ވިޔަފާރި

ނޮވެމްބަރު މަހު ލިބުނު އާމްދަނީ މިދިޔަ އަހަރަށް ވުރެ ދަށްވެއްޖެ

ދައުލަތުގެ ޓެކްސް އިދާރާ، މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) މެދުވެރިކޮށް މިދިޔަ މަހު ދައުލަތަށް ލިބުނު އާމްދަނީ މިދިޔަ އަހަރުގެ އެ މުއްދަތަަށް ވުރެ 10 ޕަސެންޓް ދަށްވެފައިވާ ކަމަށް، ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

މީރާ އިން އާންމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން، މިދިޔަ އަހަރުގެ ނޮވެމްބަރު މަހު މީރާއަށް ލިބިފައި ވަނީ އެއް ބިލިއަން ރުފިޔާ އެވެ. އެހެން ކަމުން މިއަހަރު ނޮވެމްބަރުގައި ލިބުނު 910 މިލިއަން ރުފިޔާ އަކީ، 101.5 މިލިއަން ރުފިޔާ މަދު އަދަދެކެވެ.

މީރާއިން ބުނީ އެގޮތަށް ދިމާވީ ޓޫރިޒަމަށް ތަންތަން ދޫކުރާއިރު ނަގާ، ލޭންޑް އިކުއިޒިޝަން ކޮސްޓާއި ޓޫރިޒަމަށް ކުއްޔަށް ދޫކޮށްފައި ހުރި ތަންތަނުން ދައްކާ، ލޭންޑް ރެންޓާއި ލީސް ޕީރިއަޑް އެކްސްޓެންޝަން ފީއަށް ލިބުނު އާމްދަނީ ދަށްވުމުން އެވެ.

ޓޫރިޒަމާއި ބިމާއި ރަށްރަށް އަދި ފަޅުތައް ކުއްޔަށްދޭ އިރު ނަގާ ލޭންޑް އިކުއިޒިޝަންކޮސްޓްއަށް އާމްދަނީގެ ގޮތުގައި މިދިޔަ މަހު ލިބިފައި ވަނީ، 6.6 މިލިއަން ރުފިޔާ އެވެ. އެއީ މިދިޔަ އަހަރު އެ މުއްދަތުގައި ލިބުނު، 87.9 މިލިއަން ރުފިޔާއަށް ވުރެ، 92 ޕަސެންޓް ދަށް އަދަދެކެވެ. އަދި ލީޒް ޕީރިއަޑް އެކްސްޓެންޝަންފީ އަށް ވެސް އެއްވެސް އާމްދަނީއެއް ލިބިފައެއް ނުވެ އެވެ. އަދި ޓޫރިޒަމް ބިމު ކުލީގެ ގޮތުގައި، މިދިޔަ މަހު ލިބުނު 3.10 މިލިއަން ރުފިޔާ އަކީ ކުރީ އަހަރުގެ އެ މުއްދަތުގައި ލިބުނު 46.6 މިލިއަން ރުފިޔާއަށް ވުރެ 91 ޕަސެންޓް ދަށް އަދަދެކެވެ.

މިދިޔަ މަހު 561 މިލިއަނަށް ވުރެ ގިނަ ރުފިޔާ ލިބިފައިވަނީ އެމެރިކާ ޑޮލަރުންނެވެ. އެއީ 34.4 މިލިއަން ޑޮލަރެވެ. މިއީ މިދިޔަ މަހު ލިބޭނެ ކަމަށް ލަފާކުރި އަދަދަށް ވުރެ 7.5 ޕަސެންޓް އިތުރު އަދަދެކެވެ. މިދިޔަ މަހު ލިބުނު އާމްދަނީގެ 64 ޕަސެންޓަކީ ޖީއެސްޓީގެ ގޮތުގައި ލިބުނު ފައިސާ އެވެ. އާމްދަނީ އިތުރުވެފައި ވަނީ ޖީއެސްޓީ އަށް ލިބުނު މިންވަރު އިތުރުވުމުގެ ސަބަބުން ކަމަށް މީރާއިން ބުންޏެވެ.

ދެން އެންމެ ބޮޑު އާމްދަނީއެއް ލިބުނު، ވިޔަފާރި ފައިދާ އިން ނަގާ، ބިޒްނަސް ޕްރޮފިޓް ޓެކްސް އިން 62.9 މިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ.