ކުޅިވަރު

ބޮޑު ފައިނަލުގައި ދެ ކޯޗުން ބޮޑު ޗެލެންޖަކަށް

Dec 6, 2017

އެފްއޭ ކަޕް ފައިނަލެވެ. ރާއްޖޭގެ ފުޓްބޯޅަ ސީޒަންގެ އެންމެ ބޮޑު ފައިނަލެވެ. ފައިނަލުގައި ވާދަ ކުރަނީ މުބާރާތުގެ އެންމެ ކާމިޔާބު ޓީމު ނިއުރޭޑިއަންޓާއި އެންމެ ފަހުގެ ރަނަރަފް ޓީސީ އެވެ. މި ދެ ޓީމަކީ، ދިވެހި ޕްރިމިއާ ލީގްގައި އެންމެ ވާދަ ވެރި ދެ ޓީމުވެސް މެއެވެ.

މިއަދުގެ ފައިނަލަކީ ޓީސީއަށް ހާއްސަ ފައިނަލެކެވެ. މީގެ ދެ އަހަރު ކުރިން ފުރަތަމަ ޑިވިޝަންގައި އެ ޓީމު ވާދަ ކުރަން ފެށިފަހުން އެ ޓީމުން ކުޅޭ ހަތަރު ވަނަ ފައިނަލެވެ. ދިވެހި ފުޓްބޯޅައިގައި މި ތިން އަހަރު ދެމެހެއްޓެނިވި ސްޓޭންޑަޑްގައި ފެނުނީ ޓީސީ އެކަންޏެވެ. މިއީ އެހެން ޓީމުތަކާ މެދު ވެވޭ ބޭއިންސާފެއްކަމަށް ނުދެކެވެ.

ފުރަތަމަ ޑިވިޝަންގައި އެ ޓީމުން ވާދަ ކުރަން ފެށިފަހުން، ދެ މުބާރާތެއް ފިޔަވައި އެހެން ހުރިހާ މުބާރާތެއްގައި އެންމެ ވާދަވެރިކޮށް އޮތް ޓީމަކީ ޓީސީ އެވެ. އައްޑޫ އާއި ކުޅުދުއްފުށީގައި 2015 ވަނަ އަހަރު ބޭއްވި ޕްރެޒިޑެންޓް ކަޕާއި، މިއަހަރުގެ މާލޭ ލީގް ފިޔަވައި އެހެން ހުރިހާ މުބާރާތެއްގައި ވާދަވެރިކޮށް ޓީސީ ފެނުނެވެ.

ފުރަތަމަ ޑިވިޝަންގައި، އެންމެ ޓީމެއް ފިޔަވައި، އެހެން ހުރިހާ ޓީމެއް މިއަހަރު ޓީސީގެ ކޯޗް މުހައްމަދު ނިޒާމް ބަލި ކޮށްފި އެވެ. އޭނާ އަށް ބަލި ނުކުރެވި އޮތް ހަމައެކަނި ޓީމަކީ، މިއަދު ފައިނަލުގައި ވާދަ ކުރާ ނިއު ރޭޑިއަންޓެވެ. އެހެންވެ އެ ޗެލެންޖްވެސް ޓީސީއަށް އެބައޮތެވެ. އެ ޗެލެންޖަށް ޓީސީ އޮތީ ތައްޔާރަށެވެ.

ގުރު އަތުލައިގެން، ޓީސީއަށް ލައްވާލީ، މުބާރާތުގައި ފަސޭހަ މަރުހަލާއެކެވެ. ފުރަތަމަ ޑިވިޝަނުން ވާދަ ކުރި ޓީމުތައް މަދުވުމުން، ގުރުލައިގެން އެ ޓީމަށް ލައްވާލީ ސެމީ ފައިނަލުގެ ސީދާ ޖާގަ އެވެ. ނިއު ވެސް ފައިނަލާ ހަމަޔަށް އައީ ދެ މެޗު ކުޅުމަށްފަހު އެވެ. އެހެންވެ ކުޅުންތެރިން ވަރުބަލި ވުމާއި ފިޓްނަސްގެ އަސަރު ނިއު އަށް ވުރެ ޓީސީ އަށް ކުޑަ ވާނެ ކަމަށް ގަބޫލު ކުރެ ވެއެވެ. މިއީ ހަމަގައިމުވެސް އެޑްވާންޓޭޖަކަށް ވާނެ އެވެ.

ނިއުގެ ކޯޗް ސްޕެއިންގެ އޮސްކާ ބުރުޒޮން ބަރޭރަސް އޮތީ އެކަމަށް ތައްޔާރު ވެގެންނެވެ. އޭނަ ބުނީ ނިއުގެ އޮތް ސްކޯޑާއެކު އޭނާ އަށް އެކަން ޑީލް ކުރެވޭނެ ކަމަށެވެ. ފައިނަލު މެޗުގެ ކުރިންވެސް އޭނާ ވަނީ އެކަމަށް ފިޔަވަޅު އަޅާފަ އެވެ. ސެމީ ފައިނަލުގައި ގްރީން ސްޓްރީޓާ ދެކޮޅަށް ކުޅުނު މެޗުގައި، ޓީމުގެ އެންމެ ސީނިއާ ތިން ކުޅުންތެރިން ކަަމަށްވާ، ކެޕްޓަން އަދި ގޯލްކީޕަރު އިމްރާން މުހައްމަދާއި، އަލީ އަޝްފާގް (ދަގަނޑޭ) އާއި އިބްރާހިމް ފަޒީލް (އޮއްޕޮ) އަށް ރެސްޓް ދިނެވެ.

ގްރީން މެޗުގައި އޮއްޕޮ އާއި އަޝްފާގް ވަނީ ވޯމްއަޕްވެސް ކޮށްފަ އެވެ. އެ ދެކުޅުންތެރިން ވޯމްއަޕް ކުރީ، މެޗަށް އަރަން ކަމަށް ހީކުރެވުނު ނަމަވެސް، ނިއު އަތުގައި ރަނގަޅު ލީޑެއް އޮތުމުން، އެ ދެ ކުޅުންތެރިންނަށް ފުރުސަތު ނުދެ އެވެ. އެއީ ފައިނަލް މެޗަށް އެ ދެ ކުޅުންތެރިންނަށް ރެސްޓް ދިނުމުގެ ގޮތުން އެޅި ފިޔަވަޅެއް ކަމަށް ބެލެވެ އެވެ.

ފައިނަލުގައި ނިއު އަށް އޮންނާނެ އެންމެ ތޫނު ހަތިޔަރަކީވެސް އޮއްޕޮ އާއި އަޝްފާގް އެވެ. އެ ދެކުޅުންތެރިންގެ މެދަށް އަލީ ފާސިރު (ސެންޓޭ) ފައްތާލުމުން، އެންމެ ނުރަކާ ދިވެހި ފޯވަޑްލައިންގެ މާކު ޖެހުނީ އެވެ. ޑިފެންސް ފޫއަޅުވާލުމުގައި މިވަރުގެ ދެ ވަނަ ފޯވަޑްލައިނެއް މިދިވެހިރާއްޖެއަކުން ނުހޯދޭނެ އެވެ.

ޓީސީގެ އެޓޭކްތައް ވަރުގަދަކަން، ނިއުގެ ކޯޗް ބުރުޒޮން ފާހަގަ ކުރި އެވެ. ނަމަވެސް އޭނާ ބުނީ ޓީސީގެ އެޓޭކް ވަރުގަދަ ވިޔަސް އެ ޓީމުގެ ބަލި ފަޔަކީ ކޮބައިކަން އޭނާ އަށް އެނގޭ ކަމަށެވެ. އެހެންވެ ޓީސީގެ ވީކް ޕޮއިންޓް ބޭނުން ކޮށްގެން ނިއު އަށް ކުރި ހޯދޭނެ ކަމުގެ ބޮޑު ޔަގީން ކަމެއް ބުރުޒޮން އަށް އެބައޮތެވެ.

"ޓީސީގެ ހަމަލާތައް ވަރަށް ވަރުގަދަ، ނަމަވެސް އަހަންނަށް ފާހަގަ ކުރެވެނީ އެ ޓީމުގެ ޑިފެންސް ބަލިކަށިކަން، އެހެންވީމަ ނިއުގެ ފޯވަޑުންނަށް ފުރުސަތު ލިބޭނެ އޭގެ ބޭނުން ނިއުގެ ކުޅުންތެރިން ހިފާނެ." ބުރުޒޮން ބުންޏެވެ.

ދިވެހި ޕްރިމިއާ ލީގްގައި، ޓީސީގެ ޑިފެންސް އެންމެ އެކިއުރޭޓްތޯ ސުވާލު ކުރުމުން އޭނާ ދިން ޖާވަބު މިއޮތީ އެވެ.

"އެހެން ޓީމުތަކުގެ ކޯޗުންވެސް ފާހަގަ ކުރޭ ހަމަލާ އުފައްދާއިރު ޓީސީން އެޓޭކަށް ކުޅުންތެރިން ގިނަ ކުރާކަން،" ޓީސީގެ ކޯޗް ނިޒާމް ކުރިން ބުނެފައި ވެއެވެ. "މާނަ އަކީ ޓީސީގެ އެޓޭކް ރަނގަޅޭ، އެޓޭކްތައް ރަނގަޅުވީމަ ޑިފެންސުން އެތަނެއް ފެނިގެން ނުދާނެ، ޓީސީ ވާނެ އެންމެ މަދުން ގޯލް ވަން ޓީމަކަށްވެސް."

ދެން އޮތީ ބުރުޒޮން އަށް ޓީސީ ޑިފެންސުގެ ފޫއަލުވާލެވޭނެތޯ އޮތް ޗެލެންޖެވެ. ޕްރިމިއާ ލީގްގައި މި ދެ ޓީމު ކުޅުނު މެޗުގައި ނިއު އިން ލީގް ކަށަވަރު ކުރީ ޓީސީ ބަަލި ކުރުމަށްފަހު އެވެ. އެ މެޗުގައި ނިއު އިން ލީޑް ނަގައި ލީޑް ފުޅާ ކުރީވެސް މެޗުގެ ކުރީ ކޮޅު އެވެ. އެކަން އަލުން ތަކުރާ ކުރެވިދާނެތޯ އޮތް ޗެލެންޖް ވެސް އެބައޮތެވެ.

ފައިނަލު މެޗު ފަށާނީ މިރޭ 9:00 ގަ އެވެ.