ހަބަރު

ބަދު އަހުލާގީ ތުހުމަތުވި ވަކީލު ސަސްޕެންޑުކޮށްފި

މިދިޔަ އޮކްޓޫބަރު މަހުގެ އަށް ވަނަ ދުވަހު ގދ. ތިނަދޫ ގެސްޓު ހައުސްގެ ތެރެއިން ކުޑަކުއްޖަކާއެކު ބަދު އަހުލާގީ އަމަލު ހިންގި ކަމުގެ ތުހުމަތަށް ދައުވާ އުފުލާ، ގާނޫނީ ވަކީލް އަހްމަދު ޝާންގެ އެ މައްސަލަ ބަލައި ނިމެންދެން އޭނާ ސަސްޕެންޑުކޮށްފި އެވެ.

ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން މިއަދު ބުނެފައިވަނީ ޝާންގެ މައްޗަށް ބަދުއަހުލާގީ އަމަލުތަކެއް ހިންގުމުގެ ތުހުމަތުގެ ދައުވާ އުފުލާފައިވާތީ، އެ މައްސަލަތަކާމެދު ވަކި ގޮތެއް ކަނޑައަޅަންދެން ރާއްޖޭގެ ކޯޓުތަކާއި ޓްރައިބިއުނަލްތަކުގައި ވަކާލާތު ކުރުން ވަގުތީ ގޮތުން މަނާކޮށްފައިވާ ކަމަށެވެ.

އެ މައްސަލައިގައި ޝާންގެ ގާނޫނީ ވަކީލް ޝަޒީމް ވަހީދު ގެސްޓް ހައުސްގައި ޝާން ހުރި ކޮޓަރިއަށް އެ އަންހެން ކުއްޖާ ވައްދާފައިވަނީ ބަޔަކު ގަސްތުގައު ދުރާލާ ރާވައިގެން ކަމަށެވެ. އެ އަންހެން ކުއްޖާއަކީ މީގެ ކުރިންވެސް އެ ފަދަ މައްސަލަތަކުގައި ފުލުހަށް ހާޒިރުކޮށްފައިވާ ކުއްޖެއް ކަމަށާއި އެެރެއިން އެރެއަށް އެކުއްޖާ ދޫކޮށްލާފައިވާ ކަމަށެވެ.

މީގެ އިތުރުން އެ ގެސްޓު ހައުސްއަށް ފުލުހުން ވަދެފައިވަނީ ގާނޫނާ ހިލާފަށް ކަމަށްވެސް ޝަޒީމް ވިދާޅުވެފައިވެ އެވެ.