ކުޅިވަރު

ޔޫތު މުބާރާތް ލީގް އުސޫލުން ކުޅޭ ގޮތަށް ހަމަޖައްސައިފި

Dec 4, 2017

މި މަހު ފަށާ އެފްއޭއެމް ޔޫތު ޗެމްޕިއަންޝިޕް ލީގް އުސޫލުން ކުޅޭގޮތަށް ހަމަޖައްސައިފި އެވެ. އެފްއޭއިން މިގޮތަށް ހަމަޖެއްސީ، މުބާރާތުގައި ފަސް ޓީމު ވާދަ ކުރާތީ އެވެ.

މިމަހު 21 ފެށުމަށް ހަމަޖައްސާފައިވާ މުބާރާތުގައި ވާދަ ކުރާނީ މިދިޔަ ދެ އަހަރުގެ ޗެމްޕިއަން ކުލަބު އީގަލްސް އާއި މާޒިޔާ، ގްރީން ސްޓްރީޓް، ޔުނައިޓަޑް ވިކްޓަރީ، އަދި ގދ. ތިނަދޫ އެވެ.

މުބާރާތުގައި، ފުރަތަމަ ޑިވިޝަންގެ ބައެއް ކުލަބުތަކުން ބައިވެރި ނުވެ އެވެ. އެގޮތުން، މިދިޔަ އަހަރުގެ ރަނަރަފު ޓީސީ ސްޕޯޓްސް އާއި ނިއުރޭޑިއަންޓް، ވިކްޓަރީ ވެލެންސިއާ ހިމެނެ އެވެ.

ޓީސީން މުބާރާތުގައި ވާދަ ނުކުރަން ނިންމީ، އަންނަ އަހަރުގެ އޭއެފްސީ ކަޕްގެ ޕްރިލިމިނަރީ ބުރު އަންނަ ޖަނަވަރީ މަހު އޮންނާތީ، ކުޅުންތެރިންނަށް ރެސްޓް ދިނުމުގެ ގޮތުންނެވެ.

"ކުރިން އޮތް ގޮތުންނަމަ އަޅުގަނޑުމެން ތިބީ ބައިވެރިވާ ގޮތަށް، ނަމަވެސް އޭއެފްސީ ކަޕްގެ ޕްރިލިމިނަރީ ބުރު އޮތީމަ، ޔޫތު މުބާރާތުގައި ވާދަ ނުކުރަން ނިންމީ،" ޓީސީގެ ސީނިއާ ޓީމުގެ ހެޑްކޯޗް މުހައްމަދު ނިޒާމް ބުންޏެވެ. "ވާދަ ކުރާނަމަ ޕްރިލިމިނަރީ ރައުންޑަށް ދާން ވާއިރު ކުޅުންތެރިންނަށް ރެސްޓްކޮށްލަން ވަގުތެއް ނުލިބޭނެ، ސީނިއާ ޓީމުގައި ހިމެނޭ ގިނަ ކުޅުންތެރިންނަކީ، ޔޫތު ޓީމުގައިވެސް ހިމެނޭ ކުޅުންތެރިން."

އީގަލްސް މުބާރާތުގައި ވާދަ ކުރަނީ މުބާރާތް މިލުކު ކުރުމުގެ އުންމީދުގަ އެވެ. އީގަލްސްއިން އޮތީ ރަނގަޅު ޓީމެއް އެކުލަވާލައި މުބާރާތަށް ތައްޔާރު ވެގެންނެވެ.

އެފްއޭކަޕް ކްއާޓާ ފައިނަލުގައި، އީގަލްސްއިން ނިއުއާ ދެކޮޅަށް ނެރުނީ، ޔޫތު ޗެމްޕިއަންޝިޕްގައި ވާދަ ކުރާ ޓީމެވެ. ޔޫތު ޓީމުގެ ކޯޗް އަދި ސީނިއާ ޓީމުގެ އެސިސްޓެންޓް ކޯޗް އަހްމަދު ޝާކިރު (ޝާކިއްޓޭ) ބުނީ ނިއުގެ މެޗުގައި ޒުވާން ޓީމުގެ ކުޅުންތެރިންގެ ފަރާތުން ޕޮސްޓިވް ގިނަ ކަންކަމެއް ފެނިގެން ދިޔަ ކަމަށެވެ.

"ނިއުގެ އެ ޓީމާ އީގަލްސްގެ ޓީމާ އަޅާވެސް ނުކިޔޭނެ، ނަމަވެސް ވަރުގަދަ ސްކޮޑެއް އޮތް ނިއު އާ ދެކޮޅަށްވެސް ކުޅުންތެރިން ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެންދިޔަ، ވަރަށް ބައިވަރު ޕޮޒެޓިވް ކަންތައްތަކެއް ފެނުނު،" ނިއު އާ ދެކޮޅަށް ކުޅުނު މެޗަށް ފަހު ވާހަކަ ދައްކަމުން ޝާކިއްޓޭ ބުންޏެވެ. "ނިއުގެ ކޯޗް [އޮސްކާ ބުރުޒޮން ބަރޭރަސް] ވެސް އެކަން ވަރަށް ބޮޑަށް ފާހަގަ ކުރި."