ސްރީލަންކާއަށާއި އިންޑިއާގެ ދެކުނުގެ ސްޓޭޓްތަކާއި ލަކްޝަދްވީޕް ޖަޒީރާތަކަަށް ބޮޑެތި ގެއްލުންތައް ދިން ތޫފާން އިންޑިއާގެ އުތުރުގައިވާ އެގައުމުގެ ވިޔަފާރީގެ މަރުކަޒީރަށް މުމްބާއީއަށް އަރާނެ ކަމަށް ބެލެވިގެން، އެރަށުގެ ސްކޫލުތަކާއި ކޮލެޖްތައް މިއަދު ބަންދުކޮށްފިއެވެ.
އިންޑިއާގެ ނޫސްތަކުން ބުނީ ގުގުރުމާއި އެކު ބޯކޮށް ވާރޭ ވެހޭނެކަމަށް ބެލެވޭތީ އިންޑިއާގެ މޫސުމާ ބެހޭ އިދާރާއިން އިއްޔެގައި އިންޒާރުދީފައި ވަނިކޮށް މިއަދު ހެނދުނު މުމްބާއީއަށް ބޯކޮށް ވާރޭ ވެހުނު ކަމަށެވެ.
ތޫފާނުގެ މިސްރާބު މިހާރު ހުރި ގޮތުން އެ ސްޓޭޓެއްގައި މުމްބާއީ އޮންނަ މަހާރާޝްތުރާއަށާއި ގުޖުރާތަށް އަރާނެ ކަމަށް މޫސުމާ ބެހޭ އިދާރާތަކުން ވަނީ ލަފާކޮށްފައެވެ. އެގޮތުން މަހާރާޝްތުރާއަށް ކުރިއަށް އޮތް 48 ގަޑި އިރުގެ ތެރޭގައި އަރާނެ ކަަމަށް ވަނީ ބެލެވިފައެވެ. ތުފާން މިހާރު ހުރީ މުމްބާއީގެ ހުޅަނގު ދެކުނުން 670 ކިލޯމީޓަރު ދުރުގައެވެ.
މަހާރާޝްތުރާއާއި ގުޖުރާތަށް ތޫފާނުގެ އަސަރު މިހާރުވެސް ކުރަން ފަށާފައި ވާއިރު އެ ސަރަހައްދުގެ ކަނޑުތައް ވަނީ ގަދަވެފައެެވެ. އެހެންވެ، މަސްވެރިން މަަހަށް ނުފުރަން އިންޑިއާގެ ކަމާ ބެހޭ އިދާރާތަކުން ވަނީ އިރުޝާދުދީފައެވެ.
އިންޑިއާގެ ދެކުނުގައިވާ ކެރެލާއާއި ޓެމިލްނާޑޫ ސްޓޭޓަށް މިދިޔަ ހަފުތާފައި ތޫފާނުގެ ސަބަބުން ބޮޑެތި ގެއްލުންތައް ލިބި 14 މީހުން މަރުވިއެވެ. ތޫފާނުގެ އަސަރު ރާއްޖެއަށް ވެސް ވަރަށް ބޮޑަށް ކުރިއެވެ.