އަލީ ފާސިރު (ސެންޓޭ) ގެ ހެޓްރިކާއެކު ކްލަބް ގްރީން ސްޓްރީޓްސް 0-4 ބަލިކޮށް ނިއު ރޭޑިއަންޓު އެފްއޭ ކަޕް ފައިނަލަށް ދަތުރުކޮށްފި އެވެ. ފައިނަލްގެ ފަހު ޖާގަ ކަށަވަރު ކުރުމަށް ކުޅުނު މެޗުގައި ނިއުގެ އަނެއް ލަނޑު ކާމިޔާބުކުރީ ހަމްޕު އެވެ.
ނިއު ރޭޑިއަންޓު ފައިނަލަށް ދަތުރު ކުރުމާއެކު ޓީސީއަށް މިވަނީ އަންނަ އަހަރުގެ އޭއެފްސީ ކަޕްގެ ޖާގައެއް ލިބިފައެވެ. ސަބަބަކީ ނިއު ރޭޑިއަންޓް ލީގު ޗެމްޕިއަންކަން ހޯދާފައި ވުމެވެ. އޭއެފްސީ ކަޕްގައި ވާދަކުރާ ދިވެހި ދެޓީމަކީ ކޮންމެ އަހަރެއްގެ ލީގު ޗެމްޕިއަން އަދި އެފްއޭ ކަޕް ޗެމްޕިއަން އެވެ. ލީގު އަދި އެފްއޭ ކަޕް އެއް ޓީމަކުން ކާމިޔާބުކޮށްފިނަމަ އޭއެފްސީ ކަޕްގެ ފުރުސަތު ލިބޭނީ ލީގުގެ ދެވަނަ ޓީމަށެވެ. ދިވެހި ލީގު ދެވަނަ މަގާމު ހޯދާފައިވަނީ ޓީސީ އެވެ.
މެޗަށް ނިކުތްއިރު ނިއުގެ އަލީ އަޝްފާގް (ދަގަނޑޭ) އަދި އިބްރާހިމް ފަޒީލް (އޮއްޕޮ) މެޗަށް ނިކުމެފައިވަނީ ބެންޗުންނެވެ.
މެޗުގެ ހަތް ވަނަ މިނިޓުގައި ނިއުއަށް ލީޑު ނަގައިދިނީ ސެންޓޭއެވެ. އޭރިއާ ބޭރުން ސެންޓޭ ފޮނުވާލި ބޯޅަ ގޯލަށް ވަނީ ގްރީންގެ ޑިފެންޑަރެއްގެ ފައިގައި ޖެހިފައި ކީޕަރު ފައިރޫޒް އަތުގައިވެސް ޖެހިފަ އެވެ.
ދެވަނަ ހާފް ފަށައިގެން ހަތަރުވަނަ މިނިޓުގައި ނިއުގެ ދެވަނަ ލަނޑު ކާމިޔާބުކޮށްދިނީ ހަމްޒާ މުހައްމަދު (ހަމްޕު) އެވެ. ގްރީންގެ ދެކުޅުންތެރިން ކަޓުވާލުމަށްފަހު އޭރިޔާ ތެރެއިން ހަމްޕު ފޮނުވާލި ބޯޅަ ގޯލަށް ވަނީ ކީޕަރު ފައިރޫޒް އަތުގައި ޖެހިފަ އެވެ.
ނިއުގެ ތިންވަނަ ލަނޑު މެޗުގެ 72 ވަނަ މިނިޓްގައި ކާމިޔާބުކުރީ ސެންޓޭއެވެ. މުހައްމަދު ރަޝީދު (ހޮކޭ) ގްރީން ސްޓްރީޓްސްގެ ޝާފީ އަދި ނައްޒާމް ކައިރިން ދެމިގަތުމަށްފަހު އޭރިއާ ތެރެއަށް ވަދެ ކުޅުނީ ހުސްކޮށް ހުރި ސެންޓޭއަށެވެ. އޭނާ ވަނީ ހަމަޖެހިލާފައި ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލާފަ އެވެ.
މެޗުގެ ފަހު މިނިޓުގައި ސެންޓޭ އޭނާގެ ހެޓްރިކް ފުރިހަމަ ކުރީ ހިތްގައިމު ހިލޭ ޖެހުމަކުންނެވެ. އޭނާ ފޮނުވާލި ބޯޅަ އަމާޒުވީ ގޯލްގެ މަތީ ކަނަށެވެ.
އެފްއޭ ކަޕް ފައިނަލްގައި ނިއު އާއި ޓީސީ ބައްދަލުކުރާ މެޗު އޮންނާނީ ބުދަ ދުވަހުގެ ރެ އެވެ.