ވާހަކަ

މިންނުގެ ޑައިރީ

(5 ޑިސެމްބަރ 2017 އާ ގުޅޭ) -- އަހަރެން ލާފައި ހުރި މަޑުނޫކުލައިގެ ހެދުމުގެ ސަބަބުން އެންމެ ފުރަތަމަ ހައިކަލްއަށް އަހަރެން ފެނުނުދުވަހުގެ މަތިން ހަނދާން އާކުރުވިކަމުގައި ބުނަމުންނެވެ. އަހަންނަށް މިފަހަރު ރަކި ހިނިތުންވުމަކާއިއެކު ހައިކަލްގެ މޭގައި މޫނުފޮރުވާލެވުނީއެވެ. ލޯބިވެރިޔާގެ ތަޢުރީފުގެ ބަސްތަކުން ލަދުން އިސްޖަހާލަން ޖެހުނު މަޢުޝޫޤާއެއް ފަދައެވެ.

ސިޑިމަތީގައި އަހަންނާއި ހައިކަލް އެހާ ގާތްކޮށް ތިބުމުގެ ސަބަބުން ހުސްނާއަށް ކާކޮޓަރިން ބޭރަށް ނުކުންނަން ނުކެރިގެން އުޅުނުކަން ވެސް އެނގުނީ ހައިކަލް ބުނީމައެވެ. އަހަރެން ވަކިން ބޮޑަށް ލަދުގަތެވެ. ހުސްނާއަށް މީގެ ކުރީން އަހަންނާއި ހައިކަލް އެފަދަ ގޮތަކަށް އުޅޭ ތަނެއް ނުފެންނާނެއެވެ. އެހެންވެ މިހާރު ކުއްލިއަކަށް އަހަރުމެން ދެ މީހުން ގާތްކޮށް އުޅޭން ފެށުމުން ހުސްނާ ހިތަށް އަރާނެ އެއްޗަކާމެދު އަހަންނަށް ވިސްނާލެވުނެވެ.

ހައިކަލްގެ ކަނާތުން އަހަރެންގެ އުނަގަނޑުގައި ހިފާ ގާތްކޮށްލިއެވެ. އަދި އަހަރެން ގޮވައިގެން އައިސް ހައިކަލްގެ ކޮޓަރިއަށް ވަނެވެ. ކޮޓަރީގެ ދޮރު ލައްޕާލުމާއެކު އިހުނަށްވުރެ ބޮޑަށް އަހަންނާ ގައިގޯޅިވާން ހައިކަލް އުޅުނެވެ. އޭނާގެ ބީހުންތަކަށް އަހަރެންގެ ހަށިގަނޑު ބޭނުންވިއެވެ. އެހެންނަމަވެސް އަހަރެންގެ ސިކުނޑިއާއި ހިތް އެކަމަށް މަރުޙަބާއެއް ނުކިޔެވެ. މަޑުމަޑުން ހައިކަލްއާ ދުރަށް ޖެހިލުމާއެކު އަހަރުމެންގެ ކައިވެނީގެ ގުޅުން މިހާރު އޮތް ފައްތަރު ހައިކަލްއަށް ވިސްނާދޭން ފެށީމެވެ. އަހަރުމެން ދެ މީހުން ކައިވެނީގެ ގުޅުމަކުން ގުޅުނީ ހުއްދަނޫން ގޮތަކަށެވެ. ދުނިޔެއަށް އަހަރުމެން ދެ މީހުންނަކީ ދެމަފިރިންކަމުގައި ވިޔަސް ހުރިހާ ކަމެއް މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއަށް އޮޅުވާލާނީ ކިހިނެއް ހެއްޔެވެ. އަހަރުމެންގެ ކައިވެންޏަކީ ސައްޙަ ކައިވެންޏަކަށް ނުވާއިރު އެ ކައިވެނީގައި ވާނީ ކޮން ބަރަކާތެއްހެއްޔެވެ. ފުރިހަމަ ތައުބާއަކީ ހުރިހާ ކަމެއް ރަނގަޅު ކުރުމެވެ. ހީކުރިވަރަށްވުރެ އަވަހަށް އަހަރެން ދެއްކި ހުރިހާ ވާހަކައެއް ހައިކަލް ޤަބޫލުކުރިއެވެ.

ހައިކަލް: "ޑޯންޓް ވޮރީ މައި ލަވް! އިރާދަކުރެއްވިއްޔާ މިންނު އެދޭ ގޮތަކަށް ހުރިހާ ކަމެއްވާނީ. އާކައިވެންޏަކުން އަހަރުމެންގެ އާ ހަޔާތް އަލުން ފަށާނީ... އައި ޕްރޮމިސް"

އަހަރެންގެ މޫނުގެ ދެފަރާތުން ހިފާލާ އުފުލާލުމާއެކު ހައިކަލްއާ ހަތަރުކަޅި ބައްދަލުވިއެވެ. އޭނާގެ ތުންފަތުގައިވާ ހިނިތުންވުން އަހަރެންގެ ހިތަށް ހަމަޖެހުން ގެނެސްދިނެވެ.

ހައިކަލް ހުރީ ނިދާ ހޭލި ގޮތަކަށްކަމަށް ބުނެ އޭނާ ވަނީ ފެންވަރާށެވެ. އެއާއެކު އަހަރެން އުޅުނީ އެނދުގައި ތަންމަތި ރީތިކޮށްލުމަށެވެ. އެވަގުތު އަހަރެންގެ ޚިޔާލުގެ ލޯގަނޑަށް އެޅިފައިވީ އަހަރެންނާއި ހައިކަލް އެ އެނދުގައި އެކަކު އަނެކަކުގެ އަތުތެރޭ ރޭގައި ހޭދަކުރި ވަގުތުކޮޅެވެ. އެއީ އަހަރުމެން ދެމީހުންގެ ދިރިއުޅުން ބަދަލުކޮއްލި ހިނދުކޮޅެވެ. އަހަރެންގެ ހިތުގައި ހައިކަލްއަށް ޓަކައިވި ލޯބި ހޭލައްވާލާ އެކަން އަހަރެންނަށް އެނގުނެރެއެވެ. ޤުދުރަތުގެ ނިޔާދެކެބަލާށެވެ. މި ހުރިހާ ދުވަހު އަހަރެން ނަފުރަތުކޮށް ކަރުނައެޅި މީހާދެކެ މިހާރު އަހަރެން އިންތިހާއަށް ލޯބިވެއެވެ. އެކުގައި އުޅޭން ބޭނުންވެއެވެ. އުނިވެފައިވާ ދިރިއުޅުން ފުރިހަމަ ކުރާން ހައިކަލްއަށްވުރެ ރަނގަޅު މީހަކު މިހާރު ނެތެވެ. އަހަރެންގެ ޚިޔާލީ ދުނިޔެއިން ނުކުމެވުނީ ފެންވަރައިގެން ނުކުތް ހައިކަލް ގޮވާލުމުންނެވެ. އުނަގަނޑުގައި އަނދެލާފައިވި ހުދު ތުވާލީގައި އޭނަ ހުރިއިރު އިސްތަށިތަކުގެ ކޮޅުން ޖަހަމުންދިޔަ ފެންތިކި އޭނަގެ ގައިގާ ބޮސްދެމުންދިޔައެވެ. އެ މަންޒަރުވީ ބަލާލަން ހިތްގައިމު މަންޒަރަކަށެވެ. ހިތްގަޔާވާ މީހަކާ ދިމާއަށް ދަމާ ބާރަކަށެވެ. ޙިއްސުތަކަށް އެނގުންވާ ފަދަ ބާރެކެވެ. ގަޑުވެފައި ހުރި މީހަކު ފަދައިން ހައިކަލްއަށް ބަލަން ހުރެވުނީއެވެ. އެ މޫނުމަތީގައިވި ލާނެތް ހިނިތުންވުމެކެވެ. ލުއި ހީނލުމަކާއެކު ހައިކަލް އަހަންނަށް އެއްލޯ މަރާލިއެވެ. އަހަރެންގެ ހިތުގެ ހާލު އޭނައަށް އެނގުނީ ކަންނޭގެއެވެ. އަހަރެން ބެލީ އަތުންފައިން ގޯހެއްނެހެދެނިސް އެ ކޮޓަރިން އަވަހަށް ނުކުމެވޭތޯއެވެ.

ކާމޭޒު ކައިރީ އަހަރެން އިނީ ހައިކަލް ތައްޔާރުވެގެން އެތަނަށް އަންނާނެ އިރެއްގެ އިންތިޒާރުގައެވެ. އޭރު ހުސްނާ ރިހަބޯތަށި ގެނެސް ބަހައްޓަނީއެވެ. އަހަރެން ފުރަތަމަ ފަހަރަށް ހުސްނާގެ އަމިއްލަ ދިރިއުޅުމާއި ބެހޭގޮތުން ސުވާލުކުރީމެވެ. އެއާއެކު އޭނާ ހިނިތުންވެލީ މާޒީ ހަނދާން ކުރާ ފަދައިންނެވެ. މޭޒު ދޮށުގައި ހުރި ގޮނޑިތަކުން ގޮނޑިއެއްގެ ލެނގޭ ބައިގައި ދެއަތުން ހިފަހައްޓާލައިގެން ހުރެފައި އަހަންނަށް ބަލާލިއެވެ.

ހުސްނާ: "ރަށްފުށުގެ ދިރިއުޅުން ވަރަށް ތަފާތު. އަހަރެން އައީ އެހާ ތަރައްޤީ ވިސްނުންތަކެއްގެ ތެރެއަކުން ނޫން. ސާދަ އަހަރުގައި މީހަކާ އިންނަން ޖެހުނީ ކައިވެންޏަކީ ކޯއްޗެއްކަން ނޭގެނީސް. އެންމެނަށް ވެސް މުހިންމުވީ އޭނާ ވަމުންދިޔަ އެހީތައް. ކުރަމުން ދިޔަ ޚަރަދުތައް. ބައްޕަގެ އަތަށް އަރަމުން ދިޔަ ފައިސާގެ ނޫޓުތަކުން ދަރީންގެ މައްޗަށް މައިންބަފައިންނަށް އޮންނަ ހައްޤުތަކެއް ވާކަމެއް ހަނދާނެއްނެތް. ހައްގަށް ތިބި ދެބެންގެ މުސްތަޤުބަލު އޮތީ އަހަރެންގެ ކައިވެނީގެ މައްޗަށް ބަރޯސާވެ ނިމިފައި. އެންމެންގެ އުފާވެރިކަން އިންތިހާއަށްދިޔައިރު ސާޅީހަށް އަޅާފައި ހުރި ފިރިމީހާގެ ފަރާތުން ލިބެމުންދިޔައީ ޖިސްމާނީ އަނިޔާ. ތިން އަހަރު ހޭދަވެގެންދިޔައީ ކެތްކުރުމުގައި. މައިންބަފައިން ގާތު ބުނާކަށް ނުކެރުނު. އެހާ ދުވަސްވެގެން ދިޔައިރު ބަލިވެ ނީދެގެން ފަރުވާކުރާން ފެށީ. އެއާއެކު އެނގުނީ އަހަންނަކީ ދަރިމައިނުވާ އަންހެނެއްކަން. އެކަން އެނގުނުތާ އަހަރު ވެސް ނުވަނީސް ވަރިކޮށްފި"

ހުސްނާގެ ވާހަކަތައް އަޑުއަހަން އިންއިރު އަހަރެންގެ ހިތަށް އަސަރުކުރިއެވެ. ނަމަވެސް ހުސްނާގެ މޫނު މަތިން އެއްވެސް ކަހަލަ އަސަރެއް ނުފެނެއެވެ. ހާދަ ދެރައޭ އަހަންނަށް ބުނެވުނު ހިނދު ހުސްނާގެ ޖަވާބު އައީ ތަފާތުކޮށެވެ.

ހުސްނާ: "އަހަރެން ނުވިސްނަން އެ ކަމާ. އެހެންނޫނަސް އެ ކަހަލަ ކައިވެންޏެއްގައި ދެމި ހުރުމުގެ ބޭނުމެއްކޮބާ. މިނިވަންކުރީމަ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބުނު. ހިތަށް އެރީ ނަސީބެކޭ"

އަލުން ކައިވެންޏެއް ކުރަން ހުސްނާ ނުވިސްނަން ތޯ އަހަރެން އަހާލީ މާބޮޑު ވިސްނުމަކާއެކުއެއް ނޫނެވެ. އަހަރެންގެ ސުވާލުން ހުސްނާ ކުޑަކޮށް ހީނލިއެވެ.

ހުސްނާ:"އުމުރުގެ މިހާ ހިސާބުގައި އަހަރެން ފަދަ އަންހެނަކާ ކައިވެނިކުރާނީ ކާކު؟"

ހުސްނާއަށް ދޭނޭ ޖަވާބެއް އަހަރެންގެ އަތަކު ނެތެވެ. ނަމަވެސް ހިތާހިތުން ދުޢާ ކުރެވުނެވެ. ހުސްނާއަށް ޓަކައި މި ދުނިޔެއިން ޞާލިޙު ބައިވެރިއަކު ދެއްވުމަށް ޓަކައެވެ. ހުސްނާއަކީ ހިތްހެޔޮ ރަނގަޅު މީހެކެވެ. އޭނާގެ ހިތުގެ ސާފުކަން އޭނާގެ ޢަމަލުތަކުން ފެނެއެވެ. އަހަންނަށް ހުސްނާއަކީ ގޭގައި ގެންގުޅޭ މީހަކަށްވުރެ ގާތް މީހެއްގެ ގޮތުގައި ދެކެވެއެވެ. އަހަރެން ގަބުވެފައި އިންދާ ހުސްނާ އަނެއްކާ ވެސް ވާހަކަދެއްކިއެވެ. މިފަހަރު އޭނާ އަހަރެންގެ ގާތުން ވަރަށް ބޮޑު ކަމެއް ކޮށްދިނުމަށް އެދުނެވެ. ހުސްނާ ދެއްކީ ޖަމީލުގެ ވާހަކައެވެ. ހުސްނާ ބުނި ގޮތުގައި އޭނާއަކީ ގޭގޭގައި މަސައްކަތް ކުރަން އުޅޭ މީހެކެވެ. ނަމަވެސް މިހާރު ހުންނަނީ ކުރާނެ ކަމެއްނެތިފައެވެ.

ހުސްނާ: "މި ގޭގައި ކަމެއްކޮށްލާނޭ ފިރިހެނަކު ނުހުރެއެއްނު. މިގެއިން ޖަމީލަށް މަސައްކަތެއް ލިބިދާނެތަ؟ އޭނާއަކީ ވެސް ޢާއިލާގެ މީހަކު ނެތް އެކަނި ދިރިއުޅޭ މީހެއް"

ހުސްނާ ދުވަހަކު ވެސް ކަމަކު ނޭދެއެވެ. އެހެންވެ އޭނާ އެދުނު ފުރަތަމަ ކަންތައް ކޮށްދޭން އަހަރެން ބޭނުންވިއެވެ. ހައިކަލް ގާތުގައި ޖަމީލުގެ ވާހަކަ ދައްކާނަން ކަމުގައި އަހަރެން ބުނީމެވެ. އަދި ހައިކަލް ދޭ ޖަވާބެއް ހުސްނާ ގާތު ބުނާނަން ކަމެވެ.

ކާކޮޓަރިއަށް ވަން ހައިކަލް ފެނުމާއެކު ހުސްނާ އަވަސް އަވަހަށް މަސައްކަތަށް އެނބުރުނެވެ. ހައިކަލް އަހަރުމެންނަށް ހިނިތުންވެލަމުން އައިސް މޭޒުގެ ކޮޅުގައި ހުރި ގޮނޑީގައި އިށީނެވެ. ކުރިމަތީހުރި ކާއެއްޗެހީގެ ވަހަށްވުރެ ހައިކަލްގެ ގައިން ދުވި މީރު ވަހުން އަހަރެންގެ ބަނޑު ފުރިއްޖެއެވެ. މޭޒުމަތީ ބާއްވާލައިގެން އިން އަހަރެންގެ އަތްތިލާގައި ހައިކަލް ހިފާލަން އުޅުނެވެ. އެއާއެކު އަހަރެން ނިކަން އަވަހަށް އަތް ދަމައިގަތީމެވެ. ހައިކަލް ހޭން ފެށުމުން ހުސްނާ ބަލާލީ އަޖައިބުވެގެން ބަލާލާ މީހަކު ފަދައިންނެވެ. ހުސްނާއަށް ކަމެއް ވިސްނުނީ ކަންނޭނގެއެވެ. އޭނާ އެހެން ދުވަސް ދުވަހު ހެން ކާކޮޓަރިތެރޭ މަޑެއް ނުކުރިއެވެ. ސުފުރާމަތި ތައްޔާރުކޮށް ނިމުމުން އޭނާ ނުކުމެގެން ދިޔައީއެވެ. ކާން ތިބީ އަހަންނާއި ހައިކަލް އެންޏެވެ.

ހެނދުނުގެ ސައި ނިންމާލުމަށްފަހު ހައިކަލް އެނބުރި ދިޔައީ ކޮޓަރިއަށެވެ. ކޭތަށިތައް ނަގަމުން ލަކްޝްމީއާއި ހުސްނާއަށް ކާންގޮވީމެވެ. އަހަންނާއި ހައިކަލް ކޭ ތަށި ދޮވެލުމަށްފަހު ދެން ހުރި ތަށިތައް ކައިނިންމާފައި ނެގުމަށް ލަކްޝްމީ ގާތު ބުނީމެވެ. އަދި ބަދިގެތެރެ ސާފުކޮށްލަން ބުނެފައި އަހަރެން ވެސް އެ ތަނުން ނުކުތީއެވެ.

އަހަރެން އައިސް ހައިކަލްގެ ކޮޓަރިއަށް ވަންއިރު ރޭޑިއޯގެ އަޑުއިވުނެވެ. ހައިކަލް ރޭޑިއޯ އަޑު އަހާތީ ހައިރާންވިއެވެ. އަހަންނަށް އެކަން ވީ އާ ކަމަކަށެވެ. ބެލްކަނީގައި ހުއްޓިލައިގެން ހުރި ހައިކަލްގެ ގާތަށް އަހަރެން އައީމެވެ. އޭނަގެ އަތުގައި އޮތް ފޯއްފޮތި އަހަންނަށް ދިއްކޮއްލަމުން ވާހަކަދައްކަންފެށިއެވެ.

ހައިކަލް: "އަހަރެން މިއަދު އުޅޭނަން ކައިވެނީގެ ކަންތަކާ. މީހަކާ އެކަމާ ވާހަކަ ދައްކާލާނަން. އެކަން ކުރާން އެންމެ ރަނގަޅު ގޮތް އޮޅުން ފިލުވާފައި އެގޮތަކަށް ކުރާނީ. ދެން އަދި އެބަ އޮތް އެއްކަންތައް. ކައިވެންޏަށްފަހު މިންނު މި ކޮޓަރިއަށް ބަދަލުވާން އަހަރެން ބޭނުން. ކޮޓަރިއަށް ބައެއް ބަދަލުތައް ވެސް ގެންނަން އެބަ ވިސްނަން"

ހައިކަލް ބޭނުންވަނީ އެ ކޮޓަރީގެ ބައެއް ފަރުނީޗަރު ބަދަލުކޮށް އެއަރކޮންޑިޝަނާއެއް ހަރުކުރާށެވެ. އަދި ބެލްކަނި ނިވާކުރުމަށް ދަމާފައި ހުންނަ ދޮރުފޮތިގަނޑުގެ ސްޓައިލް ވެސް ބަދަލުކުރުމަށް އޭނާ ބޭނުންވިއެވެ. ފާޚާނާއަށް ވެސް ގެންނަ ބަދަލުތަކުގެ ވާހަކަދެއްކިއެވެ. އަހަރެން އެ ހުރިހާ ވާހަކައަކަށް އާންހޫން ކިޔާލަކިޔާލަ ހުރީ އެ ކަންތައްތަކަކީ އަހަންނަށް މާބޮޑު ޚިޔާލެއްދޭން ނޭގޭނެ ކަންތައްތަކަށް ވީމައެވެ.

ހައިކަލް ކޮޓަރިއަށްވަދެ ރީތިވާ މޭޒުގެ ވަތްގަނޑު ދަމާލާފައި ކަޅުކުލައިގެ ބޭރުގަނޑެއް ލާފައިވާ ފޮތެއްނަގާ ބަލަންފެށިއެވެ. ހީވަނީ ކޮންމެވެސް އެއްޗެއް ހޯދަނީހެންނެވެ. އަހަރެން އެނދުގައި އިށީނދެލައިގެން އިނުމަށްފަހު ހައިކަލްއާ ސުވާލުކުރީމެވެ. ޖައުބެ އާއި ސުހައްތަ ކޮބާތޯއެވެ. އެމީހުންނާ މިއިން ދުވަހަކު ދިމާވިތޯ އާއި އެމީހުންގެ ހާލު ރަނގަޅުތޯއެވެ. އަހަންނަށް ލިބުނީ ހައިރާން ކުރުވަނިވި ހަބަރެކެވެ. ހައިކަލް ޖައުބެގެ އަމިއްލަ ވިޔަފާރިއެއް ފެށުމަށް ލޯނެއްދިންކަމެވެ. އެ ލޯނަށް ހައިކަލްއަށް ޖައުބެ ދައްކަންޖެހޭ ފައިސާ ވެސް ދައްކާ ނިމިފައިވާކަމެވެ. ސުހައްތައަށް ލިބުނީ ފިރިހެން ދަރިއެއްކެމެވެ. ސުހައްތައަށް ތިން ކުދީން ލިބިއްޖެއެވެ. އަހަންނަށް އުފަލުން ގޮސް ދެލޯފެންކަޅިވިއެވެ. އަދި ސުހައްތަގެ ދޮށީ ކުއްޖާ މިހާރު ޒޭންއާ އެއްވަރުވާނެއޭ ބުނެލެވުނީ ބޭއިޚްތިޔާރުގައެވެ. ހައިކަލް އެކަމަށް އެއްބަސްވިއެވެ. ހައިކަލް ބުނިގޮތުގައި ސުހައްތަ އަހަރެންގެ ޚަބަރު އޮޅުން ފިލުވަން ވަރަށް މަސައްކަތްކުރިކަމަށް ބުންޏެވެ. އަދި މިހާރުވީ މަންމަ އާއިއެކު ލަންކާގައިކަމަށް ބުންޏެވެ. ސުހައްތަގެ ދަރިފުޅަށް ކިޔަވާދޭންގޮސްކަމުގައި ބުންޏެވެ. ގެ ހުންނަނީ ފަޅަށްކަމުގައި ބުންޏެވެ. ޖައުބެއާ މިހާރު ކުރިން ދިމާވާވަރަށް ދިމާނުވާ ވާހަކަ ވެސް ބުންޏެވެ. ކުރިން އަހަރެންގެ ވާހަކަ ވަރަށް އަހާކަމަށްބުންޏެވެ. ނަމަވެސް މިހާރު ޖައުބެއާއި ސުހައްތަ އުޅެނީ އެމީހުންގެ އަމިއްލަ ކަންތައްތަކައިގެން ކަމުގައި ހައިކަލް ބުންޏެވެ. އަހަރެން އެ މީހުން ގާތުގައި މި ހުރިހާ ދުވަސްވަންދެން ހައިކަލް ދެއްކީ ކޮންބަހަނާއެއްތޯ ސުވާލުކުރީމެވެ. ހައިކަލް އުޅެނީ އަހަރެން ޔޫކޭ އަށްފޮނުވާލައިގެންނެވެ. ދަރިއަކު ލިބުނުކަންވެސް އެމީހުންގާތު ނުބުނެއެވެ. އަހަރެން ހަފިއްތަގެ ޚަބަރަކީ ކޮބާތޯ ވެސް އެހީމެވެ. ނަމަވެސް ހައިކަލްގެ މޫނުމަތިން ފެނުނީ ފޫހިކަމެކެވެ.

ހައިކަލް: "ނޭނގެ މަށަކަށް އޭނާ ވީ ތަނެއް. އަހަރުމެންގެ ކައިވެންޏަށްފަހު ނުދެކެން... ރަނގަޅީ ވެސް ނުފެނުނިއްޔާ"

ހައިކަލްއަށް އައި ބަދަލެއް އަހަންނަކަށް ނުވިސްނުނެވެ. އެހެންނަމަވެސް އެކަމާ ސުވާލެއް ކުރެވެން ވާއިރަށް އަނެއްކާ ވެސް ހައިކަލް ވާހަކަދެއްކިއެވެ.

ހައިކަލް: "މިންނު ބޭނުންތަ ސުހައްތަ ގާތަށް ދާން. މިންނު ބޭނުމިއްޔާ ލަންކާއަށް ފޮނުވަދީފާނަން"

އަހަންނަށް އެ ސުވާލަށް ދޭނެ ޖަވާބެއް ނޭގުނެވެ. އަށާރަ އަހަރަށްފަހު އަހަރެން އެމީހުންގެ ގާތަށް ދާން ބޭނުންބާއެވެ. ސުހައްތަގެ ދިރިއުޅުމަށް އައި ހެޔޮ ކުރިއެރުންތަކަށް އަހަރެން އުފާކުރަމެވެ. ޖައުބެއަށް ހައިކަލް އެ ވެދިން އެހީއަކީ އަހަރެންގެ ކުރިމަތީ ހައިކަލްގެ މާތްކަން އިތުރުވެގެން ދިޔަ ޢަމަލެކެވެ. ހައިކަލް އޭނަގެ އަތުގެ ތެރޭއޮތް ފޮތް ލައްޕާލުމަށްފަހު އަހަރެންގެ ކައިރީ އައިސް އެނދުގައި އިށީނެވެ. އަދި އަހަރެންގެ ކޮނޑުގައި ހިފާ ކައިރިކޮއްލިއެވެ. ހައިކަލް މާޒީ ހަނދާންކުރަން ބޭނުންނުވާ ވާހަކަބުންޏެވެ. އަހަރުމެން ފަށަން އުޅޭ އާހަޔާތަށް މާޒީގެ ހިޔަންޏެއްހާ މިންވަރު ވެސް އެޅެން ހައިކަލް ބޭނުންނުވާ ކަމުގައި ބުންޏެވެ. އަހަރެން ހައިކަލްގެ އަތުގައި ހިފާލީ އޭނައާ އެއްބަސްވުމުގެ ގޮތުންނެވެ. އަހަރެންވެސް އެފަދަކަމެއް ވެދާނޭފަދަ އެއްވެސް ނިންމުމެއް ނިންމާކަށް ބޭނުމެއްނޫނެވެ. އަށާރަ އަހަރު ވޭތުވެގެން ދިޔައީ އަހަރެންގެ ޢާއިލާއާ ދުރުގައެވެ. ދެން ކުރިއަށް އޮތްދުވަސްތަކުގައި ވެސް އެންމެ ރަނގަޅުވާނީ އެމީހުންނަށް އަހަރެންގެ ދިރިއުޅުމުގެ އެއްވެސް ކަމެއް ނޭގުނިއްޏާއެވެ.

މެންދުރުގެ ކެއުމަށް ތައްޔާރުކުރާނެ އެއްޗެއް އޮޅުން ފިލުވުމަށް ލަކްޝްމީ އައިސް ކޮޓަރީގެ ދޮރުގައި ޓަކިދިނެވެ. އަހަރެން ހައިކަލް ގާތު މިދަނީ ބަދިގެއަށްކަމުގައި ބުނެ ލަކްޝްމީއާއެކު ދިޔައީމެވެ. ހައިކަލް އޭނަ ގެންގުޅޭ ކަޅުފޮތް ނަގާ ކުރިން ވެސް ކުރަމުންދިޔަ މަސައްކަތް ކުރަންފެށިއެވެ.

އަހަރެންގެ ލޮލުގައި ޒޭންގެ ކޮޓަރި އަޅައިގަތީ އެ ކުއްޖާގެ މަތިން ހަނދާންވާތިއެވެ. ހުރިހާ ވާހަކައެއް ދެއްކުނުއިރު ވެސް ޒޭންގެ ހާލު އަހަންނަށް އަހާނުލެވުނެވެ. ހަމަނުކެރިގެންނެވެ. އެ ދަރިފުޅާ ދޭތެރޭ ކަންތައްކުރެވުނު ގޮތް ހިތަށް އަރާފައެވެ. ދެން އެ ދަރިފުޅު އަހަރެންގެ ގާތަށް ނައިސްދާނެކަމުގެ ބިރު ހިތުގައި ނުފިލާވެއެވެ.

ހަވީރުގެ ވަގުތުގައި ހައިކަލް ނުކުމެގެން ދިޔައީ ހެންރީއާއިއެކު ކޮފީއެއް ބޯލުމަށްކަމަށް ބުނެފައެވެ. އަހަރެން ހުސްނާއާއެކު މާގަސްތަށް ކައިރީ އުޅުނީމެވެ. ފޮޅިފައިވާ އޯކިޑު މާކޯނިތަކަށް އަހަންނަށް ބަލާލެވުނީ އަދިވެސް ކުރިން ބަލާލާހާ އަސަރާއެކުއެވެ. ހުސްނާ އޯކިޑު މާތަށް ސިޓިންރޫމުގައި ހުރިވާސްގައި ޖަހަން ޚިޔާލުދިނުމުން އަހަންނަށް އެކަމަށް އެއްބަހެއްނުވެވުނެވެ. ވާނީވެސް އެހެންތާއެވެ. މާތަކުގެ ތެރެއިން އަބަދުވެސް ކުރިހޯދަމުން އައި ރަތްފިނިފެންމާ މިއަދު ހުދު އޯކިޑުމަލަށްވުރެއް ކުރިހޯދައިފިއެވެ. މީ ރަތްފިނިފެންމަލުގެ މެހެލްއެކެވެ. ވީއިރު މި ގަނޑުވަރުގައި ހުދު އޯކިޑުމަލުގެ ބޭނުމެއް އޮންނާނެހެއްޔެވެ.

ހައިކަލް އަހަރެންގެ ފުރަގަހުގައި ހުރިކަން އަހަންނަށް އިނގުނީ ގަސްކާނާ ފެކެޓު ހިފައިގެން ތެދުވަނން އުޅެނިކޮށެވެ. އަހަންނަށް ސިއްސައިގެން ދިޔަވަރުން ހެވުނީއެވެ. ކައިރީގައި ހުރި ހުސްނާ ވެސް ހޭންފެށިއެވެ. ހައިކަލް އަހަންނަށް ދިއްކޮއްލީ ރަތްފިނިފެންމަލުގެ ބޮޑު ގުލްދަސްތާއެކެވެ. އަހަރެންގެ މަސައްކައްތައް ތަޢުރީފުކުރުމާއިއެކު އެ ކުޑަކުޑަ ބަގީޗާގައި ރަތްފިނިފެންމަލެއް ފޮޅޭނީ ކޮންއިރަކުންތޯ ސުވާލުރިއެވެ. ހައިކަލް ބުނީ ވަރަށް ބޮޑު ތެދެކެވެ. އެ ބަގީޗާގައި ރަތްފިނިފެންމާ ފޮޅެން މިހާރުވެއްޖެއެވެ. އަހަރެންގެ އަތަށްލައްވާފައިވި އަންގި ނައްޓާލުމަށްފަހު ހުސްނާއަށް ދިއްކޮއްލީމެވެ. އަދި ހައިކަލް ގެނެސްދިން ހަދިޔާ ހިފައިގެން އޭނަ އާއިއެކު ހިނގައިގަތީމެވެ. (ނުނިމޭ)