ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުގެ ރައީސްކަމުގެ މަގާމުގައި ހުންނެވި ޔޫސުފް މާނިއު މުހައްމަދު އެ ކޮމިޝަނުގެ ރައީސްކަމުންނާއި މެމްބަރުކަމުން ވަކި ކުރައްވާފައިވާތީ އެ މަގާމަށް ކުރިމަތިލާން ހުޅުވާލި ފުރުސަތުގައި އެކަށީގެންވާ ތަރުހީބެއް ނުލިބުމުން އަނެއްކާވެސް އެ މަގާމަށް ކުރިމަތިލާން ހުޅުވާލައިފި އެވެ.
ގެޒެޓުގައި މިއަދު ޝާއިއު ކޮށްފައިވާ އިއުލާނުގައިވާ ގޮތުން، ފުރުސަތު ހުޅުވާލާފައިވަނީ މި މަހުގެ 19 ވަނަ ދުވަހުގެ ނިޔަލަށެވެ. އެންއައިސީގެ ރައީސްގެ މުސާރަ މިނިވަން އެހެން މުއައްސަސާތަކުގެ މުސާރައާ އެއް ހަމައަކަށް ގެންނަން ރައްޔިތުންގެ މަޖިލީހުންވަނީ ފާސްކޮށްފަ އެވެ. އެންއައިސީގެ ރައީސްގެ މުސާރައިގެ ތެރެއަށް ކާރާއި ކާރުގެ ޑްރައިވަރުގެ މުސާރަ ދިނުމަށް އެލަވަންސާއި ޕެޓްރޯލް އެލަވަންސް ދޭން ވަނީ ފާސްކޮށްފަ އެވެ. އެގޮތުން ކާރު އެލަވަންސަށް ހަ ހާސް އަދި ޕެޓްރޯލް އެލަވަންސްގެ ގޮތުގައި އެއްހާސް ރުފިޔާ ދޭން ވަނީ ނިންމާފަ އެވެ.
މާނިއު އެންއައިސީއިން ވަކިކޮށްފައިމިވަނީ، ފުލުހުންނާ ގުޅޭ ގޮތުން ބޮޑު ތުހުމަތެއް ކުރެއްވިތާ ދުވަސްކޮޅެއް ފަހުންނެވެ. މާނިއު ވިދާޅުވެފައިވަނީ ކޮމިޝަނުގެ ތަހުގީގުތަކަށް ފުލުހުންގެ ފަރާތުން އެކަށީގެންވާ އެއްބާރުލުން ނުލިބޭ ކަމަށްވާނަމަ ގާނޫނީ ގޮތުން އެ ކޮމިޝަނަށް ލިބިފައިވާ ބާރުގެ ބޭނުން ކުރާނެ ކަމަށެވެ. ފުލުހުންނާ ގުޅޭ ގިނަ މައްސަލަތަކެެއް އެންއައިސީގައި އެބަހުރި ކަމަށާއި އެމައްސަލަތައް ބެލުމަށް އެކޮމިޝަނުން ކުރަމުންދާ މަސައްކަތްތަކަށް ފުލުހުންގެ ފަރާތުން އެއްބާރުލުން ނުލިބޭ ކަމަށެވެ.
"އެ މައްސަލަތައް ބަލަން ވަރަށް ގިނަ ފަހަރަށް ސިޓީ ފޮނުވައިގެން އަދި ގުޅައިގެންވެސް ވާހަކަ ދައްކައިފިން، އެކަމަކު އަޅުގަނޑުމެން ބޭނުންވާ އެއްބާރުލުމެއް ފުލުހުންގެ ފަރާތުން ނުލިބޭ، އެގޮތަށް ފުލުހުންގެ ފަރާތުން އެއްބާރުލުން ނުލިބެންޏާ އަޅުގަނޑުމެންނަށް ލިބިގެންވާ ގާނޫނީ ބާރު ބޭނުންކޮށްގެން އަޅަންޖެހޭ ފިޔަވަޅުތައް އަޅައިގެން ނަމަވެސް މައްސަލަތައް ނިންމަން މަސައްކަތް ކުރާނަން،" މާނިއު ވިދާޅުވެފައިވެ އެވެ.
އެންއައިސީގެ ރައީސް ކަމަށް މާނިއު އައްޔަން ކޮށްފައިވަނީ އެ ކޮމިޝަންގެ ރައީސް ކަމުގައި ހުންނެވި ފަރުހާދު މުހައްމަދު ވަކިކުރުމަށްފަހު އެވެ. ފަރުހާދު ވެސް ކޮމިޝަނުން ވަކިކުރީ ކުއްލި ގޮތަކަށެވެ. އޭރު މާނިއު ހުންނެވީ ކޮމިޝަނުގެ ނައިބު ރައީސްގެ މަގާމުގަ އެވެ.