ހަބަރު

ޓްރަމްޕްގެ ނިންމުމާ މެދު ނަޝީދާއި މައުމޫންގެ ކަންބޮޑުވުން

ގުދުސަކީ އިޒްރޭލުގެ ވެރިރަށުގެ ގޮތުގައި އެމެެރިކާއިން ބަލައިގަތުމުން ރާއްޖޭގެ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އެކަމާ ކަންބޮޑުވުން ފާޅުކުރައްވާ އެކަމާ ދެކޮޅަށް ވާހަކަ ދައްކަވައިފި އެވެ.

އެކަމާ ގުޅޭގޮތުން މައުމޫން ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ އިޒްރޭލުގެ ވެރިރަށުގެ ގޮތުގައި ގުދުސް ކަނޑައެޅުމަކީ ނާ އިންސާފާއި ހަމަނުޖެހުމަށް ކުރެވޭ ތާއީދެއް ކަމަށެވެ. އަދި އެއީ އެ ސަރަހައްދުގެ ހަމަޖެހުމަށް ހުރަސް އެޅިގެންދާނެ ކަމެއް ކަމަށެވެ.

އެކަމާ ގުޅޭގޮތުން ނަޝީދު ކުރެއްވި ޓުވީޓުގައި ވިދާޅުވެފައިވަނީ ގުދުސަކީ އިޒްރޭލުގެ ވެރިރަށް ކަމަށް ކަނޑައަޅައިފިނަމަ ޖާރުއްސަލާމް ކަހަލަ ތަނެއްގައި ސުލްހަ މަސަލަސްކަން ގެއްލި ހަމަނުޖެހުން ތަކަށް ކުރިމަތިވާފަދަ ފިޔަވަޅުތަކަށް އަމަލުކުރާނަމަ ދެފަރާތުގައި ހިމެނޭ ހަރުކަށި ހިޔާލުތަކުގެ މީހުންނަށް މަސްރަހު ހޫނުކޮށްލަން ލިބޭ ފުރުސަތަކަށް ވެގެންދާނެ ކަމަށެވެ.

މުސްލިމުންގެ ތިންވަ ހަރަމްފުޅު ކަމަށްވާ އަލް މަސްޖިދުލް އަގުސާ އެރަށެއްގައިވާ ގުދުސްގެ ހައްގުގައި ދިވެހިން އަޑު އުފުލަން ވާނެ ކަމަށް ދެކެވަޑައިގަންނަވާ ކަމަށް އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސްގެ ޗާންސެލަރު އަދި ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުވަނީ މިއަދު ވިދާޅުވެފަ އެވެ.

ގުދުސަކީ އިޒްރޭލުގެ ވެރިރަށުގެ ގޮތުގައި އެމެރިކާއިން ރަސްމީކޮށް ބަލައިގަންނެ، އެމެރިކާ އެމްބަސީ އެރަށަށް ބަދަލުކުރަން އުޅޭތީ އަރަބި ދުނިޔޭގެ ގިނަ ގައުމުތަކަކުން ވަނީ އެކަމަށް ފާޑުކިޔާފައެވެ. ޔޫރަޕްގެ އިއްތިހާދުގެ މެމްބަރު ގައުމެއް ކަމަށްވާ ފްރާންސުން ވެސް ވަނީ އެމެރިކާއިން އަޅަން އުޅޭ އެފިޔަވަޅަށް ފާޑު ކިޔާފައެވެ. ނަމަވެސް ދިވެހި ސަރުކާރުން އަދި އެކަމާ ރަސްމީކޮށް ބަހެއް ނުކިޔައެވެ.

އެމެރިކާ އޮފިޝަލުންނާ ހަވާލާދީ ނޫސްތަކުން ބުނީ ގުދުސަކީ ވެރިރަށް ކަމަށް ބަލައި، އެމެރިކާ އެމްބަސީ އެރަށަށް ބަދަލު ކުރާނެ ކަން ފަލަސްތީނުގެ ރައީސް މަހުމޫދު އައްބާހަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މިހާރު އަންގަވާފައިވާ ކަމަށެވެ. އައްބާސްގެ އޮފީހުން ބުނީ އެގޮތަށް ކަންތައް ކޮށްފި ނަމަ ބޮޑު ހަމަނުޖެހުމެއް ހިނގާނެ ކަމަށް އައްބާސް ޓްރަމްޕަށް ދެންނެވި ކަމަށެވެ.

އެމެެރިކާ އެމްބަސީ މިހާރު ހުންނަނީ ތެލްއަވީވްގަ އެވެ. އެމްބަސީ ގުދުސަށް ބަދަލު ކުރުމަކީ ޓްރަމްޕްގެ ކެމްޕޭން ވައުދެކެވެ. ޓްރަމްޕް ރައީސް ކަމަށް ވަޑައިގެންނެވީ އެމެރިކާގެ ޔަހޫދީންގެ ބޮޑު ތާއީދަކާ އެކުގައެވެ. އޭނާގެ ދަނބިދަރިކަލުން ޖެރެޑް ކުޝްނާއަކީ ވެސް ޔަހޫދީއެވެ.

ގުދުސަކީ އިޒްރޭލުގެ ވެރިރަށުގެ ގޮތުގައި ބަލަން ޓްރަމްޕް ސަރުކާރުން ނިންމާފައިވާކަން އަދި ކަށަވަރެއް ނުވެއެއެވެ. ނަމަވެސް ރިޔާސީ ވައުދެއްގެ ގޮތުގައި ޓްރަމްޕް އެކަން ގެންގުޅުއްވާފައި ވާތީ، އެވާހަކަ އަލުން ފެންމަތި ވުމުން ދުނިޔޭގެ ބައެއް ގައުމުތަކާއި އެމެެރިކާގެ ހާރިޖީ އޮފިޝަލުންނަށް ވެސް މިހާރު ގަބޫލު ކުރެވިފައި ވަނީ ވަރަށް އަވަހަށް އެކަން އެގޮތަށް ކޮށްފާނެ ކަމަށެވެ.

އެމެރިކާގެ ބައެއް އޮފިޝަލުން ރޮއިޓާސްއަށް ވިދާޅުވެފައި ވަަނީ ގުުދުސްގެ މައްސަލައިގައި ވަކިކޮޅެއް ނެގުމަކީ އެމެރިމާއިން އެތައް އަހަރެއް ވަންދެން ދަމަހައްޓާފައިވާ ހާރިޖީ ސިޔާސަތެއް ބަދަލު ކުރުން ކަމަށެވެ. ގުދުސްގެ މައްސަލައި ގައި އެމެރިކާއިންް ކުރިން ބުނަމުން އައީ އެ މައްސަލަ ނިންމާނީ އިޒްރޭލާއި ފަލަސްތީނު މީހުން ވާހަކަ ދައްކައިގެން ކަމަށެވެ.

ގުދުސަކީ އިޒްރޭލުގެ ވެރިރަށުގެ ގޮތުގައި ބަލައިގަނެ، އެމެރިކާ އެމްބަސީ އެރަށަށް ބަދަލު ކުރަން އެމެރިކާ ސަރުކާރުން މަސައްކަތް ނުކުރުމަށް ބައެއް އަރަބި ގައުމުތަކުން ވަނީ އިންޒާރުދީފަ އެވެެ. އަދި އިސްލާމީ ގިނަ ގައުމުތައް ބައިވެރިވާ އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) އިން ވެސް އިއްޔެގައި ވަނީ އެގޮތަށް ކަންތައް ނުކުރުމަށް އެމެރިކާއަށް އިންޒާރުކޮށްފަ އެވެ