ކުޅިވަރު

އެފްއޭމް އެވޯޑްގައި ފުޓްބޯޅައިގެ އެންމެ ޝަރަފުވެރި އެވޯޑް

Dec 11, 2017

އެފްއޭއެމް އާއި ފުޓްބޯޅައިގެ ހަބަރުތައް ގެނެސްދޭ އޮންލައިން ނޫސް، މޯލްޑިވްސް ފުޓްބޯލް ގުޅިގެން ބާއްވާ "މޯލްޑިވްސް ފުޓްބޯލް އެވޯޑް" ގައި ފުޓްބޯޅައިގެ އެންމެ ޝަރަފުވެރި އެވޯޑް ދޭގޮތަށް އެފްއޭއެމުން ހަމަޖައްސައިފި އެވެ.

އެފްއޭއެމް އެވޯޑް ބޭއްވުމަށް ހަމަޖެހިފައި ވަނީ މިއަންނަ ހޮނިހިރު ދުވަހުގެ ރޭ ދަރުބާރުގޭގަ އެވެ. "އެފްއޭއެމް އޮނަރަރީ އެވޯޑް" ގެ ނަމުގައި ދޭ ފުޓްބޯޅައިގެ އެންމެ ޝަރަފުވެރި އެވޯޑަކީ، ގިނަ ދުވަސްތަކެއް ވަންދެން ފުޓްބޯޅައަށް ހިދުމަތްކޮށް، ފާހަގަ ކުރެވޭ މަސައްކަތްތަކެއް ކޮށްފައިވާ ފަރާތްތަކުގެ އަގުވަޒަން ކުރުމުގެ ގޮތުން ދޭ އެވޯޑެކެވެ. މިއަހަރުގެ އެވޯޑް ރަސްމިއްޔާތުގައި ތިން ފަރާތަކަށް މި އެވޯޑް ދިނުމަށް ހަމަޖެހިފައިވާ ކަމަށް އެފްއޭއެމްގެ ޖެނަރަލް ސެކެޓްރީ ހުސައިން ޖަވާޒު ވިދާޅުވި އެވެ.

މިދިޔަ އަހަރުގެ އެވޯޑް ރަސްމިއްޔާތުގައި، މިއަހަރު އާ އެވޯޑްތަކެއް ދޭނެ އިއުލާން ކުރި އެވެ. ނަމަވެސް އޭރު އިއުލާން ކުރި އެވޯޑްގެ ތެރެއިން އެންމެ މޮޅު އަންހެން ފުޓްބޯޅަ ކުޅުންތެރިޔާގެ އެވޯޑާއި އެންމެ މޮޅު އަންހެން ކޯޗް މިއަހަރުވެސް ނުހިމަނާ ގޮތަށް އެފްއޭއެމުން ވަނީ ނިންމާފަ އެވެ.

ޖަވާ ވިދާޅުވީ، މިއަހަރު އަންހެން ފުޓްބޯޅަގެ މުބާރާތްކެއް ނެތުމުން މިއަހަރު އެވޯޑްގައި އެންމެ މޮޅު އަންހެން ކުޅުންތެރިޔާގެ އެވޯޑް ހިމަނާފައި ނުވަނީ ކަަމަށެވެ. އަންހެން މުބާރާތަކަށް ކުޅެފައި ވަނީ އަހަރު ކުރީ ކޮޅު ބޭއްވި ސާފް ޗެމްޕިއަންޝިޕްގެ އަންހެން މުބާރާތާއި، ރެކްރިއޭޝަނަލް ފުޓްސަލް މުބާރާތެވެ. ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލަށް ދިވެހި އަންހެން ޓީމު ދަތުރު ކުރި އެވެ.

މިދިޔަ އަހަރު އެވޯޑް ދީފައި ވަނި ހަތަރު ކެޓަގަރީ އަކުންނެވެ. އެއީ، އެންމެ މޮޅު ކުޅުންތެރިޔާ، އެންމެ އުންމިދީ ކުޅުންތެރިޔާ، އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިޔާ އަދި އެންމެ މޮޅު ކޯޗެވެ.

މިދިޔަ އަހަރު އެވޯޑް ހޯދި ފަރާތްތައް

- އެންމެ މޮޅު ކުޅުންތެރިޔާ: އަލީ ފާސިރު (ސެންޓޭ)
- އެންމެ އުންމިދީ ކުޅުންތެރިޔާ: އަހްމަދު ރިޒްވާން އިސްމާއީލް (ރިޒޭ)
- އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާ: އަލީ ފާސިރު (ސެންޓޭ)
- އެންމެ މޮޅު ކޯޗް: މުހައްމަދު ނިޒާމް

މިއީ "މޯލްޑިވްސް ފުޓްބޯލް"ގެ ނަމުގައި އެފްއޭއެމުން ބާއްވާ ދެވަނަ އެވޯޑް ނައިޓެވެ. މިއަހަރު ގިނަ އެވޯޑްތަކެއް ދިނުމަށް އެފްއޭއެމުން ވަނީ ނިންމާފަ އެވެ. އެގޮތުން އެންމެ ރަނގަޅު ސަޕޯޓެއް ކުރި ސަޕޯޓަރުން ހިމެނޭ ޓީމަށް ދޭ "ބެސްޓް ސަޕޯޓާސް އެވޯޑް ހިމެނެއެވެ.

ރާއްޖޭގެ ފުޓްބޯޅައިގެ އެވޯޑް ހަފުލާތަކުގައި، ބިދޭސީ ކުޅުންތެރިންގެ އަގުވަޒަން ނުކުރާތާ ގިނަ އަހަރުތަކެއް ފާއިތުވެ ހިނގައްޖެ އެވެ. ނިއު އަށް ކުޅުނު ކޮންގޯގެ ޕެޓްރިކް ޗިކާޔާއަށް އަހަރުގެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ލިބުނު ފަހުން، ބިދޭސީ ކުޅުންތެރިޔަކަށް އެވޯޑް ދީފައެއް ނުވެ އެވެ. ނަމަވެސް މި އަހަރުގެ އެވޯޑްގައި އެފްއޭއެމުން ވަނީ އަހަރުގެ އެންމެ މޮޅު ބިދޭސީ ކުޅުންތެރިޔާގެ އެވޯޑްވެސް ހިމަނާފަ އެވެ.

މިއަހަރު ގިނަ އާ އެވޯޑްތަކެއް

- އެފްއޭއެމް އޮނަރަރީ އެވޯޑް
- އަހަރުގެ އެންމެ މޮޅު ކުޅުންތެރިޔާ
- އެންމެ އުންމިދީ ކުޅުންތެރިޔާ
- ބެސްޓް ފޮރިން ޕްލެއާ އެވޯޑް
- އެންމެ މޮޅު ގޯލްކީޕަރު
- އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާ
- ޖޫލޭ އެވޯޑް (އެންމެ މޮޅު ގޯލްގެ އެވޯޑް)
- އެންމެ މޮޅު ކޯޗް
- ބެސްޓް ސަޕޯޓާސް އެވޯޑް

ޖޫލޭ އެވޯޑް ނުވަތަ އެންމެ މޮޅު ގޯލް އެވޯޑް ހާއްސަ ކޮށްފައިވަނީ ދިވެހި ގައުމީ ޓީމަށް އެންމެ ފުރަތަމަ ލަނޑެއް ޖެހި ކުޅުންތެރިޔާ މަރުހޫމް އަބުދުﷲ ރަޝީދު (ޖޫލޭ) އަށެވެ. ވިކްޓަރީ ސްޕޯޓްސް ކުލަބަށް ކުޅުނު ޖޫލޭ، ގައުމީ ޓީމުގެ ފުރަތަމަ ގޯލް ޖަހާފައި ވަނީ، 1979 ވަނަ އަހަރު، ރީޔޫނިއަންގައި ބޭއްވި އިންޑިއަން އޯޝަން އައިލެންޑް ގޭމްސް ގައެވެ.

މިއަހަރުގެ އެވޯޑްތަކަށް ވާދަ ކުރާ ކުޅުންތެރިން މިއަދު އިއުލާން ކުރާނެ ކަމަށް އެފްއޭއެމުން ބުނެ އެވެ. އެވޯޑް ރަސްމިއްޔާތަށް ހާއްސަ މެހެމާނެއްގެ ގޮތުގައި ބައިނަލްއަގްވާމީ ފުޓްބޯޅަ ލެޖެންޑެއް ބައިވެރި ވާނެ ކަމަށް އެފްއޭއެމުން ބުނެ އެވެ.