ކުޅިވަރު

ޕެނަލްޓީ މަތަކުރެވުނު އަދަދެއް ނޭނގޭތީ އިމްރާން ދެރަވެފައި

އެފްއޭ ކަޕް ޗެމްޕިއަންކަން ނިއު ރޭޑިއަންޓަށް ހޯދައިދިނުމުގައި އެންމެ މުހިންމު ބަތަލަކީ ކެޕްޓަން އަދި ގޯލް ކީޕަރު އިމްރާން މުހައްމަދެވެ. ޕެނަލްޓީ ޝޫޓް އައުޓްގައި ޓީސީން ޖެހި ހަތަރު ޕެނަލްޓީގެ ތެރެއިން ދެ ޕެނަލްޓީ އޭނާ ހުއްޓުވި އެވެ.

ރޭ ގެ މެޗަށް ފަހު ގދ. ތިނަދޫ ޓީމުގެ ކޯޗް އަދި އިމްރާނަށް ކުރިން ކޯޗް ކޮށްދިން އަލީ ސުޒޭން އަޅުގަނޑާ ބައްދަލުވުމުން ބުނީ މިހެންނެވެ.

"މި ގަލޮޅު ދަނޑަށް މިހާރު 50 އަށްވުރެ ގިނަ އަހަރު ވެދާނެ، މި ދަނޑުގެ ތާރީހްގައި އެވަރަށް ޕެނަލްޓީ ސޭވް ކުރި އެހެން ކީޕަރެއް ނުހުންނާނެ، އަދި ދިވެހި ފުޓްބޯޅައިގައިވެސް އެވަރަށް ޕެނަލްޓީ ސޭވް ކުރި ދެ ވަނަ އެހެން ކީޕަރެއް ނުހުންނާ." ސުޒޭން ބުންޏެވެ.

ޕެނަލްޓީ ހުއްޓުވުމުގައި އިމްރާންގެ ހުށިޔާރު ކަމާމެދު އެންމެ ބޮޑަށް ވާހަކަ ދައްކަން އެނގޭނެ އެކަކީ، ގައުމީ ޓީމުގެ ކުރީގެ ގޯލްކީޕަރު މައުރޫފް އަހްމަދު (މާއްޓޭ) އެވެ. މާއްޓޭ ވަނީ އިމްރާންގެ ކުރީގެ ކޯޗްވެސް މެއެވެ.

"އަޅުގަނޑު ހަނދާން އެބަހުރި ކަޕްވިނާސް ކަޕް ނުވަތަ ޕްރެޒިޑެންޓް ކަޕްގައި ފައިނަލުގެ ޕެނަލްޓީ ޝޫޓް އައުޓްގައި، ޖެހި ހުރިހާ ޕެނަލްޓީ އެއް އިމްރާން ސޭވް ކުރި،" މާއްޓޭ ބުންޏެވެ. "އެ ފައިނަލަކީ އަޅުގަނޑު ވަރަށް ފާހަގަ ކުރާ ފައިނަލެއް."

އެހެންވެއްޖެނަމަ، ޕެނަލްޓީ ހުއްޓުވުމުގައި އިމްރާންގެ އަތުގައި ރެކޯޑެއް އެބައޮތެވެ. ނަމަވެސް އޭނާގެ އެންމެ ބޮޑު ހިތާމައަކީ ފުޓްބޯޅައިގެ އެ ޑޭޓާތައް ބަލަހައްޓާނެ ބަޔަކު ނެތުމުންނެވެ.

"ހަގީގަތުގައި އަޅުގަނޑަށްވެސް ނޭންގެ ޕެނަލްޓީ ސޭވް ކުރެވުނު އަދަދެއް، ވިކްޓަރީގައިވެސް ހުންނާނެ ވަރަށް ގިނަ ޕެނަލްޓީ ސޭވް ކުރެވިފަ،" އިމްރާން ބުންޏެވެ. "އެ ޑޭޓާތައް ބަލަހައްޓަން ޖެހޭނެ ބަޔަކީ ނޫސްވެރިން، އަދި އެ ޑޭޓާތައް ރަސްމީކޮށް ބަލަހައްޓާނެ ބަޔަކު ނެތުމަކީ ދެރައެއް."

ދުނިޔޭގެ އެހެން ގައުމުތަކުގައި، ފުޓްބޯޅައިގެ ހިސާބުތައް ބެލެހެއްޓުމަށް އެކަމަށް ހާއްސަ ކުންފުނިތައް ހުރެ އެވެ. އެގައުމުގެ ފުޓްބޯޅަ އިދާރާ ތަކުން، ފުޓްބޯޅައިގެ ޑޭޓާ ބެލެހެއްޓުމަށް، އެ ކުންފިތަކާ އެމަސައްކަތް ހަވާލު ކުރެ އެވެ. ނަމަވެސް މިއީ ރާއްޖޭގެ ފުޓްބޯޅައިގައި ނެތް ކަމެކެވެ.

ފުޓްބޯޅައިގެ ޑޭޓާ ބެލެހެއްޓުން ރަސްމީ ސިފައެއްގައި ރާއްޖޭގައިވެސް ފެށުމަކީ ކޮންމެހެން މުހިންމު ކަމެކެވެ. އެކަން ނުކުރެވިއްޖެނަމަ ދިވެހި ފުޓްބޯޅައިގެ ލެޖެންޑުންގެ ވާހަކަ ދައްކާނެ ބަޔަކު މާދަމާ ނޫޅޭނެ އެވެ.