ރާއްޖެ ކުޅިވަރު

ފީފާ ރޭންކިން: ސަރަހައްދުގެ އެއްވަނައިގެ ގޮތުގައި އަހަރު ނިންމާލާނީ ރާއްޖެ

ޑިސެމްބަރު މަހު މަހުގެ ފީފާ ރޭންކިން މިއަދު ފީފާ އިން އިއުލާންކުރިއިރު، ރޭންކިންގައި 12 ދަރައިގެ ކުރިއެރުމެއް ހޯދައި ދިވެހިރާއްޖެ ސާކް ސަރަހައްދުގެ އެއްވަނަ އަށް އަރައިފި އެވެ. އެހެންކަމުން 2014 ވަނަ އަހަރު ރާއްޖެ ނިންމާލާނީ ރޭންކިންގައި ސާކް ސަރަހައްދުގައި އެއްވަނަ ޓީމުގެ ގޮތުގަ އެވެ.

ރާއްޖެ 12 ދަރައިގެ ކުރިއެރުމަކާއެކު ރޭންކިންގެ  130 ވަނަ އަށް ޖެހިލިއިރު، މި އަހަރު ފެށުނީންސުރެ ސަރަހައްދުގެ އެއްވަނައިގައި އޮތް އަފްގާނިސްތާން ވަނީ 10 ދަރަޖަ ފަހަތަށް ޖެހި، 143 ވަނަ އަށް ވެއްޓިފަ އެވެ.

ދެ ދަރަޖަ ފަހަތަށް ޖެހުނު ނަމަވެސް، ސަރަހައްދުގެ ތިން ވަނައިގައި އޮތީ ރޭންކިންގެ 165 ވަނައިގައި އޮތް ބަންގްލަދޭޝް އެވެ. އިންޑިއާ އޮތީ 171 ވަނައިގަ އެވެ. ތިން ދަރަޖަ ފަހަތަށް ޖެހި، ސްރީލަންކާ އޮތީ 173 ވަނައިގަ އެވެ. ނޭޕާލް 186 ވަނައިގައި އޮތްއިރު، ޕާކިސްތާން އޮތީ 188 ވަނައިގަ އެވެ. ސަރަހައްދުގެ ފުލުގައި އަދި ފީފާ ރޭންކިންގެ ފުލުގައި ވެސް އޮތީ ބޫޓާން އެވެ. ބޫޓާން އޮތީ 209 ވަނައިގަ އެވެ.

ފީފާ އިން ނެރުނު 2014 ވަނަ އަހަރުގެ ފަހު ރޭންކިންގެ އެއްވަނަ މަގާމުގައި އޮތީ ދުނިޔޭގެ ޗެމްޕިއަން ޖަރުމަނެވެ. ދެވަނައިގައި އާޖެންޓީނާ އޮތްއިރު، ތިން ވަނައިގައި އޮތީ ކޮލަމްބިއާ އެވެ. ރޭންކިންގެ ގަދަ ދިހައެއްގައި ދެން ހިމެނެނީ ބެލްޖިއަމް އާއި ނެދަލޭންޑްސް އާއި ބްރެޒިލް އާއި ޕޯޗުގަލް އާއި ފްރާންސް އާއި ސްޕެއިން އަދި އުރުގުއޭ އެވެ.