ޕެނަލްޓީ ޖަހައި، ޓީސީހެ މައްޗަށް 6-4 ގެ ނަތީޖާ އަކުން ކާމިޔާބު ހޯދައި، ނިއުރޭޑިއަންޓުން އެފްއޭ ކަޕްގެ ޗެމްޕިއަންކަން ހޯދައިފި އެވެ.
އެފްއޭ ކަޕްގައި އެންމެ ކާމިޔާބު ޓީމަކީ ނިއު ރޭޑިއަންޓެވެ. މިއީ އެ ޓީމުން މުބާރާތް ކާމިޔާބު ކުރި 12 ވަނަ ފަހަރެވެ. އަދި ނިއު އިން ވަނީ ދެ ފަހަރެއްގެ މަތިން އެފްއޭ ކަޕް މިލްކުވެސް ކޮށްފަ އެވެ.
ފައިނަލުގައި ޕެނަލްޓީ ޖަހައިގެން ނިއު ކުރި ހޯދި ނަމަވެސް، މެޗުގެ ބޮޑުބައެއްގައި އެ ޓީމު އޮތީ ދެ ލަނޑު ފަހަތު ގައެވެ. ޓީސީއަށް ދެ ލަނޑުގެ ލީޑެއް ލިބުނު ނަމަވެސް، ފަހަތުން އަރައި ނިއު އިން ނަތީޖާ ހަމަހަމަ ކުރީ އެވެ.
މެޗު ފެށިގެން ހަ ވަނަ މިނެޓްގައި، ޓީސީ ވަނީ ލީޑް ނަގާފަ އެވެ. އިބްރާހިމް މަހްދީ ހުސައިން ތަނަވަސްކޮށްދިން ފުރުސަތެއްގައި ޓީސީ އަށް ލީޑް ނަގައިދިނީ ސްޓެވާޓް އެވެ. މެޗު ޓީސީއިން ރަނަގަޅު ހަމަލާތަކެއް އުފައްދައި ނިއުގެ ފަހަތަށް ބާރު ބޮޑު ކުރި އެވެ.
ޓީސީން ނަތީޖާ ފުޅާ ކުރީ އެ ޓީމަށް ލިބުނު ޕެނަލްޓީ އެއްގަ އެވެ. ނިއުގެ ޕެނަލްޓީ އޭރިއާ ތެރެއިން އެ ޓީމުގެ ޑިފެންޑަރު އަކްރަމް އަބްދުލް ގަނީ ޓީސީގެ މަހްދީ އަށް ފައުލު ކުރުމުން ދިން ޕެނަލްޓީ ކާމިޔާބު ކުރީ ސްޓެވާޓެވެ. ފުރަތަމަ ހާފު ޓީސީން ނިންމާލީ ލީޑްގައި އޮވެގެންނެވެ.
ދެ ވަނަ ހާފުގައި، ނިއުގެ ކުޅުން ވަރަށް ބޮޑަށް ރަނގަޅު ކުރި އެވެ. ދެ ވަނަ ހާފުގައި، ގިނަ ހަމަލާ އުފައްދައި، ބޯޅަ ކޮންޓްރޯލް ކުރީވެސް ނިއު އިން ނެވެ. ނިއުގެ ފުރަތަމަ ލަނޑު 50 ވަނަ މިނެޓްގައި ކާމިޔާބު ކުރީ އިބްރާހިމް ފަޒީލް (އޮއްޕޮ) އެވެ.
އެ ލަނޑު ޖަހަން އޮއްޕޮއަށް މަގު ފަހިވީ ޓީސީގެ ޑިފެންޑަރުންނަށް ހެދުނު މިސްޓޭކެއްގެ ސަބަބުން ނެވެ. ބޯޅަ ހިފައިގެން އޮއްޕޮ ޕެނަލްޓީ އޭރިއާއަށް ވަން އިރު، އޭނާ ހުއްޓުވަން އޭރިއާ ތެރޭގައި ހުރީ އެންމެ ޑިފެންޑަރެކެވެ. ފަސޭހައިން ބޯޅަ ނައްޓާ ލުމަށްފަހު އޮއްޕޮ ގޯލް ތެރެއަށް ބޯޅަ ފޮނުވާލީ ޓީސީގެ ކީޕަރު ކިރަން ބޯ މަތިން ބޯޅަ އޮއްސާލާފަ އެވެ.
ނިއު އިން ނަތީޖާ ހަމަހަމަ ކުރީ ލިބުނު ޕެނަލްޓީ އަކުންނެވެ. ޓީސީގެ ޕެނަލްޓީ އޭރިއާ ތެރެއަށް އަަލީ އަޝްފާގް ވަނުމުން އޭނާ ހުއްޓުވަން ޓީސީގެ ޑިފެންޑަރުންނަށް ޖެހުނީ ފައުލު ކުރާ ށެވެ. ޕެނަލްޓީ އޭރިއާ ތެރެއަށް އަޝްފާގް ވައްޓާލުމުން ދިން ޕެނަލްޓީ ކާމިޔާބު ކުރީ އަލީ ފާސިރު (ސެންޓޭ) އެވެ.
ޕެނަލްޓީގައި، ބަތަލަކަށްވީ ނިއުގެ ކީޕަރު އިމްރާން މުހައްމަދެވެ. އޭނާ ވަނީ ޓީސީން ޖެހި ހަތަރު ޕެނަލްޓީގެ ތެރެއިން ދެ ޕެންލަޓީ ދިފާއު ކޮށްފަ އެވެ. ޓީސީގެ ޕެނަލްޓީ ކާމިޔާބު ކުރީ ޑިފެންޑަރު އީސަލް މަގްރަބީ އާއި ހަލީލް އެވެ.
މެޗު ތެރޭގައި، ޓީސީގެ ޕެނަލްޓީ ކާމިޔާބު ކުރި ސްޓެވާޓް، ޕެނަލްޓީ ޝޫޓް އައުޓްގައި ޖެހި ޕެނަލްޓީ އިމްރާން ދިފާއު ކުރި އެވެ. އަދި އަހްމަދު ޝުހައިލް ޖެހި ޕެނަލްޓީވެސް އިމްރާން ދިފާއު ކުރި އެވެ.
ނިއުގެ ޕެނަލްޓީގައި، ނާކާމިޔާބުވީ ބިދޭސީ ޑިފެންޑަރު ހުސައިން އަލް ޑޯރް ޖެހި ޕެނަލްޓީ އެކަންޏެވެ. އޭނާ ޖެހި ޕެނަލްޓީ ޓީސީގެ ކީޕަރު ކިރަން ދިފާއު ކުރީ އެވެ. ނިއުގެ ޕެނަލްޓީ ތައް ކާމިޔާބު ކުރީ އޮއްޕޮ، ސެންޓޭ، އަކްރަމް އަދި މުހައްމަދު ރަޝީދު (ހޮކޭ) އެވެ.