ކުޅިވަރު

ރާއްޖެ އައުމުން ޑްރޮގްބާއަށް ހަނދާންވީ އަމިއްލަ ގައުމު

ނ. އަތޮޅުގައި ކުރިއަށްދާ ސިޔާމް، މައުރޫފް ސޮކާ ކަޕް ފައިނަލު މެޗުގެ ހާއްސަ މެހެމާނަކަށް ޗެލްސީގެ ކުރީގެ ފޯވަޑް އައިވަރީ ކޯސްޓްގެ ޑިޑިއޭ ޑްރޮގްބާ ރާއްޖެ އައުމުން އޭނާ ހަނދާންވީ އަމިއްލަ ގައުމުގެ މަތިން ކަމަށް ބުނެފި އެވެ.

މިއަދުގެ މެންދުރުފަހު ޑްރޮބާ ވަނީ އަށް މުބާރާތް ކުރިއަށްދާ ނ. މާޅެންދޫއަށް ގޮސްފަ އެވެ. މާޅެންދޫއިން އޭނާ ހޫނު މަރުހަބާއެއް އޭނާއަށް ވަނީ ކިޔާފަ އެވެ. މާލެންދޫއިން އޭނާއަށް ވަނީ ރާއްޖޭގެ ސަގާފީ ދިރިއުޅުން ދައްކާލާފަ އެވެ. އަދި ގިނަ ބަޔަކު ވަނީ ޑްރޮގްބާއާއެކު ފޮޓޯ ނަގާފަ އެވެ.

މާލެންދޫގައި ހުރެ ޕީއެސްއެމް ސްޕޯޓްސްއާ ވާހަކަ ދައްކަމުން ޑްރޮގްބާ ބުނީ ރާއްޖެއިން އޭނާ އަށް ކީ މަރުހަބާއަށް ޝުކުރު އަދާ ކުރާ ކަމަށެވެ. އަދި އެ ރަށުން އޭނާއަށް ފެނުނު ކަންކަންމުން އޭނާ ހަނދާންވީ އޭނާގެ އަމިއްލަ ގައުމުގެ މަތިން ކަމަށެވެ.

ސިޔާމް، މައުރޫފް ސޮކާ ކަޕްގެ އިންތިޒާމު ކޮމިޓީގެ ޗެއާޕާސަން ކުރީގެ ގައުމީ ކެޕްޓަން އައްސަދު އަބްދުލް ގަނީ ބުނީ، މިއަހަރު ޑްރޮގްބާ އަށް ދައުވަތު ދިނީ ނ. އަތޮޅުގެ ޒުވާނުންގެ މެދުގައިވެސް މަގުބޫލުކަން ހޯދާފައިވާ ކުޅުންތެރިޔަކަށްވުމުން ކަމަށެވެ.

އެފްރިކާގައި އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ، ޑްރޮގްބާގެ ކެރިއަރުގައި އޭނާ އެންމެ ވިދާލީ ޗެލްސީގަ އެވެ. އޭނާ އަކީ ޗެލްސީ އަށް އެންމެ ގިނަ ލަނޑު ޖަހައިދިން ގައުމުން ބޭރުގެ ކުޅުންތެރިޔާ އެވެ. އަދި ޗެލްސީގައި ހަތަރު ވަނަ އަށް އެންމެ ގިނަ ލަނޑު ޖެހުމުގެ ރެކޯޑްވެސް އޮތީ ޑްރޮގްބާ އަތުގަ އެވެ.

މީގެ 13 ވަރަކަށް އަހަރު ކުރީގެ ފަހަތަށް ޖެހިލާއިރު، ޗެލްސީއަކީ މިއަދު ދުނިޔޭގެ މަގުބޫލުކަން ލިބިފައިވާ ކުލަބެއް ނޫނެވެ. ނަމަވެސް އެ ކުލަބު ކޮޅަށް ޖެހުމުގެ މަސައްކަތް ފަށުމަށް، އެކުލަބުން ގެނައި އެންމެ މަޝްހޫރު ކުޅުންތެރިޔަކީ 24 މިލިއަން ޕައުންޑްގެ އަގަކަށް އެ ޓީމަށް ގެނައި ޑްރޮގްބާ އެވެ. އިނގިރޭސި ފުޓްބޯޅައިގެ އެންމެ މަތީ ފަންތީގެ ލީގްގެ ތަށި ޗެލްސީ އަށް ނުހޯދޭތާ ބައިގަރުނު ފާއިތުވެ ދިޔަ އެވެ. ބައިގަރުނަށް ފަހު އެ ޓީމަށް އެންމެ ފުރަތަމަ ލީގް ޗެމްޕިއަންކަން ހޯދައިދިނުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރި އެއް ކުޅުންތެރިޔަކީ ޑްރޮގްބާ އެވެ.

އެހެންވެ، ޗެލްސީގެ ސަޕޯޓަރުންގެ މެދުގައި ޑްރޮގްބާގެ މަގުބޫލުކަން އިންތިހާއަށް ބޮޑުވި އެވެ. އަދި ދުނިޔޭގެ އެކިކަންކޮޅުތަކުން ޗެލްސީގެ ސަޕޯޓަރުން އުފެދި އެ ސަޕޯޓަރުންގެ މެދުގައިވެސް އެންމެ މަގުބޫލު ކުޅުންތެރިޔަކަށް ވީވެސް ޑްރޮގްބާ އެވެ.

އޭނާ ވަނީ ދެ ފަހަރެއްގެ މަތިން ޗެލްސީ އަށް ކުޅެފަ އެވެ. އެފްރިކާ ބައްރަށް ނިސްބަތްވާ ކުޅުންތެރިންގެ ތެރެއިން ޕްރިމިއާ ލީގްގައި 100 ގޯލް ޖެހި ކުޅުންތެރިޔަކީވެސް ޑްރޮގްބާއެވެ. ޗެލްސީން އަލަށް ހޯދި ކޮންމެ ކާމިޔަބެއްގައި ޑްރޮގްބާގެ ދައުރު އޮތެވެ. އެގޮތުން ޗެމްޕިއަންސް ލީގް އެ ޓީމަށް ކާމިޔާބު ކޮށްދިނުމުގައިވެސް ޑްރޮގްބާ މުހިންމު ދައުރެއް އަދާކުރި އެވެ.

މިއީ ސިޔާމް މަައުރޫފް ކަޕް ނިސްބަތްވާ ދެބޭފުޅުންކަމަށްވާ [ދ. މިދޫ ދާއިރާގެ މެންބަރު] އަހްމަދު ސިޔާމް މުހައްމަދާއި [ކެންދިކުޅުދޫ ދާއިރާގެ މެންބަރު] އަލީ މައުރޫފް ނ އަތޮޅުގެ ޒުވާނުންނަށް ދޭ ހަދިޔާ އެއް،" ޑްރޮގްބާ ރައްޖެ ގެނައުމާ ބެހޭގޮތުން އަވަސްއާ ވާހަކަ ދައްކަމުން ރާއްޖޭގެ އުފެދުނު އެންމެ މޮޅު ޑިފެންޑަރު ބުންޏެވެ. "ޑްރޮގްބާ އަށް ސަޕޯޓްކުރާ އެތައް ޒުވާނުންނެއް ނ އަތޮޅާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އުޅޭ މިއީ އެ ޒުވާނުންނަށްވެސް ހާއްސަ ވާނެ ކަމެއް."

ޑްރޮގްބާ ރާއްޖޭގައި ހުންނާނީ ނ. އަތޮޅުގައި އޮންނަ ސަން ސިޔަމް ގުރޫޕްގެ ރިޒޯޓެއް ކަމަށްވާ އިރުފުށީގަ އެވެ.

"ސިޔާމް އާއި މައުރޫފްގެ ހަމައެކަނި ބޭނުމަކީ ދުނިޔޭގެ މަޝްހޫރު ކުޅުންތެރިޔެއް ގެނައުމެއް ނޫން، އެކުޅުންތެރިން ކެރިއާގައި ކުޅިވަރުގެ ލައިފްގައި އެކުޅުންތެރިން ކުރި ބުރަ މަސައްކަތާއި ހިތްވަރުވެސް ކައިރިން ޒުވާނުންނަށް ފެނުނުމުގެ ފުރުސަތު ހޯދައިދިނުމުގެ މަގުސަދު ހިމެނޭ، އޭގެ ބޭނުމަކީ ނ އަތޮޅުގެ ޒުވާނުންނާއި ދިވެހި ޒުވާނުންނަށްވެސް އެ ހިތްވަރު ހޯދައިދިނުން." ރާއްޖެއަށް ސާފް ޗެމްޕިއަންޝިޕް ހޯދައިދިން ކެޕްޓަން ބުންޏެވެ.

މިދިޔަ އަހަރުގެ ސިޔާމް މައުރޫފް ކަޕްގެ ފައިނަލު މެޗަށް ގެނައީ، 2008 ވަނަ އަހަރުގެ ޔޫރޯ އާއި 2010 ވަނަ އަހަރު ވޯލްޑް ކަޕް ސްޕެއިންއަށް ހޯދައިދިން ބާސެލޯނާގެ ކުރީގެ ކެޕްޓަން ކާލޯސް ޕްޔޮލް އެވެ.