ކުޅިވަރު

ފަސް އަހަރަށްފަހު މާޒިޔާއަށް އޭއެފްސީގެ ދޮރު ބަންދު

Dec 3, 2017

އެފްއޭ ކަޕް ސެމީ ފައިނަލުގައި، ރޭ ޓީސީ އަތުން 2-0 ން ބަލިވުމުން، ފަސް އަހަރު ފަހުން އޭއެފްސީ ކަޕުން މާޒިޔާ އަށް ފުރުސަތު ގެއްލިއްޖެ އެވެ.

ރާއްޖެއިން އޭއެފްސީ ކަޕްގެ ދެ ވަނަ ޖާގަ ދެނީ އޭފްއޭ ކަޕްގެ ޗެމްޕިއަން ޓީމަށެވެ. ފުރަތަމަ ޖާގަ ދެނީ، ދިވެހި ޕްރިމިއާ ލީގް ޗެމްޕިއަން ޓީމާ ދެކޮޅަށެވެ.

މާޒިޔާއިން ދަނީ 2013 ވަނަ އަހަރުގެ ފަހުން، އޭއެފްސީ ކަޕުން ބަރާބަރަށް ޖާގަ ހޯދަމުންނެވެ. އޭއެފްސީ ކަޕްގައި، އެޓީމުގެ އެންމެ ރަނގަޅު ރެކޯޑެއް އޮތީ މިއަހަރު އެވެ. ގުރޫޕްގެ އެއް ވަނަ ހޯދާ ޓީމަށް، އޭއެފްސީ ކަޕްގެ އަނެއް ބުރަށް ދިއުމުގެ ފުރުސަތު އޮންނައިރު، އަނެއް ބުރަށް ދިއުމާ ވަރަށް ގާތަށް މާޒިޔާއަށް ދެވުނެވެ. ޕޮއިންޓްގެ ގޮތުން، އިންޑިއާގެ ބެންގަލޫރު އެފްސީއާ އެއްވަރުކޮށް ލަނޑުގެ ތަފާތުންވެސް މާޒިޔާއަށް ކުރި ލިބުނެވެ. ނަމަވެސް، އެ ޓީމަށް އަނެއް ބުރަށް ނުދެވުނީ، ބެންގަލޫރު އަތުން ޕޮއިންޓެއް ނުލިބުމުންނެވެ.

ބިދޭސީ ކޯޗެއް ގޮވައިގެން، މާޒިޔާއިން ސީޒަން ފެށީ ރަނގަޅު ފޯމެއްގައެވެ. އޭއެފްސީ ކަޕްގެ ގުރޫޕް ސްޓޭޖުގައި އިންޑިއާގައި، މޯހަންބަގާން ބަލިކޮށް، 13 އަހަރު ފަހުން އިންޑިއާގެ ކުލަބެއް ބަލި ކުރި، ފުރަތަމަ ޓީމުގެ ޝަރަފު މާޒިޔާއިން ހޯދި އެވެ. އޭގެ ކުރިން އިންޑިއާ ޓީމެއް އެންމެ ފަހުން ބަލި ކުރި ދިވެހި ޓީމަކީ ކުލަބު ވެލެންސިއާ އެވެ. ދެހާސް ތިން ވަނަ އަހަރު ރާއްޖޭގައި ބޭއްވި ޕޮމިސްކަޕްގެ ގުރޫޕް ސްޓޭޖުގައި ވެލެންސިއާއިން ވަނީ އިންޑިއާގެ މަހިންދަރަ ޔުނައިޓަޑްގެ މައްޗަށް 4-2 ން މޮޅުވެފަ އެވެ.

މާލޭ ލީގް ޗެމްޕިއަންކަން ހޯދި ނަމަވެސް، ދިވެހި ލީގްގެ ފުރަތަމަ ބުރުގެ ފަހު ކޮޅަށް އެޅުނުއިރު މާޒިޔާއަށް މައްސަލަ ކުރިމަތިވެއްޖެ އެވެ. ކެޕްޓަން އަސަދުﷲ އަބްދުﷲ އަށް އަނިޔާވެ މާޒިޔާގެ ފޯމަށް އަސަރު ކުރި އެވެ. އެއްބަސްވުމުގެ މުއްދަތު ހަމަވުމުން އެ ޓީމުގެ ކޯޗަކަށް ހުރި މެސަޑޯނިއާގެ މަރުޔާން ސެކްލޮސްކީ ފޮނުވާލި އެވެ.

މިހާރުގެ ކޯޗް އިސްމައީލް މަހްފޫޒް (އިންމަ) އާ ޓީމު ހަވާލުވިއިރު، ލީގްގެ ދޮރު އޮތީ ބަންދުވެފަ އެވެ. ޓީމާއެކު މާގިނަސް ދުވަސްތަކެއް މަސައްކަތް ކުރާކަށް އިންމަ އަށް ފުރުސަތު ނުލިބެ އެވެ. ނަަމަވެސް އޭނާ ބުނީ މާޒިޔާ ފުޓްބޯޅައިގެ ބަރެއްގެ ގޮތުގައި އޮތުމަށް ކުރަން ޖެހޭ މަސައްކަތް ކުރާނެ ކަމަށެވެ.

"މާޒިޔާ، ޓީސީ، ނިއުރޭޑިއަންޓް، މުބާރާތަކަށް ކުރިމަތި ލަންޏާ ތަށި ނޫން އެއްޗެއް ބޭނުމެއް ނުވާނެ، އެ ވިސްނުމުގައި އަޅުގަނޑުމެން (އެފްއޭ ކަޕަށް) ކުރިމަތިލީވެސް،" އިންމަ ބުންޏެވެ. "އެހެންނަމަވެސް އެކަން ހަސިލުނުވެ މިދިޔައީ، އަދި މިވަރުން ފަރުޖައްސާލެވޭކަށް ނޯންނާނެ، އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް ތާންގައި ނަތީޖާވެސް ރަނގަޅުވާނެ."

"އޭއެފްސީ ކަޕް އެކަންޏެއް ނޫން މުބާރާތްތަކުގައި ކާމިޔާބު ހޯދުން އެއީ ޓާގެޓެއް، އޭއެފްސީ ކަޕްގައި ނުކުޅުނެކޭ ކިޔާފައެއް މަސައްކަތަކައް ބަދަލު ނާންނާނެ، އެ ރޫހުގައި ކުޅުންތެރިން މަސައްކަތް ކުރާނެ."