ކުޅިވަރު

ސިޓީން މެސީއަށް 100 މިލިއަން ހުށަހެޅި ވާހަކަ ދޮގުކޮށްފި

Dec 6, 2017

ބާސެލޯނާގެ ފޯވަޑް ލިއޮނަލް މެސީ ގެންދަން، މެންޗެސްޓާ ސިޓީން 100 މިލިއަން ޕައުންޑް ހުށަހެޅި ވާހަކަ ސިޓީގެ ކޯޗް ޕެޕް ގާޑިއޯލާ ދޮގު ކޮށްފި އެވެ.

ސްޕެއިންގެ މާސާގެ ކޮލަމިސްޓް މާކޯސް ލޯޕޭޒް އިއްޔެ ލިޔެފައިވާ ކޮލަމެއްގައި ބުނެފައި ވަނީ، މެސީ ގެންދަން ސިޓީން 100 މިލިއަން ޕައުންޑް ހުށަހެޅި ކަމަށެވެ. މާކޯސް ބުނެފައި ވަނީ އެ މަސައްކަތް ކޮށްފައި ވަނީ ސީދާ ސިޓީގެ އޯނަރު އަރަބި އެމެރޭޓްސްގެ ޝައިހް މަންސޫރު ކަމަށެވެ. އޭނާ އެ މަސައްކަތް ކޮށްފައި ވަނީ އެޖެންޓެއް ވެސް މެދުވެރި ނުކޮށް ކަމަށް ވެސް އެ ކޮލަމްގައި ބުނެފައި ވެއެވެ.

ނަމަވެސް، ސިޓީގެ ކޯޗް، އަދި ބާސެލޯނާގެ ކުރީގެ ކޯޗް ގާޑިއޯލާ ބުނީ މެސީ ގެންނަން ސިޓީން އެފަދަ އެއްވެސް ހުށަހެޅުމެއް ހުށަހަޅާފައި ނުވާނެ ކަމަށެވެ. މިދިޔަ ހަފުތާގައި މެސީ ވަނީ ބާސެލޯނާގައި 2021 ވަނަ އަހަރާ ހަމަޔަށް ދެމިހުރުމަށް ކޮންޓްރެކްޓް އާ ކޮށްފަ އެވެ. ގާޑިއޯލާ ބުނީ ބާސެލޯނާ ދޫކޮށްލަން މެސީ ބޭނުން ނުވާނެ ކަމަށެވެ.

"މެސީ ވަނީ އެއް ހަފުތާ ކުރިން ބާސާގެ ކޮންޓްރެކްޓް އާ ކޮށްފަ، އެހެންވީމަ އެއީ [މެސީ ގެނައުމަކީ] ނުވާނެ ކަމެއް، ގާޑިއޯލާ ބުންޏެވެ. "މެސީ ކެރިއާ ފެށީ އެ ކުލަބުން އަދި އޭނާ ކެރިއާ ނިންމާނީ ވެސް އެކުލަބުން، އޭނާ އެ ކުލަބު ދޫކޮށްލަން ބޭނުންނަމަ ކީއްވެ ދެން އޭނާ ކޮންޓްރެކްޓްގައި ސޮއި ކުރަންވީ."

މާކޯސްގެ ރިޕޯޓްގައި ބުނެފައި ވަނީ، މެސީ ގެންދަން ސިޓީން މަސައްކަތް ކުރީ މިދިޔަ ހޫނު މޫސުމުގައި ކަމަށެވެ. އަދި އޭނާގެ މުސާރަ އަށް އެކަނި އަހަރަކު 50 މިލިއަން ޕައުންޑް ދޭން ސިޓީން ހުށަހެޅި ކަމަށްވެސް ކޮލަމްގައި ބުނެފައި ވެއެވެ. ނަމަވެސް ގާޑިއޯލާ ބުނީ އެއީ ދޮގެއް ކަމަށެވެ.

ޗެމްޕިއަންސް ލީގްގެ ގުރޫޕް ސްޓޭޖުގައި، މިރޭ ސިޓީ ނިކުންނާނީ ޔޫކްރޭންގެ ޝަހްތަރު ޑޮނެސްކްއާ ދެކޮޅަށެވެ.