ވިލިމާލޭ ޕްރީ ސްކޫލް ހިންގުން އެހެން ފަރާތަކާ ހަވާލު ނުކޮށް މަޑުކުރުމަށް ސިވިލް ކޯޓުން ވަގުތީ އަމުރެއް ނެރެފި އެވެ.
ކޯޓުން އެގޮތަށް އަމުރު ނެރުނީ ކުރިން އެ ސްކޫލް ހިންގުން ހަވާލުކޮށްފައިވާ އެޑިއު އޮޕްޝަން ޕްރައިވެޓް ލިމިޓެޑުން އެ ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެންނެވެ. އެ ކުންފުނިން މައްސަލަ ހުށަހެޅީ މިދިޔަ އަހަރުގެ މާޗް މަހުން ފެށިގެން 2025 ވަނަ އަހަރުގެ މާޗް މަހާ ހަމައަށް އެ ސްކޫލް ހިންގުން އެ ކުންފުންޏާ ހަވާލުކޮށްފައި ވަނިކޮށް އެ އެގްރިމެންޓް ބާތިލް ކުރީ ކަމަށް މިދިޔަ ނޮވެމްބަރު މަހު އެޑިއުކޭޝަން މިނިސްޓްރީން އެންގުމުންނެވެ.
އެ ސްކޫލް ހިންގުން އެހެން ފަރާތަކާ ހަވާލު ކުރަން އިއްޔެ ބިޑް ވިއްކަން ހަމަޖެހިފައި ވަނިކޮށް މިދިޔަ އަންގާރަ ދުވަހު ކޯޓުން ނެރުނު އަމުރުގައި އަންގާފައިވަނީ އެ ސްކޫލް ހިންގުން އެހެން ފަރާތަކާ ހަވާލު ނުކުރުމަށާއި އެތަން އެހެން ފަރާތަކަށް ކުއްޔަށް ނުދިނުމުގެ އިތުރުން އެތަނުގައި ހުރި އެޑިއު އޮޕްޝަން ކުންފުނީގެ އެއްވެސް އެއްޗެއް އެތަނުން ނުނެރުމަށެވެ.
އެ އަމުރުގައިވަނީ އެ އެއްބަސްވުން ބާތިލް ކުރި ކުރުމުގެ ސައްހަ ކަމާ މެދު ގޮތެއް ނިންމޭނީ އެ މައްސަލަ ނިންމާއިރު ކަމަށާއި އޭގެކުރިން އެތަން އެހެން ފަރާތަކާ ހަވާލުކޮށްފި ނަމަ އެޑިއު އޮޕްޝަން ޕްރައިވެޓް ލިމިޓެޑަށް އިއާދަ ނުކުރެވޭ ވަރުގެ ގެއްލުމެއް ލިބިދާނެ ކަމަށް ބެލެވޭ ކަމަށެވެ.
އެނގިފައިވާ ގޮތުގައި އެ މައްސަލައިގެ ޝަރީއަތް ސިވިލް ކޯޓުގައި މިހާރު ވަރަށް ބާރަށް އެބަ ކުރިއަށް ގެންދެ އެވެ.