ހަބަރު

ޝިފާއަށް ރިޝްވަތު ހުށަހަޅާފައެއް ނުވޭ: އޭސީސީ

ޕާޓީ ބަދަލު ކުރާ މަތިން މާލޭ ސިޓީގެ މޭޔަރު ޝިފާ މުހައްމަދަށް ރިޝްވަތު ހުށަހަޅާފައިވާ ނުވާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނެފި އެވެ.

އެ ކޮމިޝަނުން އެކަމާ ގުޅޭ މައްސަލައެއް ބަލައި ނިންމުމަށްފަހު އޭސީސީ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރިޝްވަތުގެ ގޮތުގައި ތިން ކޮޓަރީގެ އެޕާޓްމަންޓަކާއި، މިލިޔަނުން ފައިސާ ހުށަހަޅާފައިވާ ކަމަށް ބުނެ މީޑިއާގައި އާންމުވި ހަބަރާއި ގުޅިގެން އެ ކޮމިޝަނުން އެ މައްސަލަ ބަލާ ޝިފާ އާ ސުވާލުކޮށްފައިވާ ކަމަށެވެ. އަދި އެކަމާ ގުޅޭގޮތުން، ކޮޅު ބަދަލުކުރާ މަތިން ތިން ކޮޓަރީގެ އެޕާޓްމަންޓަކާއި، މިލިޔަނުން ފައިސާ ހުށަހަޅާފައިވާ ކަމަށް ބުނެ މިދިޔަ އޮކްޓޫބަރު މަހު ޓްވީޓު ކުރެއްވި ކަމަށް ޝިފާ ވިދާޅުވި ކަމަށެވެ. އެހެން ނަމަވެސް އެއްވެސް ނޫހެއްގައި އެކަމާ ގުޅިގެން ހަބަރެއް ޝާއިއު ކުރިކަން އެނގިވަޑައިގެންފައި ނުވާ ކަމަށް ވިދާޅުވި ކަމަށެވެ.

އެކަމާ ގުޅިގެން އެއްވެސް ނޫސްވެރިއެއް ވެސް އެކަމަނާއާ ސުވާލު ކޮށްފައި ނުވާ ކަމަށާއި، އެގޮތަށް ޓްވީޓްކުރައްވާފައިވަނީ މުޖުތަމައު ތެރޭގައި އެފަދަ މައްސަލަތައް ހިނގާކަމަށް ގަބޫލު ކުރެވިގެން އާންމުން ހޭލުންތެރި ކުރުމަށްޓަކައި ކަމަށް ޝިފާ ވިދާޅުވި ކަމަށް ވެސް އޭސީސީގެ ބަޔާނުގައި ބުނެފައިވެ އެވެ.

އެ ޓުވީޓަކީ އޭނަ ލިޔަން ފަށާފައިވާ ވާހަކައެއް ކަމަށާއި، އެވާހަކައިގެ ދެވަނަބައި ފަހުން ޝާއިއުކުރާނެ ކަމަވެސް ޝިފާ ވިދާޅުވެފައިވާތީ، އެ ޓްވީޓުން ވަކި ޕާޓީއަކަށް ނުވަތަ ވަކި ފަރާތަކަށް ނިސްބަތްވެފައިވާކަމުގެ މާނައެއް ދޭހަނުވާނެ ކަމަށާއި، މިފަދަ އެތައް ވާހަކައެއް އާންމުން ހޭލުންތެރި ކުރުމުގެ ގޮތުން ޓްވީޓްކުރައްވާފައި ހުންނާނެ ކަމަށް ޝިފާ ވިދާޅުވި ކަމަށްވެސް ބަޔާނުގައި ވެއެވެ.

އެހެން ކަމުން އެ މައްސަލައިގައި ކޮރަޕްޝަންގެ އަމަލެއް ހިންގާފައި ނުވާ ކަމަށް ނިންމާފައިވާ ކަމަށް އެ ބަޔާނުގައި ބުނެފައިވެ އެވެ.