ކުޅިވަރު

އަންނަ ސީޒަނަށްވެސް ފައިސަލް ނިއުގައި

Dec 10, 2017

ގައުމީ ޓީމުގެ އެއް ވަނަ ކީޕަރު މުހައްމަދު ފައިސަލް އަންނަ ސީޒަންގައިވެސް ނިއުރޭޑިއަންޓްގައި މަޑު ކުރަން ނިންމައި އެ ޓީމުގެ އެއްބަސްވުން އާ ކޮށްފި އެވެ.

ފައިސަލް ނިއު އާ ގުޅުނީ މިއަހަރުގެ ޖުލައި ޓްރާންސްފާގައި ކުލަބު ވެލެންސިއާ އިންނެވެ. ވެލެންސިއާ އަށް ދިވެހި ޕްރިމިއާ ލިގްގެ ފުރުސަތު ނުލިބުމުން، ފައިސަލް ރިލީޒްއަށް އެދުމުން އޭނާ ނިއު އަށް ދޫކޮށްލަން ވެލެންސިއާއިން ނިންމި އެވެ.

ނިއުގައި އިތުރަށްވެސް މަޑުކުރަން ފައިސަލް ނިންމިއިރު، ނިއުގެ އެއް ވަނަ ކީޕަރަކީ ރާއްޖޭގެ އެއްވަނަ ކީޕަރު އިމްރާން މުހައްމަދެވެ. އިމްރާން ގައުމީ ޓީމަށް ކުޅުން ހުއްޓާލުމުން ގައުމީ ޓީމުގެ އެއް ވަނަ ކީޕަރަކީ ފައިސަލް އެވެ.

އިމްރާން އިންޖަރީ ނޫންނަމަ، މުހިންމު މެޗުތަކުގައި ނިއުގެ ފުރަތަމަ 11 ގައި ކުޅުމުގެ ފުރުސަތު ދެނީ އިމްރާން އަށެވެ. ނަމަވެސް ޕްރެޒިޑެންޓް ކަޕްގައި ޓީސީއާ ދެކޮޅަށް ކުޅުނު މެޗުގައި ފުރަތަމަ 11 އިން ފުރުސަތު ދިނީ ފައިސަލް އެށެވެ. ޓީސީ އަތުން މޮޅުވެ، ނިއު އަށް ސީޒަންގެ ތިން ވަނަ މުބާރާތް ކާމިޔާބު ކުރުމުގެ ދޮރު ހުޅުވައި ދިނުމުގައި ފައިސަލް މުހިންމު ދައުރެއް އަދާ ކުރި އެވެ. މެޗު އެއްވަރުވުމުން، ނަތީޖާ ނެރުމަށްޓަކައި ޕެނަލްޓީ ޖެހިއިރު ޓީސީގެ ޕެނަލްޓީ ފައިސަލް ވަނީ ހުއްޓުވާފަ އެވެ.

ނިއުގެ ކޯޗް އޮސްކާ ބުރުޒޮން ބަރޭރަސް މީގެ ކުރިން ބުނެފައި ވަނީ އިމްރާން އާއި ފައިސަލް އަށްވެސް އޮތީ ފުރަތަމަ 11 އަށް ވާދަ ކުރުން ކަމަށެވެ.

އިމްރާނާއި ފައިސަލަށްވެސް އޮތީ މަގާމަށް ވާދަކުރުން

"އެހެން މަގާމުތަކަށް ކުޅޭ ކުޅުންތެރިން ފުރަތަމަ 11 އަށް ވާދަ ކުރާ ފަދައިން ކީޕަރުންނަށް ވެސް އޮތީ އެ މަގާމަށް ވާދަ ކުރުން،" ބުރުޒޮން ބުނެފައި ވެއެވެ. "ޕްރެކްޓިހުގައި އޭރެއްގައި އެންމެ ރަނގަޅަށް ނަތީޖާ ދައްކާ ކީޕަރެއް އެ ވަގުތެއްގައި ފުރަތަމަ 11 ގައި ހިމަނާނީ."

ފައިސަލްގެ ސީނިއާ ކެރިއާ ފެށީ ކުލަބު އޯލް ޔޫތު ލިންކޭޖް (އޭވައިއެލް) އިން ނެވެ. ފުޓްބޯޅައިގެ ތެރެއަށް އޭނާ ނެރެދިނީ ވެލެންސިއާގެ ޓެކްނިކަލް ޑައިރެކްޓާ އިސްމާއީލް އާސިފް (ކުޑަ ހިނާ) އެވެ. އޭވައިއެލް އަށް ފަހު ވިކްޓަރީ އާއި ކުލަބު އީގަލްސްއަށްވެސް އޭނާ ކުޅުނެވެ.

ނިއު އިން ދަނީ އެ ޓީމުގައި މިހާރުތިބި ކުޅުންތެރިންގެ ކޮންޓްރެކްޓް އާ ކުރަމުންނެވެ. މިއަހަރު ކުރީ ކޮޅު ސެންޓޭ ނިއުގެ ކޮންޓްރެކްޓް ދިގުމުއްދަތަކަށް އާ ކުރި އެވެ. މިފަހުން، އަކްރަމް އަބްދުލް ގަނީ، އަހްމަދު އަބްދުﷲ (ލިލީ)، ރިލްވާން ވަހީދު އަދި ހަސަން އަދުހަމް އަދި އަބްދުﷲ މިދުހަތު (ބިޗަޑް) ވަނީ އެއްބަސްވުން އާ ކޮށްފަ އެވެ.