ވާހަކަ

މިންނުގެ ޑައިރީ

(3 ޑިސެމްބަރ 2017 އާ ގުޅޭ)
އަހަރެން އިނީ ހައިކަލްގެ ހުންމަޑުކަމުގައި ވިޔަސް އޭނައާ ދުރަށްދާން ނުކެރިފައެވެ. އަހަރެން ނެތިސް ހުން ގަދަވެދާނޭ ހީވާތީއެވެ. އަހަރެން އެނދުކައިރީ ހުރި ބޮޑު ގޮނޑީގައި އިށީނދެލައިގެން އިންއިރު ހައިކަލް އޮތީ އަހަންނަށް ފުރަގަސް ދީގެންނެވެ. އޭނަ އޮތީ ހޭލާކަން އަހަންނަށް އެނގުނީ ހައިކަލް އަހަންނާ ވާހަކަދައްކަން ފެށީމައެވެ. ހައިކަލް އަޑު އިވުމާއެކު ގޮނޑީގެ ތެރެއަށް ދޫކޮށްލައިގެން އިން ހަށިގަނޑު ތެދުކޮށްލާ އޭނާ ދައްކާ ވާހަކައެއް އަޑު އެހުމަށް ސަމާލުވެލީމެވެ.

ހައިކަލް: "އަހަރެން މި ދުނިޔެއިން ނެތިގެން ހިނގައްޖެނަމަ މިންނު އުފާވާނަންތަ؟ މިންނުއަށް ކުޑަ ނަމަވެސް ހިތްހަމަޖެހުމެއް ލިބޭނެތަ؟"

ހައިކަލްގެ ސުވާލުން އަހަންނަށް ދެ ލޯ ބޮޑުކޮށްލެވުނެވެ. އޭނާ މަރުވާން ބޭނުންވަނީބާއޭ ހިތަށް އެރިއެވެ. ހައިކަލް މަރުވާކަށް އަހަރެން އެއްފަހަރު ވެސް ނޭދެމެވެ. އަދި ނުވެސް އެދޭނަމެވެ. އަވަސްއަވަހަށް އިށީނދެ އިން ގޮނޑީގެ ކުރިއަށް ޖެހިލީމެވެ. ހައިކަލްއަށް ގޮވާލީމެވެ. އޭނާގެ ނިތްކުރީގައި އަތްލީމެވެ. ހުންގަދަ ވެގެން މޮޔަގޮވަނީއޭ ހިތާއެވެ. ހުމެއްނެތެވެ. އެކަމަކު އަހަންނަށް ފުރަގަސް ދީގެން އޮތުމަށްފަހު ހައިކަލް އެނބުރިލިއެވެ. އަހަރުމެންގެ ހަތަރުކަޅި ބައްދަލުވި ހިނދު އަހަރެން ގަނޑުވިއެވެ. ހައިކަލްގެ ކަރުނުން ފުރިފައިވާ ދެ ލޯ ފެނުމާއެކު މުޅި ހަށިގަނޑަށް ބަޔާންކުރާން ދަތި ގޮތްތަކެއްވެގެންދިޔައެވެ. ކަންބޮޑުވެފައި ބަލަން ހުރެވުނީއެވެ. އެހިނދު އަނެއްކާ ވެސް ހައިކަލް ވާހަކަދައްކަން ފެށިއެވެ. އަދި މަޑުމަޑުން ތެދުވެ އެނދުގެ މަގަތުގައި އިށީނެވެ.

ހައިކަލް: "މިންނުގެ އެންމެ ބީހުމަކަށް ވެސް އަހަރެންގެ މުޅި އުމުރު ބަލިއެނދުގައި ހޭދަކޮށްފާނަން. އަހަރެން ވަރަށް މަސައްކަތް ކުރަން މިންނުއާ ދުރުގައި އުޅޭން... މިންނުދެކެ ފޫހިވެ ރުޅި އަންނާން... އެކަމަކު... އަހަންނަކަށް އެކަންކަމެއް ނުވާނެ. އަހަންނަށް މިންނުދެކެ ރުޅިއެއް ނާދެވޭނެ. މިންނުއާ ދުރަކަށް ނުދެވޭނެ. އެކަމަކު އަހަރެންގެ އަމިއްލަ ނަފްސަށް މަޖުބޫރުކުރިން މިންނުއާ ދުރުގައި އުޅުމަށް. މިންނު ފެންނަ ހިސާބަށް ނުދިއުމަށް... މިންނު! އަހަންނަކަށް ނޭނގޭނެ މިންނުއާ ނުލާ އުޅޭކަށް. މިންނުދެކެ އަހަރެން ވަރަށް ލޯބިވޭ. އެކަމަކު އެ ލޯބީގެ ސަބަބުން އަހަންނަށް ބޮޑު ފާފައަކަށް އަރައިގަނެވުނީ. އަހަންނަށް ކުރެވުނު ކުށުގެ މަތީން ދުނިޔޭގައި ދިރިހުރިހާ ދުވަހަކު ހަނދާނެއް ނުނެތޭނެ. އެނގޭ އެއީ ކޮށްގެންވާނޭވަރު ކަމެއްނޫންކަން... މިންނު! އަހަރެން ޤަބޫލުކުރަމޭ އަހަރެން ކުރީ ކުށެއްކަން. އެ ކުށަށް ދުވަހަކުވެސް މާފު ލިބުމެއްނުވޭތަ؟ ޕްލީޒް މިންނު! އަހަންނަކީ ވެސް އިންސާނެއްކަން ހަނދާންނައްތާނުލާ. މިންނުގެ އުފަލަށްޓަކައި މި ހައިކަލް ކޮންމެ ކަމެއް ވެސް ކޮށްފާނަން. އެކަމަކު... އެކަމަކު ދުވަހަކުވެސް މިންނުއާ ވަކިވާން ނޭދެއްޗޭ. މިންނުއާ ނުލާ އަހަންނަކަށް ނޫޅެވޭނެ. ނޭވާ ހިނގިޔަސް ދިރިހުންނާކަށް ނޭނގޭނެ. އައި ލަވް ޔޫ ސޯ މަޗް. ޕްލީޒް ޕޮގިވް މީ"

ހައިކަލް މަޑިމަޑުން އަހަރެންގެ ފައިބުމަށް ވެއްޓި ދެއަތް ޖޯޑުކޮށްލިއެވެ. އޭނާގެ ދެ ލޮލުން ހިފެހެއްޓުމެއްނެތި ކަރުނަ ފައިބަނީއެވެ. ކުރެހިފައިވާ އަޑުން މާފަށް އެދި އާދޭސްކުރަނީއެވެ. އަހަރެންދެކެ އިންތިހާއަށް ލޯބިވާކަން ހާމަކުރަނީއެވެ. އަހަރެންގެ ދެ ތުންފަތް ފޫއަޅުވާލާފައި ހިތުގެ އަޑިން އާހުގެ އަޑު ނުކުމެގެން ދިޔައީ މަޑު ތުރުތުރަކާއެކުއެވެ. އެހިނދު ދެ ކޯތާފަތް ތެމިއްޖެއެވެ.

ހައިކަލް: "މިންނުގެ އުފަލަށްޓަކައި ﷲ އަހަރެންގެ ފުރާނަ ގެންދެވިޔަސް އަހަރެން އުފަލުން އެ ނިޔާ ޤަބޫލުކުރާނަން. އަހަންނަށް މާފު ލިބުން އޮތީ އެ ގޮތުގައި ނަމަ އަހަރެން ފަހަތަކަށް ނުޖެހޭނަން. އެކަމަކު މިންނު ފެންނަ ހިސާބުގައިކަން ޔަގީން. ތި މޫނާއި ތި ދެއަތުގެ ތެރޭގައި އޮވެ ނިމިގެން ދިއުމަކީ އަހަންނަށް ލައްވާނެ އެންމެ ބޮޑު ނިޢުމަތް"

އެއްޗެއް ނުބުނިކަމުގައި ވިޔަސް އަހަރެންގެ ލޮލުންވެސް ވޭނީ ކަރުނަތައް ފައިބަމުންދިޔައެވެ. އަހަރެންގެ ހިތަށް ވަރަށް ގިނައެއްޗެހި އެރިއެވެ. އަހަރެންދެކެ ހައިކަލްއަށްވުރެ ބޮޑަށް ލޯބިވާނެ އެހެންމީހަކު ހުންނާނެ ހެއްޔެވެ. އަޒާން އެވަރަށް އަހަރެން ދެކެ ލޯބިވެދާނެ ބާއެވެ. އެވަގުތު އަހަރެންގެ ހުވަފެންމަތިން ހަނދާންވެގެން ދިޔައެވެ. އެއީ ޔަގީނުން ވެސް އަހަންނަށް ފެނުނު ތެދުމަގަކަށް ނޫނީނުވާނެއެވެ. އަހަންނަށް ޓަކައި ތަޤްދީރުގެ ފަތުގައި ލިޔުއްވާފައިވި ބައިވެރިޔާއަކީ ހައިކަލް ކަން އަހަންނަށް މިއަދު ޔަގީންވެއެވެ. އަހަރެން ވެސް ވަނީ އޯގާތެރި ދެއަތުގެ ހިމާޔަތަށް ބޭނުންވެފައެވެ. އުމުރުގެ ބާކީ ދުވަސްތައް އެކުގައި ލޯބިން ހޭދަކުރާނޭ ބައިވެރިއަކަށް ބޭނުންވެފައެވެ. އަހަރެންގެ ހިތާއި ޟަމީރު ވަނީ ހައިކަލް ބަލައިގެންފައެވެ. އޭނާގެ ލޯތްބަށް ބޭނުންވެފައެވެ. ކުށްކުރެވެނީ އިންސާނުންނަށްކަން ހަނދާންނައްތާލެވުނީ އަހަންނަށެވެ. އަހަންނާއި އޭނާ ވެސް ހެއްދެވީ ﷲ އެވެ. އެކަލާނގެއީ އަފޫދެއްވާ ރަސްކަލާނގެއެވެ. އަޅުތަކުންގެ ތަޢުބާ ޤަބޫލުކުރައްވާ އައިބުތައް ފޮރުވައްވާ ކަލާނގެއެވެ. އަހަންނަކީ ވެސް ކުށްކުރެވިފައިވާ އިންސާނަކީމެވެ. އަހަރެންގެ ގާތުން ކިތައްފަހަރު ހައިކަލް މާފަށްއެދިފިހެއްޔެވެ. އޭނާ ކިހާ ދުވަހަކު ކެތްކޮށްފި ހެއްޔެވެ. މިއަދު އަހަރެންގެ ހިތް މަޑު ކަފަކޮޅަކަށްވެގެން ހިގައްޖެއެވެ. ހިތުގައި ވޭންއަޅަނީއެވެ. އެ ހިތް ހައިކަލް އާމެދު ކަންތައްކުރެވުނު ގޮތުން ކަރުނަ އަޅަނީއެވެ. އަހަންނަކީ ވެސް އެންމެ ފުރިހަމަ އިންސާނާ ނޫންކަން އަހަރެންގެ ޟަމީރު އަޑުލަނީއެވެ. ދެއަތްތިލަ ޖޯޑުކޮށްލެވުމާއެކު ގެނެސް މޭގައި ބޮނޑިކޮށްލެވުނީ އެ ހިތަށް ކުރެވެމުންދިޔަ އިހުސާސްތަކުންނެވެ. އަހަރެންނަށް ހައިކަލްއާއެކު އުޅޭން އާދަވެއްޖެއެވެ. އޭނާއާ ދުރުގައި އޫޅޭން ވެއްޖެނަމަ އަހަރެން ވެސް އެކަނިވެދާނެއެވެ. މިއަދު ހައިކަލްގެ ފަރާތުން ފެންނަ އަސަރުތަކަކީ އެ ހިތުގައިވާ ވޭންކަމުގައި އަހަރެންގެ ޟަމީރު ޤަބޫލުކުރެއެވެ. އެ އަސަރުތަކުގައި އެއްވެސް ދެއްކުންތެރިކަމެއް ނުވެއެވެ.

އަހަރެންގެ އެއްވެސް ޖަވާބެއް ނުލިބުމުން ހައިކަލްއަށް އިސްޖެހުނު ވަގުތު އަހަންނަށް އިތުރަށް ކެތެއް ނުކުރެވުނެވެ. ހައިކަލްގެ ކުރިމައްޗަށް ތިރިވެ އަހަންނަށް މާފުކުރާނަންތޯ އެހީމެވެ. އެހިނދު އަސަރުން ފުރިގެންވީ ބަލާލުމަކާއެކު ހައިކަލްގެ އަތުގެ ތެރެއަށް އަހަރެން ގެނެސް ބާރަށް ބައްދާލިއެވެ. އަހަރެންގެ ދެތުންފަތުގެ ދޭތެރެއިން ހައިކަލްއަށް މާފުކޮށްފިކަމުގެ ލަފުޒުތައް ނުކުތީ އެއްވެސް އިޚްތިޔާރެއްނެތިއެވެ. އެގޮތުގައި އަހަންނަށް ހައިކަލްއަށް މާފުކޮށްފީމޭ ބުނެވުނީ ކިތަށްފަހަރުކަމެއް ނޭގެއެވެ. އުމުރުގައި ބާކީ އޮތް ކޮންމެ ދުވަހެއް ވޭތުކުރާނީ ހައިކަލްއާއެކު ކަމަށް އަހަރެން ވަޢުދުވީމެވެ. ހައިކަލް އަހަރެންގެ މޫނުގެ އެތައްމިތަނުގައި ބޮސްދިނެވެ. ހީވަނީ ޒަމާންތަކަކަށް ވަކިވެފައިވާ ދެ ލޯބިވެރީން އަލުން ބައްދަލުވީ ހެނެވެ. އެކަކު އަނެކަކަށް އަހަރުމެންގެ ހިތްހުޅުވާލީމެވެ. ދެ މީހުން ވެސް ތިބީ ލޯތްބަކަށް އެދި ކަރުހިއްކައިގަނެފައެވެ. ހައިކަލް ދުވަހަކުވެސް އަހަންނަށް ދެރައެއްލިބޭނޭ ފަދަ ކަމެއް ނުކުރާނަން ކަމަށް ވަޢުދުވަމުން ދިޔައެވެ. އޭނާ ބޭނުންވަނީ މާޒީ ހަނދާންނައްތާލާށެވެ. އަހަރެންބޭނުންވީ މާޒީއިން އިބްރަތްލިބިގަންނާށެވެ. މާފު ދިނުމުގެ ރީތި ސިފައިގައި ދެމިހުންނާށެވެ. ކުރެވޭ އެންމެ ކުށަކުން އޭނާއަކީ ނުބައި އިންސާނެއްކަމުގައި ނުނިންމޭނެކަމެވެ.

އަހަރުމެން ދެ މީހުންގެ ލޮލުން ފައިބަމުން ދިޔައީ އެތަކެއް އަހަރުތަކެއްގެ ދިލަ އާތްވެކެވެ. އަހަރެންގެ ހިތް ހައިކަލްއަށް ލަންބުވާލީ އޭނަގެ ބަދަލެއްނުވި ލޯތްބާ ކެތްތެރިކަމެވެ. މިއަދު ހިތުގައި އެއްވެސް ކިލަނބުކަމެއްނެތި އަހަރެން ހައިކަލްގެ އަތުގެތެރޭވީ ރުހުމާއި ލޯތްބާއި ހިތްހަމަޖެހުމާއެކުއެވެ. އަހަރެން ދެން ދުވަހަކުވެސް ހައިކަލް ދުލެއްނުކުރާނަމެވެ. އަހަރުމެން ދެމީހުންގެ މެދުގައިވި ނުފެންނަ ހަމަހީމޭންކަމުގެ ބިއްލޫރި ފާރު ތަޅައިގެން ގޮސް ކުދިކުދި އެތިކޮޅުތަކަށް ބުރައިގެންގޮއްސިއެވެ. ހައިކަލްގެ ހަށިގަނޑުގެ ބާރު ހުމުގެ ސަބަބުން ދެރަވެފައިވިޔަސް އޭނާ އެއްވެސް އުނދަގުލަކާނުލާ އަހަރެން އެ ބާރުގަދަ އަތްދަނޑިމައްޗަށް އުފުލާލާފައި އެނދުގައި ބޭއްވިއެވެ.

އެކަކު އަނެކަކުގެ ހޫނުއިހުސާސްކުރެވޭހާ ކައިރީ އޮށޯވެލައިގެން ތިބިއިރު ދެމީހުންނަށް ވެސް ބެލެނީ އެކަކުއަނެކަކުގެ ލޮލަށެވެ. ހީވާކަހަލައެވެ. އަހަރުމެން ދެމީހުންގެ ދޫ ހަރަކާތްނުކުރި ހިނދު އެކަން ފުރިހަމަކޮށްދެނީ އަހަރުމެންގެ ދެލޮލާ އެލޮލުން ފައިބަމުންދިޔަ ކަރުނަތިކިތަކެވެ. ހައިކަލްއާއެކު އުޅެއުޅެ އަހަންނަށްވެސް މިހާރު އޭނައާއެކު އުޅެން އާދަވެއްޖެއެވެ. ހުރިހާ ވަގުތަކު ހައިކަލް އަހަރެންނާއިއެކު ވިއެވެ. އަހަރެންގެ ހުރިހާ ކަމަކަށް އޭނަ މާފުކުރިއެވެ. އަހަންނަށް ހައިކަލްއަށްޓަކާ ހިތުގައި ލޯތްބާއި ކުލުނު އުފެދުނުގޮތަށް އޭނައަށް ގަދަރު ވެސް ކުރެވިއްޖެއެވެ.

ހައިކަލް: "މިންނު މަތީން ހަނދާންނުކުރާ އެންމެ ހިނދުކޮޅެއް ވެސް ހޭދަނުވޭ. ކިތަންމެ ފަހަރަކު ހިތް އެދޭ... ހިތް އެދޭ މި ދެއަތުގެ ތެރެއަށް މިންނު ގެނެސް ލޯބިކޮށްލުމަށް"

ހައިކަލް ކުރިއަށް ޖެހިލާ އަހަރެންގެ ނިތުގައި ބޮސްދިނެވެ. އަހަންނަށް ކުރިއަށްވުރެ ބޮޑަށް ރޮވުނެވެ. އުފަލުންނެވެ. ހައިކަލް އާނުލާ އަހަރެންގެ ހިތަށް ދިރުމެއް ކޮބާހެއްޔެވެ. ލޯތްބަށް ޓަކައި ހުއްޓިފައިވި އަހަރެންގެ ހިތް ނެގިނެގިފައި ޖެހެމުންދިޔައީ ހައިކަލްއަށްޓަކައެވެ. އަހަންނަށް އަލުން ލޯބިވާން ދަސްވެއްޖެއެވެ. ދިރިހުންނާނެ މަގުޞަދެއްލިބިއްޖެއެވެ.

އަހަންނަށް ހައިކަލްގެ އަތުގެތެރޭ އޮވެނިދުނީ ކޮންއިރަކު ކަމެއްނޭގެއެވެ. ޔަގީނުން ވެސް މުޅިއުމުރުގައި އެހާ ހިތްހަމަޖެހިގެން އޮވެ އަރާމު ނިންޖެއް ނިދާލި މީ ފުރަތަމަ ފަހަރެވެ.

* * * * *

ފަތިހުގެ ބަންގިއާއިއެކު ހޭލެވުނީ މުޅިން އާ ހަޔާތަކަށެވެ. އަހަރެންނަށް ހަޤީޤަތުގައި ވެސް އަހަރެންދެކެ އިންތިހާއަށް ލޯބިވާނެ ބައިވެރިއަކު ލިބިއްޖެއެވެ. ހައިކަލް އާއެކު އުޅޭތާ އަށާރަ އަހަރަށްފަހު އަހަންނަށް ތެދުމަގު ދެއްކެވި އިލާހަށް ޝުކުރުގެ ސަޖިދަ ޖެހުމަށް އަހަރެން އަވަސްވެ ގަތީމެވެ. އަހަރުމެންގެ ލޯބީގެ ހަޔާތް އާކައިވެންޏަކުން ފެށުމަށް އަހަރެންގެ ހިތުގައި އަޒުމް ކަނޑައެޅީމެވެ.

ނިދިފައި އޮތް ހައިކަލްގެ ގާތުގައި އެ ރީތި ފިރިހެންވަންތަ މޫނަށް ބަލަހައްޓައިގެން އަހަންނަށް އޮވެވުނީ ކިހާއިރަކުކަމެއް ނޭގެއެވެ. އަހަރެންގެ ހުރިހާ ރިހުމެއް ފިލައިގެން ހިނގައްޖެއެވެ. އަހަންނަށް ކުރިން ހައިކަލް ނޭގުނީ ކީއްވެތޯ އަމިއްލަ ހިތާއި ސުވާލު ކުރެވުނެވެ. އަހަރެން މިހާރު ބޭނުންވަނީ އަހަރެންގެ ލޯބި ލޯބި ދަރިފުޅެވެ. ޒޭން ދުލުން އަހަންނަށް މަންމާއޭ ކިޔާ ގޮވާލާ އަޑު އަހާލަންވަނީ ކެތްމަދުވެފައެވެ. އެ ދަރިފުޅަށް ހައިކަލްގެ ސިފަ ލިބުންކަމީ މިއަދު އަހަރެން އެކަމަކަށް އުފާކުރާ ކަމެކެވެ. މިއަދު އެންމެ އުފާވީ ހައިކަލްގެ ހާލު އެއްކޮށް ރަނގަޅުވީމެވެ. ހެންރީއަކީ މޮޅު ޑޮކްޓަރެއް ކަމަށް އަހަރެން ޤަބޫލުކުރީމެވެ. އަނެއްކޮޅުން ރަނގަޅު ރަހުމަތްތެރިއެކެވެ. ހަމައެއާއެކު ހުރިހާކަމަކަށްވުރެ ﷲގެ ރަޙުމަތް މަތިވެރިއެވެ. އެކަލާނގެއީ އިންސާނުންގެ ހިތްތަކުގައިވާ އެއްޗެއް މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ. އަހަރެންގެ ހިތުގައި ހައިކަލްއަށް ޓަކައި ލޯބި ލެއްވީ އެކަލާނގެ ރަޙުމަތާއި މިންވަރުފުޅެވެ.

ހައިކަލް ހޭލަންވާއިރަށް އަހަރެންގެ އަތުން މީރު ކާއެއްޗެއް ތައްޔާރުކޮށްދޭހިތް އޮތްލެއް ބޮޑުކަމުން އެންމެ ފަހުން ތެދުވީމެވެ. މިއަދު އަހަރެން ހުރިހާ ކަމެއް ވެސް ކުރީ ހައިކަލްއަށް ޓަކައެވެ. އަހަރެންނަށް އޭނާދެކެ ވެވުނު ނަފުރަތަށްވުރެ ބޮޑަށް ލޯބިދޭނަމެވެ. އަބަދުގެ އަބަދަށް ހައިކަލްއާއެކު ވާނަމެވެ. އޭނާގެ ބޯމަތީގައިވާ އުޑު ފަދަ އިންނެވެ. އަރައިގެން އަންނަ އިރުގެ ހޫނުކަމުގެ ހިޔަލަކަށް އަހަރެންވާނަމެވެ. ދުވަހަކުވެސް އެކަނިވެރިކަން އިހްސާސްކުރެވިއްޖެ ނަމަ ހައިކަލްގެ ހިޔަނިކަމުގައި އަހަރެން ވާނަމެވެ. ހާސްކަންވެރިވާ ހިނދު އަހަރެންގެ ލޯބިން އެ ސިކުނޑިއަށް ފިނިކަން ހޯދައިދޭނަމެވެ. އެހެނީ އަހަރެންނަށް އަލުން ދިރުންލިބުނީ އެ ލޯބީގެ އިހްސާސްތަކުންނެވެ. އެއީ ބަދަލެއް ނުވި ލޯތްބެކެވެ. ކެތްތެރިކަމުގެ ލޯތްބެވެ. އެ ދެއަތުގެތެރޭން އުފާވެރިކަމާއި ހިތްހަމަޖެހުންނޫނީ ނުވާކަން އެނގެއެވެ. ގެއްލިފައިވި ހުރިހާ އެއްޗެއް އެއްފަހަރާ ލިބުންކަހަލައެވެ. ހީވާކަހަލައެވެ. މީގެ އެތަކެއް އަހަރުތަކެއްކުރީން ވެސް ހައިކަލްދެކެ އަހަރެން ލޯބިވާ ހެންނެވެ. އަހަންނަށް ނޭނގުނަސް އެއީ ދެ ދުނިޔޭގެ އަހަރެންގެ ބައިވެރިޔާއެވެ.

ހުސްނާއަށް އަހަރެން ފެނުމާއެކު ހައިކަލްގެ ހާލު ރަނގަޅުކަން އޭނައަށް އެނގުނެވެ. އެކަމާ އަހަރަން ހައިރާންނުވީ މިއަދު އަހަރެންގެ މޫނުމަތިން ފެންނަމުންދިޔަ އުފާވެރި ހިނިތުންވުން އެކަމަށް ޖަވާބުދާރީވާނެކަން އެނނގޭތީއެވެ. އިތުރު ސުވާލެއް ކުރުމެއްނެތި ހުސްނާ އަހަންނާއި އެހީތެރިވާން ފެށިއެވެ. އަހަރުމެންނާއިއެކު ލަކްޝްމީ ވެސް ބަދިގެފަރާތުގައި ހަރަކާތްތެރިވެ އުޅެއެވެ. ހެދުނުގެ ސައިހެދުމުގައި އަވަދިނެތިއުޅެނިކޮށް ހައިކަލްގެ އަޑު ކަންފަތުގައި ޖެހުމުން ކުރަންހުރިކަންތައް ހުއްޓާލާފައި އެދިމާއަށް ދުއްވައިގަނެވުނެވެ. އަށާރަ އަހަރުފަހުން އަހަރެންގެ ނަން ހައިކަލްގެ ދުލުން އެހާ ބާރަށް ގޮވާލި މީ ފުރަތަމަ ފަހަރެވެ. ހިތުގެ ހިނގުމަށް ވެސް އެނގުންވެގެންދިޔައެވެ. އޭރު ސިޑީގެ އެންމެ މަތީހަރުފަތުގައި ހުރި ހައިކކަލް ފެނުމުން ބުނެދޭންނޭގޭހާ އުފާވިއެވެ. މޫނު މައްޗަށް ވެއްޓެމުންދިޔަ އިސްތަށިތަށް ދެއަތުން ރަނގަޅުކޮއްލިއިރު އެ މޫނުގައި ވެސް ވަނީ ހިނިތުންވުމެކެވެ. ހައިކަލްގެ ގާތަށް އައުމަށް އަތުން އިޝާރާތްކޮއްލުމާއިއެކު ސިޑީގެ ހަރުފަތްތަށް ހުރަސްކކުރަމުން އޭނައާއި ހަމައަށް އަހަރެން ދިއުމަށް ސިޑީގެ ހަރުފަތްތައް ހުރަސް ކުރަން ފެށީމެވެ. ހައިކަލްއާ އެއްހަމައަކަށް ދެވެންވާއިރަށް އޭނާ އަހަރެންގެ އަތުގައި ހިފާ ދަމާލުމާއެކު އެ އަތުގެތެރެއަށް އަހަރެން ލާ މޫނުގައި ބޮސްދޭން ފެށިއެވެ. އަހަރެންގެ އަރިއަކަށް އައްސާލެވިފައިވާ ދޯފައްޓާގެ ގޮށާކުޅެލަމުން އަހަރެންގެ ރީތިކަމަށް ތައުރީފުކުރިއެވެ. އަހަރެން ލާފައި ހުރި މަޑުނޫކުލައިގެ ހެދުމުގެ ސަބަބުން އެންމެ ފުރަތަމަ ހައިކަލްއަށް އަހަރެން ފެނުނުދުވަހުގެ މަތިން ހަނދާން އާކުރުވިކަމުގައި ބުނަމުންނެވެ. އަހަންނަށް މިފަހަރު ރަކި ހިނިތުންވުމަކާއިއެކު ހައިކަލްގެ މޭގައި މޫނުފޮރުވާލެވުނީއެވެ. ލޯބިވެރިޔާގެ ތަޢުރީފުގެ ބަސްތަކުން ލަދުން އިސްޖަހާލަން ޖެހުނު މަޢުޝޫޤާއެއް ފަދައެވެ. (ނުނިމޭ)