ކުޅިވަރު

ދެކުނު އޭޝިއާގެ ޓީޓީ ޗެމްޕިއަންޝިޕް ރާއްޖެއަށް ގެންނަނީ

Dec 9, 2017
2

އަންނަ އަހަރު ބާއްވާ ދެކުނު އޭޝިއާގެ ޖޫނިއާ ޓީޓީ ޗެމްޕިއަންޝިޕް ރާއްޖޭގައި ބޭއްވުމަށް މަސައްކަތް ކުރަމުން ގެންދާ ކަމަށް ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރު އިރުތިޝާމް އާދަމް ވިދާޅުވެއްޖެ އެވެ.

ރާއްޖޭގައި ބޭއްވި، ސައުތު އޭޝިއާ ހޯޕްސް ވީކްސް ނިންމުމުގެ ރަސްމިއްޔަތުގައި މިނިސްޓަރު ވަނީ އަންނަ އަހަރުގެ މުބަރާތް ރާއްޖޭގައި ބޭއްވުމުގެ ފުރުސަތު ތަނަވަސްވާނެ ކަމުގެ ފެހި ސިގްނަލް ދެއްވާފަ އެވެ.

"އަންނަ އަހަރު ރާއްޖޭގައި ބައިނަލްއަގްވާމީ ޓީޓީ މުބާރާތެއް ރާއްޖޭގައި ބޭއްވުމަށް އަޅުގަނޑުމެން މިގެންދަނީ މަސައްކަތް ކުރަމުން،" ދެކުނު އޭޝިއާގެ ހޯޕްސް ވީކްސްގެ ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވި އެވެ. "ރާއްޖޭގެ ކުޅުންތެރިންގެ ކުރިއެރުމަށް ރާއްޖޭގައި މިފަދަ މުބާރާތެއް ބޭއްވުމަކީ ވަރަށް މުހިންމު ކަމެއް."

ޓީޓީ އެސޯސިއޭޝަންގެ ރައީސް އަލީ ރަޝީދު (އައްޔަ) ވިދާޅުވީ ރާއްޖޭގައި ދެކުނު އޭޝިއާގެ ޖޫނިއާ ޓީޓީ ޗެމްޕިއަންޝިޕް ރާއްޖޭގައި ބޭއްވުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

ހޯޕްސް ވީކަށްފަހު، މީޑިއާގައި ވާހަކަ ދައްކަމުން ޓީޓީ އެސޯސިއޭޝަންގެ ޖެނަރަލް ސެކެޓްރީ އިސްމާއީލް ސުޖާއު ވިދާޅުވީ، ރާއްޖޭގައި އިންޓަނޭޝަނަލް ޓީޓީ މުބާރާތެއް ބޭއްވުމަކީ އަބަދުވެސް ކުރަމުންދާ އުންމީދެއް ކަމަށެވެ.

"މިހާރު އެކަންޏެއް ނޫން އަބަދުވެސް އަޅުގަނޑުމެން ކުރަމުންދާ އުންމީދެއް ރާއްޖޭގައި އިންޓަނޭޝަނަލް މުބާރާތެއް ބޭއްވުން، ދެން މިފަދަ ޕްރްގްރާމްތަކުން، ރާއްޖޭގައި މުބާރާތް ބޭއްވުމަށް އިތުރަށް މަގުފަހި ވެގެންދަނެ."

އޭޝިއާ ހޯޕްސް ވީކްސްއަކީ، އިންޓަނޭޝަނަލް ޓިޓީ ފެޑްރޭޝަން (އައިޓީޓީއެފް) އިން ރާއްޖޭގައި ބޭއްވި އިވެންޓެކެވެ. މި އިވެންޓްގައި، ރާއްޖޭގެ އިތުރުން އިންޑިއާ، ޕާކިސްތާން އަދި ޝްރީލަންކާގެ ޒުވާން ކުޅުންތެރިން ބައިވެރިވި އެވެ.

މި އިވެންޓް ޓްރެއިނިން ގެންދިއުމަށް އައިޓީޓީއެފްން ވަނީ އެ ފެޑްރޭޝަންގެ ކޯޗަކު ފޮނުވާފަ އެވެ. ސުޖާ ވިދާޅުވީ ރާއްޖޭގެ ކުޅުންތެރިންނަށް މި އިވެންޓަކީ ލިބުނު ބޮޑު ކުރިއެރުމެއް ކަމަށެވެ.