ސްޕެނިޝް ލީގްގެ އެއް ވަނައިގައި އޮތް ބަސެލޯނާއިން ވިޔަރެއާލްގެ މައްޗަށް 2-0 ގެ ނަތީޖާ އަކުން ކާމިޔާބު ހޯދައި ތާވަލުގެ ކުރީގައި ފަސް ޕޮއިންޓްގެ ލިޑެއް ނަގައިފި އެވެ. އަދި ރެއާލް ބެޓިސްއާ ދެކޮޅަށް ހަނިގޮތަކަށް 1-0 މޮޅުވެ އެތުލެޓިކޯ މެޑްރިޑުން ވަނީ އެކުލަބުގެ އަމިއްލަ ރެކޯޑެއް ގާއިމު ކޮށްފަ އެވެ.
ރޭގެ މެޗަކީ ސްޕެނިޝް ލީގްގައި، އެތުލެޓިކޯއިން ބަލި ނުވެ ފުރިހަމަ ކުރި ޖެހިޖެހިގެން 19 ވަނަ މެޗެވެ. މިއީ އެ ޓީމުގެ ތާރީހްގައި ލީގެއްގައި މެދުކެނޑުމެއް ނެތި ބަލި ނުވެ އެޓީމުން ކުރިއަށް ދިޔަ ފުރަތަމަ ފަހަރެވެ. ބެޓިސް އިން ބޯލް ޕޮޒިޝަންގައި ބޮޑު ޕަސަންޓެއް ކުރީގައި އޮތް ނަމަވެސް ރޭގެ މެޗަކީ މޮޅެއް ނުލިބި ޖެހިޖެހިގެން އެޓީމު ނިންމާލި ފަސް ވަނަ މެޗެވެ.
އެތުލެޓިކޯގެ ލަނޑު ސީމޭ ވެސާރުކޯ ތަނަވަސް ކޮށްދިން ފުރުސަތަކުން ކާމިޔާބު ކުރީ ސައުލް އެވެ. ފުރަތަމަ 11 އިން ވެސާރުކޯ އަށް ފުރުސަތު ދޭނެ ކަމަކަށް އެއްވެސް މީހަކު ހީއެއް ނުކުރެއެވެ. އޭނާ އަށް ފުރަތަމަ 11 އިން ފުރުސަތު ދިނުމުން ގިނަ ބަޔަކަށް އެކަން ސިފަ ކުރީ ލިބުނު ސަޕްރައިޒެއްގެ ގޮތުގަ އެވެ.
ބާސާ އާއި ވިޔަރެއާލް މެޗުގެ ކުރިން، ސެލްޓަ ވިގޯއާ ދެކޮޅަށް ކުޅުނު މެޗު 2-1 ން ކާމިޔާބުކޮށް ދެ ވަނައިގައި އޮތް ވެލެންސިއާއިން ބާސާ އާ ދެ ޕޮއިންޓަށް ފަރުގު ކުޑަކުރި އެވެ. ވެލެންސިއާގެ ލަނޑުތައް ކާމިޔާބު ކުރީ ޝިމޯނޭ ޒާޒާ އާއި ކެޕްޓަން ޑެނީ ޕަރޭހޯ އެވެ. ސެލްޓަ ވިގޯ އިން އިއާގޯ އަސްޕަސް ލަނޑުޖަހައި މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައި ވަނިކޮށް ޕަރޭހޯ ލަނޑު ކާމިޔާބު ކުރީ ލިބުނު ޕެނަލްޓީ އަކުންނެވެ.
ނަމަވެސް، ބާސާއާ ކައިރިވުމަށް އެޓީމުން ފުރުސަތެއް ނުދިނެވެ. ބާސާ މޮޅުވީ އުނދަގޫ މެޗަކުން ނެވެ. މެޗުގެ ވަރަށް ފަހުގެ ވަގުތަކާ ޖެހެދެން ވިޔަރެއާލުން ބާސާ ހިފެހެއްޓި އެވެ. ނަމަވެސް ވިޔަރެއާލް އަށް މައްސަލަ ކުރިމަތިވީ އެ ޓީމުގެ ޑެނި ރަބާ އަށް ރަތް ކާޑު ދެއްކި ހިސާބުންނެވެ. އޭނާ އަށް ރަތް ކާޑު ދެއްކީ ބާސާގެ ސާޖިއޯ ބްސްކެޓްސް އަށް ފަހަތުން ޓެކްލް ކުރުމުންނެވެ.
ބާސާގެ ފުރަތަމަ ލަނޑު ކާމިޔާބު ކުރީ ލުއިސް ސުއަރޭޒް އެވެ. އޭނާ ލަނޑު ކާމިޔާބު ކުރީ 72 ވަނަ މިނެޓްގަ އެވެ. އޭގެ 10 ވަރަކަށް މިނެޓް ފަހުން ލިއޮނަލް މެސީ ވަނީ ބާސާގެ ދެ ވަނަ ލަނޑު ކާމިޔާބު ކުރި އެވެ.
ބާސެލޯނާގެ ކޯޗް އެރުނަސްޓޯ ވަލްވެރުޑޭގެ ކުރީގެ ޓީމު އެތުލެޓިކް ކުލަބު ވަނީ ލެވަންޓޭގެ މައްޗަށް 2-1 ން ކާމިޔާބު ހޯދާފަ އެވެ. މަލަގާ އާއި ރެއާލް ސޮސިއެދާދު ކުޅުނު މެޗު 2-0 ން ކާމިޔާބު ކުރީ މަލަގާ އެވެ.