ހަބަރު

އުމްރާ ޓުއާގަައި ފަލަސްތީނަށް ނުދާން ހައްޖު ކޯޕަރޭޝަނުން ނިންމައިފި

އުމްރާއަށް ގޮސްފަ ދާ ކަލްޗަރަލް ޓުއާގައި ފަލަސްތީނު ނުހިމަނަން މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން ނިންމައިފި އެވެ.

ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު ޔާމީން އިދްރީސް ވިދާޅުވީ ކަލްޗަރަލް ޓުއާގައި ފަލަސްތީނު ނުހިމަނަން ނިންމީ އިސްލާމިކް މިނިސްޓްރީން އެގޮތަށް އިލްތިމާސްކުރުމުން ކަމަށެވެ. އަދި އެ ކޯޕަރޭޝަންގެ ހަވާލުގައި މިހާރު އުމްރާއަށް ގޮސް ތިބި މީހުން މިއަދު ޖިއްދާއިން ޖޯޑަން އަށް ދާން ފުރާނެ ކަމަށެވެ.

ކަލްޗަރަލް ޓުއާގައި ދާން ނިންމާފައިވާ ތަނަކީ މައްކާ މަދީނާ އަދި ޖޯޑަން އަށެވެ.

މަސްޖިދުލް އަގްސާ ހުންނަ ގުދުސް އަކީ އިޒްރޭލްގެ ވެރިރަށް ކަމަށް އެމެރިކާއިން ކަނޑައެޅުމުން، ހަމަނުޖެހުން ބޮޑުވެފައިވާތީ، ދިވެހިންގެ އުމްރާ ދަތުރުތަކުގައި މަސްޖިދުލް އަގްސާ އަށް ޒިޔާރަތް ނުކުރަން އިސްލާމިކް މިނިސްޓްރީން ވަނީ އިއްޔެ އިލްތިމާސްކޮށްފަ އެވެ.

އިސްލާމިކް މިނިސްޓްރީން ބުނެފައިވަނީ އެ ހިސާބުގަނޑުގައި ހަމަނުޖެހުންތައް ބޮޑުވެފައިވާތީ އަގްސާ މިސްކިތަށް ޒިޔާރަތް ކުރުން ރައްކާތެރި ނޫން ކަމަށެވެ، އަދި ކަމާބެހޭ ފަރާތްތަކުން ވަކި ގޮތަކަށް އަންގަންދެން، އުމްރާ ދަތުރުތަކުގައި އަގްސާ މިސްކިތަށް ޒިޔާރަތް ނުކުރަން އިލްތިމާސް ކުރާ ކަމަށެވެ.

އުމްރާ ދަތުރުތަކުގައި ތިން ހަރަމަށް ދަތުރު ކުރުމުގެ ގޮތުން، ރާއްޖެއިން އުމްރާއަށް މީހުން ގެންދާ ބައެއް ގްރޫޕްތަކުން މީގެ ކުރިން އަގްސާ މިސްކިތަށް ޒިޔާރަތް ކުރެ އެވެ.