރީ ކިޔާދިންގޮތުން ހައިކަލްއަކީ މީހުންނަށް ލަޑުދިނުމާ ސަކަރާތްގަތުމުގައި އެވަރެއްނެތް މީހެކެވެ. ހެންރީ ރާއްޖެއަށް އައިފަހުން މިހާރު މަސްދުވަސްވަނީކަމުގައި އޭނަ ބުންޏެވެ. ކޮންމެ ދުވަހަކު ހައިކަލް ހެންރީއާއެކު ކޮފީ ބުއިމަށް ދާކަން ވެސް އެނގުނީ އޭނަ ބުނުމުންނެވެ. ނަމަވެސް ހައިކަލްއަކީ މިހާރު ވަރަށް ތަފާތު މީހެއްކަމުގައި ބުންޏެވެ. ހެންރީ އަހަރެން ގާތު ސުވާލެއްކުރިއެވެ. ހައިކަލް އެއްވެސްކަމަކާ ހާސްވެ ކަންވޮޑުވޭހެއްޔެވެ. އަހަރެން ނޫނެކޭ ބުންޏަސް އެއީ ދޮގެކެވެ. ހައިކަލްއަށް އެބަދަލުތައް ގެނުވީ އަހަރެންނެވެ. އޭނައަށް ކުރެވުނު ކުށެވެ. ހެންރީ އަހަރެންނަކީ ނަސީބުވެރިއެއްކަމުގައި ބުންޏެވެ. އެކަމަކު އަހަރެންނަށް އެކަންނުވިސްނެނީ ކީއްވެބާއެވެ.

* * * * *

ހައިކަލްގެ ގާތުގައި ބަހައްޓައިގެން އިން ގޮނޑީގައި ނިދިޖެހިފައިވަނިކޮށް ފަތިސްނަމާދު ބަންގިއަށް އަހަންނަށް ހޭލެވުނުއިރު މުޅިމީހާ ހުރީ ދާހިތްލާ ފޯވެފައެވެ. އާދައިގެ މަތިން އަހަންނަށް އެ ހުވަފެން އުނދަގޫކުރިއެވެ. ނަމަވެސް މިފަހަރު ހިތްހަމަޖެހުމާ އުފާ ހާޞިލެއްނުވިއެވެ. ކޮންފަދަ އަޖައިބެއްބާއެވެ. މާތް ﷲގެ ކުޅަދުންވަންތަވެރިކަމެވެ. މިހުރިހާ ދުވަހު ފެނުނު ހުވަފެނުގައި އަހަރެންގެ ކައިރީގައި ހުރި މީހާގެ މޫނު ސާފުކަމާއި އުޖާލާކަމާއިއެކު ފެނިއްޖެއެވެ. ގަބޫލުކުރަން ދަތިވެފައިވި ހާލުގައި ފަތިސްނަމާދު ކުރުމަށް އަވަސްވެ ގަތީމެވެ. ހުވަފެނާ މެދު އިތުބާރުކުރާން ބޭނުން ނުވީއެވެ.

ހައިކަލްގެ ހާލު ރަނގަޅުވޭތޯ ދުޢާކުރެވުނެވެ. އޭނަ ލޯހުޅުވާލާނެ އިރަކަށް އަހަރެން އިންތިޒާރުކުރީމެވެ. ހެންރީ ބުނީ ތެދެކެވެ. ހައިކަލްގެ ހުން މަޑުމަޑުން ތިރިވަމުންދިޔައެވެ. އަހަރެން އެ ކޮޓަރީގައި ފަރުދާކުރެވިފައިވާ ބެލްކަނީގެ ދޮރުހުޅުވާލީ ދޮރުފޮތިގަނޑު އެއްފަރާތްކޮއްލަމުންނެވެ. ކޮޓަރިތެރެއަށް އެޅިގެންދިޔަ ރަންދޯދިތަކާއިއެކު އިތުރު ހިތްގައިމުކަމެއް ވެރިވެގެންދިޔައެވެ.

މެންދުރުވަނިކޮށް ހައިކަލް އެނދުން ތެދުވެވޭ ވަރުވިއެވެ. ނަމަވެސް އެ ހަށިގަނޑުގައި ވަރުނެތްކަން އެނގުމުން އަހަރެން އޭނައަށް އޮރެންޖު ޖޫސްތަށްޓެއް ގެންގޮސްދިނީމެވެ. ހައިކަލް އަހަރެންގެ އަތްތިލަ އާއިއެކު ޖޫސްތަށީގައި ހިފުމުން އަހަރެންނަށް ބުނެދޭންނެގޭ އިހްސާސްތަކެއް ކުރުވިއެވެ. ކަދުރާގައިވި ހުރިހާ ލޯލިތަކެއް ހަރުކަށިވެގެން ދިޔަކަން ފާހަގަކުރެވުނެވެ. ކަކުލު ހުޅުން ވާގިދިޔަހެން ވެސް އެވަގުތު އަހަންނަށް ހީވިއެވެ. ނަމަވެސް އެއީ ހައިކަލް ގަސްދުގަ ކުރިކަމަށް ނުވާނޭ ސިކުނޑި ވިސްނައިދިނެވެ.

ހައިކަލް ފެންވަރާލައިގެން ނުކުންނަންވާއިރަށް އަހަރެން އެނދުގެ ތަންމަތި ބަދަލުކޮއްލީމެވެ. އޭނާ އާންމުކޮށް އަޅާ ހެދުން އެނގޭތީވެ، ޓީޝާޓަކާއި ސޯޓެއް ތައްޔާރުކޮއްދިނީމެވެ. އެ ހުރިހާ ކަމެއްކޮއްލެވުމުން ހިތަށް ފިނިކަމެއް އިހްސާސްކުރެވުނެވެ. އެހެންނަމަވެސް ހައިކަލް ނުކުންނަންވާއިރަށް އެ ކޮޓަރީގައި ހުންނާކަށް ނުކެރުނެވެ. އެހެންވެ ހަލުވިކޮށް ނުކުތީއެވެ.

ދުވާލުގެ ވަގުތުތައް ފާއިތުވަމުން ދިޔައެވެ. ހައިކަލް އޭނަގެ އެނދުގައި ރަޖާދަށަށްވަދެ އޮތެވެ. އަހަރެން ހެންރީއަށް ވާނުވާ އެންގީމެވެ. އޭނާ ވެސް ހައިކަލްގެ ހާލުބެލުމަށް އައިސް އުޅެފައި ދިޔައީ އިރުއޮއްސުނު ފަހުންނެވެ. ހައިކަލްގެ ހާލު އިތުރަށް ގޯސްވާކަމުގައިވާނަމަ އޭނައަށް އަވަހަށް އެންގުމަށް އެދުނެވެ.

އަހަރެން އިނީ ހައިކަލްގެ ހުންމަޑުކަމުގައި ވިޔަސް އޭނައާ ދުރަށްދާން ނުކެރިފައެވެ. އަހަރެން ނެތިސް ހުން ގަދަވެދާނޭ ހީވާތީއެވެ. އަހަރެން އެނދުކައިރީ އިން ބޮޑު ގޮނޑީގައި އިށީނދެލައިގެން އިންއިރު ހައިކަލް އޮތީ އަހަންނަށް ފުރަގަސް ދީގެންނެވެ. އޭނަ އޮތީ ހޭލާކަން އަހަންނަށް އެނގުނީ ހައިކަލް އަހަންނާ ވާހަކަދައްކަން ފެށީމައެވެ. (ނުނިމޭ)