ކުޅިވަރު

ބެޑްމިންޓަންގެ ގައުމީ ޗެމްޕިއަނަކަށް ޒަޔާން އާއި ނަބީހާ

Dec 5, 2017

ފައިނަލުގައި ރާއްޖޭގެ އެއް ވަނަ ބެޑްމިންޓަން ކުޅުންތެރިޔާ މުހައްމަދު އަޖުފާން ރަޝީދު ބަލިކޮށް ފިރިހެން ސިންގަލްސް ބެޑްމިންޓަންގެ ގައުމީ ޗެމްޕިއަންކަން ހުސައިން ޒަޔާން ޝަހީދު ޒަކީ ހޯދައިފި އެވެ.

އަންހެސން ސިންގަލްސް ޗެމްޕިއަންކަން ހޯދީ އާމިނަތު ނަބީހާ އަބްދުރައްޒާގް އެވެ. އޭނާ ކާމިޔަބު ހޯދީ، ފައިނަލުގައި، މިދިޔަ އަހަރުގެ ޗެމްޕިއަން މައިސާ ފަތުހުﷲ ބަލި ކުރުމަށް ފަހު އެވެ.

އަންހެން ސިންގަލްސް ތިން ވަނަ ހޯދާފައި ވަނީ އެއީ ނީލާ އަހްމަދު ނަޖީބު އާއި އައިޝަތު އަފްނާން ރަޝިދެވެ. ފިރިހެން ސިންގަލްސް ތިން ވަނަ ހޯދީ މިދިޔަ އަހަރުގެ ޗެމްޕިއަން މުހައްމަދު ސާރިމް އާއި ނިބާލް އަހްމަދެވެ.

ޑަބަލްސް ކެޓަގަރީގައި، ފިރިހެން ބައިގެ ފައިނަލުގައި ނަޝްފާން މުހައްމަދާއި ނަޝީއު ޝަރަފްދީން އާ ވާދަކޮށް ޗެމްޕިއަންކަން ހޯދީ، ހަސަން އަފްޝީން ޝަހީމް އާއި އިބްރާހިމް ސާމިއު އެވެ. ތިން ވަނަ ހޯދީ އަލީ ނަސީރު އަހްމަދާއި ހުސައިން ރިފާއުގެ ޕެއާގެ އިތުރުން ހުސައިން ރިޔާޒު އާއި އަލީ ޝަރުމީލްގެ ޕެއާއެވެ.

އަންހެން ސިންގަލްސް ކެޓަގަރީގެ ތިން ވަނަ ހޯދި ނީލާ އާއި އަފްނާން ވަނީ ޑަބަލްސް ކެޓަގަރީގެ ޗެމްޕިއަންކަން ހޯދާފަ އެވެ. ފައިނަލުގައި އެ ދެ ކުޅުންތެރިން ވާދަ ކުރީ މައިސާ އާއި ނަފްހާ ނަސްރުﷲ ގެ ޕެއާ އާއެވެ. ޑަބަލްސްގެ ތިން ވަނަ ހޯދީ އެއްބަނޑު އެއްބަފާ ދެބެން ކަމަށްވާ ނަބާހާ އާއި ނަބީހާގެ ޕެއާ އެވެ.

މިކްސް ޑަބަލްސްގެ ފައިނަލުގައި އެއްބަނޑު އެއްބަފާ ދެބެން ކަމަށްވާ، އަޖުފާން އާއި އަފްނާން ބަލިކޮށް ޗެމްޕިއަންކަން ހޯދީ ޒަޔާން އާއި ނަބާހާގެ ޕެއާއެވެ. ތިން ވަނަ ހޯދީ ސާމިއު އާއި ނީލާގެ ޕެއާގެ އިތުރުން އަފްޝީން އާއި ޝަހްރުނާޒްގެ ޕެއާ އެވެ.

ގައުމީ އަތޮޅު ލީގްގެ ސިންގަލްސްގެ އަންހެން ޗެމްޕިއަންކަން ހޯދީ ޝިފްނާ ހުސައިން އެވެ. ޝިފްނާ ކާމިޔާބު ހޯދީ އައިޝަތު އިބްރާހިމް ބަލި ކުރުމަށްފަހު އެވެ. ދެ ވަނަ ޑިވިޝަންގެ ސިންގަލްސްގައިވެސް ވާދަ ކުރީ މި ދެކުޅުންތެރިންނެވެ. ދެ ވަނަ ޑިވިޝަންގެ ޗެމްޕިއަނަކީވެސް ޝިފްނާ އެވެ.

ފިރިހެން ޗެމްޕިއަންކަން ހޯދީ އިބްރާހިމް ނަޝީދު އެވެ. ނަޝީދު ކާމިޔާބު ހޯދީ މުހައްމަދު އިކްރާމް އާ ވާދަ ކޮށެވެ. ތިން ވަނަ އަކީ މުހައްމަދު ފިޒާން އާއި ސޮބާހް މުހައްމަދެވެ. އަންހެން ސިންގަލްސް ތިން ވަނަ ހޯދީ ހުސްނާ މުހައްމަދާއި އަސިމާ މުހައްމަދެވެ.

އަންހެން ޑަބަލްސް ޗެމްޕިއަންކަން ހޯދީ ނާޒިމާ މުހަމަދާއި ޝިފްނާ އެވެ. ފައިނަލުގައި އެ ދެ ކުޅުންތެރިންނާ ވާދަ ކުރީ އައިޝަތު އިބްރާހިމް އާއި އާމިނަތު ނަސީމާ އެވެ. ފިރިހެން ޑަބަލްސް ފައިނަލުގައި އިބްރަހިމް މުހައްމަދާއި ނާޖިތު އަލީގެ ޕެއާ ބަލިކޮށް ޗެމްޕިއަންކަން ހޯދީ މުހައްމަދު ފަޒީލް އާއި އިކްރާމް އެވެ.

މިކްސް ޑަބަލްސްގެ ފައިނަލުގައި އާސިމާ އާއި އަހްމަދު ދީދީގެ ޕެއާ ބަލިކޮށް ޗެމްޕިއަންކަން ހޯދީ، އަބްދުﷲ ފިޔާޒު އާއި ނަސީމާ އެވެ.

ދެ ވަނަ ޑިވިޝަން ފިރިހެން ޗެމްޕިއަނަކީ ހުސައިން މުހައްމަދެވެ. ފައިނަލު އޭނާ ކާމިޔާބު ކުރީ ނަޝީދު އާ ވާދަ ކޯށެވެ.