ހަބަރު

ޗައިނާއިން ހެދި 1،500 ފްލެޓް ސަރުކާރާ ހަވާލުކޮށްފި

ޗައިނާ މެޝިނަރީ އިންޖީނިއަރިން ކޯޕަރޭޝަން (ސީއެމްއީސީ) އިން ރާއްޖޭގައި އެޅި 1،500 ހައުސިން ޔުނިޓް ދިވެހި ސަރުކާރާއި މިއަދު ހަވާލުކޮށްފި އެވެ.

މިއަދު ހަވީރު ހުޅުމާލޭގައި ބޭއްވި ރަސްމިއްޔާތެއްގައި އެ ފްލެޓްތައް ޗައިނާގެ ފަރާތުން ހަވާލު ކުރެއްވީ ސީއެމްއެސީ އިން ރާއްޖެ އަށް ކަނޑައަޅާފައި ހުންނަވާ މަންދޫބު ލިއު ޝައުޑާ އެވެ. އަދި ސަރުކާރުގެ ފަރާތުން މި ފްލެޓްތަކާ ހަވާލުވެވަޑައިގަތީ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒެވެ.

ޗައިނާއިން އެ ފްލެޓްތައް އަޅާފައިވަނީ ހުޅުމާލެ، ސ. ހިތަދޫ، ސ. ހުޅުމީދޫ، ފުވައްމުލައް ސިޓީ، ގއ. ވިލިނގިލި، ގދ. ގައްދޫ، ގދ. ތިނަދޫ، ގދ. މަޑަވެލި އަދި އެ އަތޮޅު ހޯޑެއްދޫގަ އެވެ. އެގޮތުން ހުޅުމާލޭގައި 704 ހައުސިން ޔުނިޓް، ސ. ހިތަދޫގައި 264 ހައުސިން ޔުނިޓް، ހުޅުމީދޫގައި 48 ހައުސިން ޔުނިޓް، ޏ. ފުވައްމުލަކުގައި 200 ހައުސިން ޔުނިޓް، ގއ. ވިލިނގިލީގައި 52 ހައުސިން ޔުނިޓް، ގދ. ގައްދޫގައި 50 ހައުސިން ޔުނިޓް، ގދ. ތިނަދޫގައި 120 ހައުސިން ޔުނިޓް، ގދ. މަޑަވެލީގައި 22 ހައުސިން ޔުނިޓް އަދި ގދ. ހޯޑެއްދޫގައި 40 ހައުސިން ޔުނިޓް ވަނީ އަޅައިފަ އެވެ.

އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު މުއިއްޒު ވިދާޅުވީ ޗައިނާއިން އިމާރާތްކުރި ހައުސިން ޔުނިޓްތައް، މީގެ ކުރީ ސަރުކާރުތަކުން ގާއިމުކޮށްފައިވާ ހައުސިން ޔުނިޓުތަކަށްވުރެ ތަނަވަސް ވާނެ ކަމަށެވެ.

"ކުރިއަށް އޮތްތަނުގައިވެސް މި ފެންވަރުގެ ނުވަތަ މި އަށް ވުރެ ފެންވަރު ރަނގަޅު ހައުސިން ޔުނިޓްތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އަޅާނަން،" މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވީ ރައީސް ޔާމީންގެ މެނިފެސްޓޯގައިވާ ގޮތާ އެއްގޮތަށް ގެދޮރުވެރިކަމުގެ މަޝްރޫއު ކުރިއަށްދާ ކަމަށެވެ. އަދި ދާދިފަހުން ފެށި "ހިޔާ" މަޝްރޫއިން ގެދޮރުވެރިކަމުގެ މައްސަލައަށް ހައްލުތަކެއް ލިބިގެންދާނެ ކަމަށެވެ.

ސީއެމްއީސީ އިން ހުޅުމާލޭގައި ގާއިމްކުރި ހައުސިން ޔުނިޓުތަކުގައި ތިން ކޮޓަރި އާ ތިން ފާހާނަ ހުންނާނެ އެވެ. މި ހައުސިން ޔުނިޓުތައް ދޭން ނިންމާފައިވަނީ ދާދިފަހުން ސަރުކާރުން ނަން ހާމަނުކޮށް އިއުލާނުކުރި، ފްލެޓް ލިބޭ 704 ފަރާތަށެވެ.