ހަބަރު

ހައި އެޗީވާސް ސްކޮލަޝިޕް 41 ދަރިވަރުންނަށް ދީފި

މި އަހަރު ސަރުކާރުން އަލަށް ދޭން ފަށާ ހައި އެޗީވާސް ސްކޮލަޝިޕް އެވޯޑް 41 ދަރިވަރުންނަށް ދީފި އެވެ.

މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ ދަރިވަރުންނަށް ސްކޮލަޝިޕް ހަވާލުކޮށްދެއްވީ އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު ޝިހާމެވެ. ހައި އެޗީވާސް ސްކޮލަރޝިޕް އެވޯޑަކީ މަތީސާނަވީ މަރުހަލާގައި ކިޔަވާ ދަރިވަރުން، ކިޔެވުމަށް ބާރުއެޅުމާއި، ރަނގަޅު ނަތީޖާ ހޯދުމަށް ހިތްވަރުދީ އިލްމީގޮތުން ގާބިލު ޒުވާން ޖީލެއް ބިނާކުރުމަށް، ދިވެހި ސަރުކާރުން އަލަށް ފެއްޓި ސްކޮލާޝިޕް ސްކީމެކެވެ.

މިއީ ދިވެހި ދައުލަތުގެ ބަޖެޓުން ހޭދަކޮށްގެން ގައުމީ ފެންވަރުގެ ސްކޮލާޝިޕް ސްކީމެއް ސަރުކާރުން ފެއްޓި ފުރަތަމަ ފަރަހެވެ.

ހައި އެޗީވަރސް ސްކޮލާޝިޕް އެވޯޑުގެ ދަށުން ކިޔެވުމުގެ ފުރުސަތު ދެނީ ރާއްޖޭގެ ސްކޫލުތަކުގެ މަތީސާނަވީ އިމްތިހާނުތަކުން ޖީ.ސީ.އީ އޭލެވެލްގެ ތިން މާއްދާއިންނާއި، އެޗް.އެސް.ސީގެ ދިވެހި، އިސްލާމް، މި ދެ މާއްދާއިން ދަށްވެގެން "އޭ" ފާސް ހޯދާ ދަރިވަރުންނަށެވެ. މި އަހަރު ސްކޮލަޝިޕް ދީފައިވާ ދަރިވަރުންނަކީ މި އަހަރުގެ މެއި/ޖޫން ގައި ބޭއްވި އޭ ލެވެލް އަދި އެޗްއެސްސީ އިމްތިހާނުތަކުން ފަސް އޭ އަށްވުރެ މަތިން ހޯދާފައިވާ ދަރިވަރުންނަށެވެ. ނު

މި ސްކޮލަރޝިޕްގެ ދަށުން ދަރިވަރުންނަށް މެލޭޝިޔާ، ތައިލެންޑް، ފިލިޕީންސް، ޗައިނާ އަދި ސާކް ގައުމުތަކުގެ ތެރެއިން ބޭނުން ގައުމެއްގައި ހިލޭ ކިޔެވުމުގެ ފުރުސަތު ލިބޭނެ އެވެ. އަދި މި ގައުމުތަކުން ބޭރު ގައުމެއްގައި ކިޔެވުމަށް ވެސް ހައި އެޗީވާސް ސްކޮލާޝިޕް އުސޫލުގެ ދަށުން ދަރިވަރުންނަށް ފުރުސަތު ފަހިކޮށް ދެވިދާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން މައުލޫމާތުދެ އެވެ.

އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. އަހްމަދު ނަޒީރު ވިދާޅުވީ، ރައީސް ވިދާޅުވި 2،050 ސްކޮލަޝިޕްވެސް މި މަހުގެ ތެރޭގައި ތައާރަފްކޮށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާނެ ކަމަށެވެ.