ކުޅިވަރު

އެއް ހަފްތާގެ ތެރޭ ދެބަފައިންގެ ދެވަނަ އަޔަންމޭން ރޭސް

Dec 5, 2017

ކުރީގެ އެއް ވަނަ ދުވުންތެރިޔާ ހުސައިން ހަލީމް (ކުޑަ ހުސައިން) ގެ ދަރިފުޅު ހަނާން ހުސައިން ހަލީމް، ގާތްގަނޑަކަށް އެއް ހަފްތާގެ ތެރޭގައި ދެވަނަ އަޔަން ކިޑް ރޭހެއް ފުރިހަމަ ކޮށްފި އެވެ.

ދިވެހި ފުރަތަމަ އަޔަން ކިޑްގެ ޝަރަފު ހޯދި، ހަނާން، އެންމެ ފުރަތަމަ ތައިލެންޑްގެ ޕުކެޓްގެ އަޔަން ކިޑް ރޭސް ފުރިހަމަ ކުރުމަށްފަހު މިފަހަރު އޭނާ އަޔަން ކިޑް ރޭސް ފުރިހަމަ ކުރީ އޮސްޓްރޭލިއާގެ ބަސަލްޓަންގަ އެވެ.

މިފަހަރުގެ އަޔަން ކިޑް ރޭހުގައި، ހަނާން ވަނީ 100 މީޓަރަށް މޫދުގައި ފެތުމާއި، ތިން ކިލޯމީޓަރަށް ބައިސްކަލު ދުއްވުމާއި އެއް ކިލޯމީޓަރުގެ ސަރަހައްދެއްގައި ދުވެފަ އެވެ. އެއީ ގާތްގަނޑަކަށް ފަސް ކިލޯމީޓަރުގެ ރޭހެކެވެ.

ރޭސް ބާއްވާ ސަރަހައްދަށް ހަނާން ވަނީ ހެނދުނުގެ ވަރަށް ކުރީކޮޅު ގޮސްފަ އެވެ. ފުރަތަމަ އޮތީ ފެތުމެވެ. ހެދުނުގެ އެންމެ ކުރީ ކޮޅު ވުމުން މޫދުގެ ލޮނު ގަނޑު ވަރަށް ފިނި ގަދަ އެވެ. ތައިލެންޑްގެ ރޭހުގައި، ބައިސްކަލް ދުއްވަން ޖެހުނީވެސް އިންޖީނު އުޅަނދު ދުއްވަމުން ދިޔަ މައި މަގެއްގަ އެވެ.

އެހެން ނަމަވެސް އޮސްޓްރޭލިއާގެ ރޭހުގައި އެ ގޮންޖެހުން ނެތުމުން ހަނާން ވަނީ ފުރަތަމަ އަޔަން ކިޑްގެ ރޭހަށް ވުރެ އަވަހަށް އެ ރޭސް ނިންމައިފަ އެވެ. ބައްޕަ ކުޑަ ހުސެން ބުނި ގޮތުގައި ހަނާންއާ އެކު އެ ރޭހުގައި ހުސް އެއް އުމުރެއްގެ ކުދިން ބައިވެރިވުމުން އެކަމުގެ މަޖާގަނޑުގެ ތެރޭގައި ހަނާން އަށް އަޔަން ކިޑް ރޭހުގެ ދިދަ ގެންދަން ހަނދާނުން ކައްސާލި ކަމަށެވެ.

އޮސްޓްރޭލިއާގެ މި ދަތުރުގައި ކުޑަ ހުސައިން ވެސް އެ ރޭހުގައި ބައިވެރިވެ ވަނީ ރޭސް ފުރިހަމަ ކޮށްފައެވެ. މިއީ މި ޓްއާގައި މި ދެބަފައިންގެވެސް ދެ ވަނަ އަޔަން ރޭހެވެ.

ކެރިއަރުގައިވެސް އެންމެ އުނދަގޫ ރޭސް

އަޔަން މޭން ރޭހަކީ ކުޑަ ހުސައިން އަށް މިހާރު އާ ރޭހެއް ނޫނެވެ. އޭނާ އަކީ ދިވެހި ފުރަތަމަ އަޔަން މޭން އެވެ. އޮސްޓްރޭލިއާގެ ރޭހަކީ އޭނާ މިހާތަނަށް ފުރިހަމަ ކުރި ހަ ވަނަ އަޔަން މޭން ރޭހެވެ.

ގިނަ މެރޮތޮންގެ ރޭސް ތަކާއި ސްޕްރިންޓްގެ ރޭސްތައް ފުރިހަމަ ކޯށްފައިވާ ހުސައިން ބުނީ އޮސްޓްރޭލިއާގެ އަޔަން މޭން ރާހަކީ އޭނާ މިހާތަނަށް ވާދަ ކުރި އެންމެ އުނދަގޫ ރޭސް ކަމަށެވެ.

"އެކި ރޭސް ތަކުގައި ވާދަ ކުރަމުން އަންނަތާ މިހާރު 30 އަހަރަށް ވުރެ ގިނަ ވެއްޖެ، އެ 30 އަހަރުގެ ތަޖުރިބާއަށް ބަލާއިރު، މިފަހަރުގެ ރޭސްވެގެން މިދިޔައީ ވަރަށް އުދަނގޫ ތަޖުރިބާއަކަށް،" އޮސްޓްރޭލިއާގެ ބަސަލްޓަންގައި ކުރިއަށް ގެންދިޔަ އަޔަން މޭން ރޭހާ ބެހޭގޮތުން ކުޑަ ހުސައިން ބުންޏެވެ.

މިފަހަރުގެ ރޭހުގައި މޫދުގައި 3.8 ކިލޯމީޓަރުގެ ސަރަހައްދެއްގައި ފެތުމާއި ބައިސްކަލުގައި 180 ކިލޯމީޓަރު ކަޑަތުކުރުމަށްފަހު، 42.195 ކިލޯމީޓަރުގެ ސަރަހައްދެއްގައި ދުވަން ޖެހެ އެވެ.

ފަތަން ހަމަޖެހިފައިވާ މޫދުގެ ސަރަހައްދުން 13 ފޫޓުގެ މިޔަރެއް ފެނިފައިވުމުން ފެތުމުގެ މަރުހަލާ ކެންސަލް ކުރީ ކަމަށް ހުސައިން ބުންޏެވެ. ނަމަވެސް އެވަރުންވެސް ރޭހުގެ މަރުހަލާ ކުޑަ އެއް ނުވިއެވެ. މުޅި ރޭސް އެންމެ ފަހުން ބަދަލުވީ ބައިސްކަލް ދުއްވުމާއި
ދިގު ދުވުމުގެ ރޭހަކަށެވެ.

ރޭސް އެގޮތަށް ބަދަލު ކުރުމުން، ރޭހުގައި ބައިވެރިވާން އެހެން ބައެއް ގައުމުތަކުން ދިޔަ ދުވުންތެރިން އެކަމުގެ ކަންބޮޑުވުން ފާޅު ކުރިކަމަށް ހުސައިން ބުންޏެވެ. ރޭހުގައި 180 ކިލޯމީޓަރުގެ ބޮޑު ސަރަހައްދެއްގައި ބައިސްކަލު ދުއްވުމާއި 42.195 ކިލޯމީޓަރުގެ މެރެތަންއެއް ޖަހަންޖެހުނެވެ.

ހުސައިން ބުނީ ބައިސްކަލު ރޭހުގައި 100 ކިލޯމީޓަރަށް ދުއްވިތަނާ ޑީހައިޑްރޭޓްވެގެން ފައިގެ މަސްތައް އަކުނިވަޔަށް ދަމައިގަތް ކަމަށެވެ. ބައިސަކަލުން ފައިބައި ސްޓްރެޗް ކޮށްލައިގެން އަނެއްކާވެސް އޭނާ ރޭހާ ކުރިމަތިލީ ކަށް ހުސެން ބުންޏެވެ.

"ބައިސްކަލް ރޭސް ނިންމައި، މެރެތަން ދުވަމުން ދިޔައިރު ހުއްޓާލަންވީއޭ ވަަރަށް ގިނަ ފަހަރު ހިތަށްއެރި،" ހުސައިން ބުންޏެވެ. "ނަމަވެސް މިފަދަ ވަގުތު ތަކުގައި މިކަހަލަ ރޭސްޖެހުމުގެ މަޤުސަދު ހަނދާންކޮށްލާފައި ކުރިއަށް ދަނީ."

މެރޮތަން ރޭސް ފުރިހަމަ ކުރުމަށް، ހުސައިން ވަނީ ހަ ގަޑިއިރު ހޭދަ ކޮށްފަ އެވެ. މުޅި ރޭހުގައި ހުސައިން ވަނީ 13 ގަޑިއިރު ހޭދަ ކޮށްފަ އެވެ. ރޭސް ކިތަންމެ އުނދަގޫ ވިޔަސް މިފަދަ ރޭސްތަކުގައި ހުސައިން ހާސިލު ކުރަން ބޭނުންވާ އަމިއްލަ އަޒުމެއް އޮވެއެވެ. އެއީ އަމިއްލަ ނަފުސަށް ގޮންޖަހާލުމާއި، ތަފާތު ދަތިތަކުގައި އުޅޭ ދިވެހިންނާއި، ހުސެންގެ އާއިލާއާއި އަދި އޭނާ ކޯޗު ކޮށް ދޭ ކުދިންނަށް ހިތްވަރަކަށް ވުމަށްޓަކައެވެ.