ރާއްޖެ ކުޅިވަރު

ފަހަތުން އަރައި ތިނަދޫ ބަލިކޮށް މާޒިޔާ ޕްރެޒިޑެންޓްސް ކަޕް ފައިނަލާ ގާތަށް

ޕްރެޒިޑެންޓްސް ކަޕް ސެމީ ފައިނަލް ދެވަނަ މެޗުގައި ދިވެހި ލީގުގެ ތިންވަނަ މަގާމު ހޯދި މާޒިޔާ އާއި ހަތަރުވަނަ މާގާމު ހޯދި ގދ. ތިނަދޫ ބައްދަލުކުރި މެޗު ފަހަތުން އަރައި 2-3 ކާމިޔާބުކޮށް މާޒިޔާ މުބާރާތުގެ ސެމީ ފައިނަލް ތިން ވަނަ މެޗުން ޖާގަ ހޯދައިފި އެވެ. ސެމީ ފައިނަލް ތިންވަނަ މެޗުގައި އެޓީމު ނިކުންނާނީ ފުރަތަމަ ސެމީއިން ބަލިވި ޓީސީ އާއި ދެކޮޅަށެވެ.

މާޒިޔާ ފަހު ސެމީ ފައިނަލް މެޗަށް ގެންގޮސްދިން ލަނޑު މެޗުގެ ފަހު ވަގުތުގައި ކާމިޔާބުކޮށްދިނީ ޔަސްފާދް ހަބީބް (މުލަކޭ) އެވެ.

މެޗުގެ ފުރަތަމަ ލަނޑު މެޗުގެ ފުރަތަމަ ހާފްގެ ފަހު ވަގުތު ކާމިޔާބުކުރީ އަޑޭ އެވެ. ނަމަވެސް ދެވަނަ ހާފްގެ 56 ވަނަ މިނިޓުގައި ހިލޭ ޖެހުމަކުން އަރިމަތިން ނަގައިދިން ހުރަހެއް ޑިންޑަރު ޒުބައިރު ވަނީ ބޮލުން ގޯލްގެ ތެރެއަށް އޮއްސާލައިގެން ތިނަދޫއަށް މެޗުގެ ނަތީޖާ ހަމަހަމ ކޮށްދީފަ އެވެ.

ތިނަދޫއިން މެޗުގެ ނަތީޖާ ހަމަހަމަ ކުރިތާ 11 މިނިޓު ފަހުން އެޓީމަށް ޕެނެލްޓީއެއް ލިބުނެވެ. މާޒިޔާ އަޑޭ އަތުގައި ބޯޅަ ޖެހުމުން ރެފްރީ ދިން ޕެނެލްޓީ ބިދޭސީ ފޯވާޑް ހެނާންޑޭޒް އަވީލާ ވަނީ ކާމިޔާބުކޮށްފަ އެވެ.

ތިނަދޫއިން ލީޑު ނެގުމާއެކު މާޒިޔާއިން މެޗުގެ ކޮންޓްރޯލްކޮށްގެން ތިނަދޫ ގޯލަށް ނުރައްކާކޮށް ގިނަ ވަގުތު ބޯޅަ ގެންގުޅެން ފެށިއެވެ. ނަތީޖާއަކަށްވީ މެޗުގެ 86 ވަނަ މިނިޓުގައި ޒުވާން ކުޅުންތެރިޔާ ޝަހާއު ލަނޑެއް ކާމިޔާބުކޮށް މެޗުގެ ނަޓީޖާ މާޒިޔާއަށް އެއްވަރުކޮށްދިނުމެވެ.

މެޗު އެއްވަރުވާން ދަނިކޮށް މުލަކޭ ވަނ އެރިއާ ބޭރުން ހިތްގައިމު ގޯލެއް ކާމިޔާބުކޮށްދީގެން މާޒިޔާ މޮޅުކޮށްދީފައެވެ. އޭނާ ފޮނުވާލި މިހަމަލާ އަމާޒުވީ ގޯލްގެ ތިރީ ކަނަށެވެ.

މިމެޗުން ބަލިވުމާއެކު ތިނަދޫއަށް މިއަހަރުގެ ސީޒަން ނިމުނީ އެވެ. މާޒިޔާއަށް ބާލާއިރު ދިވެހި ލީގު ތިން ވަނަ މަގާމުގައި ނިންމާލައިގެން އެފްއޭ ކަޕް ކާމިޔާބުކުރަން ނިކުތް ނަމަވެސް އެކަންވެސް ކާމިޔާބު ނުވުމުގެ ސަބަބުން މާޒިޔާއަށް މިވަނީ ފަސް އަހަރު އޭއެފްސީ ކަޕްގައި ކުޅުމަށްފަހު އެފުރުސަތުވެސް ގެއްލިފައެވެ. އެހެންކަމުން ސީޒަން ކާމިޔާބީއަކާއެކު ނިންމާލުމަށް މާޒިޔާއިން މިމުބާރާތް ކާމިޔާބުކުރުން މުހިންމެވެ. މާޒިޔާއަށް މިއަހަރު ކާމިޔާބު ކުރެވިފައިވަނީ ހަމައެކަނި މާލޭ ލީގެވެ.