ބޮލީވުޑް

ފިލްމީ ތަރި ސަޝީ ކަޕޫރު މަރުވެއްޖެ

ބޮލީވުޑްގައި ކުރިން މަޝްހޫރުކަން ހޯދާފައިވާ ފިލްމީ ތަރި އަދި ޕްރޮޑިއުސަރު ސަޝީ ކަޕޫރު އުމުރުން 79 އަހަރުގައި މަރުވެއްޖެއެވެ.

ކާމިޔާބު ފިލްމުތައް ކަމަށްވާ ' ދީވާރު' އަދި ' ކަބީ ކަބީ' ގައި އެކްޓްކޮށްފައިވާ ސަޝީ މަރުވީ ދުވަސްކޮޅަކު ބަލިވެ އުޅުމަށް ފަހުގައެވެ. އޭނާ މަރުވީ އިންޑިއާގެ ވިޔަފާރީގެ މަޒުކަޒީރަށް މުމްބާއީގެ ކޮކިލަބެން ދިރުބާއީ ހޮސްޕިޓަލުގައެވެ.

ސަޝީ ކަޕޫރަކީ އިންޑިއާގެ ފިލްމް އިންޑަސްޓްރީގައި ނުފޫޒު ގަދަ ކަޕޫރު ޚާންދާނަށް ނިސްބަތްވާ މީހެކެވެ. އޭނާ ވަނީ އިންޑިއާގެ ގައުމީ ފެންވަރުގެ ގިނަ ފިލްްމު އެވޯޑުތަކެއް ހާސިލުކޮށްފައެވެ. އަދި އިންޑިއާ ސަރުކާރުން ދޭ މަދަނީ ޝަރަފެއް ކަމަށްވާ ޕަދުމާ ބޫޝާން ވެސް އޭނާއަށް އިންޑިއާ ސަރުކާރުންް ވަނީ ދީފައެވެ. އެ ޝަރަފު ދިނީ 2011 ވަނަ އަހަރުއެވެ.

ސަޝީ ކަޕޫރުގެ މަރުގެ ހަބަރު މީޑިއާއަށް ހާމަކުރީ އޭނާއަށް ބޮޑުބޭބެ ކިޔާ އެކްޓަރެއް ކަަމަށްވާ ރަންދީރު ކަޕޫރެވެ.

" އާނ. އޭނާ ނިޔާވެއްޖެ. އޭނާގެ ކިޑްނީގެ މައްސަލަތަކެއް ހުންނަތާ އެތައް އަހަރެއް ވެއްޖެ. އޭނާ ޑަޔަލިސިސް ހަދަމުންދާތާ އެތައް އަހަރެއް ވެއްޖެ،" ޕްރެސް ޓްރަސްޓް އޮފް އިންޑިއާ( ޕީޓީއައި) އާ ވާހަކަ ދައްކަމުން ރަންދީރު ބުނެފައި ވެއެވެ.

ސަޝީ ގެ ޖަނާޒާ އޮންނާނީ މާދަމާއެވެ.

ސަޝީ ފިލްމީ ދާއިރާއަށް ނުކުތީ ކުޑަ ކުއްޖެއްގެ ގޮތުގައެވެ. އޭނާ 150 އަށް ވުރެ ގިނަ ފިލްމު ކުޅުނު އިރު އޭގެ ތެރޭގައި އިނގިރޭސި ބަހުން ހެދި އެތައް ފިލްމެއް ހިމެނެއެވެ. އޭނާ މަޝްހޫރުވެފައި ވަނީ ވަރަށް ހިތްގައިމު ހިނިތުންވުމެއް ހުންނަ ތަރިއެއްގެ ގޮތުގައެވެ. އިންޑިއާގައި އޭނާއަށްް ތާއީދުކުރާ ގިނަ އަދަދެއްގެ މީހުން އުޅެއެވެ.

ސަޝީ ވަނީ މެގަ ސްޓާ އަމީތާ ބައްޗަން އާ އެކު 1970 ގެ އަހަރުތަކުގަޔާއި 1980 ގެ އަހަރުތަކުގައި ކާމިޔާބު ފިލްމުތައް ކުޅެފައެވެ. އަމީތާބާ އެކު އޭނާ ކުޅުނު ރޯލުތަކުގެ ތެރޭގައި އަމީތާބުގެ އަޚެއްގެ ބަޔާއި އެންމެ ގާތް ރަށްޓެއްސެއްގެ ބަޔާއި ދުޝްމަނެއްގެ ބައި ވެސް ހިމެނެއެވެ.