ހަބަރު

ދެ އަތޮޅެއްގައި އަވިން ކަރަންޓް އުފައްދަން ޗައިނާއަށް

ށ، އަދި ނ އަތޮޅުގައި އިރުގެ އަލިން ކަރަންޓު އުފައްދަން ޗައިނާގެ ސައިނޮމެކް އިންޓަނޭޝަނަލް ސަންގްރޯ - ޖޮއިންޓް ވެންޗާ އާ ހަވާލުކޮށް އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.

މިއަދު އެންވާރަމެންޓް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އެންވާރަމެންޓް މިނިސްޓަރު ތޯރިގް އިބްރާޙީމެވެ. ސައިނޮމިކް އިންޓަނޭޝަނަލްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ނައިބު ރައީސް ޒިޔާއޯ ޒިއަން ޑޮން އެވެ.

މި މަޝްރޫއުގެ ދަށުން އެ ދެ އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި 2.86 މެގަވޮޓްގެ ސޯލާ ޕީވީ ސިސްޓަމާއި، ޑީސަލުން ކަރަންޓު އުފެއްދުމަށް 29 ޖެނެރޭޓަރު (4.86 މެގަ ވޮޓް) އާއި، 2.86 މެގަވޮޓް އަވަރ ގެ ބެޓެރިއާއި، 10 ކިލޯމީޓަރުގެ ކޭބަލާއި، 24 އޮޓަމެޓިކް ސިންކްރޮނައިޒިން ޕެނަލްބޯޑް އަދި 62 ޑިސްޓްރިބިއުޝަން ފޮށި ފޯރުކޮށްދޭނެ އެވެ. އަދި މިސިސްޓަމް ފުރިހަމަ ކުރުމަށްޓަކައި ބޭނުންވާ އެނާޖީ މެނޭޖްމަންޓް ސިސްޓަމްތައް ވެސް އެރަށްތަކުގައި ގާއިމް ކުރާނެ އެވެ.

އެ މަޝްރޫއަކީ ތެލަށް ބަރޯސާވުން ކުޑަކުރުމަށާއި ޖައްވަށް ބޭރުވާ ވިހަ ގޭހުގެ މިންވަރު ކުޑަކުރުމަށް ރާއްޖެއިން ލިބެންހުރި އިއާދަކުރަނިވި ހަކަތައިގެ ވަސީލަތްތައް ބޭނުންކޮށްގެން ކަރަންޓު އުފެއްދުން އިތުރުކުރުމަށް ކުރިއަށް ގެންދާ މަޝްރޫއުގެ ތިން ވަނަ ފިޔަވައްސެވެ. އެ މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ ދަށުން ފަސް ރަށެއްގައި 2.5 މެގަވޮޓްގެ އިރުގެ އަލިން ކަރަންޓް އުފައްދާ ނިޒާމުތައް ގާއިމްކޮށް ހަކަތައިގެ ވަސީލަތްތައް ބޭނުންކޮށްގެން ކަރަންޓު އުފައްދަން މިހާރުވަނީ ފަށާފަ އެވެ. އަދި ދެވަނަ ފިޔަވަހީގެ ދަށުން ހއ. އަދި ހދ. އަތޮޅުގެ މީހުން ދިރިއުޅޭ 27 ރަށުގައި 4.57 މެގަވޮޓް ގެ އިރުގެ އަލިން ކަރަންޓް އުފައްދާ ނިޒާމުތައްވަނީ ގާއިމް ކުރުމުގެ އަމަލީ މަސައްކަތް ކޮންޓްރެކްޓަރަކާއި ވަނީ ހަވާލުކޮށްފަ އެވެ.

ރައީސް އަބްދުﷲ ޔާމީންގެ މި ދައުުރު ނިމުމުގެ ކުރިން ރާއްޖޭގަ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އިއާދަކުރަނިވި ހަކަތައިގެ ވަސީލަތްތައް ގާއިމުކުރުމަށް ވަނީ ނިންމާފަ އެވެ. އަދި މީގެ އިތުރުން ހަކަތަ އިސްރާފުވުން ކުޑަކުރުމަށް ގިނަގުނަ މަސައްކަތްތަކެއްވެސް ދަނީ ކުރަމުންނެވެ.