ކުޅިވަރު

ނިއުގެ އެއްބަސްވުން އަކުރަމް އާ ކޮށްފި

Dec 5, 2017
3

ނިއު ރޭޑިއަންޓްގެ ޑިފެންޑަރު އަކްރަމް އަބްދުލް ގަނީ އެ ކުލަބާއެކު ހަދާފައިވާ އެއްބަސްވުން އާ ކޮށްފި އެވެ.

ނަމަވެސް އަކުރަމް ނިއުގެ އެއްބަސްވުން އާ ކުރީ ކިހާ މުއްދަތަކަށް ކަމެއް ނޭނގެ އެވެ. ނިއުގެ ޖެނަރަލް ސެކެޓްރީ އަހްމަދު ނިޔާޒު މޫސާ (ޓެޑް) ވިދާޅުވީ، އަކުރަމްގެ އެއްބަސްވުމުގެ މުއްދަތު މިޑިއާއަށް ހާމަ ނުކުރަން ނިންމާފައިވާ ކަމަށެވެ.

"ހަމަގައިމުވެސް އަންނަ އަހަރު އަކްރަމް ފެނިގެންދާނީ ނިއު އިން، އެކަމުގެ ޔަގީން ކަން ނިއުގެ ސަޕޯޓަރުންނަށް ދޭން ބޭނުން،" ނިޔާޒު ވިދާޅުވި އެވެ.

ވެލެންސިއާ ގައި ދެ އަހަރު ދުވަހު ހޭދަ ކުރުމަށް ފަހު، އަކްރަމް ނިއު އަށް ބަދަލުވީ މިއަހަރު އެވެ. ދެހާސް ފަނަރަ ވަނަ އަހަރު، ބޭއްވި އިންޑިއަން އޯޝަން އައިލެންޑް ގޭމްސްއަށް ފަހު މި އަހަރުގެ މެދަކާ ހަމަޔަށް ގައުމީ ޓީމުން އޭނާއަށް ޖާގަ ނުލިބެ އެވެ.

ނިއު އަށް ބަދަލުވެ، އޭނާގެ ކުރީގެ ކުޅުން ތަކުރާރު ކުރި އެވެ. އަދި އެޔާއެކު އޭނަ ދަނީ ބަރާބަރަށް ގައުމީ ޓީމުން ޖާގަ ހޯދަމުންނެވެ. އޭނާގެ ބޯއީހުޑް ޓީމް، ކުލަބު ވެލެންސިއާ އަށް، އަށް އަހަރު ފަހުން ތައްޓެއް ހޯދައި ދިނުމުގައި އަކުރަމް މުހިންމު ދައުރެއް އަދާ ކުރި އެވެ. މިދިޔަ އަހަރުގެ އެފްއޭ ކަޕް ވެލެންސިއާ ކާމިޔާބު ކުރި އިރު، އަކުރަމް އަކީ އެ ޓީމުގެ މުހިންމު ކުޅުންތެރިޔެކެވެ.

ދަނޑު މަތީގައި އަކްރަމް ފާހަގަ ކުރެވެނީ ލީޑަރެއްގެ ގޮތުގައެވެ. ޓީމުގެ ފަހަތުގައި ހުރެގެން އެހެން ކުޅުންތެރިންނަށް ހިތްވަރު ދިނުމުގައި އަކްރަމް އަދާ ކުރާ ދައުރު ފާހަގަ ކުރެވެއެވެ. އަކްރަމްގެ ބޭބެ، ކުރީގެ ގައުމީ ކެޕްޓަން އައްސަދު އަބްދުލް ގަނީ އަކީ ވެސް ދަނޑު މަތިގައި ލީޑަރެކެވެ.