ކުޅިވަރު

ސްޕޯޓްސް ކޮމިޝަނަރު ޓީސީ ޑޭވް އިސްތިއުފާ ދެއްވައިފި

Dec 11, 2017

ކޮމިޝަނާ އޮފް ސްޕޯޓްސް ކަމުން އަހްމަދު ނަޝީދު (ޓީސީ ޑޭވް) މިއަދު އިސްތިއުފާ ދެއްވައިފި އެވެ. އިސްތިއުފާ ދެއްވި ސަބަބާ ބެހޭގޮތުން ނަޝީދު ވިދާޅުވީ އޭނާ އިސްތިއުފާ ދިނީ މިވަގުތު އަމިއްލަ ދިރިއުޅުމުގެ ކަންކަން ހުރި ގޮތުން ކަމަށެވެ.

ސްޕޯޓްސް ކޮމިޝަނަރު ކަމުގެ މަގާމުގައި ނަޝީދު ވަނީ ގާތްގަނޑަކަށް ދެ އަހަރު ދުވަހުގެ މުއްދަތެއް ހޭދަ ކުރައްވާފަ އެވެ. ސްޕޯޓްސް ކޮމިޝަނާގެ މަގާމުގައި ހުންނަވައި، އޭނާ ކުރެއްވި އެންމެ މުހިންމު މަސަކައްތަކީ ކުޅިވަރު އެސޯސިއޭޝަންތައް ހޯމް މިނިސްޓްރީ ބެލެނިވެރިކަން ދޫކޮށް، ސްޕޯޓްސް ކޮމިޝަންގެ އޮފީހުގެ ބެލުމުގެ ދަށަށް ގެނައުމެވެ.

"ޑޭވް" ނުވަތަ "ޓީސީ ޑޭވް" ގެ ނަމުން މަޝްހޫރު ވެފައިވާ ނަޝީދު އަކީ ޓީސީ ސްޕޯޓްސް ކުލަބުގެ ކުރީގެ ރައީސް އެވެ. އެ ޓީމު ދެ ވަނަ ޑިވިޝަނުން ފުރަތަމަ ޑިވިޝަނަށް ނަގައިދިނީ އޭނާގެ ޗެއާމަންކަމުގެ ދަށުންނެވެ. އަދި ފުރަތަމަ ޑިވިޝަންގެ ފުރަތަމަ އަހަރު ދިވެހި ޕްރިމިއާ ލީގްގެ ދެ ވަނަ ހޯދިއިރުވެސް ޓީސީގެ ރައީސް ކަމުގައި ހުންނެވީ ނަޝީދެވެ. އެއީ އަލަށް ފުރަތަމަ ޑިވިޝަންގައި ވާދަ ކުރި ކުލަބަކުން ދިވެހި ޕްރިމިއާ ލީގްގެ އެހާ ދުރަށް ދަތުރު ކުރި ފުރަތަމަ ފަހަރެވެ.

އަލުން ޓީސީގެ އެކްސްކޯ އަށް އައުމުގެ ވިސްނުން ގެންގުޅެންތޯ ސުވާލު ކުރުމުން ނަޝީދު ވިދާޅުވީ، މިހާރު އޮތް އެކްސްކޯ ދައުރު ހަމަ ނުވަނީސް ޓީސީގެ އެއްވެސް މަގާމަކަށް އައުމުގެ ވިސްނުން އޭނާ ނުގެންގުޅޭ ކަމަށެވެ.

"ނަމަވެސް ކުރިއަށް ވުރެ ބޮޑަށް ޓީސީގެ ކަންކަމުގައި އުޅޭނޭނަން، ޓީސީއަށް ކުރިއަށްވުރެ މާބޮޑަށް ހިދުމަތް ކުރާނަން." އޭނާ ވިދާޅުވި އެވެ.