ކުޅިވަރު

ފައިނަލުގައި ދެލަނޑުގެ ލީޑެއް ނިއުގެ ކޯޗް ހޯދީ މިހެން

Dec 10, 2017

ޓީސީ އާއި ނިއުރޭޑިއަންޓް، މިދިޔަ ބުދަ ދުވަހުގެ ރޭ ކުޅުނު އެފްއޭކަޕްގެ ފައިނަލް މެޗަކީ ޓެކްޓިކަލީ މުއްސަނދި މެޗެކެވެ. ދެ ޓީމު ޓެކްޓިކްތައް ފައްކާކޮށްފައި އޮތްގޮތުން މެޗަކީ ބަލާލަން ކަމުދިޔަ ފޯރިގަދަ މެޗެކެވެ.

ފައިނަލެއްގައި ދެ ލަނޑުގެ ލީޑެއް އަތުލުމަކީ އުނދަގޫ ކަމެކެވެ. ނަމަވެސް ޓީސީ އަތުގައި ފައިނަލުގެ ލީޑެއް އޮވެމެ، ނިއުއިން އެ ނަތީޖާ އަނބުރާލި ގޮތް އެއީ ފުޓްބޯޅަ އެނަލިސްޓުންނަށް ކަމުދިޔަ ކަމެކެވެ. ފައިނަލުގެ ބޭރުން ބަލާނަމަ، ނިއު އަށް ވުރެ އެޑްވާންޓޭޖް އޮތީ ޓީސީ އަށެވެ. އެއީީ ކުޅުންތެރިންގެ ވަރުބަލިވުމާއި ފިޓްނަސް އަށް ބެލިޔަސް ޓީސީގައި އެމައްސައްލަ ކުޑަ ވާނެ ކަމަށް ގަބޫލު ކުރެ ވެއެވެ. ޓީސީ ފައިނަލަށް އައީ އެންމެ މެޗެއް ކުޅުމަށްފަހު އެވެ. ނިއު އައީ ދެ މެޗުގެ ރާސްތާއެއް ފުރިހަމަ ކޮށްފަ އެވެ.

ދިވެހި ޕްރިމިއާ ލީގްގެ ދެ ވަނަ ބުރުގައި ޓީސީއާ ދެކޮޅަށް ނިއު ކުޅުނު މެޗުގައި، މެޗުގެ ކުރީ ކޮޅު ނިއުއިން ލަނޑު ޖަހައި ލީޑް ފުޅާ ކުރި އެވެ. އެއީ ލީގް ޗެމްޕިއަންކަން ނިއު ކަށަވަރު ކުރި މެޗެވެ.

އެފްއޭ ކަޕް ފައިނަލުގައި، ޓީސީގެ ކޯޗް މުހައްމަދު ނިޒާމް އެކަން ދެނެގަތްކަން ފާހަގަ ކުރެވެއެވެ. ޓީސީއިން ނިއު އަށް ވުރެ އަވަހަށް މެޗުގެ ތެރެއަށް ވަދެގަތެވެ. ލީޑްވެސް ނެގި އެވެ. އަދި ފުރަތަމަ ހާފުގައި އެ ލީީޑް ފުޅާވެސް ކުރި އެވެ. ނަމަވެސް ދެ ވަނަ ހާފުގައި ނިއު އިން ނަތީޖާ ހަމަހަމަ ކުރުމުން މެޗުގެ ފޯރި އިތުރަށް ގަދަވި އެވެ. ނިއުގެ ކޯޗްގެ ފޯމިއުލާ މިއޮތީ އެވެ.

"އަހަރެމެން ފައިނަލު މެޗު ޕްލޭން ކުރީ މިނީ ދެ މެޗެއް ކުޅޭ ގޮތަށް، ފުރަތަމަ މެޗަކީ ފުރަތަމަ ހާފު، ދެ ވަނަ މެޗަކީ ދެ ވަނަ ހާފު ކަމަށް ބަަަލއިގެން،" ނިއުގެ ކޯޗް އޮސްކާ ބުރުޒޮން ބަރޭރަސް ހިއްސާ ކުރި އެވެ. "ފުރަތަމަ މެޗުން އަހަރެމެން ބަލިވީ، ދެވަނަ މެޗަށް [ދެ ވަނަ ހާފު] ނިކުތުމުގެ ކުރިންވެސް އަހަރެން ވިސްނައިގެން ހުރީ މިވެނި ބަދަލުތައް ގެނަން، ދުރާލައި އެގޮތަށް ވިސްނައިގެން ގެނެވުނު ބަދަލުތައް އެކިއުރޭޓްވީމަ އަހަންނަށް އެނގިއްޖެ އެ ޓީމަށްވުރެ ރަނގަޅަށް އަހަރެމެންނަށް ކުޅެވޭނެކަން."

ބުރުޒޮން ބުނީ ފައިނަލު މެޗުވީ އޭނާ އަށް އުނދަގޫ މެޗެކަަށް ކަމަށާއި ކުޅުންތެރިންވެސް މެޗުގައި ވަރަށް ބޮޑަށް ސްޓްރަގުލް ކުރި ކަމަށެވެ. ތެދެކެވެ. ދިވެހި ޕްރިމިއާ ލީގް ކަށަވަރު ކުރި މެޗަށް ވުރެ ނިއު އިން މެޗުގައި އުފުލަން ޖެހުނު އުނދަގޫ ބޮޑުވި އެވެ. ޓީސީގެ ކީޕަރު ނޭޕާލްގެ ކިރަން ކުމާރު ހުރީ ރަނގަޅު ފޯމެއްގަ އެވެ. ގިނަ ކޯނަރުތަކެއް ނިއު އަށް ލިބުނު ނަމަވެސް އެއީ ކޮންމެ ބޯޅައަކަށް ކިރަން ހުރީ ވަރަށް ރަނގަޅަށް ތައްޔާރު ވެގެންނެވެ.

"ގެނައި ބަދަލުތައް ވަރަށް ރަނގަޅަށް ވޯކް ކުރި، މެޗު ކޮންޓްރޯލް ކުރެވުނު އަދި ދެ ފަރާތުގެ ވިންގުން އަހަރެމެންްނަށް ޖަގާތައް ހުޅުވިގެން ދިޔަ އެހެންވެ އަހަރެމެންގެ ހަމަލާތައް ވަރުގަދަ ކުރެވުނު،" ބުރުޒޮން ބުންޏެވެ. "ނަމަވެސް އެހުރިހާ ކަމަށްވުރެ އަހަރެން ފާހަގަ ކުރާނީ ކުޅުންތެރިންގެ ވިނިން އެޓިޓިޔުޑް، އުނދަގޫ މެޗެއް ނަަމަވެސް ކާމިޔާބުވީ ކުޅުންތެރިންގެ ކިބައިގައި އެ އެޓިޓިޔުޑް ހުރުމުން."

ބުރުޒޮން ބުނީ ފައިނަލު މެޗުގައި ނިއުގެ ކުޅުންތެރިންގެ ފަރާތުން ފެނުނު ކަންކަންކަމުން އޭނާ އަށް ވަރަށް ބޮޑު ހިތްހަމަ ޖެހުމެއް ލިބުނު ކަމަށެވެ.

"އެ މެޗުން އެކަނިވެސް އަހަރެމެންނަށް ސާބިތު ކޮށްދެވިއްޖެ އަހަރެމެންނަކީ މިވަގުތު ރާއްޖޭގައި އޮތް އެންމެ ވަރުގަދަ ޓީމުކަން."