ކޮންޓްރެކްޓް އާ ކުރުމުގެ ވާހަކަތައް އަދި ނުފަށާ ކަމަށާއި އެހެންވިޔަސް ނިއު ރެޑިއަންޓަށް އޭނާ އާ މެދު މާ ޔަގީންކަން އޮންނާނެ ކަންމަށް ނިއުގެ ކެޕްޓަން އިމްރާން މުހައްމަދު ބުނެފި އެވެ.
ނިއު އިން ދަނީ މިހާރު އެ ކުލަބުގެ ތިބި ކުޅުންތެރިންނާއެކު އަންނަ އަހަރަށްވެސް ކޮންޓްރެކްޓް އާ ކުރަމުންނެވެ. ދެ ވަނަ ކީޕަރު މުހައްމަދު ފައިސަލް އާއެކު އެއްބަސްވުން އާ ކުރިކަން އިއްޔަ ނިއު އިން ވަނީ އިއުލާން ކޮށްފަ އެވެ.
މީގެ އިތުރުން، ޓީމުގެ ޑިފެންސިވް މިޑްފީލްޑާ ސްޕެއިންގެ އަންހެލް ލުއިސް ރުއިޒް ޕަޒް (ކަންޑެލާ)، އަކްރަމް އަބްދުލް ގަނީ، އަހްމަދު އަބްދުﷲ (ލިލީ)، ރިލްވާން ވަހީދު، ހަސަން އަދުހަމް އަދި އަބްދުﷲ މިދުހަތު ފަހްމީ (ބިޗަޑް) ވެސް ވަނީ ކޮންޓްރެކްޓް އާ ކޮށްފަ އެވެ. ފޯވަޑް އަލީ ފާސިރު (ސެންޓޭ) ވަނީ މިއަހަރު ކުރީ ކޮޅު ދިގު މުައްދަތަކަށް ނިއު އާ އެކު އެއްބަސްވުން ހަދާފަ އެވެ.
އަންނަ އަހަރު ވެސް ނިއުގެ ކޯޗްގެ ގޮތުގައި، ސްޕެއިންގެ އޮސްކާ ބުރުޒޮން ބަރޭރަސް ހުންނަން އޭނާ ވެސް ވަނީ ކޮންޓްރެކްޓް އާ ކޮށްފަ އެވެ. އިމްރާން އިތުރުން ސީނިއާ ދެ ކުޅުންތެރިން ކަަމަށްވާ އަލީ އަޝްފާގް (ދަގަނޑޭ) އާއި އިބްރާހިމް ފަޒީލް (އޮއްޕޮ) ކޮންޓްރެކްޓް އާ ކުރި ކަމެއް ނިއު އުން ހާމަ ނުކުރެއެވެ.
"ކޮންޓްރެކްޓް އާ ކުރުމުގެ ވާހަކަ އަދި ނުފަށަން،" އިމްރާން ބުންޏެވެ. "ނިއު އާއި ނިއުގެ ޗެއެމަން [މުހައްމަދު ޒިޔަޒު] އަށް އަޅުގަނޑާ މެދު މާ ޔަގީންކަން އޮންނާނެ."
ނިއުގެ ޗެއާމަން ޒިޔާދު މީގެކުރިން ވިދާޅުވެފައި ވަނީ ނިއު އެނބުރޭނީ އިމްރާން ވަށައިގެން ކަަމަށެވެ. ޓީމުގެ ކެޕްޓަނެއްގެ ގޮތުގައި ވެސް ޒިޔާދު އިމްރާން އިހްތިޔާރު ކުރީވެސް އޭނާގެ ލީޑާޝިޕާއި އެހެން ކުޅުންތެރިންނަށް ނަމުނާއެއް ކަމުގައި ވާތީ އެވެ.
އިމްރާން މެދު ކެނޑުމަކަށް ފަހު، މިއަހަރު އެނބުރި ނިއު އަށް އައީ ދެ އަހަރު މާޒިޔާ އަށް ކުޅުމަށްފަހު އެވެ. ކުލަބު އީގަލްސްއިން ކެރިއާ ފަށައި ވިކްޓަރީ އާއި ވީބީ އައްޑޫ އެފްސީއަށް ވެސް އޭނާ ކުޅުނެވެ.