ގްރީން ސްޓްރީޓްސް 0-2 ބަލިކޮށް މާޒިޔާއިން އެފްއޭ ކަޕްގެ ތިންވަނަ މަގާމު ހޯދައިފި އެވެ.
އަނިޔާގެ ގިނަ މައްސަލަތަކަކާއި ކުރިމަތިވެފައިވާ މާޒިޔާއަށް މިއަހަރުގެ އެފްއޭ ކަޕް ފައިނަލާއި ހަމައަށް ނުދެވުމުން އެޓީމަށް މިވަނީ ފަސް އަހަރަށް ފަހު އޭއެފްސީ ކަޕްގެ ފުރުސަތު ގެއްލިފަިއެވެ. މިއަންނަ އަހަރު ރާއްޖެއިން އޭއެފްސީ ކަޕްގައި ވާދަކުރާނީ ލީގު ޗެމްޕިއަން ނިއު އެވެ. ޓީސީއަށް އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުން ޖާގައެއް ހޯދުމަށް އެޓީމު ޕްލޭއޮފް ކާމިޔާބުކުރަން ޖެހެ އެވެ.
މެޗުގެ ފުރަތަމަ ލަނޑު ފެނިގެންދިޔާއީ 30 ވަނަ މިނިޓުގައެވެ. މިލަނޑު މާޒިޔާއަށް ކާމިޔާބުކޮށްދިނި ޒުވާން ކުޅުންތެރިޔާ ޝަމީމް އެވެ. އޭނާ މިލަނޑު ކާމިޔާބުކުރީ ކޯނަރަކުން ޔާމީން ނަގައިދިން ހުރަހެއް ބޮލުން ގޯލްގެ ތެރެއަށް ފޮނުވާލައިގެންނެވެ.
މާޒިޔާއިން ދެވަނަ ލަނޑު ކާމިޔާބުކުރީ ފުރަތަމަ ގޯލް ކާމިޔާބުކުރިތާ ތިން މިނިޓު ފަހުން ނެވެ. މިލަނޑު އެޓީމަކީ ކާމިޔާބުކޮށްދިނީ ޑިފެންޑަރު ސަމްދޫހު އެވެ. އޭރިޔާ ތެރެއިން އޭނާ ފޮނުވާލި ބޯޅަ އަމާޒުވީ ގޯލްގެ ދުރުކަނަށެވެ.
މާޒިޔާއަށް އިތުރު ގޯލްތަކެއް ކާމިޔާބުކުރުމަށް ރަނގަޅު ފުރުސަތުތަކެއް ލިބުނު ނަމަވެސް އެފުރުސަތުތަކުގެ ބޭނުމެއް ނުހިފުނެވެ. ކައުންޓާ އެޓޭކުގައި ގްރީންއަށް ވެސް ރަނގަޅު ފުރުސަތުތަކެއް ލިބުނެވެ. ނަމަވެސް މިފުރުސަތުތަކުގެ ބޭނުން ހިފޭ ގޮތެއް ނުވި އެވެ.
އަލަށް ފުރަތަމަ ޑިވިޝަނަށް މިއަހަރު ނިކުތް ގްރީން ވަނީ މާލޭ ލީގުގައި މޮޅު ކުޅުމެއް ދައްކައި ލީގުގެ ދެވަނަ މަގާމު ހޯދާފައެވެ. ނަމަވެސް ދިވެހި ލީގުގައި އެޓީމަށް އެކުޅުން ތަކުރާރު ކުރެވިފައެއް ނުވެއެވެ. ކޯޗުކަމުން ސޮބާހު ވަކިކޮށް އެޓީމަށް މުހިންމު ކުޅުމެއް ދައްކަމުންއައި ބިދޭސީ ކުޅުންތެރިންވެސް ގްރީންއިން ވަނީ ފޮނުވާލާފަ އެވެ.
މާޒިޔާއަށް ސީޒަނުގައި ބާކީ އޮތީ ޕްރެޒިޑެންޓްސް ކަޕް މުބާރާތެވެ. އެމުބާރާތުގައި މާޒިޔާ ވާދަކުރާނީ ގދ. ތިނަދޫއާ އެވެ.